” އާން …. އާން …. އަހަރެންމީ ކަމާލިޔާއެއްނޫން …. އަހަރެންމީ ނާއިމްގެ ދަރިއެއްނޫން ….. ސަމްޢާންއަކީ ވެސް ނާއިމްގެ ދަރިއެއްނޫން …. އަހަރެންނަކީ އިންސާނެއް ވެސް ނޫން. އެކަމަކު …. ކަލެއަށްވުރެ އަހަރެން ވެސް ރަނގަޅުވާނެ. ” ކަމާލިޔާ ރުޅިއައިސްރަތްވި ކަހަލައެވެ. އަޑުގެކޮޅަށް ހަޅޭލަވައިގަންނަފަދައަކުން ވާހަކަދެއްކިއިރު ކާމިޔާބަށް ހިނިތުންވަމުންދިޔައެވެ. އެއްފަހަރާ އެތައް ބަޔަކު ވާހަކަދައްކާހެން ހީވާ ފަހަރާއި އެއްފަހަރާ އެތައްބަޔަކު ހޭހެން ހީވާފަހަރު ވެސް އައެވެ.

އިވުނުވާހަކަތަކުގެ ސަބަބުން ޖާވިޒަށް ލިބުނީ ހައިރާންކަމެވެ. މިކަމުގެއަޑީގައި ފޮރުވިފައިވާ ސިއްރުތަކެއް ވާކަން ޔަގީންވިއެވެ. މައްސަލައިގެ ހައްލުލިބޭނީ މައްސަލައިގެ އެންމެއަޑިއަށް ފޭބިގެންކަން ޔަގީންވާތީ ވަގުތީގޮތުން ދޭންޖެހޭ ދޫދޭން ޖާވިޒް ނިންމިއެވެ.

” ކަލޭތީ ކާކު ؟ ކަމާލިޔާ ކޮބާ ؟ މިކަމުގެ ތެރެއަށް ކަލޭ ވަންނަންޖެހުނީ ކީއްވެ ؟ ” ވިސްނުމާއި އެއްގޮތަށް ޖާވިޒްގެ އަޑާއި ރާގު ބަދަލުވިއެވެ. ހިނިތުންވުމާއިއެކު މަޑުމަޑުން ސުވާލުކުރީ އެހެންވެއެވެ.

” އަހަރެންމީ ކާކުކަން ކަލޭމެނަށް ނޭންގުނަސް ނާޖިދާއަށް ރަނގަޅަށް އެނގޭނެ. އޭނާ ކައިރީ އަހާބަލަ ސަމްޢާންގެ ބައްޕައަކީ ކާކުތޯ ؟ ފަޅުރަށަށް ދިޔަދުވަހު ރާއިދުއާ ދެމީހުން ރާވައިގެން ކަމާލިޔާއަށް ހެދީ ކިހިނެތްތޯ ؟ ” މަޑުމައިތިރިކަމާއެކު ކަމާލިޔާ ވާހަކަދެއްކިއިރު ދެލޮލުން ކަރުނަ ފާއްދާލިއެވެ.

ސިއްރުތަކުން ފުރިގެންވީ ބޮޑުކަންތައްގަނޑެއް ހިނގައިފިކަން ޖާވިޒަށް ޔަގީންވިއެވެ. ނާއިމް ހުރީ ވާނުވާ ނޭންގި ހާސްވެފައެވެ. އޭނާގެ ދަރިފުޅު ކަމާލިޔާ ކޮބައިތޯ ސުވާލުއުފެދި ކޮންމެހެން ވެސް ޖަވާބު ބޭނުންވެފައެވެ. މިލާމޮޅުވެ ދެލޮލުން ކަރުނަ ހިލިފައެވެ.

” އެންމެފުރަތަމަ ވެސް އަހަރެންނަށް ގަބޫލުކުރެވުނުގޮތަށް ނާއިމްގާތު އަހަރެން ބުނިގޮތަށް ކަންތައް ނިމިފަ މިއޮތީ. އޭރު ވެސް އަހަރެން ބުނިންދޯ އިންސާނުންގެތެރެއިން ކޮންމެވެސް ބައަކު ކޮންމެވެސް ގޯހެއް ހަދައިގެނޭ މިކަމެއް މިހިނގަނީ ….. ދޮގުހަދާ އޮޅުވާލާކަށް ފުރުސަތެއްނެތް. އެސުވާލުތަކަށް ނާޖިދާ ޖަވާބުދީ. ” ހިތްހަމަނުޖެހުމާއެކު ނާޖިދާއަށް ބަލާލަމުން ޖާވިޒް ވާހަކަދެއްކިއެވެ. އަޑާއި ހަރަކާތުން ފާޅުވީ ނުރުހުމެވެ.

” އަހަރެންނަށް މަޢާފްކުރޭ ނާއިމް …. އަހަރެން ދެން ދުވަހަކު ވެސް އެހެނެއް ނޫޅޭނަން …. ކަމާލިޔާ ބުނިހެން ސަމްޢާންއަކީ ނާއިމްގެ ދަރިއެއްނޫން …. ރާއިދުގެ ދަރިއެއް …. ރާއިދުގެ ރީތިކަމާއި ފިރިހެންވަންތަކަމަށް އަހަރެންނަށް ހެއްލެވުނީ …. އޭނާގެ ދެއްކި ވާހަކަތައް އަޑުއެހުނީ …. ނާއިމް ބުނިހެން ނާއިމްއަކީ ދަރިން ނުލިބޭ މީހެއްކަން އޭރަކު އަހަރެންނަކަށް ނޭންގެ …. އަހަރެންނާއި ރާއިދުގެ ގުޅުމަށް ކަމާލިޔާގެ ސަބަބުން ހުރަސްއެޅޭތީ …. ނާއިމްގެ މުދާއަހަރެންނަށް ލިބުމުގެ ހުރަހަކަށްވާތީ އަހަރެން ބޭނުންވީ ކަމާލިޔާގެ ދުވަސްދުއްވާލަން. އަހަރެމެން ފަޅުރަށަށް ދަތުރުދިޔައީ ކަމާލިޔާގެ މަރާލުމަށް ރާވައިގެން. އޭގެފަހުން ކަންތައްވީގޮތް އެނގޭނީ ރާއިދަށް ….. އޭނާ އެވާހަކަތައް ކިޔައެއްނުދޭ. ” ރޮމުން ރޮމުން ވާހަކަދައްކަމުންއައި ނާޖިދާ ބޭނުންވީ ނާއިމްގެ އެހީތެރިކަމާއި އަޅާލުމެވެ. ނާއިމް އެކަމަކަށް ސަމާލުކަމެއް ނުދިނެވެ. ރުޅިވެރިކަމާއެކު ނާޖިދާގެ އަތްފޮޅުވާލިއެވެ. ނާއިމް އައިސްފައިވާ ރުޅި އޭނާގެ ކިބައިން ކިތަންމެ ރަނގަޅަކަށް ވެސް ފެންނަމުންދިޔައެވެ.

” ހުރިހާކަމެއް ހިނގާދިޔައީ އަހަރެންގެ ކުރިމަތީގަ ….. އެހެންވެ އަހަރެންނަށް މަޖުބޫރުވީ …… މަޖުބޫރުވީ މިކަމުގެތެރެއަށް ވަންނަން. ކުށެއްނުކުރާ މީހެއް ނުމަރަން. ނުމަރަން. ” ރޮމުން ރޮމުން ކަމާލިޔާ ތިރިވިއެވެ. ދިމާވި ހާދިސާތަކުގެ ސަބަބުން އޭނާއަށްކޮށްފައިވާ އަސަރު ފެނުމުން ނާއިމާއި ޖާވިޒް ވެސް ދެރަވިއެވެ.

ނާއިމް ބޭނުންވީ މައްސަލައިގެ އެންމެފުނަށް ފައިބާ ހުރިހާ ޙަޤީޤަތެއް ހޯދާށެވެ. ކުޑަނަމަވެސް ހިތްހަމަޖެހުމެއް ދެން ލިބޭނީ އެކަންތައް އެންމެރަނގަޅަށް އޮޅުންފިލައިގެންނެވެ. އޭނާގެ ދަރިފުޅަވީގޮތް އެނގިގެންނެވެ.

ވާހަކަދެއްކުމަށްޓަކައި ކަމާލިޔާ އަނގަހުޅުވާލުމުން ނާއިމްމެން އެކަމަށް ސަމާލުވިއެވެ.

ދަތުރުދިޔަ ދުވަހުގެ މެންދުރެއްކަން ހާއިރެވެ. ހުޅަނގުކޮޅު ތުނޑީގައި ކުޅެމަޖާކޮށް އުޅުމަށްފަހު ކައްކާތަނަށް އަންނަންވެގެން ކަމާލިޔާ އާއި ޒުބީނާ ވަނީ ވަލަށެވެ. މަގުކުރުކޮށް އަވަހަށް އާދެވޭނީ އެހެންކަން ދެކުދިންނަށް ވެސް އެނގެއެވެ. ވަލުތެރޭގައި ހިނގަމުންދިޔަ ކަމާލިޔާއަށް ދޮންއަހިވަށް ފެނުމާއެކު ބިންނަން ބޭނުންވިއެވެ. މަންމަފަރާތު މާމައަށް ގެންދަން ރަނގަޅު ހަދިޔާއެއްކަމަށް ބުންޏެވެ. ދޮންއަހިވަކަކީ އެމާމައަށް ވަރަށްމީރު އެއްޗެކެވެ.

އަހިވައްބިންނަން އިރުކޮޅަކު މަޑުކުރުމަށްފަހު ޒުބީނާ ދިޔަނަމަވެސް ކަމާލިޔާ މަޑުކުރިއެވެ. އަދިވެސް އަހިވައްބިންނަން ބޭނުން ކަމަށާއި އޭނާ ދާނީ އިރުކޮޅަކުން ކަމަށް ކަމާލިޔާ ބުންޏެވެ.

އަހިވައްބިނުމާއިގެން އުޅެމުންދިޔަ ކަމާލިޔާއަށް ރާއިދު ފެނުނީ އެދިމާއަށް އަންނަނިކޮށެވެ.

” ކަމާލިޔާ ! ހިނގާދާން މޫދަށް. މިރަށު ފަޅުކައިރި ވަރަށްރީތިވާނެކަމަށް މީހުން ކިޔަނީ. ” ކަމާލިޔާއަށް ގޮވާލަމުން ރާއިދު ވާހަކަދެއްކިއެވެ. ފަތާމީހުން އަޅާކަހަލަ ކުޑަކުޑަ ދެމޫނުމަތި އޭނާގެ އަތުގައި އޮތެވެ.

މޫދަށްއެރުމަކީ ކަމާލިޔާ ކުރަން ބޭނުންވާ ކަންތަކުގެތެރެއިން ފުރުސަތު ނުލިބޭ އެއްކަންތަކެވެ. ލިބުނު ފުރުސަތުގެ ބޭނުންހިފުމަށް ކަމާލިޔާ ބޭނުންވިއެވެ. ލިބުނު ފުރުސަތަށް ހިނިތުންވެލިއެވެ. ފަޅުކައިރި ބެލުމަށްފަހު އެތަނުގެ ރީތިކަމުގެ ވާހަކަ މާމަގާތު ދައްކަން ބޭނުންވިއެވެ.

” ކަމާލިޔާއަކަށް ނޭންގޭނެ ރަނގަޅަށް ފަތާކަށް. ބޭބެ އެހީވާނަން ދޯ ؟ ” ރާއިދުއާއެކު ދާން ބޭނުންވާކަން ހާމަކުރަމުން ކަމާލިޔާ އެހީއަށް އެދުނެވެ.

” ކަމާލިޔާ ދައްކާވާހަކަދޯ ؟ ….. އެހީނުވާނެނަމަ ބޭބެއާއެކު ގެންދާކަށް ނުވެސް އުޅޭނެއެއްނު. ” ކަމާލިޔާ ބޭނުންވި ޔަގީންކަން ރާއިދު ދިނެވެ.

” މަންމަމެންކައިރީ ބުނެލާފައެއްނު ދާނީ. ” ކަމާލިޔާ ހިނގައިގަތީ ކައްކާތަނާއިދިމާއަށް ދާށެވެ.

” އޭރުން ހުރިހާކުދިން ވެސް ދާން ބޭނުންވާނެ. ގިނަކުދިން އެއްފަހަރާދަންޏާ އުނދަގޫވާނެ. އެކުދިނަށް ވެސް ބޭބެ އެހީތެރިވާން ޖެހޭނެ. އޭރުން ކަމާލިޔާއަކަށް ރަނގަޅަކަށް ފަރުކައިރި ނުބެލޭނެ. ” އިތުރުމީހަކު ގެންދާކަށް ރާއިދު ބޭނުމެއްނުވިއެވެ.

ރާއިދު އެހެން ބުނުމާއެކު ކަމާލިޔާ ހުއްޓުނެވެ. ރާއިދު އެބުނީ ރަނގަޅަށޭ އޭނާގެހިތް ބުންޏެވެ. ގިނަކުދިން ގޮސްފިނަމަ އޭނާއަށް ލިބޭ ފުރުސަތު މަދުވާނެއެވެ. ފެންނަތަންތަން ވެސް މަދުވާނެއެވެ.

ކަމާލިޔާ ގޮވައިގެން މޫދަށްދާން ހިނގައިގަތް ރާއިދު ކުއްލިއަކަށް ހުއްޓެމުން ގަސްބޮނޑިއެއްގެ ނިވަލަށްޖެހެލީ ކޮންމެވެސް ބަޔަކު ވާހަކަދައްކާ އަޑުއިވުމުންނެވެ.

” އެކުދިންނަށް ފެނިއްޖާ ފަހަތުން އައިސްދާނެ. ” ކަމާލިޔާއަށް ބަލާލަމުން ރާއިދު އެހެންބުނުމާއެކު ކަމާލިޔާ ވެސް އަވަސް އަވަހަށް ގަސްބޮނޑިކައިރިއަށްޖެހި އެކުދިންނަށް ފިލިއެވެ.

ކަމާލިޔާ ގޮވައިގެން ރާއިދު މޫދަށްދިޔަ ނަމަވެސް އެހެން އެއްވެސް މީހަކަށް އެކަމެއް ނޭންގެއެވެ. ބޭނުންވި ގޮތަށް ކަންތައް ވުމުން ލިބުނު ހިތްހަމަޖެހުމުގައި ރާއިދު ހިނިތުންވެލިއެވެ.

ފައިނުޖެހޭ ހިސާބެއްގައި ފެންމަތީ މަޑުކޮށްލުމުގެ އެއްވެސް ހުނަރެއް ލިބިފައިނެތް ކަމާލިޔާ ، ރާއިދުގެ އެހީތެރިކަމާއެކު ފަޅުބޭރަށް ނުކުތެވެ. މޫނުމަތިއަޅައިގެން އަޑިބެލުމާއިގެން މަޝްޣޫލްވެއޮތްއިރު ފެންނަމުންދިޔަ މަންޒަރުތަކުގެ ރީތިކަމާއި ފުރިހަމަކަމުން ކަމާލިޔާއަށް ލިބެމުންދިޔަ އުފަލާއި ހިތްހަމަޖެހުން ބޮޑެވެ. އެހެންކަމަކަށް ސަމާލުކަންދެވޭވަރެއް ނުވިއެވެ.

ކަމާލިޔާގެއަތުން ރާއިދު ދޫކޮށްލުމާއިއެކު ކަމާލިޔާ ރޯންފެށިއެވެ. ސަލާމަތަށްއެދި ގޮވަންފެށިއެވެ. ރާއިދަށް އަޑުއިވޭކަމަކަށްނުވިއެވެ. ސަމާލުކަމެއް ނުދިނެވެ. ކަމާލިޔާއާ ދުރަށް ފަތައިގަތެވެ.

ސަލާމަތަށް އެދި ރޮމުން އާދޭސްކުރަމުން އެހީއަކަށްއެދި ގޮވަމުންދިޔަ ކަމާލިޔާއަކަށް ފެންމަތީގައި އޮވެވޭގޮތެއް ނުވިއެވެ. ރާއިދު ފިޔަވާ އެއްވެސް މީހަކަށް އޭނާގެ އަޑެއް ނީވުނެވެ. ކާމިޔާބެއް ކުރިއެރުމެއް ނުލިބި ކުޑައިރުކޮޅެއްގެތެރޭގައި މަޑުމަޑުން އަޑިއަށް ދިޔައެވެ. ނޭވާ ހާސްވެގެން މައްޗަށްއަރަން މަސައްކަތްކުރި ނަމަވެސް އެކަމެއްނުވިއެވެ. ނޭފަތާއި ދެކަންފަތުން އަދި އަނގައިން ލޭއައިސް މަރުވެގެން އަޑިއަށްދާން ފެށިއެވެ. އޮޔާއިއެކު ބޭރަށް ދަމައިގަތެވެ.

ރާއިދު އެއްގަމަށް އަރައިގެން އައިސް ގަހެއްދޮށުއޮށޯވެލައިގެން ނިދާކަމުހަދައިގެންއޮތީ އެހެންމީހުންގެ ލޯތަކަށް އޮޅުވާލުމުގެ ބޭނުމުގައެވެ. ބޭނުންވިގޮތަށް ކަންތައް ނިންމާލެވުނީތީ ރާއިދަށް ލިބިފައިވާ އުފަލާއި ހިތްހަމަޖެހުން ބޮޑެވެ. ދެން ކަމާލިޔާއެއް ނާއްނާނެއެވެ. އޭނާ އާއި ނާޖިދާގެ އުފާވެރި ލޯބިވެތި ދިރިއުޅުމަކަށް ހުރަހެއް ނޭޅޭނެއެވެ.

މަރުވެގެން ގޮނޑުދޮށަށް ލައްވެފައި އޮއްވައި ކަމާލިޔާ ފެނުނު ވާހަކަ އާއި އޭނާ މަރުނުވާކަން ފަހުން އެނގުނުކަމަށް ދެކެވުނު ވާހަކަތައް އަޑުއިވުމުން ރާއިދު ކަންބޮޑުވީ ދެން ވެދާނެގޮތަކާއިމެދުގައެވެ. ކަމާލިޔާ ސަލާމަތްވެދާނެކަމަކަށް އެރަށަށް ލައްގަފާނެކަމަކަށް ރާއިދު އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރެއެވެ. އެޅުނު ޅައެއްޗެއްގެ ބޮޑުކަމުން އެވާހަކަ ނާޖިދާގާތު ދައްކާކަށް ރާއިދު ބޭނުމެއްނުވިއެވެ. ނާޖިދާ ދިމާކޮށް މަލާމަތްކޮށްފާނެކަމަށް ހީވިއެވެ.

” ރާއިދުއަކީ އޭނާގެ އާރާއިބާރު ބޭނުންކޮށް އަހަރެންގެ އިއްފަތްތެރިކަމަށް އަރައިގަތް މީހެއް …. އެހެން ނުހެދުމަށްއެދި އަހަރެން ކުރަމުންދިޔަ އާދޭހާއި ރޮމުންދިޔަ ރުއިމަކަށް އޭނާ ނުބެލި. އަހަރެންނަކީ އޭނާއަށް ހިމާޔަތާއި ރައްކާތެރިކަންދިން ނާއިމްގެ ދަރިކަމަށް ބުނިން. އޭނާ އަޑެއްނޭހި. ޒުބޭދާއަކީ އެތައް ފަހަރަކު އެތައްގޮތަކަށް އަހަރެން ހިތްދަތިކޮށް އަހަރެންގެ ލޯމަތީގައި ފައިންޖަހާ ލޮލުންލޭދުއްވާލި މީހެއް …. ކަމާލިޔާގެ ދުވަސްދުއްވާލަން ފަންޑިތަހެދި މީހެއް …. އޭނާ ވެސް މަސައްކަތްކުރީ ނާޖިދާ ފަދައިން ނާއިމްގެ މުއްސަނދިކަން ހޯދަން ….. އެކަމަކު …. ވާން ނެތްކަމެއް ކިހިނެތް ކުރާނީދޯ ؟ ހަރާންފައިސާ އާއި ނުހައްގުންލިބޭ މުއްސަނދިކަން ސަމްޢާންއަކަށް ބޭނުމެއް ނުވާނެ. އޭނާގެ ދުވަސްދުއްވާލީ އަހަރެންނެއް ނޫން. ނާޖިދާ އަމިއްލައަށް. އަހަރެންގެ ދުވަސްދުއްވާލަން ބާގިރުލައްވަ ހަދައިގެން ގެނައި ފަންޑިތަ ފެންއަޅައިގެން …. އެކިފަހަރު އެކިގޮތްގޮތަށް ނާޖިދާ އާއި ރާއިދުގެ އެތައް ބައްދަލުވުމެއް އަހަރެން ހުއްޓުވިން. އެތައް ޕުލޭނެއް ފޭލްކޮށްލިން. އެވަރުން ވެސް ހޭއަރާކަށް ނޭންގުނު … އަދިވެސް އަހަރެންތަ ނުބައީ ؟ ! ” ރޮމުން ރޮމުން ކަމާލިޔާ ކިޔައިދިން ވާހަކަތަކަށް ނާޖިދާ އެއްބަސްވިއެވެ. ކުށަށް އިޢުތިރާފްވެ އާނއެކޭ ބުނާފަދައަކުން ބޯޖަހާލިއެވެ.

ކަމާލިޔާގެ ވާހަކަތައް އަޑުއަހަންހުރި ނާއިމް ، ނާޖިދާއާ ދިމާއަށް ބަލާލިގޮތް ޖާވިޒަށް ފާހަގަކުރެވުނެވެ. ގޯހެއްހިނގައިފާނެކަން ޔަގީންވުމާއެކު ޖާވިޒް ގޮސް ނާއިމް މައިތިރިކުރިއެވެ. ކެތްތެރިވެ ހަމަޖެހުމަށް ނަސޭހަތްތެރިވިއެވެ.

” އަހަރެންގެ ދަރިފުޅު މަރާލާ …. އަހަރެންގެ މުޅިދިރިއުޅުން ހަލާކުކޮށްލާފައި ކަލެއަކަށް އުފަލަކު ނޫޅެވޭނެ …. މީނަ ޕޮލިހުންނާ ހަވާލުކުރޭ …. ތިއީ އަހަރެންގެ އަނތްބެއް ނޫން. ތިހުރީ ވަރިކޮށްފަ …. ދާންއުޅޭ … ” އެއްވެސް އިހްތިޔާރަކާނުލައި ނާއިމަށް ތިރިވެވުނެވެ. އިވުނު ވާހަކަތަކުގެ ސަބަބުން ކެތްކުރަން ދަތިވިއެވެ. ދެއަތުން ބޮލުގައި ހިފަހައްޓާލަމުން ބާރަށް ރޮއިގަނެވުނެވެ.

” އާން … އާން. ކަލޭ ހުރިހާ ނުބައެއްހެދީ. އަހަރެން ކަލޭ މަރާލާނަން. ” ދުވެފައިދިޔަ ނާޖިދާ މަސައްކަތްކުރީ ކަމާލިޔާގެ ގައިގާ ޖަހަން ނަމަވެސް އޭނާއަކަށް އެކަމެއް ނުވިއެވެ. ކުއްލިއަކަށް ކަމާލިޔާ އެއްކައިރިއަށް ޖެހިލުމުން ނާޖިދާ ވިއްސައިގެން ގޮސް ޖެހުނީ މާދުރަށް ބިންމައްޗަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.