އެއް ކަމެއް ދެ ކަމެއް ނޫނެވެ. އެންމެ ދުވަހެއްގެ ކަމެއްވެސް ނޫނެވެ. ދިވެހި ފަންނާނުން “އިންސާނިއްޔަތަށްޓަކައި” ނަމުގައި ފަލަސްޠީނުގެ ލޮބުވެތި މުސްލިމުންނަށް އެހީވުމަށްޓަކައި ފަންޑުހޯދުމަށް ފަށަނީ ހަފުތާއަކަށް ދެމިގެންދާ ބިޔަ ބޮޑު ހަރަކާތެކެވެ.

މޯލްޑިވްސް ފިލްމު އެސޯސިއޭޝަނުން އިސްނަގައިގެން ފަލަސްޠީނަށް އެހީވުމުގެ ގޮތުން ބާއްވާ “އިންސާނިޔަތައްޓަކައި” ހަރަކާތްތައް ފެށުން މިއަދު (27 އޮކްޓޫބަރު 2023، ހުކުރު) ހަވީރު 16:00ގައި އޮލިމްޕަސް ސިނަމާ ކުރިމަތިން ފެށުމަށް ހަމަޖެހިފައިވާކަމަށް ފިލްމު އެސޯސިއޭޝަނުން ރޭ ބުނެފައިވެއެވެ.

“އިންސާނިޔަތައްޓަކައި” ރަސްމީކޮށް މިއަދު ފެށުމަށް ހަމަޖެހިފައިވިޔަސް، މި ހަރަކާތުގެ އެކިއެކި ކަންކަމުގައި ފަންނާނުން މަސައްކަތްކުރަމުން އަންނަތާ ހަފުތާއެއްވަރު މިހާރުވެސް ވެއްޖެއެވެ. އެގޮތުން ބައެއް ރަށްރަށަށް ގޮސް މި ހަރަކާތުގެ ކަންކަން ހިންގުމާއި، ޓިކްޓޮކް މެދުވެރިކޮށް ފަންނާނުންގެ ލައިވް އިވެންޓެއް މިމަހު 26 ވަނަ ދުވަހުގެ ރޭ ކުރިއަށް ގެންގޮސްފައިވެއެވެ. މި ލައިވްގައި ފަންޑުހޯދުމުގެ ހަރަކާތުގެ އެކިއެކި ކަންކަން ރޭވިފައިވާ ގޮތާއި ހިންގަން ހުރި ހަރަކާތްތަކުގެ ތަފުސީލުތައް ގިނަ އަދަދެއްގެ ފަންނާނުން ހުށައެޅިއެވެ.

ދިވެހި ފަންނާނުން “އިންސާނިއްޔަތަށްޓަކައި” ހަރަކާތުގެ ޝެޑިއުލްއަށް ކުޑަކުޑަ ބަދަލެއް އައިސްފައިވާކަން ރޭގެ ލައިވްގައި ހާމަކޮށްފައިވެއެވެ. އެގޮތުން ކުޑަކުދިންގެ ހަވީރު ބާއްވަން މިހާރު ތާވަލުކޮށްފައި ވަނީ މާދަމާ (28 އޮކްޓޫބަރު 2023، ހޮނިހިރު) ހަވީރު 16:00އަށެވެ. ޝެޑިއުލްއަށް މި ބަދަލު ގެންނަން ޖެހުނީ ގިނަ ފަރާތްތަކުން މިއަދު ހަވީރު ވަރަށް ގިނަ ހަރަކާތްތަކެއް އާޓިފިޝަލް ބީޗްގައި ބޭއްވުމަށް ނިންމާފައިވާތީ ކަމަށް ފަންނާނުން ބުނެފައިވެއެވެ.

ޔަހޫދީ އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާއި ގުޅިގެން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވުމަށް ދިވެހި ފިލްމު އެސޯސިއޭޝަނުން އިސްނަގައިގެން ”އިންސާނިއްޔަތަށްޓަކައި“ ކުރިއަށް ގެންދިއުމަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި:-

🇵🇸 27 އޮކްޓޯބަރު، ހުކުރު ހަވީރު 1600: ހަރަކާތް ފެށުން – އޮލިމްޕަސް ކުރިމަތިން

🇵🇸 28 އޮކްޓޯބަރު، ހޮނިހިރުހަވީރު 1600 އިން 1800 : މާލޭ ހެދިގޮނޑުދޮށް ސަރަހައްދުގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުން – މި ހަރަކާތުގެ ތެރާގައި އޭތިމީތި ސޭލް (ޖަމްބްލް ސޭލް) އެއް އޮންނާނެ

🇵🇸 29، 30، 31 އޮކްޓޯބަރު، އާދީއްތަ، ހޯމަ، އަންގާރަ – އޮލިމްޕަސް ސިނަމާގައި ދިވެހި ހިޓް ފިލްމުތައް އެޅުވުން. ޓިކެޓެއްގެ އަގަކީ 100 ރުފިޔާ. ނަމަވެސް އެ މީހަކު ބޭނުން ނަމަ 100 ރުފިޔާ އިން މަތި ކޮންމެ އަގެއް ވެސް ދެވިދާނެ. ހުރިހާ ފައިސާއެއް ސީދާ ދާނީ ފަލަސްތީނަށް އެހީވުމަށް ކަނޑައަޅާފައިވާ ފަންޑަށް.

ފިލްމުތައް އަޅުވަން ތާވަލުކޮށްފައިވާ ގަޑިތަކަކީ މެންދުރު 2، ރޭގަނޑު 8 އަދި ރޭގަނޑު 11 ޖަހާއިރު

🇵🇸 29، 30، 31 ވަނަ ދުވަހު، ފިލްމީ ފަންނާނުން މާލެ، ހުޅުމާލެ، އަދި ވިލިމާލޭގެ ގެތަކަށާއި ފިހާރަތަކަށާއި ކެފޭތަކަށް ޒިޔާރަތްކޮށް އެ ތަންތަނުގައި މަސައްކަތްތައް ހުރިތޯ ބަލައި އެ މަސައްކަތް ކުރަން ވަނީ ތާވަލުކޮށްފައި. އެ މީހުން މަސައްކަތް ކުރާނީ އުޖޫރައެއް ނުކިޔާ. ނަމަވެސް، އެ ތަންތަނުގެ ވެރިފަރާތުން އުޖޫރައެއް ދޭ ނަމަ އެ ފައިސާ ދާނީ ފަލަސްތީނު ފަންޑަށް.

🇵🇸 3 ނޮވެމްބަރު، ހުކުރުދުވަސް – މަސް ރޭސް: އާންމުންގެ ތެރެއިން ކޮންމެ މީހަކަށް ވެސް ބައިވެރިވެވޭ މި މަސް ރޭހުގައި ބައިވެރިވުމަށް ގުޅާނީ 7978825، އިސްމާއިލް ޝަފީގަށް، ނުވަތަ 7782530، ހަސަނަށް.

🇵🇸 3 ނޮވެމްބަރު، ހުކުރު – މަސް ރޭހުގައި ބާނާ މަސްތައް ވިއްކުމުގެ އިވެންޓު. މަސް ވިއްކުން ވެސް އޮންނާނީ ހުޅުމާލެ ރަށު މާކެޓް ކުރިމަތީގައި

ދިވެހި ފިލްމް އެސޯސިއޭޝަންގެ މެމްބަރުންނާއި ދިވެހި ފަންނާނުން ގުޅިގެން ފަލަސްތީނަށް އެހީވުމަށް ފައިސާ ހޯދުމަށް ކުރިއަށްގެންދާ ހަރަކާތުން ލިބޭ ހުރިހައި ފައިސާއެއް ފަލަސްތީނަށް އެހީގެ ގޮތުގައި ހަދިޔާ ކުރަން ނިންމާފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.