ވަގުތަށް ވިސްނައި ސަމާލުވެގެންހުރި ޖާވިޒްގެ އަނގައިން ބޭރުވި ބަންގީގެ އަޑާއެކު ނުހަނުބާރަށް ގުގުރައިގަތެވެ. ވިދާލި ވިދުވަރުގެ އަލިން މުޅިބިން އަލިވެގެންދިޔަ އެވެ. ޖެހެލިބާރު ވައިރޯޅިއާއެކު ފަރުހަކިވަސް ގަދަވިއިރު ޖާވިޒްގެ އަޑު ވެސް ބާރުވިއެވެ. އެންމެތަންކޮޅެއް ވެސް ދޫދޭން ޖާވިޒް ބޭނުންނުވާ ކަހަލައެވެ.

ކުރިމަތިން ފެންނަންހުރީ އިންސާނެއް ނޫންކަން ޔަގީންވާހާލު ޖާވިޒް އެމީހާއާ ދިމާއަށް ހިނގައިގަތެވެ. ބިރުގަނެ ޖެހިލުންވެގެން ކާމިޔާބު ނުލިބޭނެކަން އޭނާއަށް އެނގެއެވެ. އެމީހާއާ ކައިރިއަށް ޖާވިޒް ޖެހޭވަރަކަށް އެމީހާ ފަހަތަށް ޖެހެމުންދިޔައެވެ.

މުޅިތަނަށް ވެރިވެގެންދިޔަ ގުގުރީގެ ބާރުއަޑާއެކު ހޮނުއެޅި ކަހަލައެވެ. ކުރިމަތިން ފެންނަންހުރި މަޚްލޫގު ވިރިގެން ބިންމައްޗަށް ފޭބި އެހޫނުގެ ސަބަބުންނެވެ. ބިންމަތީގައި އުފެދުނު ފެންފޮދެއްފަދަ ދިޔަފޮދު ފެންފޮދެއްފަދައިން ބިމަށް ހިނދިގެން ދިޔައީ ޖާވިޒް ބަލަން ހުއްޓައެވެ.

ވަގުތުތައް ފާއިތުވަމުން ދިޔައިރު ޕޮލިހުން އެބޭކަލުންގެ މަސައްކަތާއިގެން އުޅެމުން ދިޔައެވެ. ކާމިޔާބެއް ނުލިބޭތާންގައި ކުރިމަގެއް ވެސް އަދި ނުފެނެއެވެ.

އަރައިގެން އައި އިރާއިއެކު ރަށުތެރެއަށް އަލިކަން ވެރިވެގެންދިޔަ ނަމަވެސް ރަށުތެރެއަކުން ދިރުމެއް ނުފެނެއެވެ. އެހެން ދުވަސްތައް ފަދައިން މަގުކުނިކަހާ މީހުންނާއި މަސްވެރިން މަގުތަކަށްނުކުމެ އެބައިމީހުންގެ މަސައްކަތްތަކާއިގެން އުޅޭތީއެއް ނުފެނެއެވެ. މަސައްކަތްތެރިން ވެސް ހުއްޓުން އަރާފައި ތިބި ކަހަލައެވެ. އަރައިގެން އަންނަ އިރާއިއެކު އެހެން ދުވަސްދުވަހު އަތިރިމައްޗަށް ނުކުންނަ މުސްކުޅިވެރިން ވެސް މިއަދަކު ނުނިކުމެ އެވެ. އިއްޔެ އާއި މީގެ މަހެއްހާ ދުވަސްކުރިން ހިނގާދިޔަ ބިރުވެރި މަރުގެ ދެހާދިސާގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވެފައިވާ ހިތާމަތަކާއި ބިރުގަތުންތަކުން އަދިވެސް އަރައިނުގަނެވެއެވެ.

ނާއިމްއާ ބައްދަލުކުރުމަށްޓަކައި ނުވައެއްޖަހާކަން ހާއިރު ޖާވިޒް ފިހާރައަށް އައެވެ.

” އަނހަ ޖާވިޒްބޭ ! އާދޭ …. އާދޭ. ” މޭޒުކައިރީހުރި ގޮނޑިއަށް އިޝާރާތްކޮށްލަމުން ނާއިމް ވާހަކަދެއްކިއެވެ.

ވާހަކަދައްކަން މަޑުކުރުމުގެ ބަދަލުގައި ޖާވިޒް ބޭނުންވީ އޭނާ ކުރަން އައި ކަންތަކާއިގެން ކުރިޔަށް ދާށެވެ. އެހެންވެ ނާއިމްގާތު ވެސް އެވާހަކަ ބުންޏެވެ.

އެކަމުގެ އިންތިޒާރުގައިހުރި ނާއިމް ، ޖާވިޒް ގޮވައިގެން ގެއަށް ދިއުމަށް އަވަސްވެގަތެވެ.

ނާއިމްއާއެކު ޖާވިޒް ގޮސް ނާއިމްމެން ގޯތިތެރެއަށް ވަތްއިރު ކަމާލިޔާ އާއި ސަމްޢާން ތިބީ ގަސްތަކުތެރޭ އެލުވާފައިވާ އުނދޯލީގަ އެވެ. އޭނާގެ އުނގުގައި ސަމްޢާން ބާއްވާލައިގެން ޖޯލީގައި އޮށޯވެލައިގެން ކަމާލިޔާ އޮތެވެ. ވާލޯތްބެއްގެ ބޮޑުކަމުން އިރުއިރުކޮޅުން ސަމްޢާންގެގައިގެ އެތަން މިތަނުގައި ކަމާލިޔާ ދޮންދެމުންދާ ދޮންދިނުމަކީ މާބޮޑުކަމެއް ކަމަށް ނާއިމް ނުދެކުނު ނަމަވެސް ޖާވިޒް އެކަމަށް ސަމާލުކަންދިނެވެ. ކަމާލިޔާ ބޭނުން ކޮންމެގޮތެއް ސަމްޢާންއަށް ހަދަމުންދިޔަ ނަމަވެސް ސަމްޢާން ހީލަހީލާ އޮތުންފިޔަވާ އެއްވެސްކަމެއް ނުކުރެއެވެ.

” ކަމާލިޔާ ވަރަށް ލޯބިވާނެ ސަމްޢާންދެކެ. ” ޖާވިޒަށް ބަލާލަމުން ނާއިމް ބުންޏެވެ.

ޖާވިޒްގެ ކޮނޑުގައި އަތްޖައްސާލައިގެން ގޭތެރެއަށް ވަންނަން ނާއިމް ހިނގައިގަތުމުން އޭނާއާއެކު ޖާވިޒް ހިނގައިގަތް ނަމަވެސް ކަމާލިޔާގެ ހަރަކާތްތަކަށް އޭނާ ސަމާލުކަންދިނެވެ.

ނާއިމް އާއި ޖާވިޒް ވާހަކަދައްކަން މަޑުކޮށްލީ ގޭގެ ފެންޑާތެރޭގައެވެ. ޖާވިޒް ގޮވައިގެން ނާއިމް އައިކަން އެނގުމާއެކު ނާޖިދާ ވެސް އެތަނަށް އައެވެ. ޒުބޭދާގެ މަރުގެ ސަބަބުން ލިބުނު ހިތާމަ އާއި ހިތްދަތިކަން ނާޖިދާގެ ކިބައިން ފިލައިނުދެއެވެ.

” ނާޖިދާ ! …. ސަމްޢާން ގޮވައިގެން އައިސް ސާފު ވާރޭފެނުން ފެންވަރުވާލަބަލަ. އިތުރު އެއްޗެއް ބޭނުން ނުކުރާތި. ” ނާޖިދާއަށް ގޮވާލަމުން ޖާވިޒް ބުންޏެވެ.

ނާޖިދާ ބޭރަށް ނުކުތްއިރު ކަމާލިޔާ އިނީ އޭނާގެ އާދައިގެމަތިން ރަތްބޯގަންވިލާ މާކޯޅިއެއް ހިފައިގެން ސަމްޢާންގެ މޫނުގައި އުނގުޅާ ށެވެ. ވީފޫއްސާއިއެކު ރުޅިވެސް އައެވެ. ދިޔަގޮތަށް ގޮސް ސަމްޢާން ދަމައިގަނެވުނީ އެހެންވެއެވެ. ކަމާލިޔާއާ ދުރަށްދާން ބޭނުން ނުވެގެން ސަމްޢާން ރޮއިގަތް ނަމަވެސް ނާޖިދާ އެކަމަކަށް ސަމާލުކަމެއް ނުދިނެވެ. ދިޔަގޮތަށް ގޮސް ގެއަށް ވަނެވެ.

ޖާވިޒް ރޭގައި ދެއްކި ވާހަކަތަކާއި މިއަދު ގެއަށް އެއައި އައުމާއި ނާޖިދާގެ ޢަމަލުތައް އެހެން ހުރުމުން ކަމާލިޔާއަށް އެކަމާމެދު ވިސްނާލެވުނެވެ.
ސަމްޢާންގެ ހަށިގަނޑުގެ އެތަންމިތަނުގައި އަތްޖައްސަމުން ޖާވިޒް ކޮންމެވެސް އެއްޗެއް ކިޔަވަމުންދިޔައިރު ބައެއްތަންތަނުގައި އަތްޖައްސައިގެން

އިނދެ ޖާވިޒް ކިޔަވަމުންދިޔައިރު ސަމްޢާންއަށް އަންނަމުންދިޔަ ބަދަލުތަކާއި އުނދަގޫވެގެން އުޅޭއުޅުން ނާއިމަށް ފާހަގަކުރެވުނެވެ. ވޭނުންފުރިގެންވީ ގޮތަކަށް އެރޯލާރުއިން ހިތުގެ އެންމެއަޑިއާހަމައަށް ފޯރިއެވެ. ޖާވިޒް ބޭނުންވިވަރަށް ސަމްޢާންގެ ހަށިގަނޑު ބެލުމަށްފަހު އަދިވެސް އިތުރަށް ބަލާލަން ބޭނުންވާތީ އަސްރުނަމާދުކޮށްގެން އަންނާނެ ކަމަށް ބުންޏެވެ.

” ޖާވިޒްބޭ ! ކީއްވެގެންތަ ސަމްޢާންގެ ހަށިގަނޑުން ލޭމަދުވަނީ ؟ ” ނާއިމްއާއެކު ކޮޓަރިން ނުކުތް ޖާވިޒަށް ބަލާލަމުން ނާޖިދާ އެހިއެވެ. ދަރިފުޅުގެ ހާލައިމެދު ކަންބޮޑުވެ ހާސްވެ ނުތަނަސްވެފައިވާ އެއަޑުގައި އެކުލެވިފައިވާ ވޭނާއިކެކުޅުން ޖާވިޒަށް ފާހަގަވިއެވެ. ހިތަށް އަސަރު ކުރިއެވެ.

” މިއީ ވަރަށް އެހެންކަހަލަ ވާހަކައެއް …. މިއިން އެއްވެސް ވާހަކައެއް އިތުރުމީހަކާއި ހިއްސާނުކުރާތި. ” ގޭތެރެއަށް ނަޒަރު ހިންގާލަމުން ޖާވިޒް ވާހަކަދެއްކިއެވެ. ވާހަކައިގެ މުހިންމުކަމާއި ސިއްރުކަން ޖާވިޒްގެ ހަރަކާތްތަކާއި އަޑުން ވެސް ދޭހަވިއެވެ.

” އާން. އަހަރެމެން ތިކަން ހަނދާން ބަހައްޓާނަން. ” ޖާވިޒަށް ޔަގީންކަންދޭފަދައަކުން ނާއިމް ބުންޏެވެ.

” ޒުބޭދާގެ މަރާއި ރާއިދުގެ މަރުގެ ފަހަތުގައި ވެސް ރޫޙާނީބާރެއްވޭ ….. ސަމްޢާންއަށް ވެސް ދިމާވެގެންމިއުޅެނީ އެކަހަލަކަމެއް ކަމަށް ބޮޑަށް ލަފާކުރެވެނީ …. އެހެންވީމާ …. ” ޖާވިޒް ދައްކަންފެށި ވާހަކަ ނުނިމެނީސް ނާޖިދާ ވާހަކަދައްކަންފެށުމުން ޖާވިޒް ހުއްޓާލިއެވެ.

” ތީގެމާނައަކީ ސަމްޢާންގެގައިން ލޭމަދުވަނީ ރޫޙާނީބާރެއްގެ ސަބަބުންނޭތަ ؟ ” ނާޖިދާ ހާސްވެ ކަންބޮޑުވިއެވެ.

” އާން …. ބޮޑަށް ހީވަނީ އެހެން …. އެކަމު ޖާވިޒްބެ ބުނިހެން ކަންތައްކޮށްފިއްޔާ އެއްވެސް ނުރައްކަލެއް ދިމައެއްނުވާނެ. އިރާދަކުރެއްވިއްޔާ ދުވަސްކޮޅަކުން ހުރިހާކަމެއް ހަމައަކަށްއެޅޭނެ. ” ނާޖިދާއާ ދިމާއަށް ބަލާލަމުން ޖާވިޒް ބުންޏެވެ.

” ކައުންސިލަށް ވެސް ތިކަން އަންގަންވީނު. ” ޚިޔާލެއްގެތެރެއަށް ގެއްލިފައި ކަހަލަގޮތަކަށްހުރެ މަޑުމަޑުން ނާއިމް ބުނެލިއެވެ. ޖާވިޒްގެ ވާހަކައިން އޭނާއަށް ވަރަށް އަސަރުކޮށްފިއެވެ.

” ޖާވިޒްބެ ވެސް ތިކަމާ އެބަވިސްނަން. މައްސަލައަކީ ގަބޫލުކުރާނެހެން ހީނުވާތީ. ” ނާއުންމީދުން ފުރިގެންވީ ގޮތަކަށް އާހެއް ދޫކޮށްލަމުން ޖާވިޒް ބުންޏެވެ.

” ޖާވިޒްބެ އައިސްދޭންވީނު ކޮންމެރެއަކު މިގޭގަ ޤުރުއާން ކިޔަވާލަދޭން …. އަހަރެން ވަރަށް ބިރުގަނޭ. ” ނާއިމްގެ އަތުގައި ހިފާލަމުން ޖާވިޒަށް ބަލަންހުރެ ނާޖިދާ އެދުނެވެ. އޭނާގެ ހާލަތު ހާމަކުރިއެވެ.

” އައިސްދޭންވީނު …. ދުވަހު މުސާރައަށް ވިޔަސް އަހަރެން މައްސަލައެއްނެތް. ” ނާޖިދާގެ ވާހަކައާ ބައިވެރިވަމުން ނާއިމް އެދުނެވެ. ދިމާވެގެން މިއުޅޭ ކަންތަކުގެ ސަބަބުން ކަމާލިޔާއަށް ކަމެއްވެދާނެތީ ނާއިމް ކަންބޮޑުވިއެވެ.

” އާން …. ޖާވިޒްބެ އަންނާނަން މިރެއިން ފެށިގެން. ފައިސާއެއް ނުދިނަސް އެންމެރަނގަޅު …. ކަމާލިޔާ ކައިރީ ވެސް ބުނާތި އިރުއޮއްސޭވަގުތު ބޭރަށްނުދާން. ” ގެއިން ނުކުންނަން ޖާވިޒް ހިނގައިގަތުމުން އޭނާގެ ފަހަތުން ނާއިމް ވެސް ހިނގައިގަތެވެ.

” އަހަރެންނަކަށް ހިއެއްނުވޭ މިއީ އިންސާނެއްގެ ކަމެއްހެނެއް. މިހާ ރަހުމުކުޑަ އަނިޔާވެރި ޢަމަލެއް ހިންގާކަށް އިންސާނަކަށް ނުކެރޭނެ. ” ކައުންސިލަށް ލަފާދޭކޮމެޓީގައި ހިމެނޭ އެންމެދުވަސްވީމީހާ ސާޖިދު ހާމަކުރީ އޭނާއަށް ހީވީގޮތެވެ. ކުރެވުނު މަސައްކަތާއި ލިބުނު ނަތީޖާއަށް ވެސް ބަލާފައެވެ.

” ސާޖިދު ތިޔަވިދާޅުވަނީ މިއީ ރޫހާނީބާރެއްގެ ކަމެކޭތޯ ؟ ” ކައުންސިލަރުގެ ކިބައިން ފާޅުވީ ކަންބޮޑުވުމާއި ހާސްކަމެވެ.

” އަހަރެންނަކަށް ވެސް ހިއެއްނުވޭ އިންސާނަކަށް މިވަރުގެކަމެއް ކުރަން ކެރޭނެހެނެއް …. އަނެއްކޮޅުން ބަލާއިރު މީހެއްގެގައިން ލޭ ނަގައިގެން ގޮސް ވެސް އެއިން ކޮންބޭނުމެއް ކުރެވޭނީ. ބޭރުގައުމުތަކުގައި އޮންނަހެން ލޭވިއްކޭތަނެއްނޫން ރާއްޖެއަކީ. ރާއްޖޭގައި ބޭނުންކުރަނީ އެއަށްވުރެ ރައްކާތެރިކަމާއެކު ފަންނީމީހުންގެ ބެލުމުގެ ދަށުން އެކަމަށް ހާއްސަ ތަންތަނުންނަގާ ލޭ. ” ސާޖިދުގެ ވާހަކައާ އެއްބަސްވާފަދައަކުން ޒުހައިރު ވާހަކަދެއްކިއެވެ. އެކަމާއިގުޅިގެން ގަބޫލުކުރެވޭ ގަބޫލުކުރުންތައް ހާމަކުރިއެވެ.

” މިރަށުގަ ނޫޅޭތަ އެކަން ބަލާލެވޭވަރުގެ މީހަކު. ” ލަފާދޭ ކޮމެޓީގެ މެންބަރުންނަށް ބަލާލަމުން ސާޖިދު އަހާލިއެވެ. ސާޖިދުއަކީ އެތައްއަހަރެއް ވާންދެން ރާއްޖޭންބޭރުގައި އުޅެފައިއައި މީހަކަށްވާތީ ރަށުގެކަންތައްތައް އެންމެރަނގަޅަކަށް އަދި އޭނާއަކަށް ނޭންގެއެވެ.

” ކުރީގެމުދިމް ޖާވިޒްބެއަކީ ތިކަހަލަކަންތަކަށް ވަރަށްމޮޅު މީހެއްކަމަށްވަނީ … ޖާވިޒްބެއާ ވާހަކަދައްކާލައިގެން އަލިމަގެއް ފެނޭތޯ އަހަރެން ބަލާލަފާނަން. ” ލަފާދޭކޮމެޓީގެ މެންބަރު އަލީ ހުސެއިން ވާހަކަދެއްކިއެވެ. އަލީ ހުސެއިންއަކީ ޖާވިޒްބެގެ އަވަށްޓެރިއެކެވެ. ދުވަސްވީ ގާތް ރަހުމަތްތެރިއެއް ވެސް މެއެވެ.

މަޣުރިބުނަމާދުކޮށްގެން ނާއިމްމެންގެއަށް ޖާވިޒް ދިޔައިރު ، ގަސްތަކުތެރޭ އެލުވާފައިވާ އުނދޯލީގައި އޮށޯވެލައިގެން ކަމާލިޔާއޮތެވެ. ވެރިވަމުންދިޔަ އަނދިރިކަމާއި އޭނާ އޮތްތަނުގެ ނާމާންކަމާމެދު އެއްވެސްވަރަކަށް ވިސްނާނުލައެވެ. ކަންބޮޑުވުމާއެކު ސުވާލުން ފުރިގެންވީ ފަދައަކުން ކަމާލިޔާއަށް ބަލާލަމުން ޖާވިޒް ގޮސް ދޮރުކައިރިއަށް ހުއްޓެމުން ސަލާންގޮވާލިއެވެ.

” ވަޢާލައިކުމުށް ސަލާން …. އާދޭ އެތެރެއަށް. ” ޖާވިޒްގެ އިންތިޒާރުގައި ފެންޑާތެރޭއިން ނާއިމް ވާހަކަދެއްކިއެވެ. ޖާވިޒް ވަތްއިރު ދުންދަނޑި ރޯކޮށް މޭޒުމަތީ ބަހައްޓާފައިހުއްޓެވެ.

” އަހަރެންދެއްކި ވާހަކަތައް ކަމާލިޔާއަށް ކިޔައިދިނިންތަ ؟ ” ނާއިމަށް ބަލާލަމުން ޖާވިޒް އަހާލިއެވެ.

” އުނހު. ހަނދާން ނެތިގެން ނުބުނެވުނު. ” ކަމާލިޔާގެ ކޮޓަރިދިމާއަށް ހިނގައިގަންނަމުން ކަންބޮޑުވުމާއެކު ނާޖިދާ ބުންޏެވެ.

ކަމާލިޔާގެ ކޮޓަރިއާދިމާއަށް ހިނގައިގަތް ނާޖިދާގެ ފިޔަވަޅުތަކަށް ހުއްޓުންއައީ ކަމާލިޔާ އައިސް ގޭތެރެއަށް ވަންނަނިކޮށް ފެނުމުން ނެވެ. މަޑުކޮށްލަމުން ދޮރާއިދިމާއަށް ނާޖިދާ ބަލާލުމުން ނާއިމްމެން ދެމީހުން ވެސް އެދިމާއަށް ބަލާލިއެވެ.

” ދަރިފުޅާ ! އައިސްބަލަ މިތާމަޑުކޮށްލަން. މިއީ ވަރަށް މުހިންމުކަމެކޭ. އޭރުން ދަރިފުޅަށް ވެސް ރައްކާތެރިކަން ލިބޭނީ. ” ކަމާލިޔާއަށް ގޮވާލަމުން ނާއިމް ވާހަކަދެއްކިއެވެ.

” ބައްޕާ. ހަތަރެސްފައިގަ ތަވީދުއެޅުމާ އުނަގަނޑުގަ ބަޑިއެޅުމާ ދުންބުރުވަމުންކިޔެވުމާ ކަންކަން އެއީ މާކުރީގެ މީހުން ކޮށްއުޅުނު ބޯދާ ކަންތަކޭ. އަހަރެންނަކަށް ކަމަކުނުދޭ ތިގޮތެއް. ” ކަމާލިޔާގެ ކިބައަކުން ހާސްވުމެއް ކަންބޮޑުވުމެއް ނުފެނެއެވެ. ދިމާވެގެންއުޅޭ ނުރައްކަލުގެ ހިލަމެއް ވެސް އޭނާއަށް ނުވާކަހަލައެވެ.

” އެކަމަކު …. ދަރިފުޅާ …. ” އެއްޗެކޭ ބުނަން ނާއިމް އުޅުނުނަމަވެސް ޖާވިޒް ވާހަކަދައްކަން ފެށުމުން ހުއްޓާލިއެވެ.

” ތިހެން ނުބުނޭ ކޮއްކޯ. ތިއީ ތިޔަކުދިން ޅަވީމަ ހީވާގޮތް. މިކަހަލަ ނާމާން ދުވަސްވަރަކު ހަށިރައްކަލަށް ކަމެއް ނުކޮށް ކަމަކު ނުދާނެ. ކޮއްކޮމެނަށްވުރެ ބޮޑަށް މިކަހަލަކަންތައް އެނގޭނީ ބޭބެމެނަށް. ” އެއްޗެއް ވިސްނައިދޭފަދައަކުން ޖާވިޒް ދައްކަމުންދިޔަ ވާހަކަތައް އަޑުއަހަން ކަމާލިޔާ ހުރިނަމަވެސް އެކަމަށް ސަމާލުކަންދިންހެނެއް ހިޔެއްނުވެއެވެ.

” އޫން …. އަހަރެން އަންނާނަން އިރުކޮޅަކުން. ” ފޫހިކަމާއެކު ތުންއަނބުރާލަމުން ކަމާލިޔާ ގޮސް ކޮޓަރިއަށް ވަނެވެ. އިތުރަށް މަޑުކުރާކަށް ނުހަދައެވެ.

ޖާވިޒް އޭނާގެ މަސައްކަތްފެށި ނަމަވެސް ކަމާލިޔާގެ ޙަބަރެއްނުވިއެވެ.

ދިހައެއް ޖަހަނީއެވެ. ކައުންސިލަށް ލަފާދޭކޮމެޓީގެ މެންބަރުންނާއި ކައުންސިލަރުން އެދުނުފަދައިން ޖާވިޒް ރަށުކައުންސިލަށް ދިޔައެވެ. އެމީހުން ބޭނުންވެގެން އެއުޅެނީ ކޮންކަމެއްކަން ޖާވިޒަށް ވިސްނުނެވެ.

” ޖާވިޒްބޭ ! މިހާރު ހިނގައިގެން މިއުޅޭ ދެމަރުގެ ކަންތަކާމެދު އަހަރުމެނަށް ސައްކުވާތީ އެކަން ބަލާލެވިދާނެގޮތެއް އޮތްތޯ އަހާލަން އައިސްދޭން ބުނީ. އަހަރުމެން އެންމެނަށް ވެސް ގަބޫލުކުރެވެނީ އިންސާނަކަށް އެހާ ރަހުމުކުޑަ އަނިޔާވެރި ޢަމަލެއް ހިންގަން ނުކެރޭނެކަމަށް. ގޮތެއްވޭތޯ ބަލާލަދޭންވީނު. ” ކައުންސިލްގެ ރައީސް އަދީބް ވާހަކަދެއްކިއެވެ. ބޭނުންވާކަންތަކަށް އެދުނެވެ.

” ޖާވިޒްބެ ވެސް ތިކަމާ ވިސްނަމުންމިދަނީ. އެކަމު ތިޔަވަރުގެ ބޮޑުކަމެއް ކުރަން ދެތިން ދުވަސް ބޭނުންވާނެ. ތިކަމަށް ތައްޔާރު ވުމުގެ އިތުރުން ޤުރުއާން ހިތުދަސް ފަސްފިރިހެނުން ބޭނުންވާނެ. ” ބައްދަލުވުމުގެ ބައިވެރިންނަށް ބަލާލަމުން ޖާވިޒް ވާހަކަދެއްކިއެވެ.

” ތިކަން ހަމަޖެހިދާނެ. ކޮންއިރަކުން މަސައްކަތް ފަށާނީ ؟ އެއަށްވުރެ އަވަހެއް ނުވާނެތަ ؟ މިހެން މިބުނީ އަނެއްކާ ވެސް އެ ކަހަލަ ހިތާމަވެރި ހާދިސާއެއް ހިނގާފާނެތީ. ” ކައުންސިލަރ ރަގީބް އަހާލިއެވެ.

” ބަލާލަންޖެހޭނީ. މާދަމާ ޖަވާބެއް ދޭނަން. ” ވިސްނާލަން އިރުކޮޅަކު މަޑުކުރުމަށްފަހު ޖާވިޒް ބުންޏެވެ.

” ވަރަށް ބޮޑަށް ޝުކުރިއްޔާ ! ދެން އެންމެރަނގަޅު ޖާވިޒްބެ ގޮސްލިއަސް. ” ޖާވިޒަށް ޝުކުރުއަދާކުރަމުން އަދީބް ބުންޏެވެ.

ރަށެއްގެ ރައްޔިތުންނަށް ނުވަތަ ރައްޔިތުންގެ ތެރެއިން ބަޔަކަށް ބޮޑުކަމެއް ދިމާވެއްޖެނަމަ އެކަމުން އެރަށް ނުވަތަ އެބަޔަކު ސަލާމަތްކުރަން މަސައްކަތްކުރުމަކީ ކޮންމެމީހެއްގެ ވާޖިބެކެވެ. އެކިމީހުން ކުރާނީ އެކި މަސައްކަތެވެ. އެހީތެރިވުމަކީ މަސައްކަތުގެ އެންމެބޮޑު ބައެވެ. ޖާވިޒްގެ މަސައްކަތަށް އެހީވުމަށް ޒުވާނުންގެ ތެރެއިން ފަސްމީހަކު ކުރިމަތިލުމީ ރައްޔިތުންނަށް ލިބުނު އެންމެބޮޑު އެއްއުފަލާއި ހިތްހަމަޖެހުމެވެ. އުންމީދު އާވެގެންދިޔަ ކަމެކެވެ.

ހަނދުމަހުގެ ފަނަރައާ ދިމާވާތީ ޖާވިޒްގެ އުންމީދު އާވިއެވެ. ކުރަންއުޅޭ މަސައްކަތް ކާމިޔާބުވާނެކަމުގެ ޔަގީންކަން ބޮޑުވިއެވެ. ވާންވީ ތައްޔާރީތައް ކައުންސިލާއި ކޮމެޓީއާ ހިއްސާކުރިއެވެ.

ނުނިމޭ

 

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.