އުރުދޫ ޣަޒަލް ކިޔުމުގައި ދެވަނައެއް ނެތް ޕަންކަޒު އުދާސްގެ ހިތްގައިމު އަޑުން ކިޔާފައިވާ ‘ދުކް ސުކް’ (ހިތާމައާއި އުފާ) ޅެމަކީ ދުނިޔެއަށް އޮތް ޢިބްރަތްތެރި މިސާލެކެވެ. މި ޅެމުގައިވެސް ކިޔައިދެނީ ޖީލުތަކެއްގެ ވާހަކަތަކެކެވެ. ހަތަރު ޖީލެއްގެ މީހުން ދިރިއުޅުނު ގޮތް މި ޅެމުގައި ކިޔައިދީފައި ވަނީ ޢިބްރަތްތެރި ދަރުސްތަކެއް އެއިން ލިބެނިވި ގޮތަކަށެެވެ.

ޅެން ލިޔެފައިވަނީ ޒަފަރް ގޯރަކްޕޫރީ އެވެ. މިއީ ދިރިއުޅުމަށް ބޭނުންވާ ހުރިހައި ފިލާވަޅެއް ކިޔައިދޭ ލާމަސީލު ޅެމެކެވެ.

ޅެމުގައި އެމުނިއެކުލެވިގެންވާ އުރުދޫ ބަސްކޮށާރުގެ ސަބަބުން މި ޅެމުގެ ދިވެހި ތަރުޖަމާއެއް ކުރުމަށް ވަަރަށް ބޮޑަށް އުނދަގޫވިއެވެ. ނަމަވެސް އަޅުގަނޑަށް އެނގިފައިވާ މިންވަރުން، އަޅުގަނޑުގެ ލަޔާޤަތާއި ޤާބިލިއްޔަތު ހުރި މިންވަރުން، ޅެމުންގެ އަސްލު މަޤުޞަދު ނުގެއްލޭނެ ބީދައިން ތަރުޖަމާއެއް ކޮށްލީމެވެ.

‘ދުކް ސުކް’ (ހިތާމައާއި އުފާ)

ގާތް މީހަކަށް ވިޔަސް، ބީރައްޓެއްސަކަށް ވިޔަސް، އެންމެންގެ ހިތާމަޔާއި އުފަލަކީ އެކައްޗެކެވެ.
އެއީވެސް ދުވަސްވަރެކެވެ. މިއީވެސް ދުވަސްވަރެކެވެ.

❀****❀❀****❀

ކާފަމެންގެ ދުނިޔޭގައި ހުރީ މަށީގެ ގެތަކެކެވެ.
ވަގުންގެ އުނދަގުލެއް ނެތެވެ. ފޭރޭމީހުންގެ ބިރެއް ނެތެވެ.
ލިބުނު އެއްޗެއް ކަމެވެ. ފުންކޮށް ނިދަމެވެ.
ހަވީރު އޮންނަނީ ފުރިފަ އެވެ. މެންދުރުފަސް އާބާދުވެފަ އެވެ.
ހިތްހަމަޖެހެ އެވެ. ނިތްކުރިއަކު ރުލެއް ނެތެވެ.
ހިތަކު ހަސަދަވެރިކަމެއް ނެތެވެ. ލޮލަކު ބަދަލުހިފުމުގެ ރޫހެއް ނެތެވެ.
އެންމެންމެ މައުސޫމެވެ. އެންމެންމެ ތިބެނީ ލޯބީގައި ލާމެހިފަ އެވެ.
އެ މީސްމީހުން ހާދަ އަވަހަކަށް މި ދުނިޔެއިން ވަކިވެގެން ހިނގައްޖެ އެވެ.

ގާތް މީހަކަށް ވިޔަސް، ބީރައްޓެއްސަކަށް ވިޔަސް އެންމެންގެ ހިތާމަޔާއި އުފަލަކީ އެކައްޗެކެވެ.

❀****❀❀****❀

ބައްޕަމެންގެ ދުވަސްވަރު އަތުވެއްޖެ އެވެ. ގެއަށް ތަޢުލީމު އަތުވެއްޖެ އެވެ.
ތަޢުލީމާ އެކީގައި އައު ވިސްނުމާއި ފިކުރު އަތުވެއްޖެ އެވެ.
އާދަކާދަ ދޫކޮށް ކުރިއަށް ހިނގައިގަތުމުގެ ދުވަސް އަތުވެއްޖެ އެވެ.
މަށީގެ ގެ އެއްފަރާތްކޮށް، ވަދުގަދަ ގެއެއް އަޅައިފި އެވެ.
އޮފީހުގެ ވަޒީފާ އޮތެވެ. މުސާރައިގެ އެހީތެރިކަން ލިބެ އެވެ.
ކަލާނގެއަށް އިތުބާރުކުރެ އެވެ. ލިބޭ އެއްޗަކުން ފުދެއެވެ.
ފައިސާކޮޅު މަދު ނަމަވެސް، ހިތާމައެއް ނެތެވެ.
އަހަރެމެންގެ ނިކަމެތި ގެގަނޑު ހާދަހާ އުފާވެރިއެވެ.

ގާތް މީހަކަށް ވިޔަސް، ބީރައްޓެއްސަކަށް ވިޔަސް، އެންމެންގެ ހިތާމަޔާއި އުފަލަކީ އެކައްޗެކެވެ.

❀****❀❀****❀

މިހާރު މިއީ އަހަރެންގެ ދުވަސްވަރެވެ. އެކަކު އަނެކަކާ ގުޅުމެއް ނެތެވެ.
ކޮންމެ މީހަކުމެ އުޅެނީ އެކަންޏެވެ. ކޮންމެ މޫނެއްމެ ބީރައްޓެއްސެވެ.
ކަރުނައެއް ހިނިތުންވުމެއް ނެތެވެ. ދިރިއުޅުމުގެ ހާލަތު އޮތީ މިހެންނެވެ.
މުދާވެރިކަމުގެ އަވައިގައި އަމިއްލަ ނަފުސު ހަނދާންނެތިއްޖެ އެވެ.
ފައިސާއާއި ހައްސިއްޔަތު އެބަ އޮތެވެ. ޢިއްޒަތާއި ޤަދަރު އެބަ އޮތެވެ.
ނޯކަރުންނާއި މުވައްޒަފުން އެބަ ތިއްބެވެ. ބޮޑެތި ގެއާއި ކާރު އެބަ ހުއްޓެވެ.
ރަންރިއްސާއި ބިން އެބަހުއްޓެވެ. އެކަމަކު ހިތްހަޖެހުމެއް ނެތެވެ.
ކަންތައްތަކެއް ޙާޞިލުކުރާން، ދޫކޮށްލާން ޖެހޭ އެއްޗެހި ހާދަހާ ގިނައެވެ.

ގާތް މީހަކަށް ވިޔަސް، ބީރައްޓެއްސަކަށް ވިޔަސް، އެންމެންގެ ހިތާމަޔާއި އުފަލަކީ އެކައްޗެކެވެ.

❀****❀❀****❀

އޭ އަންނާން އޮތް ނަސްލުގެ އަހުލުވެރިންނޭވެ. އޭ ދުނިޔެއަށް އަންނާން ތިބި މީހުންނޭވެ.
ތިބާހުންނަށް ލިބުނު މިންވަރަށް ޝުކުރުނުކުރެވުނަސް، އަހުރަމެން އެ މިންވަރަށް ޝުކުރުކުރީމެވެ.
ތިބާހުންނާ އެކުގައިވާ ހިތާމަތައް، ތިބާހުންނާ ގާތް ނުވުމަށް އެދެމެވެ.
އަހުރަމެން ތަޖުރިބާކުރި ހިތްދަތިކަން، ތިބާހުންނަށް ނުދައްކަވާށި އެވެ.
ބައިބޯކަމުގެ ތެރޭގައި އޭރު އަހުރަމެން އެކަނިމާއެކަނި ދިރިއުޅު ފަދައިން،
އޭރުގެ ދިރިއުޅުމުގެ މަހެފިލް ތިބާހުންގެތެރެއިން އެކަކަށްވެސް ނުދައްކަވާށި އެވެ.
ތިބާހުން ދާ ކޮންމެ ދިމާއަކުން، ރޯޝަންކަމުގެ ހުޅުދާން ވެއެވެ.
އެކާވީސްވަނަ ޤަރުނުގެ މޫސުމުގެ އުފަލާއި ލޯބިލިބިގަންނާށެވެ.
އަހުރަމެން ދިރިއުޅުނީ އުފަލުގައެވެ. ތިބާހުންނަށްވެސް އުފާވެރިކަމުގެ ވާރޭ ވެއްސަވާށިއެވެ.
ތިބާހުންގެ ހިތްތަކުގައި އާނަންދަކަން (އުފާވެރިކަން) ލައްވައި، ދިރިއުޅުން އުފާވެރިކުރައްވާށި އެވެ.

ގާތް މީހަކަށް ވިޔަސް، ބީރައްޓެއްސަކަށް ވިޔަސް، އެންމެންގެ ހިތާމަޔާއި އުފަލަކީ އެކައްޗެކެވެ.
އެއީވެސް ދުވަސްވަރެކެވެ. މިއީވެސް ދުވަސްވަރެކެވެ.

@muniavas DUK SUK poem Dhivehi Translation #DhiMaana #fypシ゚viral #foryou #foryoupage #fypシ #fyp #urduPoetry #dhivehitiktok #viralvideo @Pankaj Udhas #jeelu ♬ original sound – MUNIAVAS

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.