ދިވެހި ފިލްމީ އުފެއްދުންތަކުގެ މަޢުލޫމާތަކީ އާއްމުކޮށް ލިބެން ހުންނަ މަޢުލޫމާތުތަކެއް ނޫނެވެ. މުނިއަވަސް އަކީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ފޯރުކޮށްދިނުމަށް ހިންގަމުން އަންނަ އޮންލައިން ނޫހެއްކަމުން ދިވެހި ފިލްމީ އުފެއްދުންތަކުގެ މަސައްކަތްތަކާއި ޚަބަރުތައް އަރުޝީފުކުރުމަކީ އަޅުގަނޑުމެން ޚާއްޞަ އިސްކަމެއްދޭ ކަމެކެވެ. އެގޮތުން މި ހަފުތާއި މި ބަލައިލަނީ މި ސިލްސިލާގެ ދަށުން ގެނެސްދޭ ފުރަތަމަ ފިލްމުގެ މަޢުލޫމާތުކޮޅެކެވެ.

🎦 ފިލްމުގެ ނަން: ސަޒާ
🎦 ޑައިރެކްޓްކުރީ: ހުސައިން މުނައްވަރު
🎦 ޕްރޮޑިއުސްކުރީ: ފަރިވާ ފިލްމްސް
🎦 ލިޔުނީ: މަހުދީ އަހުމަދު
🎦 ތަރިން: ނިއުމާ މުހައްމަދު
ލުފްޝާން ޝަކީބް
އިސްމާއިލް ރަޝީދު
ފާތިމަތު އާޒިފާ
🎦 މިއުޒިކް: މުހައްމަދު އިކްރާމް
🎦 ކެމެރާކުރީ: ހުސައިން މުނައްވަރު
🎦 އެޑިޓްކުރީ: އަލީ މުސްތަފާ ސެމީ
🎦 ރިލީޒްކުރި ތާރީޚް: 29 މާރޗް 2011
🎦 ފިލްމުގެ ދިގުމިން: 145 މިނެޓް
🎦 ބަސް: ދިވެހި

🎦 ތަޢާރަފް:

މިއީ ފަރިވާ ފިލްމްސް އާއި ކިޑް ޕްރޮޑަކްޝަން ގުޅިގެން އޭޕްރިލް 2010 ގެ ފަހުކޮޅު އުފައްދަން ފަށާފައިވާ ފިލްމެކެވެ. މިފިލްމު ޝޫޓްކޮށްފައިވަނީ ބ. މާޅޮހުގައެވެ.

🎦 ވާހަކަ:
ކިޔަވަން ދުރު އަތޮޅެއްގައި ހުރެފައި ރަށުގައި ޗުއްޓީ ހޭދަކުރާ ރީމާ (ނިއުމާ މުޙައްމަދު) އާއި އެރަށަށް ލޭންޑް ސާރވޭކުރަން މާލެއިން އަންނަ ޒައިދު (ލުފްޝާން ޝަކީބު) އާއި ދިމާވެއެވެ. ނަމަވެސް މި ދެ ޒުވާނުން ދިމާވާ ފުރަތަމަ ދުވަހުވެސް ދެމީހުން ދެމީހުންނަށް ދެކޮޅުވެރިކަން ފާޅުކުރަން ފަށައެވެ. އަދި އިސާހިތަކު އެކަކު އަނެކަކަށް ލަނޑުދޭން ފަށައެވެ. ތަފާތު މަޖާ ހާދިސާ ތަކަކަށްފަހު، މި ދެ ޒުވާނުން ލޯބީގެ ގޮތުން ގުޅޭތަނުން، ޒައިދު މާލެއަށް ފުރަންޖެހެއެވެ. އަދި ދެތިން ދުވަހެއްގެތެރޭގައި އެނބުރި އައިސް ރީމާއާއި ކައިވެނީގެ ގޮތުން ގުޅުމަށް ރީމާގެ ގާތުގައި ޒައިދު ވައުދުވެއެވެ.

ނަމަވެސް ޒައިދު އެރަށުން ފުރުމާއެކު، ރީމާއަށް ޒައިދުގެ އެއްވެސް ޚަބަރެއްނުވެ ގުޅުން ކެނޑެއެވެ. ޒައިދުއަށް ދެތިން ދުވަހަށް ރީމާ ކުރި އިންތިޒާރު، ދެތިން ހަފްތާއަށް ބަދަލުވެ ދެތިން މަހަށް ދެމިގެންދެއެވެ. ޒައިދުއަށް ރީމާ ކުރާ އިންތިޒާރުގައި ރީމާގެ ދިރިއުޅުން ހީވެސް ނުކުރާކަހަލަ ގޮތަކަށް ބަދަލުވެއެވެ. ރީމާގެ ދިރިއުޅުން އެފުށްމިފުށަށް ޖެހެއެވެ. އަދި ލޯތްބަށްޓަކައި ރީމާ ކުރި އިންތިޒާރު ކެތްކުރަންދަތި ސަޒާއަކަށް ބަދަލުވެގެން ދެއެވެ.

🎦 ސްކްރީންޕްލޭ:
މިފިލްމް އުފެއްދުމަށްޓަކައި ފަރިވާ ފިލްމްސް އާއި ކިޑް ޕްރޮޑަކްޝަންގެ ފަރާތުން ގަނެފައިވަނީ ގާނިއަރ މިއަދު ކްރިސްޓަލް އެވޯޑް 2008 ގެ ޓީވީ ޑްރާމާ ސިލްސިލާތަކުގެ ބައިން އެންމެ މޮޅު ވާހަކަ ހާސިލްކޮށްފައިވާ މަރިޔަމް މޫސާ ލިޔެފައިވާ ސްކްރީންޕްލޭއެކެވެ. ފިލްމުގެ ޝޫޓިންގއަށް ބ. މާޅޮހަށް ފުރަން ވަރަށް ގާތްވެފައިވަނިކޮށް، ފިލްމްގެ ޑައިރެކްޓަރު ހުސެއިން މުނައްވަރު މި ސްކްރީންޕްލޭ އިތުރަށް ފުރިހަމަކުރުމަށްޓަކައި ތިންވަނަ އަދި ފަސްވަނަ ގައުމީ ފިލްމް އެވޯޑް ގައި އެންމެ މޮޅު ސްކްރީންޕްލޭ ހާސިލްކޮށްފައިވާ މަހުދީ އަހުމަދު އާއި ހަވާލުކުރިއެވެ.

މިސްކްރީންޕްލޭ ކިޔުމަށްފަހު، އިތުރަށް ފުރިހަމަކުރުމަށްޓަކައި މުޅި ސްކްރީންޕްލޭއަށާއި، ކެރެކްޓަރ ޑިވެލޮޕްމަންޓަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަލުން މުޅި ސްކްރީންޕްލޭ ލިޔަންޖެހޭކަމަށް މަހުދީ އެންގުމުން، ސްކްރީންޕްލޭ އަލުން ލިޔެދިނުމަށް މުނައްވަރު އެދެއެވެ. ނަމަވެސް އަލުން ސްކްރީންޕްލޭ ލިޔެވޭނީ ގާތްގަނޑަކަށް 15 ދުވަހުން ކަމަށް މަހުދީ ބުނުމުން، ޝޫޓިންގއަށް ފުރުން މުނައްވަރު ލަސްކުރުމަށްފަހު ސްކްރީންޕްލޭ އަލުން ލިޔުމަށް މަހުދީއާއި ހަވާލުކުރިއެވެ.

މަރިޔަމް މޫސާ ލިޔެފައިވާ ސްކްރީންޕްލޭގެ ބޭސިކް ޕްލޮޓް ބޭންދުމަށްފަހު، މުޅި ސްކްރީންޕްލޭއަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އައު ބައިތަކެއް އިތުރުކުރުމަށްފަހު، ކެރެކްޓަރތައް އަލުން ޑިވެލޮޕްކޮށް އަދި ކްލައިމެކްސްއަށް ބޮޑު ޓްވިސްޓެއް ގެނައުމަށްފަހު، ޝޫޓިންގއަށް ފުރޭވަރަށް ސްކްރީންޕްލޭގެ ފުރަތަމަ އަދި ދެވަނަ އެކްޓް ހަފްތާއެއްގެ ތެރޭގައި މަހުދީ ލިޔެ ނިންމުމަށްފަހު މުނައްވަރާއި ހަވާލުކުރިއެވެ.

ފުރަން 2 ދުވަހަށް ވެފައި އޮއްވާ ކާސްޓިންގ ގެ މައްސަލައެއް މުނައްވަރާ ކުރިމަތިވިއެވެ. ފިލްމުގެ މުހިންމު އެއް ރޯލު ކުޅެން ހަމަޖައްސާފައިވާ އެކްޓަރެއްގެ ފަރާތުން ފިއްތުންތަކެއް ކުރިމަތިވާން ފެށުމުން، ލަފާ ހޯދުމަށް ފުންނާބު އުސް ފިލްމް އުފެއްދުންތެރިޔާ މުޙައްމަދު ނިޔާޒް (ޓެޑްރީ) އާއި މުނައްވަރު ބައްދަލުކުރެއެވެ. އަދި ޓެޑްރީގެ ލަފާގެމަތިން، މިއެކްޓަރު ފިލްމުން ވަކި ކުރުމަށްފަހު ލީޑް ރޯލްކުޅެން ހަމަޖައްސާފައިވާ އިސްމާޢީލް ރަޝީދު އަށް އެބައި ދިނެވެ. އަދި ލީޑް ރޯލަށް، ދުވަހަކުވެސް ފީޗަރ ފިލްމެއްގައި ލީޑް ރޯލް އަދާކޮށްފައިނުވާ ލުފްޝާން ޝަކީބް ހަމަޖެއްސިއެވެ.

ކާސްޓިންގގެ މިބޮޑު ބަދަލާއެކު، ސްކްރީންޕްލޭއަށްވެސް މިބަދަލުތައް މަހުދީ ގެނައުމުގެ ނަތީޖާއަކަށްވީ، ސްކްރީންޕްލޭ އިތުރަށް މުއްސަނދިވެ، ސްކްރީންޕްލޭއަށް ލިބިފައިނުވާ ތަފާތުބޮޑު ރަހައެއް އިތުރުވުމެވެ. މި ބަދަލުތަކާއެކު ލިޔެ ނިމިފައިވާ ފުރަތަމަ އަދި ދެވަނަ އެކްޓް ހިފައިގެން ޝޫޓީންގ އަށް ބ. މާޅޮހަށް މުނައްވަރާއި އެނާގެ ކާސްޓް އަދި ކްރޫ ފުރިއެވެ. އަދި ޝޫޓިންގ ނިމުމުގެ ކުރިން، ސްކްރީންޕްލޭގެ ތިން ވަނަ އެކްޓް މަހުދީ ލިޔެ ނިންމުމަށްފަހު ބ. މާޅޮހަށް ފޮނުވިއެވެ.

🎦 ޕްރޮޑަކްޝަން:
ޕްރޮޑަކްޝަން ފެށުމަށްޓަކާ ފިލްމުގެ ކާސްޓާއި ކްރޫ ބ. މާޅޮހަށް ފުރާފައިވަނީ 22 އޭޕްރިލް 2010 ގައެވެ. އަދި ޕްރިންސިޕަލް ފޮޓޮގްރަފީ ނިންމައިގެން އެނބުރި މާލެ އައިސްފައިވަނީ 26 މެއި 2010 ގައެވެ.

🎦 ޕޯސްޓް ޕްރޮޑަކްޝަން:
ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތަކަށް އެޑިޓިން އެންމެ ފުރަތަމަ ކުރަންފެށީ ޑައިރެކްޓަރ ހުސައިން މުނައްވަރެވެ. ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް އަވަސްކޮށް އަދި ހަލުވި ކުރުމަށްޓަކައި، ފިލްމުގެ އެޑިޓިންވަނީ 7 ޕްރޮޖެކްޓް ފައިލަށް ބަހާލާފައެވެ. މިގޮތުން ފުރަތަމަ ޕްރޮޖެކްޓް ނިންމުމަށްފަހު، ބާކީ އޮތް 6 ޕްރޮޖެކްޓް އެޑިޓްކުރުމަށްޓަކައި ފަސްވަނަ ގައުމީ ފިލްމް އެވޯޑް ގައި ވާލޯބި އެނގޭނަމަ (ފިލްމް) އިން އެންމެ މޮޅު އެޑިޓަރުގެ ރަން ވަނަ ހާސިލްކޮށްފައިވާ އަލީ މުސްތަފާ (ސެމީ) އާއި ހަވާލުކުރިއެވެ.

ފިލްމުގެ 5 ވަނަ ޕްރޮޖެކްޓް އެޑިޓްކޮށް ނިންމި ތަނުން، ޕްރޮޖެކްޓް ފައިލްގައި ޓެކްނިކަލް މައްސަލައެއް ދިމާވެގެން އެފައިލް ހަލާކުވިއެވެ. ނަމަވެސް ޑައިރެކްޓަރ މުނައްވަރު ބޭނުންވީ އެޕްރޮޖެކްޓް އަލުން އެޑިޓްނުކޮށް ބާކީ އޮތް 6 އަދި 7 ވަނަ ޕްރެޖެކްޓް ނިންމުމަށްފަހު 1 ވަނަ އަދި 5 ވަނަ ޕްރޮޖެކްޓް އަލުން އެޑިޓްކުރުމަށެވެ. ފަސްވަނަ ޕްރޮޖެކްޓްގެ އެޑިޓިންކުރެވުނުއިރު އެޕްރޮޖެކްޓްގެ ދިގުމިނަކީ 20 މިނެޓެވެ.

22 އޯގަސްޓް 2010 ގައި ސެމީ ވަނީ 7 ވަނަ ޕްރޮޖެކްޓް އެޑިޓްކޮށް ނިންމާފައެވެ. އަދި 1 ވަނަ އަދި 5 ވަނަ ޕްރޮޖެކްޓް އަލުން އެޑިޓްކޮށް ނިންމަން ހަފްތާއެއްވަރު ނަގާނެކަމަށް ސެމީ ލަފާކުރިއެވެ.

އޭރު އެޑިޓްކުރެވުނު 2 ވަނަ އާއި 3 ވަނަ އަދި 4 ވަނަ ޕްރޮޖެކްޓްގެ ކަލަރ ގްރޭޑިންގ ވަނީ އިޓާނަލް ސްޓޫޑިއޯގައި ހަދަން ފަށާފައެވެ. މިމަސައްކަތް ކުރި ފަރާތަކީ ރާއްޖޭގެ ފުންނާބު އުސް ޑައިރެކްޓަރ މުޙައްމަދު ނިޔާޒް (ޓެޑްރީ) އެވެ.

“10 ސެޕްޓެމްބަރު 2010 ގައި މިފިލްމުގެ އެޑިޓިންގއާއި ޑަބިންވަނީ ނިމިފައި. މިހާރު މިފިލްމުގެ ކުރެވެނީ ކަލަރގްރޭޑިންގގެ މަސައްކަތް.” ފިލްމުގެ ޓީމުން އޭރު މަޢުލޫމާތު ދީފައިވެއެވެ.

ފިލްމުގެ މިއުޒިކާއި ސައުންޑްގެ ހުރިހާ މަސައްކަތެއްކޮށްފައިވަނީ ގައުމީ ފިލްމް އެވޯޑް ހާސިލްކޮށްފައިވާ ކާމިޔާބު މިއުޒިކް ކޮމްޕޯޒަރ މުހަންމަދު އިކްރާމް އެވެ.

🎦 ރިލީޒްކުރުން:
މިފިލްމު ވަރަށް ކުލަގަދަ ރަސްމިއްޔާތެއްގައި ޕްރިމިއަރކޮށްފައިވަނީ 29 މާރޗ 2011 ދުވަހުގެ ރޭ އޮލިމްޕަހުގައެވެ. ފިލްމު ރިލީޒްކޮށްދެއްވީ މާލޭ ސިޓީގެ ފުރަތަމަ މޭޔަރ ސަރަނގު އާދަމް މަނިކެވެ.

🎦 ތަރުހީބު:
ފިލްމުގެ ޑިރެކްޓަރު އެމްއެންބީސީ ވަން ގެ ފިލްމީ އުދަރެހަށް 8 އޭޕްރިލް 2011 ގައި ދިން ބަސްދީގަތުމެއްގައި އިއުތިރާފްވެފައިވަނީ މިފިލްމު ރިލީޒްކުރުމާއި ހަމައަށް ޓިކެޓް ސޭލްސް އެސްޓިމޭޓްކުރިވަރަށްވުރެ ދަށްކަމަށެވެ. ނަމަވެސް ޕްރިމިއަރ ނައިޓަށްފަހު ޖެހިގެން ފިލްމު ދެއްކި ރޭ، ފިލްމުގެ ހުރިހާ ޓިކެޓެއް ގާތްގަނޑަކަށް ވިކި ހުސްވެ ދެން އައި ރޭތަކުގައި ޓިކެޓް ސޭލްސް ރަނގަޅުވެ ފިލްމުގެ މަގުބޫލުކަން ވަރަށް ބޮޑަށް އިތުރުވެގެން ދިޔައެވެ. އަދި ވަރަށް ގިނަ ފަރާތްތަކެއްގެ ކޮމެންޓްތަކުން މިއީ ބަލައިލަން ކަމުދާ ހުރިހާ ރަހަތަކެއް ވަރަށް ހަމައަށް ހުރި ފިލްމެއްކަމަށެވެ. އަދި މިފިލްމު އުފެއްދި ފަރާތްތަކުން ބޭނުންވި ގޮތަށް މިފިލްމު ބެލި އެންމެންވެސް ފިލްމު ބަލައިގެން ނުކުތީ އެންޓަޓެއިންވެގެން ކަމަށެވެ.

އަލަށް ލީޑް ރޯލަކުން ފެނުނު ލުފްޝާން ޝަކީބްގެ މަގުބޫލުކަން މިފިލްމުން އިތުރުވެ އަދި އަންހެނުންނަށް އަނިޔާކުރާ އަހަންމާގެ ރޯލު އަދާކޮށްފައިވާ ކޮޕީ އިސްމާއިލް ރަޝީދު އެރޯލް ހުށަހަޅާދީފައިވާލެއް މޮޅުކަމުން ގިނަ ބެލުންތެރިން އަހަންމާ ދެކެ ބިރުގަނެ، ޖެހިލުންވެ އަދި ފޫހިވީކަމަށްވެސްވެއެވެ. އަދި އޭނާގެ ‘އޭ ފޯރ އެޕަލް’ ޑައިލޮގްކޮޅުވަނީ ދިވެހި ފިލްމީ ތާރީހުގެތެރެއަށް ވަދެފައެވެ. އަދި މީގެ އިތުރުން، ހިތާމަވެރި ރޯލުތަކުން މިހާތަނަށް މަގުބޫލުކަން ހޯދާފައިވާ ނިއުމާ މުހަންމަދު މިފިލްމުގެ އިންޓަވަލް ކުރި ބިނާކޮށްފައިވާ ރޮމޭންޓިކް ކޮމެޑީގައި އޭނާގެ ކޮމިކް ޓައިމިންގ މަޖާކަމުން، މިއީ ނިއުމާގެ މުޅީން ތަފާތު އެކްޓިންގެއް ބެލުންތެރިންނަށް އަލަށް ފެނުނު ފުރުސަތެއްގެ ގޮތުގައި ފާހަގަކޮށް އެކަމަށް ތައުރީފްކޮށްފައިވެއެވެ.

🎦 ވިޔަފާރި:
މިފިލްމަކީ 2011 ވަނަ އަހަރު ނުކުތް އެންމެ ވިޔަފާރި ރަނގަޅު ފިލްމެވެ. މިފިލްމަށްވަނީ ސުޕަރހިޓްގެ ދަރަޖަ ލިބިފައެވެ.

🎦 ލިބުނު އެވޯޑްތައް:
އެންޝޯންޓަރ މޯލްޑިވްސް ފިލްމް އެވޯޑްސް 2012 ގެ އޮރިޖިނަލް ސްކްރީންޕްލޭ ވަނީ މިފިލްމްއިން މަހުދީ އަހުމަދު ހާސިލްކޮށްފައެވެ. އަދި މީގެ އިތުރުން 7 ވަނަ ޤައުމީ ފިލްމު އެވޯޑްސްގައި ގިނަ ދާއިރާތަކަކުން އެވޯޑަށް ވާދަކޮށްފައިވެއެވެ. އޭގެ ތެރެއިން އެންމެ މޮޅު އެޑިޓިންގ (ޢަލީ މުސްޠަފާ), އެންމެ މޮޅު ކެމެރާމަން (ޙުސައިން މުނައްވަރު) އަދި އެންމެ މޮޅު ބެކްގްރައުންޑް މިއުޒިކް (މުޙައްމަދު އިކްރާމް) އަށް ވަނީ އެވޯޑް ލިބިފައެވެ.

މަސްދަރު: ވިކިޕީޑިއާ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.