އެޕަލް ސައިޑަރ ވިނެގަރ ނުވަތަ ސިދުރު ސުރުކާ (އާފަލުގެ ދިޔައިން ތައްޔާރުކުރާ ރާހުތް) އަކީ ބަދިގެތަކުން އާއްމުކޮށް ލިބެން ހުންނަ އެއްޗެކެވެ. ހައިރާން ކުރުވަނިވި އެތަކެއް ބޭނުންތަކެއް އެއިން ލިއްބައިދޭ އެއްޗެކެވެ. އާފަލު ރާހުތުގެ އެންމެ ޝައުގުވެރިކުރުވާ އެއްކަމަކީ ޒީނަތްތެރިވުމަށާއި ގޭތެރޭގެ އެކިއެކި ކަންކަމަށް އަދި ކެއްކުމުގައި ގިނަގުނަ ބޭނުންތަކެއް އެއިން ކުރެވޭތީއެވެ.

ސިދުރު ސުރުކާ އަކީ ސާފުކުރުމަށް، ބޯ ދޮވުމަށް، ކާތަކެތި ގިނަދުވަހަށް ދެމިހުންނަގޮތް ހެދުމަށް އަދި ގައިގެ ހަންގަނޑަށް އެތަކެއް ބޭނުންތަކެއް ފޯރުކޮށްދޭ އެއްޗެކެވެ.

މީގެއިތުރުން، ސިދުރު ސުރުކާ އަކީ އެތަކެއް ކާބޯތަކެއްޗެއް ތައްޔާރުކުރުމަށް ބޭނުންކުރެވޭނެ އެއްޗެކެވެ. އެގޮތުން ސެލެޑް ހެދުމަށް، ސޫޕް ކެއްކުމަށް، ސޯސްގަނޑު ތައްޔާރުކުރުމަށް، ހޫނު ބުއިންތައް ތައްޔާރުކުރުމުގެ އިތުރުންވެސް އެތައް ކަމެއްގައި ބޭނުންކުރެވެއެވެ.

ސިދުރު ސުރުކާ އިން ހިފިދާނެ 30 ބޭނުމެއްގެ މައްޗަށް ސިލްސިލާ ގޮތެއްގައި ބަލައިލާނަމެވެ. އެގޮތުން ފުރަތަމަ މިގެނެސްދެނީ އޭގެތެރެއިން 06 ބޭނުމެވެ.

1- ލޭގައި ހިމެނޭ ހަކުރުގެ މިންވަރު ދަށްކުރުމަށް

ސިދުރު ސުރުކާ އަކީ ހަކުރުބަލި (ޑައިބެޓީސް) ތަހައްމަލު ކުރަމުންދާ މީހުންނަށް އެހީތެރިވެދޭ އެއްޗެއްކަމަށް ބުނެވެއެވެ. އެގޮތުން ލޭގައި ހިމެނޭ ހަކުރުގެ މިންވަރު ކޮންޓްރޯލް ކޮށްދެ އެވެ.

ބައެއް ދިރާސާތައް ދައްކާގޮތުން ވަރުގަދައަށް ކައިނިމިގެން ސިދުރު ސުރުކާ ބުއިމުން އިންސިއުލިން ހޯމޯން (ލިވަރ ނުވަތަ ޗިސްމޭ އިން އުފައްދާ ތާސީރެއް) ގެ ހައްސާސީކަން (ސެންސިޓިވިޓީ) 34 އިންސައްތައަށް ރަނގަޅުކޮށްދީ ލޭގައި އެކުލެވޭ ހަކުރުގެ މިންވަރު ފާހަގަކޮށްލެވޭ ވަރަކަށް ދަށްކޮށްދެ އެވެ.

ނަމަވެސް، ހަކުރުބައްޔަށް ބޭސްކަމުން އަންނަ ނަމަ، އާފަލު ރާހުތް ބޭނުންކުރުމުގެ ކުރިން ޑޮކްޓަރެއްގެ މަޝްވަރާ ހޯދަން ވާނެއެވެ.

2– ބަނޑުފުރިފައި ހުންނަކަމުގެ އިޙްސާސްކޮށްދޭ

ސިދުރު ސުރުކާ އަކީ ބަރުދަން ލުއިކުރުމަށް އެހީތެރިވެދޭ އެއްޗެއްގެ ގޮތުގައި ބައެއް ފަހަރު ހުށައެޅެއެވެ. މީގެ ސަބަބަކީ ސިދުރު ސުރުކާ ބުއިމުން ކައިގެން ބަނޑުފުރިފައި ހުންނަ ކަމުގެ އިހްސާސް ކުރެވުމެވެ.

ކުރުމުއްދަތަކަށް ކުރެވިފައިވާ ބައެއް ދިރާސާތައް ދައްކާގޮތުން، ސިދުރު ސުރުކާ ބުއިމުން ކެވޭލެތް މަދުވެ، ބަދުދަން ލުއިވެ، ބަނޑުގައި ޖަހާފައިހުންނަ ސަރުބީ ވިރެއެވެ.

ނަމަވެސް، ބަދުރަން ލުއިކުރުމަށްޓަކައި ގިނަދުވަސްތަކެއްވާންދެން ސިދުރު ސުރުކާ ބޭނުންކުރުމުން ކުރާއަސަރުތައް އަދި ވަނީ ނުހޯދި އެވެ. ނުވަތަ ކެއުމަށް ބަދަލު ނުގެނެސް އަދި ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަދަލެއް ނުގެނެސް ދިގުމުއްދަތަކަށް ހަމައެކަނި ރާހުތް ބޭނުންކުރިޔަސް މާބޮޑު އަސަރެއް ނުކުރެއެވެ.

3– ކާބޯތަކެތި ގިނަދުވަހަށް ދެމެހެއްޓުމަށް

އެހެނިހެން ރާހުތެކޭ އެއްފަދައިން ސިދުރު ސުރުކާ އަކީ ވެސް ކާބޯތަކެތި ހަލާކުވިޔަ ނުދީ ގިނަދުވަހަށް ދެމެހެއްޓުމަށް ބޭނުންކުރެވޭނެ އެއްޗެކެވެ.

އަދިކިޔެއްތަ، ރާހުތަކީ އަސާރަ ހަދައިގެން ބައެއް ވައްތަރުގެ ކާތަކެތި، އެތަކެއް އަހަރުތަކެއް ވާންދެން ބެހެއްޓުމަށް ބޭނުންކުރާ އެއްޗެކެވެ.

ސިދުރު ސުރުކާ އިން މި ބޭނުން ހިފެނީ ރާހުތާއި ކާބޯތަކެތި އެއްކުރުމުން އޭގެ ހުތްކަން އިތުރުކޮށްދީ، ރާހުތުގައި ހުންނަ އެންޒައިމް ގެ މަސައްކަތްތައް ހުއްޓުވައި ކާތަކެތީގައި ހުންނަ ބެކްޓީރިޔާ ޖަރާސީމު މަރާލައި ކުނިވުން ހުއްޓުވުމުން ނެވެ.

4– މީރުވަސްދުވާގޮތް ހެދުމަށް

ސިދުރު ސުރުކާ އަކީ އޭގައި އެންޓިބެކްޓީރިއަލް (ބެކްޓީރިއާ ޖަރާސީމުގެ މަސައްކަތާއި އިދިކޮޅުހަދާ) ސިފަތައް ހުންނަ އެއްޗެކެވެ. މީގެ ހެއްކަކީ އާފަލު ރާހުތަކީ ނުބައިވަސް ކަނޑުވައިލާ އެއްޗެއް ކަމަށް ދައުވާކުރެވުމެވެ.

މި ދައުވާއަށް ބާރުދޭނެ އެއްވެސް ދިރާސާއެއް ކުރެވިފައެއް ނުވެއެވެ. އެހެންނަމަވެސް ސިދުރު ސުރުކާ އާއި ފެނާއި އެއްކޮށްގެން މީރުވަސްދުވާ ސްޕްރޭއެއް ހަދައި އަޖުމަ ބަލައިލުން ބުއްދިވެރިއެވެ.

ހަމައެހެންމެ، ސިދުރު ސުރުކާ އާއި ފެން އަދި ‘އެޕްސަމް’ ލޮނު (އިނގިރޭސިވިލާތުގެ ސަރޭ ގެ އެޕްސަމް އަވަށުން އުފައްދާ ގުދުރަތީ މައުދަނީ ލޮނު) އެއްކޮށްގެން މިގޮތަށް ފައި ފޯކުރުމަށް ބޭނުންކުރެވިދާނެ އެވެ. މިގޮތަށް ފައިތިލަ ފޯކުރުމުން ފައިން ނުބައިވަސް ދުއްވައިދޭ ބެކްޓީރިއާ ޖަރާސީމު މަރާލާ، ފައިން ދުވާ ނުބައިވަސް ފިލުވައިދޭނެ އެވެ.

5– ސެލެޑް ވިނެގްރޭޓް ތައްޔާރުކުރުމަށް

ސެލެޑް ނުވަތަ ސަޓަނި ވިނެގްރޭޓަކީ ތެލާއި ހުތް އެއްކޮށްގެން ހަދާ އެއްޗެކެވެ. އެހެންކަމުން ސިދުރު ސުރުކާ އަކީ ސެލެޑް ޑްރެސިންގ އެއް ފަސޭހަކަމާއެކު ތައްޔާރުކޮށްލަން ބޭނުންކުރެވޭނެ އެއްޗެކެވެ.

ގޭގައި ތައްޔާރުކޮށްލާ ސެލެޑް ޑްރެސިންގ އަކީ ފިހާރަތަކުން ގަންނަ ސެލެޑް ޑްރެސިންގ އަށްވުރެން ސިއްޙީގޮތުން ފައިދާހުރި، އަނގަޔަށް މީރު އެއްޗެކެވެ.

6– ކެންސަރު ޖެހުމުގެ ފުރުޞަތު ކުޑަކޮށްދޭ

ސިދުރު ސުރުކާ އަކީ ކެންސަރު ޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ އެއްޗެއް ކަމަށް ވަރަށް ގިނައިން ބުނެއުޅެއެވެ. ޓެސްޓް-ޓިއުބް ގައި ކޮށްފައިވާ ބައެއް ދިރާސާތައް ބުނާގޮތުން ކެންސަރު ސެލްތައް އާފަލު ރާހުތުން މަރާލައެވެ. 

ސީދާ ކޮންސަބަބަކާއި ހުރެކަން އަދި ހޯދިފައިނުވާ ބައެއް ހޯދުންތައް ބުނާގޮތުން، ސިދުރު ސުރުކާ ބޯނަމަ، ކާތަކެތި ހިނގާ ހޮޅި (އެސަފަގަސް) އަށް ކެންސަރުޖެހުމުގެ ފުރުޞަތު ކުޑަކޮށްދެ އެވެ. ނަމަވެސް، އެހެން ބައެއް ހޯދުންތައް ދައްކާގޮތުން މަސާނާ (ބްލެޑަރ) އަށް ކެންސަރު ޖެހުމުގެ ފުރުޞަތު ބޮޑުކޮށްދެ އެވެ.

ޖުމްލަކޮށް ބުނާނަމަ، ކެންސަރު ޖެހުމުގެ ފުރުޞަތާއި ސިދުރު ސުރުކާ އާއި ހުރި ގުޅުމާއިބެހޭ ކާފީ ހެކިތަކެއް މިހައިތަނަށް ހޯދިފައެއް ނުވެއެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.