ރާއްޖޭގައި ފިލްމު އުފެއްދުމުގެ މަސައްކަތުގައި މިވަގުތު އެންމެ ކުރީ ސަފުގައި، އެންމެ ކާމިޔާބުކަމާއެކު ހަރަކާތްތެރި ވަމުން އަންނަ ފިލްމު ޕްރޮޑަކްޝަން ހައުސް، ޑާކް ރެއިން އެންޓަޓެއިންމަންޓަށް މިއަދު މިވަނީ 17 އަހަރު ފުރިފައެވެ.

ޑާކް ރެއިން އެންޓަޓެއިންމަންޓަށް 17 އަހަރު ފުރިފައިވާއިރު، އެ ޕްރޮޑަކްޝަންގެ މަސައްކަތްތަކުގެ ޚުލާޞާ ވާހަކަތަކެއް ކިޔައިދޭ ހިތްގައިމު ރެޕް ލަވައެއްވެސް މިއަދު އެ ޕްރޮޑަކްޝަނުން އާއްމުކޮށްފައިވެއެވެ.

@muniavas Mee DRE @darkrainent #celebrating17years #hiphop #rap #muniavasnews #maldives #dhivehi #foryoupage #fyp #contentcreators #fvpシ #fvpviral #maldivestiktok ♬ original sound – MUNIAVAS

“17 އަހަރުގެ ތެރޭގަ އަޅުގަނޑުމެންނަށް އެކި ކަހަލަ އެޗީވްމެންޓްތައް އެބަހުރި ހޯދިފަ. އަގޮތުން ފުރަތަމަ ‘އެޗްޑީ ފިލްމު’، ފުރަތަމަ ‘ތްރީޑީ ފިލްމު’ ދެން އަޅުގަނޑުމެންގެ ފިލްމުތަކަށް ލިބިފަ އެބަހުރި 56 އެވޯޑް، އެކި އެވޯޑް ފަންކްޝަންތަކުގަ.

– މުޙައްމަދު ޢަލީ (މޮގާ) / ޕްރޮޑިއުސަރ ޑާކް ރެއިން އެންޓަޓެއިންމެންޓް

ޑާކްރެއިން އެންޓަޓެއިންމަންޓަށް މިހާތަނަށް އައިއިރު ލިބިފައިވާ ކާމިޔާބީތައް ވަރަށް ގިނައެވެ. ހަމަ އެހެންމެ ފިލްމު އުފެއްދުމުގެ މަސައްކަތުގައި ދިވެހިން މީގެކުރިން ގިރާކޮށްފައި ނުވާ ހަރުފަތްތަކެއް ގިރާކުރުމުގެ އެންމެ ފުރަތަމަ ރެކޯޑުވެސް އެ ސްޓޫޑިއޯއިން ވަނީ މުގުރާލާފައެވެ. އެގޮތުން އެންމެ ފުރަތަމަ ފަހަރަށް ދިވެހި ފިލްމެއް އެޗްޑީ(HD)، ތްރީޑީ(3D) އަދި ޑީއެސްއެލްއާރް(DSLR) ގައި ޝޫޓްކޮށް ބެލުންތެރިންނާއި ހަމައަށް ގެނައުން ހިމެނެއެވެ. މީގެ އިތުރުން ’ވެނިސް ފިލްމު ފެސްޓިވަލް‘ ގައި ރާއްޖޭގެ ފިލްމެއް ފުރަތަމަ ދެއްކީވެސް އެމީހުންގެ ފިލްމެކެވެ.

“ގާތްގަނޑަކަށް ފަސްދޮޅަސް ވަރަކަށް އެކްޓަރުން އެބައުޅޭ އަޅުގަނޑުމެންނަށް އިންޓްރޮޑިއުސްކުރެވިފަ. މިއީ ހަމައެކަނި ބަޠަލުބައި ކުޅޭ ތަރިން ނޫންކަން ފާހަގަކުރަން. މީގެ އިތުރުން އެބަހުރި އެކި ފަންނީ މީހުން އުފެއްދިފަވެސް.

ދެން މިކޮޅުގަ މަސައްކަތްކުރަމުން އަންނަ އާ ކުދިންގެ ޓެލެންޓް އިމްޕްރޫވްކޮށްދެވިފަވެސް ހުންނާނެ. މިއީވެސް ހަމަ އެޗީވްމެންޓްކަމަށް އަޅުގަނޑުމެން ދެކެނީ.

– މުޙައްމަދު ޢަލީ (މޮގާ) / ޕްރޮޑިއުސަރ ޑާކް ރެއިން އެންޓަޓެއިންމެންޓް

މިހައިތަނަށް އައިއިރު 56 އެވޯޑް ޑާކްރެއިން އިން އުފުލާލާފައިވާއިރު ކުރިއަށްހުރި ބައެއް ޕްރޮޖެކްޓްތަކުގެ މަޢުލޫމާތު ޑާކްރެއިން އިން ވަނީ މުނިއަވަސް އާ ހިއްސާކޮށްފައެވެ.

“މިހައިތަނަށް އައިއިރު ޑާކް ރެއިން އެންޓަޓެއިންމެންޓުން:-

17 ފީޗާ ފިލްމު

06 ޓެލެ-ސީރީޒް

07 ކުރު ފިލްމު

02 މިނީ ސީރީޒް ގެނެސްދީފައިވާނެ.

ރާއްޖޭގަ އުފެއްދި ފުރަތަމަ އަދި ހަމައެކަނި ތްރީޑީ ފިލްމަކީ ‘ފަތިސްހަނދުވަރުގެ ފެށުން’ މީގެ އިތުރުން ރާއްޖޭގަ ފުރަތަމަ އުފެއްދި ‘ވަން ޝޮޓް ފިލްމަކީ ‘ގުޅުން’ “

– މުޙައްމަދު ޢަލީ (މޮގާ) / ޕްރޮޑިއުސަރ ޑާކް ރެއިން އެންޓަޓެއިންމެންޓް

ދެން އެންމެ އަވަހަށް ބެލުންތެރިންނާ ހަމައަށް ޑާކްރެއިން އިން ގެނެސްދޭނެ ފިލްމަކީ އައިޝަތު ފުއާދު އަދި އަހްމަދު ތޮލާލު ސްކްރިޕްޓް ތައްޔާރުކޮށްފައިވާ ފިލްމު “ނޮވެމްބަރ“އެވެ. ފިލްމު “ނޮވެމްބަރ” ރިލީޒްކުރަން ހަމަޖައްސާފައިވަނީ 04 ޑިސެމްބަރު 2023 ގައެވެ.

ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ވަރުގަދަ އެކްޝަން ފިލްމު “ފުރޭތަ“ ޕްރިމިއާކުރުމަށް ނިންމާފައިވަނީ 08 ޖެނުއަރީ 2024ގައެވެ. މީގެ އިތުރުން ފިލްމު “ބަޅިނދު” ވެސް އެންމެ އަވަހަށް ފެނިގެންދާނެ ފިލްމުތަކުގެ ތެރޭގައި ހިމެނޭކަމަށް ޕްރޮޑިއުސަރ މޮގާ ފާހަގަކުރެއެވެ. މިއީ ހޫދު އިބްރާހިމް ލިޔެ އަހްމަދު ޝިނާން ޑައިރެކްޓްކުރާ ފިލްމެކެވެ.

“މި ދުވަސްކޮޅު ކުރިއަށް މި ގެންދަނީ ‘ޑާކްރެއިންކްރޮނިކްލްސް ސީޒަން2 ލަވް’ އެއީ 08 އެޕިސޯޑްގެ މިނީ ސީރީޒެއް. ދެން އެއަށްފަހު އަޅުގަނޑުމެން ޝޫޓްކުރަން ފަށާނީ ‘އަވަރ’.

– މުޙައްމަދު ޢަލީ (މޮގާ) / ޕްރޮޑިއުސަރ ޑާކް ރެއިން އެންޓަޓެއިންމެންޓް

ކުރިއަށްވެސް ގިނަ މަސައްކަތްތަކެއް ރާވާފައި ހުރިއިރު، މިވަގުތު ޑާކް ރެއިން އެންޓަޓެއިންމެންޓުން އުފައްދަމުން ގެންދަނީ ‘ޑާކްރެއިންކްރޮނިކްލްސް ސީޒަން2 ލަވް’ގެ ޝޫޓިންގެ މަސައްކަތްތަކެކެވެ. މީގެ އިތުރުން ފިލްމެއްގެ ޝޫޓިން ފެށުމަށް މިފަހުން އުޅުނު ކަމަށާ ނަމަވެސް އޮލިމްޕަސް ސިނަމާގެ ކަންތައްތައް ހުރި ގޮތުން ފިލްމު އެޅުވޭނެ ދުވަހެއް ނޭނގޭތީއާ ފިލްމުތައް ހަދާފަ ބަހައްޓަން ޖެހޭތީ ސީރީޒެއްގެ މަސައްކަތް ފެށީ ކަމަށްވެސް މޮގާ ބުންޏެވެ.

ދިވެހި ސިނަމާ ތެރެއަށް ޑާކްރެއިން އެންޓަޓެއިންމަންޓް ވަދެފައިވަނީ 2006 ގައެވެ. ޓީވީއެމް އަށް ޑްރާމާ ސިލްސިލާ އުފައްދައިދިނުމާއި އިޝްތިހާރު ހެދުމާއި އޯޑިއޯ ރެކޯޑިން ހަދައިދިނުން ފަދަ ކަންތައްތަކާއި އެކުގައެވެ. ނަމަވެސް މިއަދު އެ ސްޓޫޑިއޯ އަކީ އެމީހުންގެ އުފެއްދުންތަކުގެ ފެންވަރާއި ލިބެމުން އަންނަ ތަރުހީބަށް ބަލާއިރު ރާއްޖޭގެ ނަންބަރ ވަން ފިލްމު ޕްރޮޑަކްޝަން ހައުސް ކަމަށް ބުނުމަކީ ފިލްމު އުފައްދާ އެހެން ފަރާތްތަކަށް ބުނެވޭ ކުޑައިމީސް ބަހަކަށް ނުވާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.