ކަމާލިޔާގެ ވާހަކަތައް އަޑު އަހަން ހުރި ނާއިމް، ނާޖިދާއާ ދިމާއަށް ބަލާލިގޮތް ޖާވިޒަށް ފާހަގަ ކުރެވުނެވެ. ގޯހެއް ހިނގައިފާނެ ކަން ޔަގީންވުމާއެކު ޖާވިޒް ގޮސް ނާއިމް މައިތިރިކުރި އެވެ. ކެތްތެރިވެ ހަމަޖެހުމަށް ނަސޭހަތްތެރިވި އެވެ.

“އަހަރެންގެ ދަރިފުޅު މަރާލާ …. އަހަރެންގެ މުޅި ދިރިއުޅުން ހަލާކުކޮށްލާފައި ކަލެއަކަށް އުފަލަކު ނޫޅެވޭނެ …. މީނަ ޕޮލިހުންނާ ހަވާލުކުރޭ …. ތިއީ އަހަރެންގެ އަނތްބެއް ނޫން. ތިހުރީ ވަރިކޮށްފަ …. ދާންއުޅޭ …” އެއްވެސް އިހްތިޔާރަކާ ނުލައި ނާއިމަށް ތިރި ވެވުނެވެ. އިވުނު ވާހަކަތަކުގެ ސަބަބުން ކެތްކުރަން ދަތިވި އެވެ. ދެއަތުން ބޮލުގައި ހިފަހައްޓާލަމުން ބާރަށް ރޮއިގަނެވުނެވެ.

“އާން … އާން. ކަލޭ ހުރިހާ ނުބައެއް ހެދީ. އަހަރެން ކަލޭ މަރާލާނަން.” ދުވެފައި ދިޔަ ނާޖިދާ މަސައްކަތް ކުރީ ކަމާލިޔާގެ ގައިގާ ޖަހަން ނަމަވެސް އޭނާއަކަށް އެކަމެއް ނުވިއެވެ. ކުއްލިއަކަށް ކަމާލިޔާ އެއްކައިރިއަށް ޖެހިލުމުން ނާޖިދާ ވިއްސައިގެން ގޮސް ޖެހުނީ މާދުރަށް ބިންމައްޗަށެވެ.

“ގޮތެއްފޮތެއް ނެތް ރަހުމުކުޑަ އަންހެނާ. އަދިވެސް މަސައްކަތް ތިކުރަނީ އަހަރެންނާއި ހަނގުރާމަ ކުރަންތަ؟” ރުޅި އައިސްގެން ކަމާލިޔާ ލަވައިގަތް ބާރު ހަޅޭކާއެކު ދެލޮލުން އަލިފާންކަނި ބުރައިގެން ދިޔައެވެ. ރޯވުމުގެ ކުރިން ނިއްވާލެވޭތޯ ޖާވިޒް މަސައްކަތްކުރި ނަމަވެސް ނާޖިދާ އެކަމަކަށް ސަމާލުކަމެއް ނުދިނެވެ.

ދިމާވި ކަންތައްތަކުގެ ސަބަބުން ސިކުނޑިއަށް ބާރުބޮޑުވެ ނާޖިދާ ހުރީ ހިއްސުތައް ކޮންޓްރޯލުން ނައްޓާފައެވެ. މޮޔަވެފައެވެ.

ހަނގުރާމަ ކުރާނީ ހަނގުރާމަކުރާ މީހަކާ އެވެ. އަނިޔާވެރިކަމެއް ދެކޮޅުވެރިކަމެއް ނެތް މީހަކާއި ހަނގުރާމަ ކުރުމުގެ ބޭނުމެއް ނެތެވެ. ކެތްތެރިކަމާއި ވިސްނުންތެރިކަން އިސްކުރުމަކީ މިކަމަށް މިވަގުތަށް އެންމެ މުހިންމު ކަންތައްކަން ޖާވިޒަށް ވިސްނެއެވެ.

“އަހަރެންނަށް މަޢާފްކުރޭ ބައްޕާ …. އަހަރެންނަށް އެހެންގޮތެއް ނެތީ. ބައްޕަ ބޭނުންނަމަ މިހާރުން މިހާރަށް ވެސް އަހަރެން މިރަށުން ހިނގައިދާނަން. ކޮންމެ މީހަކު ކޮންމެ އެއްޗެއް ހެދި ނަމަވެސް ބައްޕަ ބޭނުންނަމަ އަހަރެން ހުންނާނީ ބައްޕައާއެކު. އަހަރެންނަށް އަނިޔާވެރި ނުވާ މީހަކަށް އަނިޔާވެރިއެއް ނުވަން. ނުވެސް ވާނަން.” ކަމާލިޔާގެ ސިފާގައި ހުރި އަންހެންކުއްޖާ ރޮމުން ރޮމުން ވާހަކަ ދައްކަމުންދިޔަ އެވެ. އެއީ ކަމާލިޔާ ނޫންކަމާއި އިންސާނެއް ވެސް ނޫންކަން ނާއިމަށް އެނގެއެވެ.

ކަމާލިޔާއެއް ދެން ނާއްނާނެއެވެ. ނުވެސް ފެންނާނެއެވެ. އެކަން ނާއިމަށް އެނގެއެވެ. އުފެދޭ ސުވާލަކީ އެއްވެސް ގުޅުމެއް ނެތް އިންސާނަކާއި އެހެން މަޚްލޫޤަކާއި ދެމެދު ޢާއިލާ ގުޅުން ބޭއްވިދާނެތޯ އުފެދޭ ސުވާލެވެ. ކަމާލިޔާގެ ސިފާގައި ހުރި މަޚްލޫޤު އޭނާއަށް އަނިޔާވެރި ނުވާނެތޯ ކުރެވޭ ސުވާލެވެ. އެއީ ކަމާލިޔާ ނޫންކަން އެނގިހުރެ އަދިވެސް ކަމާލިޔާގެ ގޮތުގައި ބަލައިގަނެވިދާނެތޯ އުފެދޭ ސުވާލެވެ.

“ބައްޕައަށް އަހަރެންނާއި މެދު ޝައްކު ވަނީތަ؟ އެހެން ކަމަށްވަންޏާއި އަޅާނުލާ …. އަހަރެން ހިނގައިދާނަން. އެކަމަކު ދުވަހަކު ވެސް އަހަރެންނަށް ދިން އެހީތެރިކަން ހަނދާން ނައްތައެއް ނުލާނަން. އަހަރެންނަކީ އަޅާލާނެ މީހެއް އެހީތެރިވާނެ މީހެއް ނެތް ވަރަށްބޮޑު ނިކަމެއްޗެއް. އިންސާނަކާއި އެހެން މަޚްލޫޤެއް ކުރި ފާފައެއްގެ ނަތީޖާ ….. އެހީތެރިވާން ފުރުސަތެއް ލިބިއްޖެނަމަ އެހީތެރިވާނަން. ވަރަށް ބޮޑަށް ޝުކުރިއްޔާ.” ރޮމުން ރޮމުން އެ އަންހެންކުއްޖާ ވާހަކަ ދެއްކި އެވެ. ދަރިއަކު ފަދައިން އޭނާއާމެދު ދެކެމުން ކަންތައް ކޮށްދެމުން ދިޔަ ނާއިމް ދޫކޮށްލާފައި ދާކަށް އޭނާ ބޭނުމެއް ނޫނެވެ. ނާއިމްއާމެދު އޭނާ ދެކެނީ ބައްޕައެއް ފަދައިންނެވެ. ބައްޕައެއްގެ ލޯބި އޭނާއަށްދިން މީހަކީ ނާއިމް އެވެ.

ރޮމުން ހަޅޭލަމުން އިސްތަށިގަނޑުގައި ހިފާ ދަމަމުން ނާޖިދާ މަގުމައްޗަށް ނުކުތްއިރު ބުރުގާއެއް ނެތެވެ. ލައިގެންހުރި ހެދުމުގެ ބައެއް ތަންތަންވަނީ ވީދާ ހަލާކު ކޮށްފައެވެ. ބޯހުރީ ހާވާލާފަ އެވެ. ބޮލުގައި އެތައް ބައިވަރު ވެލި ހުއްޓެވެ.

ރަށުތެރެ ބަލަހައްޓަމުން ދިޔަ ޕޮލިހުންގެ އެހީތެރިކަމާއެކު ނާޖިދާ ގޮވައިގެން ސިއްހީމަރުކަޒަށް ދިޔައީ ޖާވިޒްއެވެ. ނާޖިދާގެ ބައްޕައަށް ފޯނުކޮށް ވެގެން އުޅޭގޮތް ކިޔައިދީ މަރުކަޒަށް އައުމަށް އެދުނީ ވެސް ޖާވިޒް އެވެ.

ގަބޫލު ކުރެވޭވަރުގެ ހެއްކެއް ނުދެއްކޭތީ ނާޖިދާ ދައްކަމުންދިޔަ ވާހަކަތައް އެއްވެސް މީހަކަށް ގަބޫލެއް ނުކުރެވުނެވެ. ނާޖިދާގެ ވާހަކަތައް ގަބޫލުކުރާ މީހަކު ނެތް ނަމަވެސް ކަމާލިޔާއާ ބެހޭގޮތުން ދެކެވެމުންދިޔަ ވާހަކަތަކުގެ ޙަޤީޤަތް ބަލަން ބައެއް މީހުން މަސައްކަތް ކުރިއެވެ. ކާމިޔާބެއް ކުރިއެރުމެއް ނުލިބުނެވެ. އެންމެން ވެސް ބުނަމުންދަނީ ނާއިމް އޭނާ ވަރިކުރުމުން ނާޖިދާގެ ސިކުނޑިއަށް އަސަރުކޮށްފައިވާ ކަމަށެވެ. ބޭނުންވެގެން އުޅުނު ތަނަވަސްކަން ގެއްލުމުން އޭނާ އެހުރީ މޮޔަވެފައި ކަމަށެވެ.

ސިއްހީމަރުކަޒުން ނާޖިދާއަށް ފަރުވާކުރި ޑޮކްޓަރުންގެ ލަފަޔާއި މަޝްވަރާގެމަތިން އޭނާ ގޮވައިގެން ސާގިބު މާލެ ގޮސް ނަފްސާނީ ބަލިތަކުގެ ހާއްސަ ޑޮކްޓަރަކަށް ދެއްކިއެވެ. އެހެން ވެސް ބައެއް ޑޮކްޓަރުންނަށް ދެއްކިއެވެ.

ބައްޕައެއް ފަދައިން އޭނާއާ މެދު ދެކެމުން ކަންތައް ކޮށްދެމުންދިޔަ އެ އަންހެންކުއްޖާއާ މެދު ނާއިމަށް ފުރަތަމަ ވެސް ދެކެވުނު ފަދައިން މިއަދު ވެސް ދެކެން މަޖުބޫރު ވިއެވެ. އަހަރެއްހާ ދުވަހު ދަރިއަކު ފަދައިން ގެންގުޅުނު ނިކަމެތި އެމަޚްލޫޤު ދޫކޮށްލާކަށް ނާއިމަކަށް ނުކެރުނެވެ. ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ކިޔަމުންދިޔަ ނަމަވެސް އެއީ ކަމާލިޔާކަމަށް ދެކިގެން އުޅުމަށް ނާއިމް ނިންމިއެވެ.

ކިތަންމެ ބޭނުންވި ނަމަވެސް އެންމެ ބޭނުންވި ސުވާލު ކުރާކަށް ވެސް ނާއިމަކަށް ނުކެރުނެވެ. އެސިއްރު ސިއްރެއްގެ ގޮތުގައި ދެމިއޮތީ އެވެ.

ޖާވިޒް އޭނާގެ މަސައްކަތް ރޭވުމާއި އެއްގޮތަށް ކޮށް ނިންމާލި އެވެ. ރަށުތެރެ އަމާންވެ ރައްޔިތުންގެ ނުތަނަވަސްކަން ފިލައި ދިޔައެވެ. މީހުންގެ މޫނުމަތިން ހިތްހަމަޖެހުމާއި ހިނިތުންވުން ފެންނަން ފެށިއެވެ. ޖާވިޒަށް ޝުކުރު އަދާކުރި މީހުން ގިނައެވެ.

ހަދާނެ ގޮތް ހުސްވެ ކުރި އެރޭނެ އެއްވެސް މަގެއް ކާމިޔާބެއް ނުލިބުމުން އެންމެފަހުގެ ނިންމުން ނިންމަން ސާގިބަށް މަޖުބޫރު ވިއެވެ. ދަޢުލަތުގެ ފަރާތުން ބަލަހައްޓަމުންދާ ހާއްސައެހީއަށް ބޭނުންވާ މީހުން ތިބޭ މަރުކަޒަށް ނާޖިދާ ބަދަލުކުރި އެވެ. ސިކުނޑީގެ މައްސަލައެއް އުޅޭތީ އެހެން އެއްވެސް ގޮތެއް ނެތިގެންނެވެ. އާންމު މަސްލަހަތާއި އެތައް ގޮތަކަށް ބެލުމަށްފަހުގަ އެވެ.

ދަޢުލަތުގެ ހާއްސައެހީއަށް ބޭނުންވާ މަރުކަޒުގައި ފަރުވާދެމުންދާތާ ހަތް އަހަރުވެފައިވާ ނާޖިދާ ކިޔައިދިނީ އޭނާގެ މާޒީއެވެ. އެ ހާދިސާތަކެއްގެ ސަބަބުން އޭނާގެ މުޅިދިރިއުޅުން ބަދަލުވެގެންދިޔަ ނާމާންކަމާއި ބިރުވެރިކަމުން ފުރިގެންވީ ހާދިސާތަކެވެ. މަކަރާއި ހީލަތުން ދުނިޔޭގެ އުފަލަށްޓަކައި އޭނާ ޕްލޭންކުރި ދިރިއުޅުން ވިއްސި ވިހާލިވެގެން ދިޔަ ގޮތެވެ. އަނެކުންނަށް ގެއްލުމެއްދީގެން ތިމާއަށް އުފަލުގައި ނޫޅެވޭނެކަން އޭނާއަށް ދަސްވި އިބުރަތްތެރި ފިލާވަޅުތަކެވެ. ހުރިހާ ސިއްރެއް ފަޅާއަރައި ބޭޒާރުވި ގޮތެވެ.

ރޮމުން ރޮމުން ނާޖިދާ ކިޔައިދެމުން ދިޔަ ވާހަކަތައް ޑޮކްޓަރ ނާޒިލް އަޑުއެހީ ކެތްތެރިކަމާއި ވިސްނުންތެރިކަމާ އެކުގައެވެ. ހަ އަހަރު ދުވަހު އޭނާ ކުރިމަސައްކަތް ކާމިޔާބުވިވަރު ޔަގީން ކުރަމުންނެވެ. ދެއްވި ކާމިޔާބަށް ޝުކުރުވެރިވަމުން ނާޖިދާއަށް ދޭންޖެހޭ ހިތްވަރާއި އިރުސާދު ދެމުންނެވެ.

ރަށަށް އާދެވުމާއެކު ނާޖިދާއަށް އިވިގެން ދިޔައީ އަޑުއަހަން ބޭނުންވި ވާހަކަތަކެއް ނޫނެވެ. ނާއިމް ނިޔާވެއްޖެ އެވެ. އޭނާގެ ހުރިހާ މުދަލެއް ކުޑަކުދިންގެ ހައްގުގައި މަސައްކަތްކުރާ ޖަމިއްޔާތަކަށް ހަދިޔާ ކުރުމަށްފަހު ރާއްޖޭން ބޭރަށް ކަމާލިޔާގެ ދިރިއުޅުން ބަދަލުކޮށްފި އެވެ. އޭގެފަހުން ކަމާލިޔާގެ އެއްވެސް ހަބަރެއް ޢާއިލާއަކަށް ނުވެއެވެ.

“ކަމާލިޔާގެ ހަބަރެއް ނުވާނެ …. ނާއިމް ނިޔާވުމުން ކަމާލިޔާ ދެން ނުފެންނާނެ. އޭނާ ބަދަލުވާނެ.” މަޑުމަޑުން ނާޖިދާއަށް ބުނެވުނެވެ. ބަޔަކު ގަބޫލު ނުކުރި ނަމަވެސް ކަމާލިޔާއަކީ އިންސާނެއް ނޫނެވެ. އެކަމާގުޅިގެން އޭނާ ކުރި ކަންތައްތައް އޭނާ ކިޔައި ނުދިނީ އެވެ. އެވާހަކަތައް ވެސް ކިޔައިދިންނަމަ އެހެން މީހުނަށް ގަބޫލުކުރަން ފަސޭހަވާނެ އެވެ.

ކުށެއް ކުރެވުމުން އެވާހަކަ ދައްކަމުން ހިނގުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. އޮތީ ކުށަށް ތަޢުބާވެ އިސްލާހް ވުމެވެ. މަޢާފަށް އެދެންޖެހޭ ފަރާތްތަކުގެ ކިބައިން މަޢާފަށް އެދުމެވެ. އެފަދަކަމެއް ތަކުރާރު ނުކުރުމެވެ. އުޅެން އަންގަވާފައިވާ ގޮތަށް އުޅުމެވެ. ހާއްސައެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ދިމާވި އެހީތެރިޔާ މަޒާޔާގެ ކިބައިން ނާޖިދާއަށް ދަސްވި އެންމެބޮޑު ފިލާވަޅަކީ އެއީއެވެ. މިއަދު ނާޖިދާ މިހުރި ހިސާބަށް އާދެވުމުގެ އެންމެބޮޑު ސިއްރަކީ ވެސް އެއީ އެވެ. މަޒާޔާގެ އެހީތެރިކަމާއި ނަސޭހަތްތައް ދުވަހަކު ވެސް ނާޖިދާ ހަނދާނެއް ނުނެތޭނެއެވެ.

ކުޅިވަރު މައިދާންތަކާއި އަތިރިމަތީގައި އަޑުތައް ގަދަވެފައިވަނީ އެތަންތަނަށް ވެރިވެފައިވާ ކުޅިވަރުގެފޯރީގެ ސަބަބުން ނެވެ. ޒުވާން ފިރިހެނުންނާއި ޒުވާން އަންހެނުން ކުޅިވަރުގެ މައިދާންތަކުގައި ފޯރިއާއެކު ކުޅިވަރު ކުޅެމުން ދިޔައިރު އެޒުވާނުންނާއި ގުޅުންހުރި އެހެން ވެސް ބައެއް މީހުން އެކަމުގައި ބައިވެރިވެ އެހީތެރިކަމާއި އެއްބާރުލުން ދެމުން ދިޔައެވެ. ކުޅިވަރުގެ ރީތި އަހުލާގުގެ ތެރެއިން ވާދަކޮށް ކުރިއަރައި ދިއުމަށް އެންމެން ވެސް މަސައްކަތް ކުރަމުންދިޔަ އެވެ.

އަތިރިމައްޗަށް ފެތުރިފައިވާ ރީތި ހިޔަލާއި ޖެހުމުންދިޔަ މަޑުވައިރޯޅިއަކީ ކުޑަކުދިންނަށް ލިބިފައިވާ އެންމެބޮޑު އެއް ހިތްހަމަ ޖެހުމެވެ. ކުޅިވަރުކުޅެ ހިތްއުފާކޮށް އާކުދިންނާއި އެކުވެރިކަން ބަދަހިކުރުމާއިގެން ކުޑަކުދިންތައް އުޅެމުން ދިޔައިރު އެކުދިންނަށް އެހީތެރިވުމާއިގެން އެކުދިންގެ މައިންބަފައިން ނުވަތަ ބެލެނިވެރިން އުޅެމުން ދިޔައެވެ. ކުޑަކުދިންގެ ކިބައިން ފެންނަމުންދިޔަ އުފަލާއި ހިތްހަމަޖެހުން އެކުދިންގެ އެހީތެރިންގެ ހިތްހަމަޖެހުމާއި ގުޅިފައިވެއެވެ.

އޮށޯވެލީ ނިދާލަން ނޫން ނަމަވެސް އިރުއޮއްސުނުއިރު ނާޖިދާއަށް އޮތީ ނިދިފައެވެ. ސާގިބުވީ ރަށުން ބޭރުގައެވެ. ނެޓްބޯޅަ ކުޅެންދިޔަ ސުނޭނާ އަދިއެއް ގެއަކަށް ނާދެއެވެ.

އޮއްސުނުއިރާއިއެކު ރަށުތެރެއަށް އަނދިރިކަން ވެރިވާން ފެށިއިރު ހަމަހިމޭންކަމާއި ފަޅުކަން ވެސް ވެރިވާން ފެށިއެވެ. ބިރެއް ސިހުމެއްނެތި އެކަނި މާއެކަނި ތުނޑީކޮޅުގައި މަޑުކޮށްލައިގެން ނާޖިދާހުރީ ކޮންމެވެސް މީހެއްގެ އިންތިޒާރުގައެވެ. އޭނާގެ ޢަމަލުތަކުން އެކަން ވަރަށް ރަނގަޅަށް އެނގެއެވެ. ލިބިފައިވާ ރީތިކަމާއި ފުރިހަމަ ކަމުގެ ސަބަބުން މެދުނުކެނޑި ލޯބީގެ ހުށަހެޅުންތަކާއި ދަޢުވަތުތައް ލިބި އެކަމަށް އާންބަސް ނުބުނެ ހުރި ނާޖިދާ އިންތިޒާރު ކުރަމުން އެދަނީ ކާކަށް ބާއެވެ.

ނާޖިދާ އެތަނުގައި ހުރިކަން އެނގެންޖެހޭ މީހާ ފިޔަވާ އެހެން މީހަކަށް ނޭނގޭނެއެވެ. އޭނާ އެތަނަށް އައީ އެވަރަށް ތައްޔާރުވެ އެކަމަށް ބަލައި ސަމާލުކަން ދީގެންނެވެ.

ތުނޑިއާ ގުޅިފައިވާ ބޯކަށިކެޔޮ ގަސްތަކުތެރެއިން ނުކުމެގެން ނާޖިދާއާ ދިމާއަށް ހިނގައިގަތް ނިހާމްގެ ކިބައިން ފެންނަމުން ދަނީ އުފަލާއި ހިތްހަމަ ޖެހުމެވެ. ލިބިފައިވާ ކާމިޔާބަށް ވެފައިވާ ހިނިތުން ވުމެވެ.

އުމުރުން ސާޅީހަކަށް އަހަރުގެ ނިހާމް އަކީ މިވަގުތު ރަށުގައިހުރި އެންމެ މުއްސަނދި މީހާކަމަށް ބުނި ނަމަވެސް އެއީ ދޮގެކޭ ބުނާނެ މީހަކު ރަށުގައި ނުހުންނާނެކަން ޔަގީނެވެ. އަނބިދަރިންނާއެކު ހުޅުމާލޭގައި ދިރިއުޅެމުންދާ ނިހާމްގެ މިލްކިއްޔާތުގައި ހުޅުމާލެއިން ގަނެފައިވާ ގޯއްޗާއި މާލޭގައި ހުރި ތިން ފިހާރައިގެ އިތުރުން ސަފާރީބޯޓަކާއި ދެ ގެސްޓްހައުސް އެބަހުއްޓެވެ. ހުޅުމާލެއިން ގަނެފައިވާ ގޯތީގައި ކޮށްފައިވާ އެގާރަ ފަންގިފިލާގެ އިމާރާތުގައި ރެސްޓޯރެންޓަކާއި ފިހާރައެއް ހުރެއެވެ. އޭނާގެ ޢާއިލާ ދިރިއުޅުމަށް ދެފަންގިފިލާ ހާއްސަކޮށްފައިވާއިރު ދެންހުރި ހަތް ފަންގިފިލާ ހުންނަނީ ކުއްޔަށް ދީފައެވެ.

ނިހާމް ރަށަށް އައިސް ހުރީ ރަށުގައި ހުޅުވުމަށް އޭނާ މަސައްކަތް ކުރަމުންދާ ގެސްޓްހައުސްގެ މަސައްކަތްތައް ކުރިޔަށްދާގޮތް ބަލާލުމަށް ޓަކައެވެ. ދުވަސްކޮޅަކު ޗުއްޓީ ހަދާލުމަށް ޓަކައެވެ.

ނިހާމް އަކީ ޒުވާން ރީތި އަންހެންކުދިންނަށް ފޯރިހުންނަ މީހެކެވެ. އޭނާއަށް އަންހެންކުއްޖަކު ކަމުގޮސްފިނަމަ ކިތަންމެ ބޮޑު ހަރަދެއް ކޮށްގެން ނަމަވެސް އެކަން ކާމިޔާބު ކުރަން މަސައްކަތް ކުރާނެއެވެ. ހުއްޓާލާނީ އެކަމެއް ކާމިޔާބު ކޮށްފައެވެ. އަންހެންކުއްޖާގެ ފަރާތުން އޭނާ ބޭނުންވާ އުފަލާއި ހިތްހަމަޖެހުން ލިބިއްޖެނަމަ އޭނާއަށް އެނިމުނީއެވެ. ފައިސާއަކީ އުފަލާއި ހިތްހަމަޖެހުމަށް ހޯދާ އެއްޗެއް ކަމަށް އޭނާ ބުނަމުންދަނީ މަދެއްކޮށް ނޫނެވެ. އޭނާގެ ނަޒަރުގައި ހުރިހާ ވެސް އުފަލަކީ މިއަދެވެ. މާދަމާއެއް ނޫނެވެ.

ނާޖިދާއާ ދިމާއަށް ހިނގަމުން އައި ނިހާމް ހުއްޓުނީ ތަންކޮޅެއް ދުރުގައެވެ. ދެއަތް ފުޅާކޮށްލަމުން ނާޖިދާއަށް ދަޢުވަތުދީ ހިނިތުންވެލި އެވެ. އިސްގީ މަސްތީ ގޮތްގަނޑު ދައްކާލިއެވެ. ހީވީ ފިލްމީ މަންޒަރެއް ހެންނެވެ.

އެދިއެދިހުރި ފުރުސަތު ލިބުމުން އުފާވެ ހިތްހަމަޖެހިފައިވާ ނާޖިދާ ވެސް އޭނާ އެކަމަށް ބޭނުން ވެފައިވާވަރު ދައްކާލަން ބޭނުންވި އެވެ. އޭނާގެ ހިތުގެ އަޑިން ނިހާމަށް އެދޭވަރު ޔަގީން ކޮށްދޭން ބޭނުންވި އެވެ.

ނިހާމްއާ ދިމާއަށް މަޑުމަޑުން ދުވެލާފައިދިޔަ ނާޖިދާ ދިޔަގޮތަށް ގޮސް ނިހާމްގެ ގައިގާ ބައްދާލި އެވެ. ނާޖިދާގެ ތުންފަތާއި ނިހާމްގެ ތުންފަތް ޖެހުނު ވަގުތު ނިހާމްގެ މުޅިހަށިގަނޑަށް ކަރަންޓްއައި ކަހަލައެވެ.

އަލަތު ލޯތްބެއްގެ ފުރަތަމަ ބައްދަލުވުމެވެ. އެތައް ދުވަހެއްގެ މަސައްކަތުން ކާމިޔާބު ކުރެވުނު ލޯބީގެ ފުރަތަމަ ބައްދަލުވުން ނާޖިދާ ބޭނުންވާ ފަދައިން ކުރިޔަށްގެންދަން ނިހާމް އިސްކަން ދިނެވެ. ވަގުތުން ކުރަން ބޭނުންވި އެތައްކަމެއް ނާޖިދާގެ ހިތްހަމަ ނުޖެހުމުގެ ސަބަބުން މަޑުޖައްސާލި އެވެ. ކެތްތެރިކަމާއި ވިސްނުން އިސްކުރިއެވެ. ކަމެއް ހާސިލުކުރަން ބޭނުންނަމަ ބައެއްކަންކަން މަޑުޖައްސާލަން ޖެހެއެވެ. ބައްދަލުވުން ކުރިޔަށްދާ ވަރަކަށް ޗުއްޓީ ނިމުމުގެ ކުރިން އޭނާގެ މަޤްޟަދު ހާސިލުވާނެކަމުގެ ޔަގީންކަން ނިހާމަށް ބޮޑުވަމުން ދިޔައެވެ.

ބައްދަލުވުން ނިންމާލުމަށްފަހު ނާޖިދާ ގެއަށް އައިއިރު އޭނާ ހުރީ ވަރަށް އުފާވެ ހިތްހަމަ ޖެހިފައެވެ. ޖިންސްގެ ޖީބުން ނެގި ފައިސާތައް އަލަމާރިއަށް ލީއިރު އޭނާގެ މޫނުމަތިން ހިނިތުންވުން ފާޅުވެގެން ދިޔައެވެ.

ދުވަސްތައް މާޒީއާއެކުވަމުން ދިޔައިރު ނާޖިދާ އާއި ނިހާމް އެހެން މީހުންގެ ލޯތަކަށް ސިއްރުން ބައްދަލުވުންތައް ބާއްވަމުން ލޯބީގެ ވަގުތައް ހޭދަކުރަމުން އުފާކުރަމުން ދިޔައެވެ. ކިޔެވުން ނިމުނުހާ އަވަހަކަށް ނާޖިދާއާ ކައިވެނި ކުރާނެކަމަށާއި ކައިވެންޏަށްފަހު ރަށު ގެސްޓްހައުސް ނާޖިދާއަށް ދޭނެކަމަށް ނިހާމް ބުނަމުން ދިޔައެވެ. އޭނާ އަކީ ދޮގުހަދާނެ މީހެއް ނޫންކަމަށާއި އޭނާއާމެދު ސައްކު ނުކުރުމަށް ބުންޏެވެ. ނާޖިދާ ބޭނުންނަމަ އެހެން ވެސް އެތައްކަމެއް އޭނާ ކޮށްދޭނެއެވެ.

ލިބެމުންދިޔަ ހަބަރުތަކުގެ ސަބަބުން ނާޖިދާ ހުރީ ވަރަށްއުފާވެ ހިތްހަމަ ޖެހިފައެވެ. ބޭނުންވާފަދަ ތަނަވަސްކަމާއި އުފަލާއި ހިތްހަމަ ޖެހުން ނިހާމްގެ ފަރާތުން ލިބޭނެކަމުގެ އުންމީދާއި ޔަގީންކަން ނާޖިދާއަށް ބޮޑެވެ. ނިހާމްގެ ކޮންމެ އެދުމަކަށް ނާޖިދާ މަރުހަބާ ކިޔަމުން ދިޔައީ ލިބެން އޮތް ތަނަވަސް ދިރިއުޅުމަށް ފެންބޮވައި ގެންފައިވާލެއް ބޮޑުކަމުން ނެވެ.

އޮއްސުނު އިރާއިއެކު ރަށުތެރެއަށް އަނދިރިކަން ވެރިވާން ފެށިއިރު ހަމަހިމޭންކަން ވެސް ވެރިވާން ފަށައިފިއެވެ. މަގުތަކުން މީހުން މަދުވަމުން ފަޅުކަން ފާޅުވަމުން ދިޔައެވެ.

ނިހާމް ހަދަމުންދިޔަ ގެސްޓްހައުސް އިމާރާތުގެ ތެރެއަށް ނާޖިދާ ވަތް ނަމަވެސް އެހެން މީހަކަށް އެކަމެއް ނޭނގެއެވެ. އޭނާ އެތަނަށް ވަނީ އެހާވެސް ސިއްރުން އެހާވެސް ބަލައިގެންނެވެ.

ނާޖިދާއަށް ފުރަގަސްވާ ގޮތަށް އެތަނުގައި މަޑުކޮށްލައިގެން ހުރި ނިހާމް ފެނުމާއެކު ނާޖިދާ ބޭނުންވީ އޭނާ ހައިރާން ކޮށްލާށެވެ. ސިއްސުވާލާ ށެވެ. ގޯތިތެރެއަށް ވަންނަމުން މަޑުމަޑުން ދޮރުލައްޕާ ތަންޑު އެޅުވިއެވެ.

ނިހާމްއާ ދިމާއަށް ނާޖިދާ ދިޔައީ އޭނާގެ ފިޔަވަޅުގެ އަޑު ވެސް ނީވޭހާ މަޑުމަޑުން އެކަމަށް ސަމާލުކަންދީ ވިސްނައިގެން ނެވެ. އޭނާ ބޭނުންވީ ނިހާމް ހައިރާންކޮށްލާ ބޮޑު އުފަލެއް ދޭށެވެ.

ފަހަތުން އައި ނާޖިދާ ބައްދާލުމާއެކު ނިހާމް ދިޔައީ ސިއްސައިގެން ނެވެ. ހައިރާންކަމާއެކު ނާޖިދާއަށް ބަލާލަމުން ސިއްސައިގެން ދިޔަ ކަމަށް ބުންޏެވެ. ލޯތްބާއި އޯގާތެރިކަމާއެކު ނާޖިދާއާ ބައްދާލަމުން ލޯބިކޮށްލި އެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.