ޝާހްރުކް ޚާން އާއި އޭނާގެ އަންހެން ދަރިފުޅު ސުހާނާ ޚާން އާއި ދެމީހުންގެ ގުޅުމަކީ ބައްޕަ އަކާއި އަންހެން ދަރިއެއްގެ މިސާލެއް ފަދަ ގުޅުމެކެވެ. ބައްޕައާއި އަންހެން ދަރިފުޅާ ދެމީހުން ސޯޝަލް މީޑިއާގައި އެކަކު އަނެކަކަށް ލޯތްބާއިއެކު ތައުރީފު ކުރާތަން ވަރަށް ގިނައިން ފެނެއެވެ.

ސުހާނާގެ ފުރަތަމަ ފެނިލުމަކަށް ވާނީ ޒޯޔާ އަޚްތަރުގެ ނެޓްފްލިކްސްގެ ސީރިސް “ދަ އާޗީސް” އެވެ. އެއަށް ފަހު އޭނާގެ ދެވަނަ ޕްރޮޖެކްޓަކީ ބައްޕަ ޝާހްރުކް ޚާން އާ އެއްކޮށް ބޮލީވުޑްގެ ސްކްރީނުން ފެނިގެންދާނެ ޕްރޮޖެކްޓެކެވެ.

މި ޕްރޮޖެކްޓަކީ ގޯރީ ޚާންގެ ޕްރޮޑަކްޝަން ހައުސް ރެޑް ޗިލީސް އެންޓަޓެއިންމަންޓާއި ސިދާތު އާނަންދުގެ މާފްލިކްސް ޕިކްޗާސް އިން ޕްރޮޑިއުސް ކުރާ ފިލްމެކެވެ.

ޕިންކްވިލާގެ ރިޕޯޓެއްގައިވާ ގޮތުން ފިލްމު “ކަހާނީ”ގެ ޑައިރެކްޓަރު ސުޖޯއީ ޣޯޝް ވަނީ މި ފިލްމުގެ ޑައިރެކްޓަރުގެ މަޤާމަށް ހަމަޖައްސާފައެވެ. މަސްދަރަކުން މީޑިއާއަށް ހާމަކުރި ގޮތުގައި، ޝާހްރުކް ޚާން އާއި ސުޖޯއީ ޣޯޝް ވަނީ އަމީތާބް ބައްޗަން އާއި ތާޕްސީ ޕަންނޫ ލީޑް ރޯލުން ފެނިގެންދިޔަ “ބަދްލާ”ގެ ޕްރޮޑިއުސަރު އަދި ޑައިރެކްޓަރުގެ ހައިސިއްޔަތުން އެކުގައި މަސައްކަތްކޮށްފަ އެވެ. އަދި ފިލްމުގެ ތަފްސީލުތައް މިވަގުތު ވަނީ ފޮރުވާފައި ކަމަށް ވެސް ބުންޏެވެ.

ސުޖޯއީ ޑައިރެކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވާ މި ފިލްމަކީ އާ ޖޯންރާއެއް ފިލްމު އިންޑަސްޓްރީއަށް ތައާރަފް ކުރާނެ ފިލްމެއް ކަމަށް ބުންޏެވެ. މި ފިލްމު ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ޝާހް ޢަލީ
އަޙްމަދު ޝާހް ޢަލީ
ދިވެހި ފިލްމީ ދާއިރާގެ އެފުށާއި މިފުށް ރަނގަޅަށް ދަންނަ ކުރީގެ އެކްޓަރ އަދި މިހާރު ފިލްމު ޕްރޮޑިއުސްކުރާ ޝާހް ޚާއްޞަވަނީ ބޭރުގެ ފިލްމީ ޚަބަރު ލިޔުމަށެވެ.