ރުފިޔާ އަކަށް އެންމެ ސުޕާރީ އެއް ލިބުމަކީ ޙަޤީޤަތުގައިވެސް ސުޕާރީ ކާ މީހުންނަށް އޮތް ބޮޑު ކަަންބޮޑުވުމެކެވެ. ތަކެތީގެ އަގުބޮޑު ކުރިޔަސް މިއީ ދެން ތަންފުކެއް ބޮޑުވަރެއްކަމަށް ގިނަބަޔަކު ޤަބޫލުކުރެއެވެ. މިދާވަރުންގޮސް ސްޕާރީ ފުކެއް ރުފިޔާއެއްގެ ރޭޓުން ނުވިއްކިއްޔާ ރަނގަޅެވެ. ސުޕާރީ އަކީ ދިވެހިންގެ މެދުގައި އާއްމުވެފައިވާ އެއްޗަކަށްވާއިރު، ސުޕާރީ ގިނައިން ބޭނުންކުރަނީ ޒުވާނުންނެވެ. އެހެންކަމުން ސުޕާރީ އަގުބޮޑު ކުރުމުން އެކަމާ އެންމެ ކަންބޮޑުވާނެ އެއްބަޔަކަށް ވާނީވެސް ޒުވާނުންނެވެ.

‘ޕަރޭޒް ބައި ރާޅުގަނޑު ބޮޑުބެރު’ އިން މިވަނީ ވަރަށް ތަފާތު ލަވައެއް ނެރެފައެވެ. ‘ދަ ސުޕާރީ ސޯންގް’ ގެ ނަމުގައި ނެރެފައިވާ ލަވައަކީ ސުޕާރީގެ އަގު ބޮޑުކުރުމުން އެކަމާ އިހްތިޖާޖް ކުރުން ލަވައެއްގެ ސިފައިގައި ދައްކުވައިދޭ ލަވައެކެވެ.

ޔޫޓިއުބް އަދި ފޭސްބްކް މެދުވެރިކޮށް ނެރެފައިވާ މިލަވައާއިއެކު ބުނެފައިވަނީ ‘ގިނަބައެއްގެ ކަންބޮޑުވުން އަހަރެމެންނަށް އެނގޭ ކަމަށާއި އަދި އެކަމާއިމެދު އަހަރެމެން އަޑުއުފަލަން ބޭނުންކަމަށެވެ. ސުޕާރީގެ އަގު ބޮޑުކުރުމުގެ މި ނާއިންސާފާއި މެދު އަޑުއުފުލާށެވެ.’ މި މެސެޖާއިއެކު ހޭޝްޓެގްކޮށް؛ ސުޕާރީ، ސުޕާރީސޯންގް، ވީވޯންޓްޖަސްޓިސް، ސުޕާރީއަގުހެޔޮކުރޭ އަދި ތަންޕީޗްކުރޭ ފަދަ ސްލޯގަންތައް ހިމަނާފައިވެއެވެ.

ޕަރޭޒް ބައި ރާޅުގަނޑުބޮޑުބެރު ގެ ފަރާތުން މިފަހަރު ނެރެފައިވާ މި ތަފާތު ލަވައިގެ ލިރިކްސް ހަދައި ލަވަ ކިޔާފައިވަނީ ޕަރޭޒް ބޭންޑްގެ ބާނީ ހައްމާދު ރަޝީދު (ހަމްޕު) އެވެ. ލީޑް ގިޓާ ކުޅެފައިވަނީ ރާޅުގަނޑު މިއްޓު އެވެ. ބޭސް ގިޓަރ ކުޅެފައިވަނީ ރާޅުގަނޑު އެފް އެވެ. ޑްރަމްސް ކުޅެފައިވަނީ ރާޅުގަނޑު ކަކޭ އެވެ.

މި ލަވައިގެ އޮރިޖިނަލް ރާގަކީ ޓްރެފިކް ޖޭމް / ކަޔާނޯގެ ރާގެކެވެ. ކެމެރާ އަދި އެޑިޓިން ހަދާފައިވަނީ އަޙްމަދު ޖައިލަމް ފޮޓޯގްރަފީ އިންނެވެ.

ޕަރޭޒް ބައި ރާޅުގަނޑު ގެ ‘ސްޕާރީ ސޯންގް’ އަޕްލޯޑްކޮށްފައިވަނީ އިންކާގެ ނަމުގައި ހަދާފައިވާ ފޭސްބްކް ޕޭޖެއްގަ އެވެ. ޕަރޭޒް ބޭންޑްގެ ބާނީ ހައްމާދު ރަޝީދު (ހަމްޕު) މުނިއަވަސް އަށް ބުނީ ‘އިންކާ’ އަކީ ‘ސައުތު ރެޑް އިންޑިޔަންސް’ ގެ މާނަ ދޭހަވާ ލަފުޒެއް ކަމަށެވެ. އަދި އިންކާ އަކީ މުނިފޫހިފިލުވުމުގެ މަޤުޞަދުގައި ހެދި ޕޭޖެއް ކަމަށާއި ބޭންޑްގެ ލައިވް ޕަރފޮމަންސް ތަކެއްވެސް ކުރިއަށް އޮތް ތަނުގައި މި ޕޭޖުން ފެނިގެން ހިނގައިދާނެ ކަމަށްވެސް ހަމްޕު ބުންޏެވެ.

ޕަރޭޒް ބައި ރާޅުގަނޑުން މީގެ ކުރިންވެސް ވަނީ ވަރަށް ތަފާތު ވީޑިއޯ ލަވައެއް ނެރެފައެވެ. މިދިޔަމަހު 26 ގައި ޕަރޭޒް ގެ ފުރަތަމަ ވީޑިއޯ ލަވަ ‘ޖާދޫވި މާ’ ނެރެފައިވާއިރު ހަމްޕް ބުނީ އެމީހުންގެ ކޮންމެ ލަވައަކުންވެސް މުޖުތަމައަށް ފައިދާހުރި މެސެޖެއް ދޫކޮށްލާނެ ކަމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.