ޕެޕަރސްޕްރޭ ނުވަތަ އަސޭމިރުސް ދުމުގެ އަސަރު ފިލުވައިލުމަށް އީޖާދުކޮށްފައިވާ ޚާއްޞަ ޓިޝޫއެއް ބޭރުގެ ބާޒާރުތަކުން ގަންނަން ލިބެން ހުންނަކަން އެނގޭހެއްޔެ؟ ސުޑިކޯން ޑީކޮންޓަމިނޭޝަން ވައިޕްސް ގެ ނަމުގައި ތައްޔާރުކޮށްފައިވާ މި ޓިޝޫ ބޭނުންކުރުމުން ‘އޯސީ ޕެޕަރސްޕްރޭ’ އަދި ‘ސީއެސް’، ‘ސީއެން ކަރުނަ ގޭސް’ ގެ އަސަރު ފިލުވައިލަ އެވެ.

ސުޑިކޯން ބޭނުންކުރުމުން ޕެޕަރސްޕްރޭގެ އަސަރުކޮށްފައިވާ ގައިގެ ހަންގަނޑާއި ލޮލުން ޕެޕަރސްޕްރޭގެ އަސަރު ފިލުވައިލަ އެވެ. އެކަމަށް ބޭނުންވަނީ ސުޑިކޯން ޓިޝޫ ބޭނުންކުރުމަށް ދީފައިވާ އިރުޝާދުުތަކަށް ރަނގަޅަށް އަމަލުކުރުމެވެ. ސުޑިކޯން ޓިޝޫއަކީ ޕެޕަރސްޕްރޭ އަށް ތައްޔާރުކޮށްފައިވާ ‘އެންޓިޑޯޓް’ އެކެވެ. މި ބޭނުންކުރުމުން ޕެޕަރސްޕްރޭއިން ނަގާ ދިލައިގެ އަސަރު ފިލުވައިލައެވެ.

ދިވެހިން އާއްމުކޮށް ދަންނަ ޕެެޕަރސްޕްރޭ އަކީ އޯލިއޯރެސިން ކެޕްސިކަމް (އޯސީ) އެވެ. ޓިއަރގޭސް ނުވަތަ ކަރުނަ ގޭހަކީ ކޯރސަން ސްޓޯޓަން (ސީއެސް) އާއި ކްލޮރޯއެސިޓޮފީނޯން (ސީއެން) އެވެ. އިނގިރޭސިވިލާތުގައި ފުލުހުން ބޮޑެތި މުޒާހަރާތައް ރޫޅާލަން ބޭނުންކުރަނީ ސީއެސް އެވެ. ސުޑިކޯން ޓިޝޫއަކީ މިބުނި ހުރިހައި ބާވަތެއްގެ ޕެޕަރސްޕްރޭ ގެ އަސަރު ފިލުވައިލުމަށް ނުވަތަ ނިއުޓްރަލައިޒް ކޮށްލުމަށް ވަރަށް އެކަށޭނަ ވަސީލަތެއް ކަމަށް ބެލެވެއެވެ. މިއީ އެމެރިކާގެ ގިނަ ހޮސްޕިޓަލްތަކެއްގައި ބޭނުންކުރަމުން އަންނަ ޕެޕަރސްޕްރޭގެ އަސަރު ފިލުވައިލާ ވެޓް ޓިޝޫ އެކެވެ.

ސުޑިކޯން ބޭނުންކުރުމުން ވަރަށް އަވަހަށް ގައިގައި ހޭކިފައިވާ ޕެޕަރސްޕްރޭ އެ ޓިޝޫއަށް ދަމައިގަނެއެވެ. އިސާހިތަކުން ދިލަ ފަސޭހަވެއެވެ. 07 މިނެޓާއި 15 މިނެޓް ނުވަތަ އެއަށްވުރެންވެސް ކުޑަވަގުތުކޮޅެއްގެ ތެރޭގައި ލޯ ހުޅުވާލެވޭވަރު ކޮށްދެއެވެ. މި ޓިޝޫ އަކީ ފެން ލިބެން ނެތް ނަމަ ބޭނުންކޮށްލަން އެންމެ ރަނގަޅު އެއް ވަސީލަތެވެ. ފެން ލިބެން ހުރިނަމަ އެންމެ ރަނގަޅީ އައިސްފެނެވެ.

ރާއްޖޭގައި މިހާރު ކުރިއަށްދާ މުޒާހަރާ ތަކަށް ނިކުންނަ މީހަކު ބުނީ މި ޓިޝޫ އޭނާ ބޭނުންކުރަމުން އަންނަ ކަމަށާއި މިއީ ރަނގަޅު އެއްޗެއް ކަމަށެވެ.

ސުޑިކޯން އަކީ އޮންލައިން ބާޒާރުންވެސް ގަނެވެން ހުރި ޓިޝޫއެއްކަން ފާހަގަކޮށްލެވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.