ކޮންމެ މީހަކުވެސް އެމީހެއްގެ ހަށިގަނޑުން އެންމެ ރީތިކޮށް ހުރުމަށް އެދޭނީ މޫނު ކަމަށް ޤަބޫލުކުރެވެއެވެ. ސާދަވިލޭރޭގެ ހަނދެއްފަދަ އަލި މޫނެއްގެ ދަހިވެތިކަން ނޯންނާނެ މީހެއް މަދުވާނެ އެވެ. އެފަދަ އަލި މޫނެއް ނުލިބުނަސް މޫނުގައި ލަކުނާއި، ލަކާއި، ރޫ މަދުކޮށް، މޫނު ސާފުކޮށް ބެހެއްޓުމަށް ގޭތެރެއިން ދެވިދާނެ ފަރުވާތައް ހުރެއެވެ. މިފަހަރު މި ބަލައިލަނީ މޫނު ސާފުކޮށް ބެހެއްޓުމަށް ދެވިދާނެ ގެވެށިފަރުވާ އަކަށެވެ.

ބާޒާރުން ގަންނަން ލިބެންހުންނަ ކޮސްމެޓިކްސް ގެ ބާވަތްތަކާއި މޫނަށް ފަރުވާ ދިނުމުގެ ނަމުގައި ތައްޔާރުކޮށްފައި ޒާތްޒާތުގެ ތަކެތި ބޭނުންކުރުމުން އެއިން ގެއްލުންތަކެއް ވެސް ލިބެއެވެ. ގިނަ ފަހަރަށް އެފަދަ ތަކެތިން އެހާ އެދެވޭ ނަތީޖާއެއް އޮންނަނީ ނުލިބިފައެވެ. މި ސަބަބުތަކަށްޓަކައި ޤުދުރަތީ ބާވަތްތައް ބޭނުންކޮށްގެން ބޭހެއް ތައްޔާރުކޮށްލައިގެން އަޖުމަ ބަލައިލުން ކިހިނެތްވާނެ ހެއްޔެވެ؟ މި ގެނެސްދޭ ގެވެށިފަރުވާ އިން ހަންގަނޑުގައި ހުންނަ ކަޅު ލައްތަކާއި ރޫތަކާއި ލަކުނު ފިލުވައިދޭނެ އެވެ. އަދި ހަމުގެ ސިއްޙަތު ރަނގަޅުކޮށްދީ އޮމާންކަން ގެނެސްދޭނެ އެވެ. މީގެ އިތުރުން، މޫނުގައި ބިހިނެގުމަށް ފަރުވާ ލިއްބައިދީ ބިހި ނެގުމުން ލާފައި ހުންނަ ލަކުނުތައް ނައްތާލާނެ އެވެ. މި ބޭސް ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި ފަސޭހަކަމާއެކު ލިބެންހުންނާނެ އެވެ. ތައްޔާރުކޮށްލަން ވެސް އެހާ ފަސޭހަ ވާނެ އެވެ.

‘ބަރނިންގ ފޭސް މާސްކް’

ބޭނުންވާނެ ތަކެތި:

– 01 ސައިސަމުސާ މުގުރި ފޮނިތޮށި

– 01 ސައިސަމުސާ މުގުރި ތަކޫވައް (ނަޓްމެގް)

– 01 ސައިސަމުސާ ލުނބޯ ހުތް

– 01 ސައިސަމުސާ ތާޒާ މާމުއި

ތައްޔާރުކުރާނެ ގޮތް:

އޮލަ ޕޭސްޓަކަށް ވާންދެން ހުރިހައި ތަކެތި ރަނގަޅަށް އެއްކޮށްލާށެވެ. ރަނގަޅަށް މޫނު ދޮވެލައި މޮއިސްޗަރައިޒަރ އެއް ހާކާށެވެ. ތައްޔާރުކޮށްފައިވާ ބޭސް، މޫނުގައި ރަނގަޅަށް އުނގުޅާށެވެ. މޫނު ހިރުވާގޮތް ވާނަމަ އޭގެ މާނައަކީ ތައްޔާރުކުރި ބޭސް ރަނގަޅަށް މަސައްކަތް ކުރަނީ އެވެ. 10 މިނެޓް ވާންދެން ބެހެއްޓުމަށްފަހު ތާފަނާ ފެނުން މޫނު ދޮންނާށެވެ. މޫނު ރަނގަޅަށް ހިއްކާލައި މޮއިސްޗަރައިޒަރ އެއް ހާކާލާށެވެ.

ނޯޓް: ނާޒުކު ހަންގަނޑެއް ނަމަ، މި ޕޭސްޓް ތައްޔާރުކުރާއިރު މާމުއި އިތުރުކޮށްލާށެވެ. އެހެންނަމަވެސް، މި ބޭސް ބޭނުންކުރުމުން ރޮސޭޝާ rosacea ގެ އަސަރު ކޮށްފިނަމަ، މި ބޭސް ބޭނުން ކުރުމާއި ދުރުހެލިވާށެވެ. ސަބަބަކީ ރޮސޭޝާ އަކީ މޫނު ރަތްވެ، މޫނުގެ ހަންގަނޑުގެ ތެރޭގައި ހުންނަ ލޭ ނާރުތައް ފުޅާވެ، ސީރިއަސް ހާލަތަކަށް ބައެއް ފަހަރަށް ހުށައެޅޭ ކަމެކެވެ. އެހެންކަމުން މި ބޭސް ބޭނުންކުރުމުގެ ކުރިން އެލަރޖީ ޓެސްޓް ކޮށްލުމަށް ކުޑައެތިކޮޅެއް ހާކައިގެން އަޖުމަ ބަލައިލުން ބުއްދިވެރި އެވެ.

 

ތަކޫވަކުން ލިއްބައިދޭ ބައެއް ފައިދާތައް

ތަކޫވަކަކީ (އިނގިރޭސި ބަހުން: Myristica ނުވަތަ Nutmeg) ދިވެހިބޭހަށާއި ބައެއް ކާއެއްޗިއްސަށް ލާން ބޭނުންކުރާ އެއްޗެކެވެ. މިއީ މަތިކަރާބޭހުގެ ބާވަތެކެވެ. ތަކޫވަކުގެ ވަރަށް ގިނަ ވައްތަރުތައް ހުރެއެވެ. ތަކޫވަކުން އުފައްދާ ތެލަކީ ތަފާތު ވައްތަރުތަކުގެ އަތަރާއި ސެންޓް ފަދަ ތަކެތި އުފެއްދުމުގައި ބޭނުން ކުރާ އެއްޗެކެވެ. ތަކޫވަކުން އުފައްދާ ތެޔޮ ހުންނަނީ ސާފު ނުވަތަ މަޑު ރީނދޫ ކުލައެއްގައެވެ. ތަކޫވަކުން ބަޓަރު ވެސް އުފައްދައެވެ. ކެއްސުމަށް ހުންނަ ބައެއް ކަހަލަ ސިރަޕް ތަކާއި، އަދި ދަތްއުގުޅުމަށް ހުންނަ ބައެއް ކަހަލަ ބޭސްތައް އުފެއްދުމުގައި ތަކޫވައް ތެޔޮ ބޭނުންކުރާ ކަމަށް ވެއެވެ. ޙަކީމީ ބޭސްވެރިކަމުގައި ނާރުތަކުގެ ނިޒާމް އަދި ހަޖަމްކުރާ ނިޒާމްގެ ބަލިތަކަށް ފަރުވާ ކުރުމުގައި ތަކޫވައް އަދި ތަކޫވައް ތެޔޮ ބޭނުންކޮށްފައި ވެއެވެ.

ފޮނިތޮށިން ލިއްބައިދޭ ބައެއް ފައިދާތައް

ފޮނިތޮށްޓަކީ (އިނގިރޭސި ބަހުން: Cinnamon) ފަންްގަސް އުފެދުމާއި، ޖަރާސީމު އަށަގަތުމާއި، ހަށިގަނޑަށް ވެރިވެގަނެގެން ދިރިއުޅެން ދިމާކުރާ ފަނިފަކުސާ ތަކާއި ދެކޮޅަށް ހަނގުރާމަކުރާ ވަރުގަދަ ބާރެކެވެ. އަންހެނުންގެ ފަރުޖުގައި އުފެދޭ ޔީސްޓް އިންފެކްޝަން ނައްތައިލުމަށް މުހިންމު ދައުރެއް ކުޅޭ އެއްޗެކެވެ. ފޮނިތޮށި ބޭނުންކުރުމުން ހިތުގެ ބަލިތަކާއި، ހާރޓްއެޓޭކް ޖެހުމާއި، ސްޓްރޯކް ޖެހުމާއި، ކޮލެސްޓްރޯލް މަތިވުން ހުއްޓުވައިދިނުމާއި، ހަކުރުބަލީގެ ތެރެއިން ޓައިޕް 2 ޑައެބެޓީސް އިން ދިފާޢުކޮށްދެ އެވެ. ގައިގެ ހަންގަނޑުގެ ރޫޖެހުން ކުޑަކޮށްދެ އެވެ.

މާމުއިން ލިއްބައިދޭ ބައެއް ފައިދާތައް

މާމެލާމެލިން އުފައްދާ މަޑު ރީނދޫ ނުވަތަ މުށި ކުލައިގައި ހުންނަ މާމުޔަކީ ހަށިގަނޑު ރީތިކަމުގައި ބެހެއްޓުމަށް ވަރަށް މުހިންމު މާއްދާތަކެއް އެކުލެވިގެންވާ އެއްޗެކެވެ. ރީތިވާން ގެންގުޅޭ ގިނަ ބާވަތްތަކުގައި އެކުލެވިގެންވާ މާމުޔަކީ ގުދުރަތީ މޮއިސްޗްރައިޒާއެއް ވެސް މެ އެވެ. މާމުއީ ގައި ގިނަ އަދަދަކަށް ގުދުރަތީ ވިޓަމިންސް އަދި މިނެރަލްސް ހިމެނެއެވެ. އަދި އޭގެ އިތުރުން މާމުއީގައި އެންޓިއޮކްސިޑެންޓްސް ވެސް ހިމެނެއެވެ. އެންޓިއޮކްސިޑެންޓްސް އަކީ ޒުވާންކަން ގިނަ ދުވަހު ދަމަހައްޓަން ހަށިގަނޑަށް ބޭނުންވާ މާއްދާ އެކެވެ.  މާމުޔަކީ ބިހިނެގުމަށް ވެސް ފަރުވާއެކެވެ. އަދި އޭގެ އިތުރުން މާމުއީ ގައި ހިމެނޭ އެންޓި-ބެކްޓީރިއަލް މާއްދާގެ ސަބަބުން، މާމުޔަކީ ގުދުރަތީ ކްލެންސަރ އަކަށް ބޭނުން ކުރެވޭ އެއްޗެކެވެ. އޭގެ ސަބަބުން ހަންގަނޑު އުޖާލާވެ މަޑުވެ ހަމުގެ ކުލަ އަލި ކޮށްދެއެވެ.

ލުނބޮއިން ލިއްބައިދޭ ބައެއް ފައިދާތައް

ލުނބޮޔަކީ ވިޓަމިން-ސީ އިން ފުރިފައިވާ މޭވާއެކެވެ. ލުނބޯ ހުތުން ހަންގަނޑަށް އިތުރު ޒުވާންކަމަކާއި ވާންކަމެއް ގެނެސްދޭނެ އެވެ. ހަމުގައި ހުންނަ ކުދި ލޯވަޅުތައް މަދުކޮށްދީ ހަމުގެ ކުލަ އަލި ކޮށްދެއެވެ. ލުނބޯގައި ހުންނަ މާއްދާއެއް ކަމުގައިވާ އެންޒައިމްސް ގެ ސަބަބުން ހަމުގައި މަރުވެފައި ހުންނަ ސެލްތައް ސާފުކޮށްދެއެވެ.

 

މަސްދަރުތައް: ޓޮޕްބަޒް، ސަން އޮންލައިން، އައްޑޫ ލައިވް

ލިޔުންތެރިޔާގެ ފުރަމަލަ

މަރިޔަމް ދީމާ
ތަފާތު މަޢުޟޫތަކަށް ދީމާ ލިޔާނެއެވެ. އެންްމެ ޝައުޤުވެރިވަނީ ފިލްމީ ދާއިރާ އަށެވެ.