މޯލްޑިވްސް މެޖިޝަން އެސޯސިއޭޝަން (އެމް.އެމް.އޭ) ރަޖިސްޓްރީކޮށްފިއެވެ. އެޖަމިއްޔާގެ ފުރަތަމަ ރައީސަކީ ރާއްޖޭގެ މަޝްހޫރު ޖާދޫ ހުނަރުވެރިޔާ މުހައްމަދު ޝަރީފް (ބެގޯނިއާ ޝަރީފް) އެވެ.

މޯލްޑިވްސް މެޖިޝަން އެސޯސިއޭޝަން ރަޖިސްޓްރީކުރުމާ ގުޅިގެން 09 އޮކްޓޫބަރު 2023 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޖަމިއްޔާގެ ރައީސް ޝަރީފް ވަނީ އެ ޖަމިއްޔާއާ ބެހޭގޮތުން މައުލޫމާތު ހިއްސާކުރައްވާފައެވެ. މި ނިއުސް ބްރީފިންގ ބޭއްވީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ފުރަތަމަ ފަންގިފިލާގައެވެ.

އެމް.އެމް.އޭގެ ރައީސް މުހައްމަދު ޝަރީފް ހާމާކުރެއްވި ގޮތުގައި އެސޯސިއޭޝަންގެ މަގްސަދަކީ ޖާދޫ ހެދުމުގެ އީލޫޝަން ހުނަރު، މި އާރޓް ރާއްޖޭގެ ޒުވާނުންނަށް ތައާރަފް ކޮށްދިނުމާއި، މިކަމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް ފުރުސަތުދީ މި ފަންނުވެރިކަން އާލާކުރުމެވެ. އަދި ބައިނަލްއަގުވާމީ އެކި ޕްލެޓްފޯމްތަކުގައި ރާއްޖޭގެ ޖާދޫގެ ހުނަރުވެރިން ފެސްޓިވަލްތަކުގައި ތަމްސީލްކޮށް ޖާދޫ އިލޫޝަން ނުވަތަ އާރޓްގެ ރޮނގުން ރާއްޖެއަށް ރީތިނަން ހޯދާދިނުންކަމަށް ޝަރީފް ފާހަގަ ކުރައްވާފައިވެއެވެ.

“މި ޖަމިއްޔާގެ މަގްސަދަކީ ދިވެހިރާއްޖޭގައި ތިބި ޖާދޫގެ ހުނަރުތަކަށް ޝައުގުވެރިވާ ފަރާތްތަކަށް ޖާދޫގެ ހުނަރުތައް ދަސްކޮށްދިނުމާ، އެ ފަރާތްތަކަށް ފުރުސަތު ހޯދައިދިނުމާ، ކުރިއެރުން ގެނެސްދިނުން.”

– މޯލްޑިވްސް މެޖިޝަން އެސޯސިއޭޝަންގެ ރައީސް

މި ނިއުސް ބްރީފިންގގައި ޚާއްޞަ މެހެމާނެއްގެ ހައިސިއްޔަތުން މަޝްހޫރު ޖާދޫ އިލޫޝަންސް އާރޓިސްޓު ސަމަލަ ވެނު ބައިވެރިވެލެއްވިއެވެ. ސަމަލަ ވެނު އަކީ ގިނިސް ވޯލްޑް ރެކޯޑް ފޮތުން 2 ފަހަރެއްގެ މަތިން ޖާގަ ހޯދުމުގެ އިތުރުން ބައިނަލް އަގްވާމީ އެތައް ރަންވަނަތަކެއް ހާސިލްކޮށް 40 އަހަރުގެ ޖާދޫ އިލޫޝަން އާރޓްގެ ތަޖުރިބާ ލިބިފައިވާ އިންޑިއާގެ މަޝްހޫރު މެޖިޝަނެކެވެ.

މި ބްރީފިންގެ ތެރޭގައި ވާހަކަ ދައްކަމުން ސަމަލަ ވެނު ފާހަގަ ކުރެއްވި އެއްކަމަކީ އޭނާގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ރާއްޖޭގެ މަޝްހޫރު ޖާދޫގަރު މުހައްމަދު ޝަރީފަށް ލިބޭނެކަމެވެ. އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް މޯލްޑިވްސް މެޖިޝަންސް އެސޯސިއޭޝަންސްގެ ނަމުގައި ޖަމްއިއްޔާއެއް އުފެދިގެން ދިއުމާ ގުޅިގެން ޖާދޫގަރު ސަމަލަ ވެނު ވަނީ މަރުހަބާ ކިޔާފައެވެ. އަދި މިހާތަނަށް މެޖިކް 7000 ޖާދޫގެ އިވެންޓްތައް 30 ގައުމެއްގައި ތަމްސީލްކޮށްފައިވާކަމާއި މިފަހަރު ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބައިނަލް އަގުވާމީ ފެސްޓިވަލް ބާއްވާ ހަބަރު ލިބުމުން އުފާކުރާކަން އޭނާ ފާހަގަކޮށްފައިވެއެވެ.

ފޮޓޯ: މޯލްޑިވްސް މެޖިޝަން އެސޯސިއޭޝަން

އެމް.އެމް.އޭގެ ރައީސް މުހައްމަދު ޝަރީފް އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި މިއަހަރުގެ ޑިސެންބަރު މަހުގެ 01 އަދި 02 ވަނަ ދުވަހު ރާއްޖޭގައި އިންޓަރނޭޝަނަލް މެޖިކް ފެސްޓިވަލެއް ބާއްވަން ވަނީ ހަމަޖެހިފައެވެ. މި ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮލިމްޕަސް ތިއޭޓަރގައެވެ. މިގޮތުން ފުރަތަމަ ދުވަހު ފެސްޓިވަލް އަދި ދެވަނަ ދުވަހު ގާލާ ނައިޓް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފެސްޓިވަލްގައި 5 ގައުމަކުން ވާދަކުރާއިރު މި ފެސްޓިވަލްގައި ޖާދޫ ހެދުމުގެ ހުނަރު ދައްކާލުމުގެ ފުރުސަތު ރާއްޖެއަށްވެސް ލިބިފައިވެއެވެ. މިގޮތުން ރާއްޖޭގެ މަޝްހޫރު ޖާދޫގަރު ބެގޯނިއާ ޝަރީފް ވެސް ވާދަކުރައްވާނެ ކަމަށާއި، އޮލިންޕަހުގެ ސްޓޭޖުން ވަރަށް ހުނަރުވެރި ޖާދޫ އިލޫޝަން އާރޓް ފެނިގެންދާނެކަމަށް ޝަރީފު ފާހަގަ ކުރެއްވިއެވެ. އަދި މި ފެސްޓިވަލްއާއި ގުޅޭ އިތުރު މައުލޫމާތު ވަރަށް އަވަހަށް މީޑިއާ އާއި ހިއްސާ ކުރައްވާނެކަމަށް ވިދާޅުވިއެވެ.

މި ނިއުސް ބްރީފިންގައި މަޝްހޫރު ޖާދޫގަރު ސަމަލަ ވެނުގެ ޖާދޫހެދުމުގެ ހުނަރުގެ ކުޑަ މިންވަރެއް ދައްކާލާފައިވެއެވެ. މޯލްޑިވްސް އިންޓަރނޭޝަނަލް މެޖިކް ފެސްޓިވަލްގައި ސަމަލަ ވެނުގެ ފުރިހަމަ އެއްބާރުލުމާއި އޭނާގެ ޖާދޫ އިލޫޝަންވެސް ފެނިގެންދާނެއެވެ.

އެމް.އެމް.އޭގެ ނިއުސް ބްރީފިން ނިންމާލަމުން މޯލްޑިވްސް މެޖިޝަންސް އެސޯސިއޭޝަންގެ ފަރާތުން އަލަށް މި ޖަމްއިއްޔާގެ މެމްބަރުކަމަށް އެދޭ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިފައި ވާކަން ފާހަގަ ކުރައްވާފައިވެއެވެ.

“މޯލްޑިވްސް އިންޓަރނޭޝަނަލް މެޖިކް ފެސްޓިވަލް 2023″އާ ގުޅޭ އިތުރު މައުލޫމާތު ތަކާއެކު ކައިރި މުސްތަގުބަލެއްގައި މީޑިއައާއި ބައްދަލު ކުރާނެ ކަމަށް މޯލްޑިވްސް މެޖިޝަންސް އެސޯސިއޭޝަނުން ހާމަކޮށްފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.