މާމޮރިސް ބ.ގޮއިދޫ ކައުންސިލް ފުޓްސަލް ފިއެސްޓާ 2023 ގައި މިއަދު ހަވީރު ފެހެންދޫ ޓީމާއި ކްއީންސް ބައްދަލުކުރި މެޗުން 6-0 ން މޮޅުވުމާއެކު ކްއީންސް ވަނީ ފައިނަލަށް ދަތުރުކޮށްފައެވެ. ކުއީންސް އިން ވަނީ ފުރަތަމަ ހާފުގައި ފެހެންދޫ ޓީމުކޮޅަށް ލަނޑެއް ޖަހައި ކުރި ހޯދާފައެވެ. ދެވަނަ ހާފުގައި 5 ލަނޑުޖަހައި ބޮޑު ތަފާތަކުން މޮޅުވެފައިވާއިރު ލަނޑުޖަހައި ދީފައިވަނީ އެ ޓީމުގެ ޝަހުލާ ތައުފީގް (7)، ފިރުޝާނާ ނަސީރް(11)، ހައްވާ ހަނީފާ (14) އަދި ޒޫނާ އިބްރާހިމް (20) އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކްއީންސްގެ ޝަހުލާ ތައުފީގެވެ.

ކްއީންސް ވަނީ ކުޅުނު ތިން މެޗުގެ ތެރޭން ދެ މެޗުން މޮޅުވެ އެއް މެޗުން އެއްވަރުވެފައެެވެ.އަންހެން ޑިވިޝަންގެ ފަހު މެޗު ކުޅޭނީ މާދަމާ ހަވީރެވެ. މި މެޗުގައި ބައްދަލުކުރާނީ ޑްރެގަންސް އަދި ޗަޑްސްއެވެ. މާދަމާގެ މެޗަށްފަހު އަންހެން ޑިވިޝަންގެ ފައިނަލަށްދާ ފަހު ޓީމު ކަށަވަރުވާނެއެވެ.

ފިރިހެން ޑިވިޝަނުގައި މިރޭ ކުޅެވުނު ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި އެފް.ސީ ކަރާ އަދި ޔަންގް ސްޓަރ ބައްދަލުކުރި މެޗް 1-2 ން އެފް.ސީ ކަރާ ވަނީ ކާމިޔާބުކޮށްފައެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ދެވަނަ ހާފުގައި އެފްސީ ކަރާގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 30 ވަނަ މިނިޓުގައި މުހައްމަދު އިރުޝާމް (13) އެވެ. ނަމަވެސް ޔަންގްސްޓަރސް ގެ އިބްރާހިމް މާޖިދު(17) ތިރީސް ދެވަނަ މިނިޓުގައި ލަނޑެެއް ޖަހައި އެއްވަރުކުރިއެވެ.
އެފްސީ ކަރާގެ ދެވަނަ ލަނޑު ޖަހައިދިނީ ތިރީސް ހަވަނަ މިނިޓުގައި ހަސަން ޝާމް (10) އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ އެފް.ސީ ކަރާގެ ގޯލް ކީޕަރ އާދަމް ނިޒާމް (ކިތުނާ)އެވެ.

މާދަމާރޭ ސެމީ ފައިނަލްގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޗެލެންޖާރސް އަދި ވޮލްވްސް އެވެ. ދެވަނަ މެޗުގައި ކުޅޭނީ ރޯޔަލް ފްރެންޑްސް އަދި އެފްސީ ކަރާއެވެ.
މުބާރާތުގެ މެއިން ސްޕޮންސަރ އަކީ މާމޮރިސް، ކޯ ސްޕޮންސަރ އަކީ މަޖިލިސް މެމްބަރ ހިސާން ހުސައިންއެވެ. އޮންލައިން މީޑިއާ ޕާރޓްނަރަކީ މުނިއަވަސް ،ފޮޓޯގްރަފީ ޕާރޓްނަރ ޒީ ކްލިކްސް އަދި ލައިވް ޕާރޓްނަރަކީ ތޯ ނެކްސަސްއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ފާޠިމަތު ޒުހުދާ (ޒުހޫ)
ފާޠިމަތު ޒުހުދާ (ޒުހޫ)
އަލިއަޅުވައިލަން ޖެހިފައިވާ މުހިންމު މައްސަލަތަކާއި ހާދިސާތަކަށް ވާހަކައާއި ރިޕޯޓް ލިޔުމަކީ ޒުހުދާގެ ޚާއްޞަ ދާއިރާއެކެވެ.