ކޮވިޑް-19ގެ ލޮކްޑައުން ތެރޭގައި ރާއްޖޭގެ ފިލްމު ހަދާ ގިނަ ސްޓޫޑިއޯތަކެއްގެ މަސައްކަތްތައް އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓުނެވެ. ބައެއް ސްޓޫޑިއޯތަކުން ފިލްމެއްގެ މަސައްކަތް ނުކޮށް ދެތިން އަހަރު ދުވަސް ހޭދަކުރިއެވެ. ނަމަވެސް އެ ދުވަސްވަރުވެސް ޑާކް ރެއިން އެންޓަޓެއިންމެންޓްގެ މަސައްކަތްތައް ހުއްޓައެއް ނުލައެވެ. ހޭލުންތެރިކުރުވުމުގެ އިޝްތިހާރުތަކާއި ކުރު ފިލްމުތައް ހަދަމުން ދިޔައީ ހަމަ ރަނގަޅަށްވެސް ފިލްމު ހެދުމަށް ‘އަވަ’ލާފައި ތިބި ބައެއް ފަދައިންނެވެ.

އޭރުގެ ހާލަތުން އަރައިގަނެވުމާއެކު، ޑާކް ރެއިންގެ މަސައްކަތްތައް އިތުރަށް ވަރުގަދަކުރިއެވެ. ފިލްމަކަށް ފަހު ފިލްމެއްގެ މަސައްކަތް ކުރަން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން މި އަހަރާއި އަންނަ އަހަރު ރިލީޒްކުރުމަށް ނިންމާފައިވާ ހަަތަރު ޕްރޮޖެކްޓް މިހާރުވެސް އެ ސްޓޫޑިއޯގައި އެބަ އޮތެވެ. އެ ފިލްމުތަކަކީ “ނޮވެމްބަރ“، “މީ އިޝްޤް“، “ފުރޭތަ” އަދި “ބަޅިނދުު” އެވެ.

06 އޮކްޓޫބަރު 2023 ވަނަ ދުވަހުގެ ރޭ ޑާކް ރެއިން އެންޓަޓެއިންމެންޓުން މިވަނީ އެމީހުންގެ ކުރިއަށް ހުރި ޕްރޮޖެކްޓަކުގެ ތެރެއިން ހަ ޕްރޮޖެކްޓެއް އިޢުލާނުކޮށްފައެެވެ. ފިލްމު ހެދުމަށް އަވަލާފައިވާ ޕްރޮޑަކްޝަން ހައުސްއެކޭ ބުނެވޭހާ ވަރުގަދަ ޕްރޮޖެކްޓްތަކެއް އިޢުލާނުކޮށްފައިވަނީ މިއީ 2024ވަނަ އަހަރު ކުރަން ހުރި މަސައްކަތްތަކެއްކަން ހާމަކުރަމުންނެވެ. އެ ފިލްމުތަކަކީ “ފެށުމާއި ނިމުން”، “އަލިފާން”، “ލޭ”، “ލައިފް ސަޅި”، “ވާރޭ” އަދި “އަވަ” އެވެ.

މިވަގުތު ޕްރީޕްރޮޑަކްޝަންގެ މަސައްކަތްތައް ކުރިއަށްދާ މި ފިލްމުތަކުގެ ޓައިޓްލް ޕޯސްޓަރުތައް ޑާކް ރެއިންގެ އިންސްޓަގްރާމުން ބަލައިލެވޭނެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.