މަރްޔަމް އަޙްމަދު ދީދީގެ ކިބައިން އަޅުގަނޑަށް ތަޖްރިބާ ކުރެވުނު ވަރަށް އާދަޔާ ޚިލާފު ކުޅަދާނަ ކަމެކެވެ. ކިތަންމެ ދުވަހެއް ކޮށްފައި ދިމާވިޔަސް އަޅުގަނޑުގެ އަތުގައި އަތްލައި ކުޑަކޮށް އަތުގައި ކުޑަކޮށް ފިރުމާލާ ކަހަލަ ގޮތަކަށް އުޅަނބޮށްޓާ ހިސާބުގައި ހިފާފައި ދެނެގަނެވެ.

“އަދުނާނު، ކުއްދާ، ތައާއު ކޯހިދަކު؟” މިހެން އަހައިލާނެއެވެ. ދެން ޢާއިލާގެ ވާހަކަ ޚަބަރު އަހައި އަޅުގަނޑު ކުޑައިރުގެ ވާހަކަ ދައްކައި ސަމާސާ ކުރާނެއެވެ. އެކިއެކި ރަޙްމަތްތެރިންގެ ވާހަކަ އަހައި އޮޅުން ފިލުވާނެއެވެ.

މަރްޔަމް އަޙްމަދުދީދީ ކުޅަދާނަ ލަވަކިޔުންތެރިއެއްގެ ގޮތުގައި މުޅި ރާއްޖެ ދަނެއެވެ. އަދި ބޮޑަށް މަޝްހޫރުވީ އޮލިމްޕަހުގެ އިސްޓޭޖުގައި އޮލިމްޕިއަންސްގެ ބޭންޑަށް މަރްޔަމްދީދީ ލަވަތަކުން މަރްޔަމްދީދީގެ ރަން އަޑުން ދިރުން ގެނައި ހިސާބުންކަމުގައި ބައެއް މީހުން ބުނެފާނެއެވެ. އެކަމަކު ވަރަށް ޒުވާން ދުވަސް ވަރުން ފެށިގެން ވެސް މަރްޔަމްދީދީ އަކީ އެފަދަ ދެވަނައެއް ނެތް ލަވަ ކިޔުންތެރިއެކެވެ. އަޑުގައި ވަރުބަލިކަމެއް ކުރަކިކަމެއް ނެތި އިއްޔެއާ ހަމައަށް ވެސް ލަވަކިޔަމުން ދިޔައެވެ.

މަރްޔަމްދީދީގެ ހިތް އަލިކަމުން ވަރަށް އަވަހަށް ތަކެތި ދަސްކުރެއެވެ. ކީރިތި ޤުރުއާނުގެ ބައެއް ފޮތްތައް ބައެއް ސޫރަތްތައް ދަސް ކުރެއްވިއެވެ. ނަމަވެސް އެކުގައި ދަސްކޮށްލާނޭ ފުރުޞަތު ލިބިގެން ނުދިޔައެވެ. މަރްޔަމް ދީދީ އެކަން ފާހަގަ ކުރައްވަނީ ނަޞީބު އެގޮތަށް ތަނަވަސް ނުވީކަމުގައެވެ.

ލަވަތައްވެސް ދެތިން ފަހަރު ކިޔައި ދިނުމުން ހިތުގައި ރެކޯޑުކޮށްލައެވެ. އަދި ރާގުތައް ވެސް ވަރަސް އަވަހަސް ދަސްކުރެއެވެ. މަރްޔަމް ދީދީ ގިނައިން ކިޔާފައި ހުރީ މަޝްހޫރު ޝާޢިރު ޢަބްދުﷲ ޢަފީފުގެ ލަވަތަކެވެ. ޢަފީފު ބޭނުންފުޅުވާ އަސަރު ކޮންމެ ލަވައަކުން މަރްޔަމް ދީދީ ނެރެނީ އޭނާއަށް ޤުދުރަތުން ލިބިފައިވާ އަޑުގެ ފުރިހަމަ ކަމުންނެވެ.

ލަވަކިޔުމުގެ ދާއިރާއިން ޢާއްމު ޚިދުމަތުގެ އިނާމުވެސް ޙާޞިލު ކުރައްވާފައިވާ މަރްޔަމް ދީދީއަށް މެދުނުކެނޑި އިނާމު ލިބުނެވެ. މަރްޔަމްދީދީގެ ހިތްހެޔޮ ކަމާއި، ހިނިތުންވުމާއި ސަމާސާ މިޒާޖާއެކު ރައްޓެހިންނާއި ބީރައްޓެހިން ވެސް ކުރަމުންދިޔަ ތަޢްރީފެވެ. ދެމުންދިޔަ ހިތްވަރެވެ. ބޭއްވި ގުޅުމެވެ.

އާދޭހެވެ. މި ހުރިހާ ހަނދާންތަކާއެކު ޢަބްދުﷲ ޢަފީފު ގަލަމުން ސިފަކުރެއްވި ފެންމީރު ތިނަދޫއަށް މީހުންގެ ހިތް އަތުލި މަރްޔަމް އަޅުގަނޑުމެންނާ އެ ވަކިވީއެވެ. ވައިލެޓް މަލުގެ ފިޔަތަކުން ސިފަ ކުރެއްވި ތިޔަ ބުނާ ރޫޙީ އުފާތައް ސިފަ މަށަށް ކޮށްދޭނުހޭ ގެ ޙަޤީޤީ ސުވާލު މަންމައާ ކުރި ލޯފަން ކުއްޖާގެ ހިތުގެ ސާބިތުކަން ވެސް ތާއަބަދަށް އަޅުގަނޑުމެންނާ ވަކިވީއެވެ. ކުއްލިއަކަށެވެ. މާދަމާ ކިޔަންހުރި ލަވަތައް ދޫކޮށްލާފައެވެ.

إِنَّا لِله وَإِنَّـا إِلَيْهِ رَاجِعون

ރަޙްމާންވަންތަ، ރަޙީމްވަންތަ، ކަރީމްވަންތަ މާތްﷲ، މަރްޔަމް އަޙްމަދު ދީދީގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން

ލިޔުންތެރިޔާގެ ފުރަމަލަ

ރަން ގަލަން
ރަން ގަލަން
މުހިންމު ބޭނުންތެރި ލިޔުންތައް އެކިއެކި ވަޞީލަތް ތަކުން ނަގައިގެން، ލިޔުމުގެ އަސްލު މުސައްނިފް ލިޔުއްވި ލިޔުމެއްކަން އެނގޭ ގޮތަށް 'ރަން ގަލަން' ޕޯސްޓް ކުރާނެ އެވެ.