ރަށެއްގެ ރައްޔިތުންނަށް ނުވަތަ ރައްޔިތުންގެ ތެރެއިން ބަޔަކަށް ބޮޑުކަމެއް ދިމާވެއްޖެނަމަ އެކަމުން އެރަށް ނުވަތަ އެބަޔަކު ސަލާމަތްކުރަން މަސައްކަތްކުރުމަކީ ކޮންމެމީހެއްގެ ވާޖިބެކެވެ. އެކިމީހުން ކުރާނީ އެކި މަސައްކަތެވެ. އެހީތެރިވުމަކީ މަސައްކަތުގެ އެންމެބޮޑު ބައެވެ. ޖާވިޒްގެ މަސައްކަތަށް އެހީވުމަށް ޒުވާނުންގެ ތެރެއިން ފަސްމީހަކު ކުރިމަތިލުމީ ރައްޔިތުންނަށް ލިބުނު އެންމެބޮޑު އެއްއުފަލާއި ހިތްހަމަޖެހުމެވެ. އުންމީދު އާވެގެންދިޔަ ކަމެކެވެ.
ހަނދުމަހުގެ ފަނަރައާ ދިމާވާތީ ޖާވިޒްގެ އުންމީދު އާވިއެވެ. ކުރަންއުޅޭ މަސައްކަތް ކާމިޔާބުވާނެކަމުގެ ޔަގީންކަން ބޮޑުވިއެވެ. ވާންވީ ތައްޔާރީތައް ކައުންސިލާއި ކޮމެޓީއާ ހިއްސާކުރިއެވެ.
ހަނދުމަހުގެ ސާދަވިލޭރެއެވެ. ޖާވިޒްގެ ޓީމުން ރަށުގެ އިރުވާކޮޅު ތުންޑީގައި އެބައިމީހުންގެ މަސައްކަތްފެށިއިރު އެގާރަ ޖަހަނީއެވެ. އަލިގަދަ ބައްތިތަކާއި ފެންފުޅިއެއް ހިފައިގެން ޖާވިޒް އާއި އެހެން ތިންމީހަކު ގަބުރުސްތާނަށް ވަނެވެ. ކުރަންއުޅޭ ކަންތަކުގެ މުހިންމުކަން ވިސްނޭތީ އެންމެންވެސް ތިބީ ޖާވިޒްގެ އިޝާރާތަކަށް ވިސްނައި ސަމާލުވެގެންނެވެ.
ކުރަންވީ ކަންކަން ކޮންމެމީހަކަށް ވަކިން ކިޔައިދިނުމަށްފަހު ޖާވިޒް އޭނާގެ މަސައްކަތްފެށިއެވެ. ފެންއަޅަންޖެހޭ ތަންތަނަށް ފެން އަޅަމުން ކިޔަވަމުންދިޔައެވެ. ދޭތެރެއަކުން ގަޑިބަލާލައެވެ.
ޖަހާލި ގުގުރީގެ ބާރުއަޑާއެކު ވިދާލިވިދުވަރުގެއަލިން މުޅިބިން އަލިވެގެންދިޔައެވެ. ހޮނުއެޅިފަދަގޮތަކަށް ޖައްވުގެތެރެއިން ފޭބި އަލިފާންކަނި ގޮސް ޖެހުނީ ޒުބޭދާގެ މަހާނަމައްޗަށެވެ. އެއާއެކު މަހާނަމަތިން ވެލިތައްބުރައިގެންދިޔައީ ގަދަވަޔާއެކު ފަތްތަކެއް ބުރައިގެންދާހާ ފަސޭހަ ކޮށެވެ. ޖާވިޒްގެ މޫނުމަތިން ފާޅުވެގެންދިޔައީ ހިނިތުންވުމެވެ.
” މިކަން މެދުވެރިވަނީ އަންހެނެއްގެ ސަބަބުން …. އެމީހަކު އަދިވެސް މިރަށުގައި އެބައުޅޭ. މަސައްކަތްއޮތީ ކުރިޔަށް. މިރެއަށް މިދެން ނިމުނީ. ބުނިގޮތަށް ކަންތައްކޮށްގެން ނޫނީ ނުނިދާތި. ” ކައިރީތިބި މީހުނަށް ބަލާލަމުން ޖާވިޒް ވާހަކަދެއްކިއެވެ.
މަސައްކަތުގެ ފުރަތަމަމަރުހަލާ ބޭނުންވިގޮތަށް ނިންމާލެވުނީތީ ޖާވިޒް އާއި އޭނާގެ ޓީމުންތިބީ ވަރަށް ހިތްހަމަޖެހިފައެވެ. ކާމިޔާބު ދެއްވުންއެދި ދުޢާކުރާމީހުން އެކަމުގައި ދެމިތިބީ އުންމީދާއިއެކުގައެވެ.
ހެނދުނު ދިހައެއްޖާހައިރަށް ހުރިހާރައްޔިތުން ކައުންސިލްއިދާރާ ކައިރިއަށް ހާޒިރުވުމަށް އަޑުގަދަކުރާއިން ގޮވަމުންދާތީ އެތަނަށް ދާންވާއިރަށް މެންދުރަށް ކައްކައި ބަދިގެތޭރެގެ މަސައްކަތްތައް ނިންމާލެވޭތޯ ނާޖިދާ އުޅެމުންދިޔައެވެ.
ސަމްޢާން ގޮވައިގެން ގަސްތަކުތެރޭގައި ކަމާލިޔާ އުޅެމުންދިޔައިރު ސަމްޢާންގެ އުނަގަނޑުގައި އަޅާފައިވާ ތަވީދެއްނެތެވެ. ނާޖިދާ ބޭރަށް ނުކުތްވަގުތު ކަމާލިޔާ ، ސަމްޢާންއަށް ހަދަމުންދިޔަގޮތް ފެނުނެވެ. އަރައިގެން ރުޅިން ބާރުބާރަށް ނާޖިދާ ގޮސް ކަމާލިޔާއަތުން ސަމްޢާން ދަމައިގަތެވެ. ސަމްޢާންގެ އުނަގަނޑުގައި ޖާވިޒް އަޅައިދިން ތަވީދު ނެތްކަން އެނގުމާއެކު އެކޮބައިތޯ ނާޖިދާ އެހިއެވެ.
” އެދެން ކީއްކުރާ އެއްޗެއް ؟ ފާޑަކަށް އޮޅާލާފައިއޮތް ފަތިކޮޅެއްނު އެއީ …. އަހަރެން އެއެއްލާލައިފިން. ” ކަމާލިޔާގެ ކިބައިން ފެނުނީ އާދައިގެގޮތެކެވެ. އޭނާގެ ނަޒަރުގައި އެއީ އެއްވެސް އެއްޗެއް ނޫނެވެ.
” ކަލޭގެ ކަންތައް ތިދަނީ މާމައްޗަށް …. މާފޮނިވެގެން އުޅެންޏާއި ކަލޭގެބައްޕަ ކައިރީ ބުނާނަން. ” ރުޅިވެރިކަމާއެކު ކަމާލިޔާއަށް އިންޒާރުދެމުން ނާޖިދާ ގޮސް ގޭތެރެއަށް ވަނެވެ.
ނާޖިދާ އިންޒާރުދިން ނަމަވެސް ކަމާލިޔާ އެކަމަކަށް ސަމާލުކަމެއް ނުދިނެވެ. ނާޖިދާ ރުޅިއައުމުން އޭނާވީ އުފަލެވެ. ނާޖިދާއަށް ބަލާލަމުން ހިނިތުންވެލީ ކާމިޔާބަށް އުފާކުރަމުންނެވެ.
އިރުއޮއްސެން ކައިރިވުމުން ބޭރަށް ނުކުމެ ކަމާލިޔާގާތު ގެއަށް ވަންނަން ނާއިމް ބުނި ނަމަވެސް ކަމާލިޔާ ވަންނާކަށް ނޫޅެއެވެ. އިރުކޮޅަކުން ވަންނާނެކަމަށްބުނެ އޮތްގޮތަށް އޮތީއެވެ. ދެވަނަފަހަރު ވެސް ކަންތައްވީ އެހެންނެވެ. ނާއިމް ހިތްހަމަނުޖެހިގެން އެއްޗެކޭ ބުނިނަމަވެސް ކަމާލިޔާގެ ނިންމުމަކަށް ބަދަލެއް ނައެވެ. އެބުނާ އިރުކޮޅެއް ވެސް ނައެވެ. ކަމާލިޔާގެ ގޮތްގަނޑު ރަނގަޅަށް އެނގޭތީ ނާއިމް ކެތްތެރިވިއެވެ.
މަޣުރިބުނަމާދުން ފައިބައިގެން ނާއިމްމެންގެއަށް ޖާވިޒް އައިއިރު ނާޖިދާމެން ތިބީ ހާސްވެ ކަންބޮޑުވެ ހަދާނެގޮތް ހުސްވެފައިވާ ފަދައަކުންނެވެ. ނާޖިދާހުރީ ރޯލަރޯލައެވެ. ދެފަހަރަކު ޖާވިޒަށް ގުޅައިވެސް ފިއެވެ. އެހެންރޭތަކާއި ހިލާފަށް މިރޭ ޖާވިޒް އައިއިރު އެތެރެ ނުފެންނަ ކޮތަޅެއް ވެސް ގެނައެވެ.
” ޖާވިޒްބޭ …. އަހަރެމެންގެ ދަރިފުޅު. އަހަރެމެންގެ ދަރިފުޅު ސަލާމަތްކޮށްދީ. ” ޖާވިޒްގެ އަތުގައި ހިފަމުން ނާޖިދާ ރޮއިގަތެވެ.
ޖާވިޒް އަވަސްވެގަތީ ސަމްޢާންއަށް ވީގޮތެއް ބަލާށެވެ.
” ކޮންއިރަކު ކީއްވެގެން މިހެންވީ ؟ ކޮބާ ތަވީދު ؟ އޭރު ވެސް ޖާވިޒްބެ ބުނީމެއްނު ތަވީދު ނުނަގައްޗޭ. ” ޖާވިޒް ހާސްވެ ކަންބޮޑުވިއެވެ. ސިއްރު ސިއްރުން ކޮންމެވެސް ކިޔެވެއްޔެއް ކިޔަވާލަމުން ސަމްޢާންގެގައިގާ ފިރުމާލިއެވެ.
ސަމްޢާންގެ ހަށިގަނޑެކޭ ހޫނުކޮށްފައިވާ ދަގަނޑެކޭ އެއްގޮތެވެ. ހޫނުކަމުން އަތްޖައްސާލަން ނުކެރޭވަރަށް ހޫނުއަރަމުންދިޔައިރު އަތްފައި ބުޅިކުރަމުންދިޔައީ ހިފަހައްޓާލަން އުނދަގޫވާ ވަރަށެވެ. ވޭނަކުން ސަލާމަތްނުވެގެން އުޅޭހެން އަޑުން އަޑުންނަގައި ހުއްޓުމެއްނެތި ބާރުބާރަށް ރޮމުންދިޔައިރު މުޅިކުއްޖާ ތުރުތުރުއަޅައެވެ.
” އަވަހަށް ގޮސްއާދޭ ވާރޭފެންފޮދެއް ހިފައިގެން. ” ހާސްވެ ކަންބޮޑުވެފައިހުރި ޖާވިޒް އެދުނެވެ.
ނާޖިދާ ގެނެސްދިން ފެންތައްޓަށް ބަލަހައްޓައިގެންހުރެ ޖާވިޒް ކޮންމެވެސް ކިޔެވުމެއް ސިއްރު ސިއްރުން ކިޔަވަމުންދިޔައެވެ. ދޭތެރެއަކުން ފެންއެއްޗަށް ފުމެލައެވެ. ވާނުވާނޭންގޭ ހާސްކަމެއްގައި ނާއިމް ހުރިއިރު ނާޖިދާ ރޮމުންދިޔަ ރުއިމަކަށް ބަދަލެއް ނާދެއެވެ.
ޖާވިޒް ކިޔެވި ފެންތަށިން ފެންފޮދެއް ވިހެލުމާއިއެކު ސަމްޢާންގެ ހަށިގަނޑުން ދުންބުރައިގެންދިޔައެވެ. ހޫނުކޮށްފައިވާ ދަގަނޑެއް ކަހަލައެއްޗަކަށް ފެންޖަހާލިކަހަލައެވެ. ޖާވިޒް އޭނާގެ ޢަމަލު ތަކުރާރުކޮށްލިއެވެ.
އަރާފައިހުރި ބާރުކެނޑި އަތްފައިގެ ހަރަކާތް ހުއްޓި ސަމްޢާން އެނދުމައްޗަށް ދެމުނީ ތިންމީހުން ބަލަހައްޓައިގެން ތިއްބައެވެ. ލިބުނު ހައިރާންކަމާއެކު ޖާވިޒް އަވަސް އަވަހަށް ފެންފޮދަކުން ރަހަބަލާލިއެވެ.
” ކިހިނެތްއެވީ ؟ ” އަވަސް އަވަހަށް ނާއިމަށް އަހާލެވުނެވެ.
” މީ ކޮންކަހަލަ ފެނެއް ؟ …. މިއީ ހުސް ލޮނެއްނު. ތިހެދިއެއްޗަކުން ދެން ހިޔެއްނުވޭ ސަމްޢާން ސަލާމަތްވާނެހެނެއް. ” ނާއުންމީދީ ބެލުމަކުން ސަމްޢާންއަށް ބަލާލަމުން ޖާވިޒް ތިރިވިއެވެ. ސަމްޢާންގެ މުޅިހަށިގަނޑުން ހަންފޮޅި ގައިގެކުލަ ހުދުވެގެންދިޔައީ ވަރަށް އަވަހަށެވެ.
ޖާވިޒް އެހެން ބުނި ނަމަވެސް ނާޖިދާއަކަށް އެވާހަކައެއް ގަބޫލެއް ނުކުރެވުނެވެ. އޭނާ ފެންއަޅައިގެންއައީ މޭޒުމަތީހުރި ޖަގުންނެވެ. އެޖަގަށް ވާރޭފެންއެޅީ ނާޖިދާގެ އަތުން މިރެއެވެ.
” ސަމްޢާން މަރުވީ. ” އިސްޖަހާލަމުން ޖާވިޒް ބުނެލިޖުމްލައާއެކު ނާޖިދާގެ އަޑުފަޅައިގެންދިޔައެވެ.
ސަމްޢާން މަރެއްނުވާނެއޭ ބުނެ އަޑުގެކޮޅަށް ހަޅޭލަވައިގަންނަމުން ރޯންފެށިއެވެ. ނާޖިދާ ހަމައަކަށް އެޅުވޭތޯ ނާއިމް މަސައްކަތް ފެށިއެވެ. ނާޖިދާ ހިފަހައްޓާލަން ނާއިމަށް އުނދަގޫވި ނަމަވެސް އިރުކޮޅެއްގެތެރޭ އޭނާގެ ހަބަރު ހުސްވިއެވެ.
ނާޖިދާ ހޭއެރުވޭތޯ ނާއިމް މަސައްކަތްކުރަމުންދިޔައިރު ޖާވިޒް ވެސް އޭނާގެ މަސައްކަތާއިގެން ކުރިޔަށްދިޔައެވެ.
” ކަމާލިޔާ …. ކަމާލިޔާ …. ރާއިދު އާ ޒުބޭދާ އަދި ސަމްޢާން މަރާލީ. ” ހޭއެރުމާއިއެކު ފުންމައިގެން ކަހަލަގޮތަކަށް ތެދުވަމުން ނާޖިދާ ބުންޏެވެ. އޭނާ މަސައްކަތްކުރީ ދުވެފައި ބޭރަށް ނުކުންނަން ނަމަވެސް ނާއިމް އޭނާ ހިފެހެއްޓިއެވެ.
” ކަމާލިޔާއޭ ؟ ” ނާއިމް ހާސްވެ ކަންބޮޑުވިއެވެ. ގަބޫލުކުރަން ދަތިވެގެން ނޫނެކޭ ބުނާފަދައަކުން ދެއަތަކަށް ބޯހޫރާލިއެވެ.
” އޭނާ ސަމްޢާންގެ ތަވީދު އެއްލާލީ. ސަމްޢާންގެ ގައިން އަބަދު ފޮނުބޮނީ. އަހަރެންގެ ކޮނޑުން ލޭއަންނަން ފެށީވެސް އޭނާ ކައިރީ ނިދަންފެށިފަހުން ….. އޭނާ ކައިރީ ނިދާ ކޮންމެރެއަކު އެހެންވޭ. ” ރޮމުން ރޮމުން ނާޖިދާ ކިޔައިދިނީ އޭނާއަށް ދިމާވިގޮތާއި އޭނާ ގަބޫލުކުރާ ގޮތެވެ. ނާއިމަށް ކަމެއް ހަނދާންކޮށްދިނެވެ.
އިވުނު ވާހަކަތައް ގަބޫލުކުރަން ބޭނުންނުވި ނަމަވެސް ނާއިމް ހިތްވަރުކުރިއެވެ. ކެތްތެރިވެ ހަމަޖެހުމަށް ނާޖިދާގާތު ބުނަމުން އަވަސް އަވަހަށް ގޮސް ކަމާލިޔާ ކޮބައިތޯ ބަލާލިއެވެ. ކަމާލިޔާގެ ކޮޓަރިއަކު ބޭރަކު ކަމާލިޔާއެއް ނެތެވެ.
” ކަމާލިޔާ ގެއަކުނެތް. ” ހާސްވެފައިހުރި ނާއިމް އެހެން ބުނިއިރު އޭނާއަށް ރޮވިއްޖެއެވެ.
” ގޭތެރޭގެ ކަންތައްތައް ނާއިމް ބަލަހައްޓާ …. އަހަރެން ބަލާނަން ކަމާލިޔާގެ ޙަޤީޤަތް ހޯދޭތޯ. ” ސިއްރުސިއްރުން ކިޔަވަމުން ޖާވިޒް ނުކުތީ ގޯތިތެރެއަށެވެ. އިވުނު ވާހަކަތަކާއި ފެނުނު މަންޒަރުގެ ސަބަބުން އޭނާ ބިރުގަނެ ޖެހިލުންވާގޮތެއް ނުވިއެވެ.
ކިޔެވެލިކިޔަވަމުން ގަސްތަކުތެރޭގައި ހިނގަމުންދިޔަ ޖާވިޒްގެ އުންމީދުއާވެ މޫނުމަތިން އުފާވެރިކަން ފާޅުވާންފެށީ ގޯތިތެރޭގައިހުރި ގަސްތައް ބިންދަބިންދައިގެން ބިންމައްޗަށް ފައިބާންފެށުމުންނެވެ. ފަހަރަކު ގަހަކުން ގަހަކުން ހަލާކުވަމުން ތިރިވަމުން ތިރިވަމުން ގޮސް ހުރިހާގަހެއް ބިމާއި ހަމަވިއެވެ.
ސަމްޢާންގެ މަރުގެ ސަބަބުން ލިބުނު ހިތާމަ އާއި ހިތްދަތިކަމުގައި ހުއްޓުންއަރައި ފާރުކައިރިއަށް ބިތްޖެހިފައިތިބި ނާޖިދާ އާއި ނާއިމް ސިއްސައިގެންދިޔައީ ކުއްލިއަކަށް ސަމްޢާންގެ އަނގައިން ލޭފައިބާން ފެށުމުންނެވެ. ނާއިމް އަވަސް އަވަހަށް ބޭރަށްނުކުމެ ޖާވިޒަށް ގޮވާލަމުން އެވާހަކަ ބުންޏެވެ.
ކޮތަޅުންނެގި މަސްދަތްފިޔޮހި ހިފައިގެން ސަމްޢާންއާ ގާތްވެލަމުން ދުންކިބަ ގާތްކުރަން ޖާވިޒް އެދުނެވެ. ސަމްޢާންގެ ގަޔަށް ދުންބުރުވަމުން ޖާވިޒްގެ ކިޔެވެލި ބާރުކޮށްލިއެވެ. ކުއްލިއަކަށް ވައިގަދަވެލާފައި ވިއްސާރައިގެ ކުލަވަރު ދައްކާލިއިރު ވިދާގުގުރަން ވެސް ފަށައިފިއެވެ. ފެންނަ މަންޒަރުން ހީވަނީ ތޫފާނެއް ކުރިމަތިވިހެންނެވެ.
ނާޖިދާގެ ބިރުގަތުން އިތުރުވެ ރުއިން ބާރުވިއެވެ.
ވަރަށްކައިރިން ރޯލި އަންހެންކުއްޖާގެ އަޑު ކަންފަތުގައި ޖެހުމާއެކު ވެސް އެއީ ކަމާލިޔާގެ އަޑުކަން ތިންމީހުނަށް ޔަގީންވިއެވެ. އަޑުނުކުތީ ސަމްޢާންގެ އަނގައިން ނަމަވެސް ނާއިމާއި ނާޖިދާއަކަށް އެކަމެއް ނޭންގެއެވެ. އެމީހުން ވަށައިގެން ހޯދާލިއިރު ކަމާލިޔާ ފެންނާކަށްނެތެވެ.
” ހާސްނުވޭ … އިރާދަކުރެއްވިއްޔާ މިފަހަރު ހުރިހާކަމެއް ރަނގަޅުވާނެ. ” ބިރުން ސިހިސިހިތިބި ނާއިމާއި ނާޖިދާއަށް ބަލާލަމުން ޖާވިޒް ބުންޏެވެ.
” މިހާރުން މިހާރަށް ކަލޭ މިއާޢިލާ ދޫކޮށް ތިޔައަނިޔާވެރިކަން ދޫކޮށް މިރަށުން ފައިބާ …. ކަލޭ އިސްލާހްވެ ރަނގަޅުވޭ. ” ކިޔެވެއްޔާއިގެން ކުރިއަށް ދަމުން ޖާވިޒް ވާހަކަދެއްކިއެވެ. ބަލަހައްޓައިގެންއިނީ ސަމްޢާންގެ މޫނަށެވެ.
” ނުދާނަން …. އަހަރެންނަކީ އަހަރެން އަމިއްލައަށް މިގެއަށްއައި މީހެއް ނޫން … އަނިޔާ ނުކުރާމީހަކަށް އަނިޔާވެރިއެއްނުވަން. ނުވެސް ވާނަން. ” ކަމާލިޔާ ޖަވާބުދިނެވެ. އަޑުއައީ ސަމްޢާންގެ އަނގައިން ނަމަވެސް ސަމްޢާންގެ ކިބައިން އެއްވެސް ހަރަކާތެއް ނުފެނެއެވެ.
ޖާވިޒްގެ ހިތްހަމަނުޖެހުން އިތުރުވަމުން ކިޔެވެލި ބާރުވަމުންދިޔަ ނަމަވެސް ކަމާލިޔާ ގޮތްދޫކުރާކަށް އެއްބަހެއް ނުވިއެވެ. ބައެއް ފަހަރު ޖާވިޒަށް ރައްދުދެމުންދިޔައީ ހިތްހަމަނުޖެހުމާއި ރުޅިވެރިކަމާއެކުއެވެ.
ޖާވިޒްގެ އަނގައިން ނުކުތް ދުންކޮޅު ވަޔަށްވެގެން ޖައްވުގެތެރެއަށް ގެއްލުނީ ތިންމީހުން ބަލަހައްޓައިގެން ތިއްބައެވެ. ގެއްލުނު ދިމާއެއް އެކަކަށް ވެސް ޔަގީނެއްނޫނެވެ. ކެތްތެރިވެ ހަމަޖެހިގެން ތިބުމަށް ޖާވިޒް ބުނަމުންދިޔަ ނަމަވެސް ނާއިމް އާއި ނާޖިދާ ބިރުން ތެޅިފޮޅެނީއެވެ. ޖާވިޒްގެ ކިބާގައި ރައްކާތެރިވުމުގެ އިލްމާއި ހިލްމު ހުރިނަމަވެސް އެމީހުންގެ ކިބާގައި އެއިން އެއްވެސްކަމެއް ނެތްކަން އެމީހުނަށް ވިސްނެއެވެ.
ގެއަށް ވަންނަންހުރި ދޮރުކައިރީ މަޑުކޮށްލައިގެންހުރި ކަމާލިޔާ ނާއިމް އާއި ނާޖިދާއަށް ފެނުނީ ޖާވިޒް އެދިމާއަށް އެނބުރުމުން އެދިމާއަށް ބަލާލި ވަގުތުއެވެ. އަނގަ އާއި ނޭފަތުން ލޭއައިސް ހެދުމާއެކު ލެއިން ތަތްތެޅިފައިހުރި ކަމާލިޔާގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަމުން ދިޔައެވެ. މުޅިގައިގާވަނީ ދޮންވެއްޔެވެ. ރޮމުން ރޮމުން ކަމާލިޔާ އެދުނީ ނާއިމްގެ އެހީއަކަށެވެ.
ކަމާލިޔާ ހުރި ހާލުފެނުމުން ނާއިމްއަކަށް ކެތެއް ނުވިއެވެ. ދަރިފުޅާއޭ ގޮވާލަމުން އެދިމާއަށް ހިނގައިގަތެވެ. ނާއިމް މަސައްކަތްކުރީ ކަމާލިޔާ ކައިރިއަށް ދާން ނަމަވެސް ޖާވިޒް އެކަން ހުއްޓުވިއެވެ. އެއީ ކަމާލިޔާ ނޫންކަން ވިސްނައިދިނެވެ.
” ދެން ކޮންމެހެން ރޯނެކަމެއްނެތް. ރާއިދާއި ޒުބޭދާ އަދި ސަމްޢާން މަރާލިއިރު ތިޔަ ރުއިންކޮބާ ؟ ހިތަށް އަސަރެއްކުރިތަ ؟ އެއްޗެކޭ ހިތަށްއެރިތަ ؟ ” ރުޅިވެރިކަމާއެކު ކަމާލިޔާއަށް ބަލަންއިނދެ ޖާވިޒް ސުވާލުކުރިއެވެ.
” އަހަރެން ….. އަހަރެންނެއްނޫން ފުރަތަމަ …. ” ކޮންމެވެސް އެއްޗެކޭ ބުނަން ކަމާލިޔާ މަސައްކަތްކުރިނަމަވެސް އޭނާގެ ޖުމްލަ ފުރިހަމަ ނުކުރެވެނީސް ނާޖިދާ ހަޅޭލަވައިގަތެވެ.
” ކޮން އަހަރެންނެއް ނޫނޭ ކިޔާކަށް …. ކަލޭ ހުރިހާކަމެއް ކުރީ …. މިޢާއިލާގަ ހުރެގެން އަހަރެމެނަށް ހުރިހާ ގެއްލުމެއްދިނީ. ކަލޭތީ ކަމާލިޔާއެއް ނޫން …. ކަލޭ ތީ ޖިންނިއެއް ….. ކަލޭތީ ފުރޭތައެއް … ކަލޭ މަރާލާނަން. މަރާލާނަން. ” ނާޖިދާ ހުރީ ހަމައިން ނައްޓާފައިކަން ނާއިމާއި ޖާވިޒަށް އެނގެއެވެ. ނާޖިދާގެގައިގާ ހިފަހައްޓައިގެންހުރުމަށް ނާއިމަށް ޖާވިޒް އިޝާރާތްކުރިއެވެ.
” އާން …. އާން …. އަހަރެންމީ ކަމާލިޔާއެއްނޫން …. އަހަރެންމީ ނާއިމްގެ ދަރިއެއްނޫން ….. ސަމްޢާންއަކީ ވެސް ނާއިމްގެ ދަރިއެއްނޫން …. އަހަރެންނަކީ އިންސާނެއް ވެސް ނޫން. އެކަމަކު …. ކަލެއަށްވުރެ އަހަރެން ވެސް ރަނގަޅުވާނެ. ” ކަމާލިޔާ ރުޅިއައިސްރަތްވި ކަހަލައެވެ. އަޑުގެކޮޅަށް ހަޅޭލަވައިގަންނަފަދައަކުން ވާހަކަދެއްކިއިރު ކާމިޔާބަށް ހިނިތުންވަމުންދިޔައެވެ. އެއްފަހަރާ އެތައް ބަޔަކު ވާހަކަދައްކާހެން ހީވާ ފަހަރާއި އެއްފަހަރާ އެތައްބަޔަކު ހޭހެން ހީވާފަހަރު ވެސް އައެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
- ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 17 ޖުލައި 2024ހާދިސާއޭނާ – ތިރީސްވަނަ ބައި (ފަހު ބައި)
- 20 ޖޫން 2024ބިރުވެރިއޭނާ – ނަވާވީސްވަނަ ބައި
- 3 ޖޫން 2024ބިރުވެރިއޭނާ – އަށާވީސްވަނަ ބައި
- 27 އޭޕްރިލް 2024ބިރުވެރިއޭނާ – ހަތާވީސްވަނަ ބައި