މިރޭ މިއީ އެރެއެވެ. މަޝްހޫރު އެކްޓްރެސް ނިޢުމާ މުޙައްމަދުގެ ފިލްމު “ކަޅަކިި”ގެ ފަރުދާ ކަހައިލުން އޮތީ މިރޭ ނުވައެއް ޖަހާއިރު އެވެ. އެއްވެސް އަގަކާއި ނުލައި، ދިވެހި ފަންނާނުންގެ އިވެންޓްތައް ބޭއްވުމަށް މިނިސްޓްރީ އޮފް އާޓްސް އެންޑް ކަލްޗަރ އިން ހަދާފައިވާ އޮލިމްޕަހުގެ ހިތްގައިމު ބެކް ސްޓޭޖްގައެވެ.

ރާއްޖޭގެ ފިލްމީ ދާއިރާގެ ކްއީން ނިޢުމާ މުޙައްމަދުގެ ޕްރޮޑަކްޝަން ހައުސް ’ނިއުޒޯ ފިލްމްސް‘ އިން އުފައްދާފައިވާ ފިލްމު “ކަޅަކިި”ގެ ފަރުދާ ކަހައިލެވޭ މި ހަފުލާގައި ފިލްމާއި ގުޅުންހުރި ގިނަ ކަންތައްތަކެއް ހާމަވެގެންދާނެ ކަމަށް މަޢުލޫމާތުލިބެ އެވެ.

މި ފިލްމުގެ މަންޒަރުތަކެއް އެންމެ ފުރަތަމަ ދައްކާލާފައިވަނީ 05 މާރިޗް 2020 ވަނަ އަހަރު އެވެ. މުނިއަވަސް މެދުވެރިކޮށް ފުރަތަމަ ފަހަރަށް އާއްމުކޮށްފައިވާ ފަސްޓް ލުކް ޓީޒާއިން ހިތްގައިމު، ބިރުވެރި، މޮޅު އަދި ‘ޝޮކިންގ’ މަންޒަރުތަކެއް ފެނިގެންދެއެވެ.

ފިލްމުގެ ޓީޒާއިން މީގެ ކުރިން ދިވެހި ބިރުވެރި ފިލްމަކުން ފެނިފައި ނުވާ ފަދަ މޮޅު މަންޒަރުތަކެއް ފެންނައިރު، ދެތިން ހަތަރު ފަހަރު ޓީޒާ ބަލައިލުމުންވެސް ސިއްސަސިއްސައިގެން ދާ ވަރުވެއެވެ.

ފިލްމު “ކަޅަކިި”ގެ ފުރަތަމަ ޓީޒާ މުނިއަވަސް މެދުވެރިކޮށް ބެލުންތެރިންނަށް ދޫކޮށްލަމުން ނިޢުމާ މުޙައްމަދު ބުނެފައިވަނީ ޕްރޮޑިއުސަރެއްގެ ހައިސިންޔަތުން “ކަޅަކިި” ފިލްމުގެ މަސައްކަތާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.

“ޔޫއްޕެގެ ވަރަށް ހިތްގައިމު ސްކްރީންޕްލޭ އަކަށް މި ފިލްމު ހެދިފަ މިއޮތީ. ދެން ޔޫއްޕެގެ މަސައްކަތާ ދޭތެރޭގަ އެއްވެސް ވަރަކަށް ‘ޑައުޓެއް’ ވެސް ނުކުރަން. ޔޫއްޕެ އަކީ ހަމަ ފަސްމީރު ކުރިރުކެކޭ ބުނެވޭނީ.

ނިޢުމާ މުޙައްމަދު

ފިލްމުގެ ސްކްރީންޕްލޭ ލިޔެ ޑައިރެކްޓްކޮށް އަދި އެކްޓްވެސް ކޮށްފައިވާ ރާއްޖޭގެ އެންމެ ހުނަރުވެރި އެކްޓަރ ޔޫސުފް ޝަފީޢުގެ މަސައްކަތާމެދު ހިތްހަމަޖެހުން ފާޅުކުރަމުން ނިޢުމާ ބުންޏެވެ.

ފިލްމު “ކަޅަކިި” އެއްކޮށް ޝޫޓްކޮށްފައިވަނީ ސްރީ ލަންކާގެ ކޮލޮމްބޯއިން ބޭރު، އެކަހެރި، ހިތްގައިމު ސަރަޙައްދެއްގައިކަން ފާހަގަކުރަމުން ނިޢުމާ ބުނީ ފިލްމުގެ ކާސްޓާއި ކްރޫއިން ތިބީވެސް އިތުރު އެއްވެސް ގެއެއް ނެތް އެކަހެރި ސަރަހައްދެއްގައި ކަމަށެވެ.

“ލަންކާގެ ކޮލޮމްބޯ ސިޓީން ބޭރުގަ ތަންކޮޅު ދުރު ހިސާބެއްގަ ޝޫޓްކޮށްފަ މިއޮތީ. އަނެއްހެން ބުނާނަމަ ކާސްޓުން ގޮސް ތިބި ގެ ހިސާބުގަނޑުގަވެސް ނުހުންނާނެ އެއްވެސް ގެއެއް. އަނެއްހެން ބުނަންޏާ ހަމަ ‘ބިގް ބޮސް’ ކަހަލަ ތަނަކަށް ގެންގޮސް ބޭތިއްބީ. ދެން އެ ހުރިހާ ކަމެއްވެސް ޓޮލެރޭޓްކޮށްގެން ކެތްތެރިކަމާއެކީގަ ހުރިހާ ސްޓާރުންވެސް ހަމަ ވަރަށް އެއްބާރުލުން ދީގެން މަސައްކަތް ނިންމާލެވުނީ. އެހެންވީމަ ވަރަށް ބޮޑަށް އުފާވޭ މަސައްކަތާ ދޭތެރޭގަ.

ނިޢުމާ މުޙައްމަދު

ފިލްމުގެ ޝޫޓިން ކުރިއަށް ދިޔަގޮތް ހިއްސާކުރަމުން ނިޢުމާ ފާހަގަކުރިއެވެ.

“ފިލްމުގެ ހުރިހާ ކާސްޓުންގެ ވެސް އެކްޓިން ހަމަ ވަރަށް މޮޅު. ދެން ހުރިހާ ކާސްޓުންނަށް ވެސް ހަމަ ވަރަށް ބޮޑަށް ތެންކިޔު.

ނިޢުމާ މުޙައްމަދު

ފިލްމުގެ ތަރިންގެ މަސައްކަތާމެދުވެސް ނިޢުމާ ހުރީ ހިތްހަމަޖެހިފައެވެ.

ފިލްމު “ކަޅަކިި”ގެ މައިގަނޑު ކާސްޓުގައި ހިމެނެނީ ޔޫސުފް ޝަފީޢު (ޔޫއްޕެ)، ޢަލީ ސީޒަން، މުޙައްމަދު މަނިކް، ރިޝްފާ، ލަހޫގެ އިތުރުން ވާޝިޔާ މުޙައްމަދު (ޝިޔާ) އެވެ.

ބިރުވެރި ފިލްމު “ކަޅަކިި” ކެމެރާކުރީ ތަޖުރިބާކާރު އަދި ގިނަ ފިލްމުތަކެއް ކެމެރާކޮށްފައިވާ އިބްރާހީމް މޫސާ (ދަބަ) އެވެ. ފިލްމުގެ މަންޒަރުތައް ސްރީލަންކާގެ ކޮލޮމްބޯ، ކެންޑީގެ އިތުރުން ނުވަރަލިޔާގެ ހިތްގައިމު ލޮކޭޝަން ތަކުގައި ޝޫޓްކޮށްފައިވެއެވެ.

ފިލްމު “ކަޅަކިި”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.