“އަހަރެންގެ ބެލުން ތިރިކުރާނަން.” އަމިއްލަ ނަފުސަށް އާހިލް ބުންޏެވެ. ކުޑަދޮރު ލައްޕާލައި ކޮޓަރިން ނިކުންނަށް ހިނގައިގަތެވެ.
“އަހަރެން ދުވަހަކުވެސް އެ ކުއްޖާ އަކަށް ނުބަލާނަން.”
ހޮޅިބުރި ނިއްވައިލަމުން ނިދާބޮކި ޖައްސައި އާހިލް ގޮސް އޭނާގެ އެނދުގައި އޮށޯވެއްޖެ އެވެ. ގައިމަތީގައި ރަޖާ އަޅައި ހަަމަޖެހިލި އެވެ. މަޑުމަޑުން ލޯމަރައިލި އެވެ. ހަމަ ލޯމަރައިލުމާާއި އެކު ހުދު ބުރުގާއަކުން ވަށާލެވިފައިވާ އާއިމާގެ ހިނިތުންވެފައިވާ މޫނު ފެންނަން ފެށި އެވެ. އެވަގުތު އާހިލްގެ މޫނުމައްޗަށްވެސް ހިނިތުންވުން ވެރިވި އެވެ.
“އާއިމާ.” ދުލުގެ ކުރިންް މަޑުމަޑުން އާއިމާގެ ނަން އާހިލް އަށް ކިޔައިލެވުނެވެ. އެކަމަކު ހަމަ އެވަގުތު އޭނާގެ ފިކުރާއި ޚިޔާލަށް އައިސްފައިވާ މަސްތުކަމުން ހޭލެވިއްޖެ އެވެ. އާހިލް ދެލޯ ހުޅުވައިލި އެވެ.
* * * * * *
އާހިލްގެ ހާލު މިހެންހުރި އިރު އާއިމާ ގެ ހާލަތު އަދި މާބޮޑަށްވެސް ގޯހެވެ.
‘އާއިމާ.”
“އާ……އިމާ. ކީއްވެތަ ތި ރޮނީ؟” އާއިމާގެ ރަހުމަތްތެރިޔާ ޒީނަތުު އިނީ ކަންބޮޑުވެފަ އެވެ. މީގެ ދެގަޑިއެއްހާއިރު ކުރިން ފެށިގެން އާއިމާ ރޮމުން އެދަނީ ކީއްވެގެންކަން ހޯދަން ޒީނަތު ކިތަންމެހާވެސް ބޭނުމެވެ.
“ބޮޑެއްތަ އަށް ގޮވަނީ އިނގޭ.” މިހެން ބުނަމުން ޒީނަތު ކޮޅަށް ތެދުވީ އާއިމާގެ މަންމައަށް ގޮވާށެވެ. ނަމަވެސް އާއިމާ ޒީނަތުގެ އަތުގައި ހިފެހެއްޓުވި އެވެ. އިށީންނުމަށް އިޝާރާތް ކުރަމުންނެވެ.
“ނޫން… މިކަން އެއްވެސް މީހަކަށް ނާންގާތި.” ފުހިފުހިފަައި ރޮމުން އާއިމާ އެދުނެވެ.
“އެހެންވެއްޖެއްޔާ ތި އޮހޮރޭ ކަރުނައިގެ ސަބަބަކީ ކޮބައިކަން ބުނެފާނަންތަ؟” އާއިމާގެ އެނދުގައި އިށީންނަމުން ޒީނަތު ސުވާލުކުރި އެވެ. އޭރު އާއިމާގެ ރުއިން އިހަށްވުރެންވެސް ގަދަވަމުން ދަނީއެވެ.
“މިއަދުވެސް އޭނަ މަށާދިމާއަށް ބަލާވެސް ނުލި.” ވަރަށް އުނދަގުލުން އާއިމާ ބުންޏެވެ. ޒީނަތު ފުން ނޭވައެއް ދޫކޮށްލަމުން އެނދުގެ ކޮޅުފިލާގައި ލެނގިލި އެވެ.
“އެކަމާތަ ތިވަރަށް ތި ރޮނީ؟” ވެގެންއުޅޭގޮތް އެނގުމުން ޒީނަތު އަހައިލި އެވެ. އާއިމާ އާނއެކޭ ބުނުމަށް ބޯޖަހައިލި އެވެ.
“ކިތައް ފަހަރު އަހަރެން އާއީ ކައިރީ ބުނާނީ އޭނަޔާމެދު ނުވިސްނާށޭ. އެއީކީ ބިޓުން ފަހަތުން ފްލަރޓް ކުރަމުން ދުވާކަހަލަ ކުއްޖެއް ނޫނޭ.” ޒީނަތު ގެ މި ޖުމްލައާއިއެކު އާއިމާ ޒީނަތަށް ބަލައިލި އެވެ.
“ދެން ތިބުނީ މަށަކީ ފިރިހެން ކުދިން ފަހަތުން އަޅައިގަނެގެން އުޅޭ ކުއްޖެކޭތަ؟” ޒީނަތު ބުނި ޖުމްލައިން އާއިމާ އަށް ނެގުނީ ނުބައި މާނައެކެވެ.
“އަޅޭ! އަހަރެން ތިހެންނެއް ނޫނޭ މިބުނީކީ. އާއީ އަށްވެސް އެނގޭނެ ތި ދެމީހުންވެސް ހަމަ އެއްގޮތްކަން. އެކަމަކު އާއީ ކިތަންމެ އުއްމީދެއް ކުރިޔަސް އޭނަ އިސްއުފުލައި އާއީ އަށް ބަލާލަފާނެހެން ހީވޭތަ؟” ރޮއެރޮއެ ދުޅަވެފައިވާ އާއިމާގެ ލޮލަށް ބަލައިލަމުން ޒީނަތު ބުންޏެވެ.
“ޒީ އަކަށް ފީލް އެއް ނުވާނެ މަށަށް މި ވާވަރެއް. އަހަންނަށް ނޭނގޭ މިކަން އެހެންވީ ކީއްވެގެން ކަމެއްވެސް. ބަޓް އައޭމް އިން ލަވް ވިތު ހިމް. ކީއްވެ، ކިހިނެތް ކަމެއްވެސް ނޭނގޭ. ޔޫ ނޯ ހައު އައިވޯޒް އެންޑް ހައު އައޭމް. އަހަރެން އެއްވެސް ފިރިހެން ކުއްޖަކާ ވާހަކަދެއްކިންތަ އެގޮޮތަށް؟ ނުދައްކަމެއްނު. އަހަރެން އަބަދުވެސް ބޯއީސް އާ ދުރުގައެއްނު އުޅެނީވެސް. އަހަރެން އެކުދިންނަށް ބަލައެއްވެސް ނޫޅެމެއްނު. އަހަރެންވެސް ދީނުގަ އަންގަވާފަވާގޮތަށް ބެލުންތިރިކޮށްގެން އުޅެނީ. އެކަމަކު އޭނަޔާ ޖެހުނީމަ އައި ފެލްޓް މައިސެލްފް ވީކް. އޭނަޔަށް ނުބަލައެއް ނުހުރެވޭ. އަދި ބައެއް ފަހަރަށް، އޭނަ އަހަންނަށް ބަލާނެ ކަމުގެ އުއްމީދު ބޮޑުވެފައި އޭނަ މަށަށް ނުބަލާކަން އެނގޭތީ ވަރަށް މި ހިތަށް ތަދުވޭ.” މޭމަތީގައި އަތް ޖައްސާލަމުން އާއިމާ އަށް ބުނެވުނީ މިހިސާބަށެވެ. އަނެއްކާވެސް އަޑުން އަޑު ނަގާފައި ރޯންފެށިއެވެ. ޒީނަތު އާއިމާގެ އަތުގައި ހިފާލަމުން ގަޔާ ކައިރިކޮށްލި އެވެ.
“އައި ނޯ ޔޫ. މަށަށް އެނގޭ އާއީ އަކީ ސްޓިލް އޭން އިނޮސެންޓް ކުއްޖެއްކަން. އެންޑް އައި ނޯ ހައު ޕިޔޯ ޔޯރ ފީލިންގްސް އާރ. އޭނަޔާ ހެދި މޮޔަވެފަ ހުންނަތާ ފަސް އަހަރުވެއްޖެކަންވެސް އެނގޭ. އޭނަ ލޯބިވާ ވާހަކަ ނުބުނާތާނގަ އާއީ ތި އިންތިޒާރު ކުރަނީ އޭނަ އާއީ އަށް ހަމަ އެންމެ ފަހަރަކު ނަމަވެސް ބަލައިލާނެ ވަގުތަކަށްކަންވެސް އެނގޭ،” ޒީނަތު މަސައްކަތްކުރީ އާއިމާ ހަމަޖެއްސުމަށެވެ. ޒީނަތުގެ ވާހަކަތަކަށް އާއިމާ ބޯޖަހަމުން ގެންދިޔައެވެ.
“އަހަރެން.. އަހަރެން ބޭނުންވަނީ ހަމަ އެންމެ ފަހަރަކު ނަމަވެސް އޭނަ މަށަށް ބަލައިލުމަށް. ފޯރ ވަންސް. ޖަސްޓް ފޯރ ވަންސް. ދެޓްސް އޯލް އައި ވޯންޓް.” އަނެއްކާވެސް ރޮމުން އާއިމާ ގެ ހިތުގެ އެދުންތައް ހާމަކުރަން ފެށިއެވެ.
“އެކަމަކު އޭނަ އާއީ ދެކެ ލޯތްބެއް ނުވެއެއްނު!” ޒީނަތު ބުންޏެވެ. ކަރުނުން ފުރިފައިވާ އާއިމާ ގަދަކަމުން ހިނިތުންވެލި އެވެ.
“އޭނަ ވެސް ވޭ.” އާއިމާ ގެ ޖަވާބުން ޒީނަތަށް އިތުރު ހައިރާން ކަމެއް ލިބުނެވެ.
“ކިހިނެތް އާއީ އަށް އެނގެނީ؟ އޭނަ އާއީ އަށް ބަލާވެސް ނުލައެއްނު؟ އޭނަ އާއީ ދެކެ ލޯތްބެއް ނުވެޔޭ. ދެން ތިގޮތަށް އޭނަ ފަހަތުން ނުދުވެބަލަ.” ކުޑައިރުއްސުރެން އެންމެ ގާތް ރަހުމަތްތެރިޔާ އެ ހާލުގައި އިންނަތަން ދެކެން ބޭނުންނުވާތީ ޒީނަތު ބުންޏެވެ.
“މަށަށް ހަމަ އެނގެނީ. އޭނަ އަހަރެން ދެކެ ލޯބިވޭ އެކަމަކު އަހަރެންވެސް އަމިއްލަ ނަފުސަށް ބާރުފޯރުވައިގެން އަމިއްލަ އެދުންތައް ހުއްޓުވާގޮތަށް އޭނަވެސް ހުއްޓުވަނީ. އަހަރެން ފެންނަ ހިސާބަށް އޮޅުމަކުން ދެވުނަސް އޭނަ އަވަސް އަވަހަށް ފިލައިގެންދާން އެ އުޅޭއިރު އޭނަގެ ލޮލުން އެފެންނަ އަސަރު ފާހަގައެއް ނުކުރެވޭތަ ޒީ އަކަށް؟” އާހިލް ގެ އިސްޖެހިފައިވާ ބެލުން އާއިމާގެ ހަނދާނަށް ގެންނަމުން ޒީނަތުކުރެން އެހިއެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 20 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ގެ މަންޒަރެއް!
- 18 ޑިސެމްބަރ 2024ޚަބަރުއައިފިލްމްސް އިން ލޯބިން ބުނެލަނީ ” ލޯބިން…؟ ” ކަމަށް!
- 18 ޑިސެމްބަރ 2024ޚަބަރުއައްޒަ ބަލިވެއިންކަމަށް ބުނެ ނަހޫއަށް “ސޮރީ” ބުނެފި
- 18 ޑިސެމްބަރ 2024ޚަބަރު“ސޮރީ” ފަށައިފި – ޑައިރެކްޓްކުރަނީ ނަހޫ އަދި ރަވީ!