ފަހަތުން އައި ނާޖިދާ ބައްދާލުމާއެކު ނިހާމް ދިޔައީ ސިއްސައިގެން ނެވެ. ހައިރާންކަމާއެކު ނާޖިދާއަށް ބަލާލަމުން ސިއްސައިގެން ދިޔަ ކަމަށް ބުންޏެވެ. ލޯތްބާއި އޯގާތެރިކަމާއެކު ނާޖިދާއާ ބައްދާލަމުން ލޯބިކޮށްލި އެވެ.

މުޅިން ތަފާތު މާހައުލެކެވެ. ލިބިފައިވާ މިނިވަންކަމާއި ރައްކާތެރިކަން ބޮޑެވެ. ނިހާމް ވެސް ތަފާތުހެން ހީވެއެވެ. ނިހާމަށް އައިސްފައިވާ ބަދަލަށް ދޫދޭކަށް ފަސްޖެހޭކަށް ނާޖިދާ ވެސް ބޭނުމެއް ނުވިއެވެ. އޭނާގެ ކެރޭކަމާއި ކުޅަދާނަކަން ދައްކާލަން ބޭނުންވިއެވެ. އޭނާގެ މަޤްޟަދު ހާސިލުކުރަން ފަސޭހަވާނީ އަދި އަވަސްވާނީ ނިހާމް ބޭނުންވާގޮތް ހަދައިގެން ކަމަށް އަބަދު ވެސް އޭނާގެ ހިތް ބުނަމުން ދިޔައެވެ. އޭނާގެ އަތްދަށުން ނިހާމަށް ސަލާމަތް ނުވެވޭވަރު ހަދަން ބޭނުންވިއެވެ.

އަތްދަނޑިމައްޗަށް ނާޖިދާ ނަގައިގެން ނިހާމް ހިނގައިގަތުމާއެކު ނިހާމްގެ ކަރުގައި އަތް އަޅުވާލާ ނިހާމްގެ ތުންފަތުގައި ނާޖިދާ ތުންފަތް ޖައްސާލިއެވެ. ނާޖިދާގެ ޢަމަލުތަކުން އޭނާއަށް އައިސްފައިވާ ބަދަލު ނިހާމަށް ފާހަގަވިއެވެ. ބޭނުންވެގެން އުޅޭކަންތައް ވާނެކަމުގެ އުންމީދު އާވި އެވެ. ހިނިތުންވެލަމުން ނާޖިދާގެ ހުށަހެޅުމަށް އިޖާބަ ދިނެވެ.

ރަށުތެރެއަށް ވެރިވެފައިވާ ހަމަހިމޭންކަމާއެކު ވަގުތުތައް ފާއިތުވަމުން ދިޔައެވެ.

ނިހާމްގެ ތަނަވަސްކަމުގެ އަވާގައިޖެހި ، ނިހާމްގެ ފަރާތުން ލިބެމުންދިޔަ އުފަލާއި އަރާމްގެ ސަބަބުން ދުނިޔެއަށް ލޯމެރިފައިވާ ނާޖިދާއަށް ހޭވެރިކަންވީރު ވާނެ އެއްޗެއްވެ ނިމިއްޖެ އެވެ. އިތުރަށް ރައްކާކުރާނެ އެއްޗެއް ހިމާޔަތްކުރާނެ އެއްޗެއް ނެތެވެ. ވެދިޔަ ކަންތަކާމެދު ވިސްނާ ލެވުމާއެކު ނާޖިދާގެ ދެލޮލުން ކަރުނަ ފާއްދަލިއެވެ.

“ލޯބީ …. ހާސްނުވެބަލަ. އަހަރެން މިހުރީ އެއްނު …. ދެން އޮތީ ހައެއްކަ މަސް. ލޯބީގެ ކިޔެވުން ނިމުނުހާ އަވަހަކަށް ކައިވެނި ކުރާނަން …. އެދުވަހަކުން ވެސް އަހަރެންނެއްނު ހަމަ އާކަނޑާނީ. އެކަހަލަ ކަންތަކާ އެހާބޮޑަށް ވިސްނާ އެއްޗެއް ނޫން. އޯކޭވާނެ.” ނާޖިދާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލަދެމުން ނިހާމް ވާހަކަދެއްކި އެވެ. ވެދިޔަކަންތައް އެއީ ނާޖިދާއަށް ބޮޑުކަމަކަށްވި ނަމަވެސް ނިހާމަށް އެއީ އެންމެ އާދައިގެ ކަމެކެވެ. އޭނާއަށްޓަކައި އާކަމެއް ވެސް ނޫނެވެ. ލޯތްބާއި އޯގާތެރިކަމާއެކު ނާޖިދާގެ ގައިގާ ފިރުމާލާ ހިތްހަމަ ޖައްސައިދިނެވެ.

ގެސްޓްހައުސްއާ ހަމައަށް ނިހާމަށް އާދެވުނުއިރު ނާޖިދާ އެތަނުން ނުކުމެގެންދަނީ އެވެ. ނާޖިދާ ފަހަތަކަށް ނުބެލިއެވެ. ގަޑިކިޔައި ނިހާމަށް ގަޑިއަށް ނާދެވުމުން ނާޖިދާ އެ ހުރީ ރުޅިއައިސްފައިކަން ނިހާމަށް ޔަގީނެވެ. ތަންކޮޅެއްދުރުން އެހެން ވެސް ދެމީހަކު ފެންނަން ތިބުމުން ނާޖިދާއަށް ގޮވާކަށް ނިހާމަކަށް ނުކެރުނެވެ. އެދެމެދުގައިވާ ގުޅުމާމެދު އެހެން މީހަކު ސައްކެއް ވެސް ކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ.

ވިސްނާލަން އިރުކޮޅަކު މަޑުކުރުމަށްފަހު، ނިހާމް ހިނގައިގަތީ ގެއާ ދިމާއަށެވެ. ނާޖިދާ ހަމައަކަށް އަޅުވާލެވޭނެކަން ނިހާމަށް އެނގެއެވެ. އެކަން އޭނާއަށް ވާނެއެވެ. ފައިސާ އެބަހުއްޓެވެ.

ގެސްޓްހައުސްގައި ބައްދަލުކުރި ދެވަނަރޭ ނިހާމަށް ލިބިގެން ދިޔައީ މުޅިން ހައިރާން ކަމެވެ. ނާޖިދާއަށް އައިސްފައިވާ ބަދަލާއި ނިހާމްގެ ބޭނުންތަކަށް އޭނާ ވަމުންދިޔަ އޯކޭ ވުން ނިހާމަށް ފާހަގަ ކުރެވުނެވެ. ލިބުނު މިނިވަން މާހައުލާއިއެކު ނާޖިދާއަށް ވަނީ ވަރަށް ބޮޑު ބަދަލެއް އައިސްފަ އެވެ. ނިހާމަށް ޢީދު ލައިގަތް ކަހަލަ އެވެ. އުފަލާއި ހިތްހަމަޖެހުން އެތައް ގުނައަކަށް އިތުރުވެގެން ދިޔައެވެ.

ރަށުގައި ކުރަމުންދިޔަ މަސައްކަތް އެކަށީގެންވާ ވަރަށް ކުރިޔަށް ނުދާކަމަށް ބުނެ ނިހާމް ރަށުގައި އިތުރަށް މަޑުކުރީ ކީއްވެގެން ކަން އެނގެނީ ނިހާމާއި ނާޖިދާ އަށެވެ. އެހެން މީހަކަށް އެކަހަލަ ހިލަމެއް ވެސް ނުވެއެވެ.

ދުވަސްތައް މާޒީއާއެކުވަމުން ދިޔައިރު ނާޖިދާގެ ފަރާތުން ލިބެމުންދިޔަ ލޯތްބާއި އަޅާލުމުގެ ސަބަބުން ނާޖިދާ ދޫކޮށް ދާކަށް ނިހާމް ބޭނުންމެއް ނުވިއެވެ. ނާޖިދާ އަކީ އަބަދު ވެސް އޭނާގެ ހިތް އެދެމުންދާފަދަ އަންހެން ކުއްޖެކެވެ. އަންހެންކުއްޖެއް ނަމަ ހުންނަން ޖެހޭނެ ކަމަށް ނިހާމް ގަބޫލުކުރާ ހުރިހާ ސިފަތަކެއް ނާޖިދާގެ އެބަހުއްޓެވެ. ރީތިކަމާއި ފުރިހަމަކަމެވެ. ފިރިހެނުން އެންމެ ގަޔާވާ ކަހަލަ އަންހެންވަންތަ ހަށިގަނޑެކެވެ. ކެރުމެވެ. ލޯބިވެރިޔާ ހިތްހަމަ ޖައްސައިދިނުމުގެ ހުނަރާއި ކުޅަދާނަ ކަމެވެ. ފަސްނުޖެހުމާއި އިސްނުޖެހުމެވެ. އެފަދަ އެތައް އެތައް ކަމެކެވެ.

ވިޔަފާރިކަމެއްގައި ކުއްލިއަކަށް ފުރައިގެން ދާންޖެހުމުން ނިހާމް ފުރައިގެން ދިޔަ ނަމަވެސް އޭނާ ދިޔައީ ވަރަށް އަވަހަށް ނާޖިދާ ކައިރިއަށް އަންނާނެ ކަމަށް ބުނެފައެވެ. އޭނާއަށް އިތުބާރު ކުރުމަށާއި ކަންބޮޑުވެ ހާސް ނުވުމަށް ބުންޏެވެ. ބޮޑުކަމެއް ދިމާވެއްޖެނަމަ އޭނާއަށް އެކަން އަންގާނެގޮތް ބުނެދިނެވެ.

ހަށިގަނޑަށް އަންނަމުން ދިޔަ ބަދަލުތަކާއި ވަމުންދިޔަ ގޮތާމެދު ނާޖިދާއަށް ވިސްނާލަން މަޖުބޫރުވިއެވެ. ކަންބޮޑުވެ ހާސްވާން ފެށިއެވެ. ނުތަނަވަސްކަމާއި ކަންބޮޑުވުން ވަށާލިއިރު ކޮންމެ ވެސް ވަރަކަށް މީހުންގެ ބެލުންތައް ތަފާތުވަމުން ދާކަން ވެސް ފާހަގަވާން ފެށިއެވެ. ބައެއް މީހުން ފާޑުފާޑުގެ ސުވާލުތައް ކުރަން ފެށިއެވެ. ގެއިން ބޭރަށް ނުކުންނަން ޖެހިލުންވާން ފެށިއެވެ.

އިރުއޮއްސި ހަތެއް ޖަހާކަން ހާއިރެވެ. ރަށުތެރެއަށް ވެރިވެފައިވާ އަނދިރިކަމާއެކު ހަމަހިމޭންކަމާއި ފަޅުކަން ވެސް ވެރިވެފައި ވެއެވެ. މަގެއް މަތިން މީހަކު ނުފެނެއެވެ.

ނިހާމްގެ ގެސްޓްހައުސް އިމާރާތްކުރުމުގެ މަސައްކަތް ކުރަމުންދިޔަ ބޭރު މީހުންގެ ތެރެއިން މީހަކާއިއެކު ނާޖިދާ ޑިންގީއެއްގައި ރަށުން ބޭރަށް ދިޔަ ނަމަވެސް އެހެން އެއްވެސް މީހަކަށް އެކަމެއް ނޭނގެއެވެ. އެ ކަހަލަ ސައްކެއް ވެސް ނުވެއެވެ.

ފަޅުރަށުގެ ބޭރުގައި އޮތް ސަފާރީބޯޓް ކައިރިއަށް ޑިންގީ ގާތްކޮށްލުމާއެކު ނިހާމް އައިސް ޑިންގީއަށް އެރިއެވެ. ފަޅުރަށަށް ފޭބީ ނިހާމާއި ނާޖިދާގެ އިތުރުން ޔޫރަޕްގެ ޒުވާން އަންހެންކުއްޖެކެވެ. ނިވާކަންކުޑަ ޒަމާނީ ހެދުމެއް އަޅައިގެން ހުރި އެ އަންހެންކުއްޖާ ނާޖިދާއަށް ބަލާލަމުން ހިނިތުންވެލިއެވެ. ސަލާން ކޮށްލަމުން ތަޢާރަފްވިއެވެ. އެ މީހުންގެ އަތުގައި އެ އަންހެންކުއްޖާ ގެންގުޅުނު އަތްދަބަސް ފިޔަވާ އެހެން އެއްވެސް އެއްޗެއް ނެތެވެ.

ވެގެންއުޅޭ ގޮތް ނާޖިދާ ކިޔައިދިނުމުން އެ އަންހެންކުއްޖާ އަތްދަބަހުން ފެންފުޅިއަކާއި ބޭސްގުޅައެއް ނަގައި ނާޖިދާއަށް ދެމުން ބޭސްގުޅަ ކާލުމަށް ބުންޏެވެ. ލޯތްބާއި އޯގާތެރިކަމާއެކު ނާޖިދާގެ ގައިގާ ފިރުމާލާ ކަންބޮޑުވެ ހާސްނުވުމަށާއި ކެތްތެރިވެ ހަމަޖެހުމަށް ބުންޏެވެ.

ކުއްލިއަކަށް ނިހާމް ކޮށްލި ހަރަކާތާއިއެކު ނާޖިދާ ލަދުން އިސްޖަހާލީ އެތަނުގައި ޖޫލިޔާނާ ހުރުމުންނެވެ. ޖޫލިޔާނާ އާއި ނިހާމަށް އެކަން އެނގުނެވެ. ނިހާމާއި ނާޖިދާއަށް ފުރުސަތު ދެމުން ޖޫލިޔާނާ ދުރަށް ޖެހެލީ އެހީއެއް ބޭނުން ވެއްޖެނަމަ އަންގާލުމަށް ބުނަމުންނެވެ.

 އެތައް ދުވަހަކަށްފަހު ނާޖިދާއާ ބައްދަލުވުމުން ނިހާމްގެ ކެތްތެރިކަން ކޮޅުންލިއެވެ. ޖޫލިޔާނާއަށް ބަލާކަށް މަޑުކުރާކަށް ވަގުތެއް ނެތެވެ. ހުރިހާކަމެއް ނިންމާލުމަށްފަހު ވަރަށް އަވަހަށް ނާޖިދާ ރަށަށް ގެންދަން ޖެހޭނެއެވެ.

އެތައް ދުވަހެއްގެ އިންތިޒާރަށް ނިމުންގެންނަން ނިހާމް އަވަސްވެ ގަތްއިރު ނާޖިދާ ވެސް ހުރީ އެ ހާލަތުގައެވެ. ފަޅުރަށެއްގައި އެފަދަ ހާމަކަންބޮޑު ތަނެއްގައި ނިހާމް ބޭނުންވާ ހުރިހާ ފުރުސަތެއް ދޭން ނާޖިދާ ދެކޮޅުހެދި ނަމަވެސް މާގިނައިރު ކެތްކުރެވޭވަރެއް ނުވިއެވެ. ހިތުގެ އަޑިން އެދެމުންދިޔަ އެދުމަށް ފުރަގަސް ދޭނެ ހިތްވަރެއް ނުލިބުނެވެ. ހިއްސުތަކުގެ ގޮވުމަށް ދެކޮޅެއް ނުހެދުނެވެ.

ލޯބީގައި އާވާރާވެ ދެލޯމެރެމުން ދިޔަ ނާޖިދާއަށް ޖޫލިޔާނާ އެދިމާއަށް އަންނަނިކޮށް ފެނުނެވެ. ނާޖިދާއާ ދިމާއަށް ގުދުވަމުން އޭނާ ކޮށްލި ހަރަކާތް ފާހަގަވިއެވެ. ނިހާމް އޭނާއަށް އެއްބާރުލުން ދިނެވެ.

ހޭވެރިކަންވީރު ނާޖިދާ އޮތީ ސަފާރީބޯޓްގަ އެވެ. އޮށޯވެގެން އޮތް އެނދުގައި ކޮންމެ ވެސް ވަރަކަށް ލޭގެ އަސަރު ހުއްޓެވެ. ނިހާމާއި ޖޫލިޔާނާ ކައިރީގައި ތިއްބެވެ.

ކަންތައް ކުރަންވީގޮތް ނާޖިދާއަށް ކިޔައިދިނީ ޖޫލިޔާނާ އެވެ. އެނދުން ތެދުވުމާއެކު ހަށިގަނޑަށް އައިސްފައިވާ ބަދަލު ނާޖިދާއަށް ފާހަގަވިއެވެ. ސުވާލުގެ ނަޒަރަކުން ނާޖިދާއަށް ބަލާލެވުނީ ނިހާމަށެވެ.

ހާސްވެ ކަންބޮޑު ވާންޖެހޭ އެއްވެސްކަމެއް ދެން ނޯއްނާނެ ކަމަށް ނިހާމް ބުނީ ހިނިތުން ވެލަމުންނެވެ. އޭނާގެ ފަރާތުން ނާޖިދާއަށް ދުވަހަކު ވެސް ގެއްލުމެއް ނުވާނެކަމަށާއި ލަދުގަންނަން ނުޖެހޭނެ ކަމަށް ބުނަމުން ގާތްވެލިއެވެ. ފެންވަރައި ތައްޔާރުވެލައިގެން ރަށަށް ދާންވީ ކަމަށާއި އުފާ ކުރުމަށް ބުންޏެވެ. ބޭސްތައް ބަރާބަރަށް ބޭނުންކޮށް ހުސްކުރުމަށް ނަސޭހަތް ދިނެވެ.

ޖަވާބު ހޯދަން ނާޖިދާ އެންމެ ބޭނުންވި ސުވާލަށް ޖަވާބު ދިނީ ޖޫލިޔާނާ އެވެ. ނާޖިދާގެ ދަރިފުޅު ވާނީ ފަޅުރަށުގެ ގޮނޑުދޮށު ދޮންވެލިގަނޑުގެ ދަށުގައެވެ. އެކަމާ ވިސްނާ ފިކުރު ކުރުމުގެ ބޭނުމެއް ނެތެވެ. އެކަން އެ ނިމުނީއެވެ. އެކަން ހަނދާން ނައްތާލާށެވެ.

ނާޖިދާމެން ރަށަށް އައިއިރު އޭނާ ނުފެނިގެން އޭނާގެ މަންމަ ހުރީ ހާސްވެ ކަންބޮޑުވެފައެވެ. ދޮގުހަދައި އޮޅުވާލަމުން ނާޖިދާ އަޅުވާލި އަންދުނުން އޭނާގެ މަންމަ ހަމައަކަށް އަޅުވާލިއެވެ.

ކުއްލިއަކަށް ނިހާމް ބަދަލުވިއެވެ. ނާޖިދާ އަކީ އޭނާ ދަންނަ މީހަކަށް ނުވިއެވެ. ވާހަކަ ދައްކަން ނާޖިދާ ކުރި ހުރިހާ މަސައްކަތެއް ވީ ބޭކާރެވެ. އުންމީދުތައް ވިއްސި ވިހާލިވެ ހުވަފެންތަކުގައި ކުލަ ނުޖެހުމުން ނާޖިދާ ވަރަށް ދެރަވިއެވެ. އެހެން މީހުނަށް ސިއްރުން ރޮއި ހިތާމަ ކުރިއެވެ.

ނިހާމްގެ ސަފާރީބޯޓްގައި ހިނގާދިޔަ އަލިފާނުގެ ހާދިސާއެއްގައި ނިހާމްއާއެކު އެތައް ބަޔަކު ނިޔާވިއެވެ. ނާޖިދާގެ ލޯ ކުރިމަތިން ނިހާމް ގެއްލުނު ގޮތަށް އެންމެންގެ ލޯ ކުރިމަތިން ވެސް ނިހާމް ގެއްލުނީއެވެ.

ސިއްސައިގެން ގޮސް ނާޖިދާއަށް ހޭލެވުނީ ކޮޓަރީދޮރުގައި ޓަކިޖަހަމުން ސުނޭނާ ގޮވާ އަޑަށެވެ. ފެނުނީ ހުވަފެނެއްކަން ނާޖިދާއަށް ޔަގީންވީ އެ ހިސާބުން ނެވެ. ހުވަފެނާއިމެދު ވިސްނާލަން ނާޖިދާއަށް މަޖުބޫރު ވިއެވެ.

އެއީ މީގެ އެތައް އަހަރެއް ކުރިއެވެ. އެހާދިސާއާމެދު އޭނާ ކުޑަކޮށް ވެސް ވިސްނާލަން ބޭނުންނުވާ އެ ހާދިސާތަކާމެދު ވިސްނާ ނުލައި ހުރެވޭ ވަރެއް ނުވިއެވެ. ވިސްނާލަން މަޖުބޫރު ވިއެވެ.

ކޮޓަރިން ނުކުންނަން ހިނގައިގަތް ނާޖިދާގެ ފިޔަވަޅުތަކަށް ހުއްޓުން އައީ ފާރުގައި ހުރި ކަލަންޑަރަށް ނަޒަރު އަމާޒުވި ވަގުތު އެވެ. ގަބޫލު ކުރަން ދަތިވެގެން ކަހަލަ ގޮތަކަށް ދެ އަތަކަށް ބޯ ހަލުވާލެވުނެވެ. ދެ ލޮލުން ކަރުނަ ފާއްދާލިއެވެ.

“ސެޕްޓެންބަރ އެގާރަ …. ނުވަ އަހަރު … ނުވަ އަހަރު ….” ކަލަންޑަރަށް ބަލަހައްޓައިގެން ހުރެ ހިތާހިތުން ނާޖިދާއަށް ބުނެވުނެވެ.

ނާޖިދާ ދޮރު ހުޅުވާލިއިރު ސުނޭނާ ހުރީ ލަސްވެފައެވެ. ވަރަށް އަވަހަށް ކޮންމެ ވެސް ތާކަށް ދާންޖެހޭ ވާހަކަ ބުނަމުން ގޮސް ފާޚާނާއަށް ވަނެވެ. ނާޖިދާ ނުކުތީ ފެންޑާ އަށެވެ.

ގޭ ދޮރު ހުޅުވާލަމުން އެތެރެއަށް ވަތް ކުޑަ އަންހެންކުއްޖާގެ މޫނު ފެނުމާއެކު ނާޖިދާ ދިޔައީ ސިއްސައިގެން ނެވެ. ހަރަކާތް ހުސްވެ ހިއްސުތައް ގަނޑުވި ކަހަލަ އެވެ. ފެންނަމުންދިޔަ މަންޒަރު ގަބޫލު ކުރަން ދަތިވި ނަމަވެސް ގަބޫލު ކުރަން މަޖުބޫރުވި އެވެ. ހަމަލޮލަށް ފެންނަން ހުރި ފެނުން ދޮގުކުރާނެ އެއްވެސް ގޮތެއް ނެތެވެ.

ކުރިމަތިން ފެންނަން ހުރި އަންހެންކުއްޖާގެ މޫނާއި ނާޖިދާގެ މޫނު އެއްވެސް ތަފާތެއް ނެތެވެ. ޢާއިލީ ގޮތުން އެއްވެސް ގުޅުމެއް ނެތް ދެ މީހަކު ވެސް ވަރަށް އެއް ވައްތަރު ވެދާނެއެވެ. އެ އަންހެއްކުއްޖާ އާއި ނާޖިދާ އެކުގައި ފެނިއްޖެނަމަ އެއީ ނާޖިދާގެ ދަރިއެއް ނޫނޭ ބުނާނެ އެއްވެސް މީހަކު ހުންނާނެ ހެނެއް ހިޔެއް ނުވެއެވެ. އެހާ ވެސް އެއްގޮތެވެ.

“މަންމާ ….” ކުޑަ އަންހެންކުއްޖާ މަޑުމަޑުން ގޮވާލިއެވެ.

ހަރަކާތް ހުއްޓި ގަނޑުވެފައި ކަހަލަ ގޮތަކަށް ހުރި ނާޖިދާ ސިއްސައިގެން ދިޔައީ އެ އަންހެންކުއްޖާގެ އަޑަށެވެ.

އެއީ އޭނާގެ ދަރިފުޅު ހެއްޔެވެ؟ ނިހާމްމެން އޭނާއަށް ދޮގުހަދައި އޮޅުވާލީ ހެއްޔެވެ؟ މިހާ ދުވަހު އޭނާ ދުނިޔޭގައި ހުރީ ކިހިނެތް ހެއްޔެވެ؟ އޭނާއަށް އެހީތެރިވީ ކާކު ހެއްޔެވެ؟ ކުރިން އެއްވެސް ހަބަރެއް ނުވީ ކީއްވެ ހެއްޔެވެ؟

ނާޖިދާ އާއި ނިހާމަށް ލިބެން އުޅުނު ދަރިފުޅު ދުނިޔޭގައި ހުރިނަމަ މިހާރު ހުންނާނީ އެހާކަން ވަރަށްކަން ނާޖިދާއަށް ޔަގީނެވެ.

ގޭތެރެއަށް ވަދެގެން އައި އަންހެންކުއްޖާ ހިފީ ނާޖިދާގެ އަތުގައެވެ.

“މަންމާ ! ހިނގާދާން …. ބައްޕަ ވަރަށް ބަލި …..” އެ ކުޑަކުއްޖާގެ ދެލޮލުން ކަރުނަ ފާއްދާލިއެވެ. ވާހަކަ ދެއްކުން ހުއްޓާލީ އަޑު ބެދޭގޮތްވެ އިތުރަށް ކުރިޔަށް ނުގެންދެވިގެން ނެވެ.

ނިހާމް ދުނިޔޭގައި ހުރި ވާހަކަ ބުނުމާއެކު ނާޖިދާގެ ހިތުގައި އުފެދުނު ސުވާލުތައް އަނެއްކާ ވެސް ގިނަވެގެން ދިޔައެވެ. ގަބޫލު ކުރަން ދަތިވެގެން ދެ އަތަކަށް ބޯ ހޫރާލިއެވެ.

ކޮޓަރިން ނުކުންނަމުން ސުނޭނާ ގޮވާލީމަ އެ ދިމާއަށް ބަލާލާފައި ނާޖިދާ އެނބުރުނުއިރު އެ ކުޑަކުއްޖާ ފެންނާކަށް ނެތެވެ. އަވަސް އަވަހަށް ފެންޑާތެރެއަށް ނަޒަރު ހިންގާލިއެވެ. ތަނަކަށް ވަދެ ފިލަން ވިސްނި ނަމަވެސް އެ ފަދަ ތަނެއް ފެންޑާތެރޭގައި ނެތެވެ. ނާޖިދާގެ ސިކުނޑިއަށް ބާރު ބޮޑުވިއެވެ. ކުށްހީ އަކަށް ވުމަށް އެދެމުން ކޮޓަރިއާ ދިމާއަށް ހިނގައިގަތްއިރު ސުނޭނާ ކޮޓަރިން ނުކުންނަނީ އެވެ.

ސުނޭނާއާއެކު އޭނާ މަސައްކަތް ކުރަމުންދާ އަމީކޯ ގެސްޓްހައުސްއަށް ދާން ސުނޭނާ އެދުނެވެ.

ސުނޭނާގެ އެ ހުށަހެޅުމާއެކު ނާޖިދާ ދިޔައީ ސިއްސައިގެން ނެވެ. މާޒީ އައިސް މުޅި މީހާ ވަށާލި ކަހަލައެވެ.

އޭނާގެ ދިރިއުޅުމުގެ އެންމެ މުހިންމުބައި އެތަނެއްގައި ވެއްޔާއި މޮޑެވި ދިޔަތަނެވެ. އެތަނުގައި ލޯބީގެ އެތައް ވަގުތެއް ހޭދަކޮށް އެތައް ގޮތަކަށް އޭނާއަށް އުޅެވުނު ތަނެވެ.

ނާޖިދާ ދާނީ އެހެން ފަހަރަކުން ކަމަށް ބުނުމުން ސުނޭނާ ދިޔައީ އެވެ.

ކުއްލިއަކަށް މި ދިމާވި ކަންތަކުގެ ސަބަބުން ސިކުނޑިއަށް ބާރުބޮޑުވެފައި ހުރި ނާޖިދާ އަނެއްކާ ވެސް އޮށޯވެލީ އެހެން ގޮތެއް ނުވިސްނުމުން ނެވެ.

ގޭތެރެއަށް ވަދެގެން އައި ސާގިބު ސިއްސައިގެން ދިޔައީ ކޮޓަރިތެރޭން އިވުނު ނާޖިދާގެ ބާރު ހަޅޭކުގެ އަޑަށެވެ. ކޮޓަރިއާ ދިމާއަށް ދުއްވައި ގަނެވުނެވެ.

އެނދު ހުރަހަށް ކަހަލަ ގޮތަކަށް އޮތް ޔަޒީދާ ތެޅިފޮޅެމުން މަސައްކަތް ކުރަމުން ދިޔައީ ސަލާމަތް ވާށެވެ. ކޮންމެ ވެސް ކަހަލަ މަހްލޫގެއް އޭނާގެ ކަރުގައި ހިފާ ނޭވާ ހާސްކޮށްލަން މަސައްކަތް ކުރަމުންދާ ކަހަލައެވެ. އަނގައިން ހުދުކުލައިގެ ފޮނު ނުކުންނަމުން ދިޔައިރު ނޭފަތުން ލޭ އައިސްފައި ހުއްޓެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.