“ކިއަރީ މަލްފޮމޭޝަން” (CHIARI MALFORMATION) އަކީ ދުނިޔޭގެ ނިސްބަތުން މަދު ބައްޔެކެވެ. އެހެންނަމަވެސް މި ބަލި ތަހައްމަލުކުރާ މީހުން ރާއްޖޭގެ ނިސްބަތުން ވެސް ގިނަ ކަމަށް ބެލެވެއެވެ.

މި ބަލީގެ އަލާމާތްތަކަކީ އާންމުކޮށް ގިނަ ބަލިތަކުގައި ފެންނަ ފަދަ އާންމު އަލާމާތްތަކަކަށް ވުމާއި ސައިނަސް އަދި މައިގްރޭންއާއި ވަރަށް އެއްގޮތް އަލާމާތްތަކެއް ހުންނަ ބައްޔަކަށްވުމުގެ ސަބަބުން މި ބަލި ދެނެގަތުމުގައި އެތައް އުނދަގޫތަކާއި ކުރިމަތިވެ، ބަލިމީހާގެ ގައިގައި މި ބަލި ހުރިކަން ދެނެގަތުމަށްޓަކައި އަހަރުތަކެއް ހޭދަ ކުރަންޖެހިދެއެވެ.

ކިއަރީ މަލްފޮމޭޝަން އަކީ އަދި މިހާތަނަށް އެއްވެސް ފަރުވާއެއް ހޯދިފައިވާ ބައްޔެއް ނޫނެވެ. ސިކުނޑީގެ ބޮޑު އޮޕަރޭޝަނެއް ކޮށްގެން ކިއާާރީގެ ބަލިމީހުންގެ ހަށިގަނޑުގައި އަޅަމުންދާ ވޭނަށް ކޮންމެވެސް ވަރެއްގެ ލުއިކަމެއް ހޯދައިދިނުމަށް މަސައްކަތްކުރެ އެވެ. އެހެންނަމަވެސް އެއީ މި ބަލީގެ ފަރުވާއެއް ނޫނެވެ.

ކިއަރީ މަލްފޮމޭޝަން އަކީ ބަލީގެ ޒާތުން ގިނަގުނަ ވޭންތަކެއް ތަހައްމަލުކުރަން ޖެހިފައިވާ ވަރަށް ވޭންހުރި ބައްޔެކެވެ. މި ބައްޔަށް ފަރުވާއެއް ހޯދިފައި ނެތުމުގެ މައިގަނޑު ސަބަބަކީ އާންމުންގެ މެދުގައި މި ބައްޔާ މެދު ހޭލުންތެރިކަން ކުޑަވުމެވެ. މީގެ ސަބަބުން މިބަލި ދިރާސާކުރުމަށް ފަންޑު ހޯދުމުގައި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހެއެވެ. މި ބައްޔާ ގުޅޭ ގޮތުން އެކަށީގެންވާ ދިރާސާތަކެއް ހެދިފައި ނެތުމީ މި ބައްޔަށް ފަރުވާއެއް ހޯދުމަށްޓަކައި އޮތް އެންމެ ބޮޑު ހުރަހެވެ. މި ބައްޔަށް ފަރުވާއެއް ހޯދިފައި ނެތުމަކީ މިކަން ތަހައްމަލުކުރަން ޖެހިފައިވާ ފަރާތްތަކަށް ލިބޭ އެންމެ ބޮޑު ނުތަނަވަސްކަމެވެ.

މި ބަލި ތަހައްމަލުކުރަމުންދާ އެންމެހާ ފަރާތްތަކަށް ބަލީގެ ސަބަބުން ހަށިގަނޑުގައި އަޅަމުންދާ ވޭން ދެގުނަ ކޮށްދޭ އަނެއް ސަބަބަކީ މި ބައްޔާ މެދު އާންމުންގެ މެދުގައި ހޭލުންތެރިކަން ނެތުމުގެ ސަބަބުން ނަފްސާނީ ގޮތުން ލިބެމުންދާ އަނިޔާތަކުގެ ސަބަބުންނެވެ. ޢާއިލާ، ރަހުމަތްތެރިން އަދި އެހެނިހެން ފަރާތްތަކުން މި ބަލި ތަހައްމަލުކުރާ މީހާއަށް ލިބިދޭންޖެހޭ އަޅައިލުމާއި އޯގާތެރިކަން ނުލިބުމެވެ.

“ތިއަކީ ބައްޔެއް ނޫން. ތީ އަމިއްލަޔަށް ހެދިގެން އުޅޭގޮތެއް. އަހަރެމެން ވެސް ބޮލުގައި ރިހޭ…. އެކަމަކު ތިހެންނެއް ނޫޅެން. ތީ ހަމަ މަސައްކަތް ނުކުރާން ވެގެން އުޅޭ ގޮތެއް. ވަރަށް ވުރެން ކަންނެތީ.

– ކިއަރީ މަލްފޮމޭޝަން ތަހައްމަލުކުރާ ފަރާތްތަކަށް ބައެއް މީހުން ރައްދުކުރާ ބަސްތަކެއް

މި ފަދަ ތަފާތު ބަސްތަކުން ނިމުމެއް ނެތް މި ހަނގުރާމަޔާ ދެކޮޅަށް ބަލިޖެހިފައިވާ މީހުން ކުރަމުންދާ ހިތްވަރު ބަލިކޮށްލައެވެ. އެމީހުންގެ އުންމީދުގެ ހުޅުކޮޅު ނިއްވާލައެވެ. ކޮންމެ މީހަކީވެސް މަރުވާނޭ މީހެކޭ ބުނެ އެމީހުންގެ އިޙްސާސްތައް މުގުރާލައެވެ.

“ކިއަރީ މަލްފޮމޭޝަން” ހާލަތު ދިމާވެފައިވާ މީހުންނަކީ ނިސްބަތުން މަދުބައެއްކަމުން އެ ފަދަ މީހުންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެމީހުންގެ ޙައްޤުގައި ވަކާލާތު ކުރާނެ ބަޔަކުނެތުމެވެ. އެމީހުންގެ އިޙްސާސްތައް ދެނެގަންނާނެ ފަރާތްތަކެއް ނެތުމެވެ. އެމީހުންގެ ތެރޭގައި ބަލީގެ ހާލަތު ގޯސްވެ އިންތިހާއީ ވޭނުގައި އުޅެމުންދާ މީހުންނަށް ޑޮކްޓަރުންގެ ފަރާތުން ދެވޭނެ މާބޮޑު ފަރުވާއެއް ނެތެވެ. ހޯދައިދެވޭނެ ލުޔެއް ނެތެވެ. މި ހުރިހާ ކަމަކަށްވުރެންވެސް އެންމެ ހިތާމަހުރި ކަމަކީ އެފަދަ ފަރާތްތަކުގެ އަޑުއަހާނެ ކަންފަތެއް ނެތުމެވެ.

ނޯޓް: މިއީ މި ބައްޔާ މެދު ހޭލުންތެރިކުރުވުމަށް މަސައްކަތްކުރައްވާ ބޭފުޅެއްގެ ފޭސްބްކްގައި އާއްމުކޮށްފައިވާ މަޢުލޫމާތުކޮޅެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.