މި އަހަރާއި އަންނަ އަހަރު ރިލީޒްކުރަން ހަމަޖެހިފައިވާ ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ފިލްމުތައް ހާމަކޮށްފި އެވެ. މި ފިލްމުތައް ރިލީޒްކުރާނެ ތާރީޚުތައް އާއްމުކޮށްފައި ވިޔަސް، މިފަހަރު މި ފިލްމުތަކުގެ ޕޯސްޓަރުތައް އާއްމުކޮށްފައިވަނީ ސިޔާސީ މައިދާނުގައި ކިޔާގޮތަށް ނަމަ ހަވާ ފަޓާސްބަރިއެއްހެންނޭ ބުނެވޭފަދަ ގޮތަކަށް ކަން ފާހަގަކޮށްލެވެ އެވެ.

ޑާކް ރެއިން އެންޓަޓެއިންމެންޓްގެ އުފެއްދުންތަކުން މި އަހަރާއި އަންނަ އަހަރު ރިލީޒްކުރަން ތައްޔާރުވެފައިވާ ފިލްމު ތަކަކީ ފިލްމު “ނޮވެމްބަރ“، “މީ އިޝްޤް“، “ފުރޭތަ” އަދި “ބަޅިނދުު” އެވެ.

ނޮވެމްބަރ

މިއީ ޑާކް ރެއިން އެންޓަޓެއިންމެންޓުން މިހައިތަނަށް އުފެއްދި އެންމެ އަގުބޮޑު ފިލްމެކެވެ. ހަމަ އެހެންމެ މި ފިލްމަކީ ދިވެހި ފިލްމަކަށް އެންމެ ބޮޑު ހޭދައެއް ކޮށްގެން އުފައްދާފައިވާ ފިލްމުކަމަށް ޑާކް ރެއިން އިން ބުނެއެވެ. މި ފިލްމު އުފެއްދުމުގެ މަސައްކަތަށް އެކަނިވެސް 1.6 މިލިއަން ރުފިޔާ ޚަރަދުކުރެވިފައި ވާކަމަށް ބުނެއެވެ.

ޖުމައްޔިލް ނިމާލް އަދި މަރިޔަމް މަޖުދާ ލީޑުން ފެނިގެންދާ މި ފިލްމުގެ ބޮޑު ބައެއް ސިންގަޕޫރުގައި ޝޫޓްކޮށްފައިވެ އެވެ.

ފިލްމު ”ނޮވެމްބަރ“ ގެ ސްކްރީންޕްލޭ ލިޔުނީ ޢާއިޝަތު ފުއާދު އާއި ޢަހްމަދު ޠަލާލް އެވެ. ޑައިރެކްޓްކޮށް ކެމެރާކުރީ ޝިފާއު (ޗިއްޕެ) އެވެ. ކޯ-ޑައިރެކްޓަރެއްގެ ގޮތުގައި ހަރަކާތެރިވެފައިވަނީ އާއިޝަތު ފުއާދެވެ. ޗިއްޕެއާއެކު ކެމެރާކުރުމުގައި އަޙްމަދު ޝިނާން ވެސް ހަރަކާތެރިވިއެވެ.

ފިލްމު ”ނޮވެމްބަރ”ގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ފުރޭތަ

މިއީ ޑާކްރެއިން އިން މިހައިތަނަށް އުފައްދާ އެންމެ ވަރުގަދަ އެކްޝަން ފިލްމެވެ. ފިލްމު ޕްރިމިއާކުރުމަށް ނިންމާފައިވާ ތާރީޚަކީ 08 ޖެނުއަރީ 2024 އެވެ.

ބޮޑު ކާސްޓެއް ހިމެނޭ “ފުރޭތަ“އިގެ ލީޑުން ފެނިގެންދާނީ ހުނަރުވެރި އެކްޓިންއެއް ދައްކަމުން އަންނަ ޝަރަފުއްދީން ޢަބްދުﷲ އެވެ. މީގެ އިތުރުން ފެނިގެންދާނެ މުހިންމު ތަރިންގެ ތެރޭގައި ރަވީ ފާރޫޤް، މުޙައްމަދު މަނިކް، އަޙްމަދު ސަޢީދު، މުޙައްމަދު ރިފްޝާން (ރިއްޕެ)، އަޙްމަދު ނާޝިތު، ޢަލީ ނަދީހް، އާމިނަތު އަޞީލާ، އާދަމް ރިޒްވީ (ރެކްސް) އަދި ޗައިލްޑް އާޓިސްޓް ނީލް އެވެ.

ފިލްމު “ފުރޭތަ“ އަކީ އަޙްމަދު ޠަލާލްގެ ސްކްރީންޕްލޭއަކަށް ޢަލީ ޝިފާޢު (ޗިއްޕެ) ޑައިރެކްޓްކުރާ ފިލްމެކެވެ.

ބަޅިނދުު

މިއީ ބިރުވެރި ފިލްމެކެވެ. ފިލްމު “ބަޅިނދު”ގެ ސްކްރީންޕްލޭ ލިޔުނީ ހޫދު އިބްރާހިމް އެވެ. މިއީ ހަގީގީ ހާދިސާތަކެއް ހިމަނައިގެން ލިޔެފައިވާ ވާހަކައެކެވެ. މި ފިލްމު ޑައިރެކްޓްކުރަނީ ފިލްމު “ގޮށްރާޅު” ވެސް ޑައިރެކްޓްކުރި އަހްމަދު ޝިނާންއެވެ.

ފިލްމު “ބަޅިނދުު” ގައި ހަރަކާތްތެެރިވާ މައިގަނޑު ތަރިންގެ ތެރޭގައި އިސްމާޢީލް ޖުމައިހް، އާމިނަތު ރަޝްފާ (އާޝާ)، ނުޒުހަތު ޝުޢައިބް، މަރިޔަމް މަޖުދާ، ހުނޫޝާ، އައިޝާ ހިމެނެއެވެ.

ފިލްމު “ބަޅިނދުު” ރިލީޒްކުރަން ނިންމާފައިވަނީ 2024 ވަނަ އަހަރު އެވެ.

މީ އިޝްޤް

ފިލްމު “މީ އިޝްޤް“ މިއީ އަޒްހާން އިބްރާހީމް ލިޔެ، ޑައިރެކްޓްކޮށް، ޑާކް ރެއިން އެންޓަޓެއިންމެންޓުން ގެނެސްދޭ އަސަރުގަދަ ލޯބީގެ ފިލްމެކެވެ.

ފިލްމު “މީ އިޝްޤް“ގެ ލީޑް ކުޅެފައިވަނީ މިހާރު ފިލްމީ ދާއިރާގައި ވިދަމުން އަންނަ ދެތަރިން ކަމަށްވާ ޝަރަފް އަބްދުﷲ އަދި އާމިނަތު ރަޝްފާ (އާޝާ) އެވެ.

ފިލްމު “މީ އިޝްޤް“ ރިލީޒްކުރަން ނިންމާފައިވަނީ 2024 ވަނަ އަހަރު އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.