ދިވެހިންނަށް ކޮންމެ ވަގުތަކީވެސް ސައި ތަށްޓެއް ބުއިމަށް ހަމަ އެންމެ އެކަށޭނަ ވަގުތެކެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. ސަޔަކީ ސިއްހަތަށް ފައިދާހުރި، އަނގަޔަށް މީރު ބުއިމެކެވެ. ހަށިގަނޑަށް ހަމަޖެހުން ގެނެސްދޭ އަގުހެޔޮ ބުއިމެކެވެ. އެހެންކަމުން، ދުވަހުގެ ފެށުމަށް އަދި ނިންމުމަށްވެސް ސައިތަށްޓެއް ނުބޯންވީ ސަބަބެއް ނެތެވެ. މިވަރަށް ސައިބޯއިރު، ސައިތަށި ތައްޔާރުކޮށް ނިމުމަށްފަހު ސައިފަތް ކޮތަޅު އެއްލައިލުމަކީ އަހަރުމެން ގިނަމީހުން އާދަވެ ކުރަމުން އަންނަ ކަމެކެވެ. އެހެން ނަމަވެސް މިއަދުންފެށިގެން ސައިފަތް ކޮތަޅު އެއްލައިލުމުގެ ކުރިން އެއިން ކޮންމެވެސް އެހެން ބޭނުމެއް ކުރަން ފެށުން ކިހިނެތްވާނެ ހެއްޔެވެ؟ ބޭނުންކޮށްފައިވާ ސައިފަތް ކޮތަޅުން ހިފިދާނެ ވަރަށް ގިނަގުނަ ބޭނުންތަކެއް އެބަހުއްޓެވެ. އެފަދަ 17 ބޭނުމަކަށް މި ލިޔުމުގައި ބަލައިލާނަމެވެ.

1- އަތުން މީރުވަސް ދުއްވުމަށް

ބަދިގެ ތެރޭގައި އަހަރުމެން ކާބޯތަކެތި ތައްޔާރުކުރަން އުޅޭއިރު، ހަވާދުގެ ބައެއް ބާވަތްތަކާއި މަސް، ފިޔާ، ލޮނުމެދު، ކަކުނި، ބޯވާ ފަދަ ބައެއް ތަކެތީގައި އަތްލައި އުޅުމުން އަތުން ނުބައިވަހެއް ދުވައެވެ. އެވަސް ފިލުވައިލުމަށް އަތްދޮންނަން ބޭނުންކުރާ ސައިބޯންޏަކުން ދޮވެލިޔަސް ވަސް ކެނޑޭގޮތް ނުވެ ހުރެދާނެ އެވެ. މިކަމަށް އޮތް އެންމެ ފަސޭހަ އެއް ހައްލަކީ ބޭނުންކޮށްފައި ހުންނަ ސައިފަތް ކޮތަޅު އަތުގައި ހޭކުމެވެ. އޭރުން ކުރިން ބުނިފަދަ ނުބައިވަސް ކަނޑުވާލައި އަތަށް ތާޒާކަމެއް ގެނެސްދޭނެ އެވެ. މިކަމަށް އެންމެ ރަނގަޅީ ‘ޕެޕަރމިންޓް’ ސައިފަތެވެ.

2- ނުބައި ވަސް ފިލުވައިލުމަށް

ބޭނުންކޮށްފައި ހުންނަ ސައިފަތް ކޮތަޅަކީ އައިސްއަލަމާރި، ކާޕެޓް، ބުޅާ ފަހަރުވާއިން ދުވާ ނުބައިވަސް ފިލުވައިލުމަށް ބޭނުންކޮށްލަން ރަނގަޅު އެއްޗެކެވެ. ބޭނުންކޮށްފައި ހުންނަ ސައިފަތް ކޮތަޅު އައިސްއަލަމާރި ތެރެއަށް ލާފައި ބަހައްޓާށެވެ. ކާޕެޓުން ނުބައިވަސް ފިލުވުމަށްޓަކައި ސައިފަތް ކޮތަޅު ކަނޑާލައި ސައިފަތްތައް ކާޕެޓް މައްޗަށް ވިއްސާލާފައި ބަހައްޓާށެވެ. އެއަށްފަހު ވެކިއުމް ކްލީނަރ އަކުން ކާޕެޓް ސާފުކޮށްލާށެވެ.

3- ތެލި ތަށިފަދަ ތަކެތީގައި ހުންނަ ތެޔޮކަން ފިލުވުމަށް

ތެޔޮކަން ހުންނަ ކާބޯތަކެތި ތައްޔާރުކުރުމުން ތެލީގައި ހުންނަ ތެޔޮކަން ފިލުވުމަށް ނުވަތަ އެފަދަ ކާއެއްޗެއް އަޅާ ތަށީގައި ހިފައިފާ ހުންނަ ތެޔޮކަން ފިލުވައިލުމަށް ސައިފަތް ކޮތަޅު ބޭނުންކުރެވިދާނެ އެވެ. ބޭނުންކޮށްފައި ހުންނަ ސައިފަތް ކޮތަޅު ތަކެއް ފެން އެއްޗަކަށް އަޅާފައި ބަހައްޓާށެވެ. އެ ފެން އެތީގެ ތެރެއަށް ތަށިތަށް ނުވަތަ ތެލިތައް ލާފައި އެއްރޭ ވާންދެން ބަހައްޓާށެވެ. އަނެއްދުވަހު ހެނދުނު ވަރަށް ފަސޭހަކަމާއެކު ތެޔޮކަން ފިލުވައިލެވޭނެ އެވެ.

4- ފެންވެރުމަށް

ބިލިގާ ގައި ފެންވަރާނަމަ ނުވަތަ އެއްޗަކަށް ފެން އަޅައިގެން ފެންވަރާނަމަ، ފެން އެތީގެ ތެރެއަށް ބޭނުންކޮށްފައިވާ ސައިފަތް ކޮތަޅު އަޅާށެވެ. މިކަމަށް ފްލެވަރޑް ސައިފަތަކީ އެންމެ އެކަށީގެންވާ ސައިފަތެވެ. މިގޮތަށް ފެންވެރުމުން ހަށިގަނޑަށް ހަމަޖެހުމާއި ހަކަތަ އިތުރުކޮށްދޭނެ އެވެ.

5- ‘ޕޮއިޒަން އައިވީ’ ޖެހުމުން ނަގާ ފިތްގަނޑުތައް ފިލުވުމަށް

ޕޮއިޒަން އައިވީ ގަހުގެ ފަތް ނުވަތަ ގަހުގެ ބައެއް ޖެހިގެން ނަގާ ނުރައްކާތެރި ފިތްގަނޑު ތަކުގައި ބޭނުންކޮށްފައިވަ ސައިފަތް ކޮތަޅެއް ޖައްސާށެވެ. އޭރުން ޕޮއިޒަން އައިވީން ހަށިގަނޑުގައި ހޭކިފައިވާ ތެޔޮކަން ފިލުވައިލާނެ އެވެ. މިކަމަށް އެންމެ ރަނގަޅީ ޕެޕަރމިންޓް ސައިފަތެވެ.

6- ‘ގޯރމެޓް ޑިޝް’ ތައްޔާރުކުރުމަށް

ގޯރމޭ ޑިޝްތައް ކަމަށްވާ ޕާސްތާ، ކުއިނުއާ އަދި ބަތް ތައްޔާރުކުރާއިރު ރަހަގަނޑު ހެޔޮވަރުކޮށްލުމަށް ބޭނުންކޮށްފައި ހުންނަ ސައިފަތް ޕެކެޓް ބޭނުންކުރެވިދާނެ އެވެ. ތެލީގެ ތެރެއަށް ހަމަ އެންމެ ޕެކެޓެއް ލާފައި ބޭއްވުމަށްފަހު ވިއްސަކަށް، ތިރީހަކަށް މިނެޓް ފަހުން ނަގާށެވެ.

7- ގޭގައި ކުލަ (ޑައި) ތައްޔާރުކުރުމަށް

ބޭނުންކޮށްފައި ހުންނަ ސައިފަތް ޕެކެޓުން ބޮލުގެ އިސްތަށިގަނޑުގައި ކުލަޖެއްސުމަށް ބޭނުންކުރެވިދާނެ އެވެ. އެގޮތުން މުށި ކުލަ، ފެހި ކުލަ އަދި އޮރެންޖު ކުލަ ވެސް ޖެއްސޭނެ އެވެ. މީގެއިތުރުން ފޭރާމާއި، ކާޑާއި އަދި ގޭގައި ތައްޔާރުކޮށްލާ ބައެއް ކްރާފްޓް ތަކުގައި ކުލަޖައްސަން ވެސް ބޭނުންކޮށްލެވިދާނެ އެވެ.

8- ގައިގެ ހަންގަނޑުގައި ނަގާފައި ހުންނަ އުން ފިލުވައިލުމަށް

ބޭނުންކޮށްފައިވާ ސައިފަތް ކޮތަޅެއް ތާފަނާ ފެންފޮދެއްގައި ތެތްމާލައި އުމުގައި (ވާރޓްސް ގައި) އަޅާފައި އެއްދުވަސް ވާންދެން ބަހައްޓާށެވެ. މިކަމަށް އެންމެ ރަނގަޅީ ގްރީން ޓީ އެވެ.

9- ގަސް ހެދިބޮޑުވުން އަވަސްކޮށްދޭ

ޓުކުރީގައި އިންދައިގެން ހައްދާ ގަސް ޓުކުރީގެ ފުލުގައި ސައިފަތް ކޮތަޅުތައް ބަހައްޓާށެވެ. އޭރުން އަބަދުވެސް ވެލިގަނޑުގައި ތެތްކަން ހިފަހައްޓާ ގަހަށް ބޭނުންވާ ފެނާއި ކާނާ ލިއްބައިދެމުން ދާނެ އެވެ. މިކަމަށް އެންމެ ރަނގަޅީ ހަރބަލް ސައިފަތެވެ.

10- މީދަލުގެ އުނދަގުލުން ސަލާމަތްވުމަށް

ބޭނުންކޮށްފައި ހުންނަ ސައިފަތް ކޮތަޅުން ދުވާ ވަހަކީ ފައިދިގުމަކުނު، މީދާ އަދި ހިންޏަށް ތަހައްމަލުކުރަން ކެރޭވަރުގެ ވަހެއް ނޫނެވެ. އެހެންކަމުން ގޭގެ އެކިި ހިސާބުތަކުގައި ސަފައިފަތް ކޮތަޅުތައް ބެހެއްޓިދާނެ އެވެ. މިސާލަކަށް ދޮރު ކައިރި، ކަންކަން، ކަބަޑުތައް ތެރެއާއި ބިތްދޮށުގައި ބެހެއްޓިދާނެ އެވެ.

11- ގަސްކާނާ ތައްޔާރުކުރުމަށް

ގަހަށް ބޭނުންވާ ކާނާ ފޯރުކޮށްދިނުމަށާއި ގަހަށް ތުރާ ދޭ ޖަނަވާރުތައް ގަސްތަކާއި ދުރުގައި ބޭތިއްބުމަށް، ބޭނުންކޮށްފައި ހުންނަ ސައިފަތް ކޮތަޅުގެ ބޭނުން ހިފިދާނެ އެވެ. މިކަން ކުރުމަށް ކޮންމެ ވައްތަރެއްގެ ސައިފަތެއް ވެސް ބޭނުންކޮށްލެވިދާނެ އެވެ.

12- އަނގަ ދޮންނަން (މައުތު ވޮޝް އަކަށް)

ބޭނުންކޮށްފައިވާ ސައިފަތް ކޮތަޅެއް ތާފަނާ ފެންތަށްޓެއްގެ ތެރެއަށް ލައިގެން އެ ފެނުން އަނގަ ދޮންނާށެވެ. މިކަމަށްޓަކައި ‘ސޭޖް’ އަދި ‘ރޯސްމެރީ’ ސައިފަތް ބޭނުންކުރުން ރަނގަޅެވެ.

13- ޖަރާސީމު އަށަގަތުމަށް ފަރުވާއެއް

އަނގައިގެ ފާރު، ލޯ ރަތްވުން، ފޮޅުނެގުން ފަދަ ކަންކަމަށް ފަރުވާ ދިނުމަށް ސައިފަތް ކޮތަޅު ބޭނުންކުރާށެވެ.

14- ތުނބުޅި ބޭލުމުން ނަގާ ދިލަ ފިލުވައިލުމަށް

ބޭނުންކޮށްފައިވާ ސައިފަތް ކޮތަޅުކޮޅެއް ތާފަނާ ފެންފޮދަކަށް ލައިގެން ސައިފަތް ކޮތަޅުން ތުނބުޅި އާއި މަތިމަސް ހިމެނޭ ސަރަހައްދުގައި ޖައްސަމުން ގެންދާށެވެ. މިކަމަށް ‘ކެމޮމައިލް’ ނުވަތަ ‘ލެވެންޑަރ’ ސައިފަތް ބޭނުންކުރުން ރަނގަޅެވެ.

15- ބޮލުގެ އިސްތަށިގަނޑުން ފެންހިއްކުމަށް

ބޭނުންކޮށްފައިވާ ސައިފަތް ކޮތަޅުން ބޮލުގެ އިސްތަށިގަނޑު ހިއްކާށެވެ. އޭރުން އިސްތަށިގަނޑަށް މަޑުކަމާއި އޮފުކަމެއް ގެނެސްދޭނެ އެވެ.

16- އެއަރފްރެޝްނަރ އަކަށް

ބޭނުންކޮށްފައިވާ ސައިފަތް ކޮތަޅު ކާރު ނުވަތަ ވެހިކަލް ތެރޭގައި އެލުވާފައި ބަހައްޓާށެވެ. މިކަމަށް އެންމެ އެކަށީގެންވަނީ ‘މިންޓް’، ‘ލެވެންޑަރ’ ނުވަތަ ‘ޖޭސްމީން’ ސައިފަތެވެ.

17- ދަތުގެ ރިހުން، ފޮޅު، އަދި އަވިން ހަންގަނޑު އެނދުމަށް ފަރުވާއެއް

ދަތުގައި ރިއްސާނަމަ، މަޑު ހޫނުކަމެއް ހުރި ސައިފަތް ކޮތަޅެއް ބޭނުންކޮށްގެން ރިއްސާ ދަތުގެ ބޭރުގައ ބޮނޑިތާން ކޮށްލާށެވެ. ނަގާފައި ހުންނަ ފޮޅު ރަނގަޅުކުރުމަށް ފޮޅުތައް މަތީގައި މަޑުމަޑުން ސައިފަތް ކޮތަޅު ޖައްސާށެވެ. އިރުގެ އަވިން ފިހިފައިވާ ހަންގަނޑު އަވަހަށް ރަނގަޅު ކުރުމަށްޓަކައި އަސަރުކޮށްފައިވާ ތަންތަނުގައި ސައިފަތް ޕެކެޓްތަކެއް އަޅާފައި ބަހައްޓާށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.