‘ބޭލާ މަނިކު’ އޭ ބުނުމުން އަދުގެ ޖީލަށް ނޭނގިދާނެ އެވެ. ނަމަވެސް ރާއްޖޭގެ މިއުޒިކާއި ލަވައިގެ ދުނިޔެއަށް ނިސްބަތްވާ އަފުސާންވީ ނުވަތަ ލިޖެންޑަރީ ފަންނާނުން ކަމަށްވާ ޢަބްދުލް ހަންނާން މޫސާދީދީ އަދި މަރްހޫމް މަސްޢޫދު މޫސާދީދީ އަކީ މި ފަންނުގެ އެންމެ އުސް ހަރުފަތުގައި ގުނާލެވޭ ފަންނާނުންކަން އެންމެނަށްވެސް އެނގޭނެއެވެ.

ބޭލާ މަނިކު ތޯއެވެ. ބޭލާ މަނިކަކީ ޢަބްދުލް ހަންނާން މޫސާދީދީ އަދި މަރްހޫމް މަސްޢޫދު މޫސާދީދީގެ ކާފާފުޅެވެ. އެއީ މުޅި ރާއްޖެއަށް ނަން މަޝްހޫރު ބޭލާ މަނިކެވެ. ބޭލާ މަނިކަކީ ފަންނުވެރި ބޭފުޅެކެވެ.

ބޭލާ މަނިކަކީ އިހުޒަމާނުގައި މާލޭގެ ގޭގެއަށް ގޮސް ބޭލާއިން (ވަޔޮލިން އިން) ރީތި ރާގުތައް ކުޅެދީ އުޅުއްވި ބޭކަލެކެވެ. މާލޭގެ ޤަދަރުހުރި ޢާއިލާއެއްގެ ބޭކަލެކެވެ.

ބޭލާ މަނިކުގެ މަޝްހޫރު ރާގުތަކުގެ ތެރޭގައި:-

މަންޖެ ސޮނި ހުރެ ގޮވަނީ

މަނިކު އެބޭލާ ރަނގަޅޭ

ގެއަކު ބޭލާ ޖެހިނަމަ

ރެއަކު ދެ ރުފިޔާ ލިބެޔޭ.”

– ބޭލާ މަނިކު މިއުޒިކު ކުޅޭން ގޭގެއަށް ދުރުވާއިރު ކިޔުއްވި ލަވައެއް

ގޭގެއަށް ބޭލާޖަހަން މަނިކުބެ ދުރުވާއިރު، ދޭޭތެރެދޭތެރެއިން އަޅުވާލައްވަމުން ދުރުވެއެވެ. މި ރާގު އަޑުއިވުމާއެކު ގޭގެއިން ކުދިވެރިން ނުކުމެ ހައިރާންވެގެން ބަލަން ތިބެއެވެ.

މަނިކުބޭގެ ކޮނޑުގައި އިހުގެ މުސްކުޅި ބޭލާ ޖައްސަވައިގެން އަތްދިގު ބޮޑު ގިރުވާނުލީ ލިބާހުގައި ހަރުކޮށް ހިންގަވާފައި ދާއިރު އެހުންނަ ފާޑުވެރިކަމާ ގޮތްގަނޑަކުންވެސް ބަލައި ފޫއްސެއް ނުވެއެވެ.

މަނިކުބޭގެ އުމުރުގެ ވަރަށް ފަހަކާ ޖެހެންދެން ބޭލާ ކުޅެން ގޭގެއަށް ކުޑައަގަކަށް ގޮސްދީ އުޅުނެވެ. ބޭލާ މަނިކުބެ އަކީ ކުޑަކުދީންނާ ގުޅޭ ސަމާސާ މަޖާ ބޭކަލެކެވެ.

ޢަބްދުލް ހަންނާން މޫސާ ދީދީ އަދި މަރްހޫމް މަސްޢޫދު މޫސާ ދީދީ

ބޭލާ މަނިކުގެ ކާފަ ދަރިންގެ ތެރެއިން ލަވަ ކިޔަނީ ޢަބްދުލް ހަންނާން މޫސާދީދީ އަދި މަރްހޫމް މަސްޢޫދު މޫސާދީދީ އެކަނި ކަމަށް މުނިއަވަސްއަށް ހަންނާން ބުނެފައިވެއެވެ. ހަންނާން އަދި މަސްޢޫދުގެ މަންމަ އަކީ ބޭލާ މަނިކުގެ ދަރިކަނބަލުން ބޭލާ ދޮންމަނިކެ އެވެ. ބައްޕައަކީ ސިއްކަ މޫސާ ދީދީ އެވެ. ހަންނާނުމެން އުފަންވުމުގެ ކުރިން ބޭލާ މަނިކު ނިޔާވެއްޖެއެވެ.

މަޢުލޫމާތު:
* ފުރަމާލޭގެ ބޮޑު ފާރުން އެއްގަން (ޢަލީ ޙުސައިން- މ. ޕޮމްޕިޔާ)
* ނާޖިހް ދީދީގެ (އެކްސް/ޓްވިޓަރ)
* ޢަބްދުލް ހަންނާން މޫސާ ދީދީ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.