ދިވެހިން ޝައުގުވެރިވާ އިސްލާމީ ތާރީޚީ ސިލްސިލާ ފިލްމުތައް ފަސޭހައިން ލިބޭނެ ގޮތްތައް ހައްދަވާ ދެއްވުމަށް އެދި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު އަލްފާޟިލް އާދަމް ނަޞީރު އިބްރާހީމް މިޞްރުގެ ސަފީރު މާޖިދު މުޞްލިޙަށް ހުށައަޅުއްވައިފި އެވެ. މި ހުށައެޅުއްވުމާއި އެއްގޮތަށް އެކަން ކޮށްދެއްވުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް މިޞްރުގެ ސަފީރު ވިދާޅުވެފައިވާ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން މަޢުލޫމާތުދެއްވައެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު އަލްފާޟިލް އާދަމް ނަޞީރު އިބްރާހީމް މިކަމަށް އެދިވަޑައިގެންނެވީ މިޞްރުގެ ސަފީރު މާޖިދު މުޞްލިޙާއި މިއަދު މިނިސްޓަރ ބައްދަލުކުރައްވައި މަޝްވަރާކުރެއްވި ކަންކަމުގެ ތެރެއިންނެވެ. މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ދިވެހިރާއްޖެއާ މިޞްރާ ދެމެދުގައި ޒަމާނުއްސުރެ އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކޮށް، ދެޤައުމުންވެސް އިސްކަންދޭ ކަންކަމުގައި އެކުގައި މަސައްކަތްކުރުމާ ބެހޭ ގޮތުންނެވެ.

މި ބައްދަލުވުމުގައި ދިވެހިންގެ ސަގާފަތާއި ޤައުމީ ތަރިކަ ދިރުވައި އާލާ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޓޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްސަ ތަޞައްވަރެއްކަމަށާއި މި ތަޞައްވަރަށް ފަހިކަން ލިބޭ ގޮތަށް މުހިއްމު އެހީތެރިކަމެއް ދެއްވަން ހުށަހެޅުއްވީތީ އެކަމަށްޓަކައި ވަޒީރު ވަނީ މިޞްރުގެ ސަފީރަށް ޝުކުރު ދަންނަވާފައެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވަނީ، 2024ވަނަ އަހަރަކީ ދިވެހިރާއްޖެއާއި މިޞްރުގެ ޚާރިޖީ ގުޅުމަށް 55 އަހަރު ފުރޭ އަހަރުކަމަށް ވުމާގުޅިގެން މި ވުޒާރާގެ ދާއިރާއިން ތަފާތު ހަރަކާތްތަކެއް ރާވައި ކުރިއަށް ގެންދިއުމާ ގުޅޭ ގޮތުންނެވެ.

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު އަލްފާޟިލް އާދަމް ނަޞީރު އިބްރާހީމް މިޞްރުގެ ސަފީރު މާޖިދު މުޞްލިޙާއި ބައްދަލުކުރެއްވުން – ފޮޓޯ: ދސތ ވުޒާރާ

މީގެ އިތުރުން ދެ ޤައުމުގެ ރަޙުމަތްތެރިކަމުގެ ރަމުޒުތަކެއްގެ ގޮތުން މިޞްރުގެ ވެރިރަށް ޤާހިރާގެ މަގަކަށް ދިވެހި ނަމެއް ދިނުމާއި ދިވެހިރާއްޖޭގެ މަގަކަށް މިޞްރުގެ ނަމެއް ދިނުން ހުށަހެޅުނެވެ. މީގެ އިތުރުން ދިވެހިރާއްޖޭގައި ޢަރަބި ބަސް ދަސްކޮށްދޭ ސެންޓަރެއް ޤާއިމުކުރުމުގެ މަސައްކަތާއި އެކަމަށް ބޭނުންވާނެ މުދައްރިސުން މިޞްރުން ހަމަޖެއްސެވުމާއި މި މަސައްކަތަކީ މުސްތަޤުބަލުގައި ވަރަށް ފުޅާކޮށް ކުރިއަށް ދާނެ މަސައްކަތެއް ކަން ފާހަގަ ކުރައްވައި މިކަމުގެ ސަބަބުން މި ރާއްޖޭގެ އިސްލާމީ ވަޙުދަތު، ޤައުމީވަންތަކަމާއި އަދި ދެޤައުމުގެ ސަގާފީ ކަންކަން ވަރުގަދަ ވެގެން ދާނެކަން މިޞްރުގެ ސަފީރު ވަނީ ފާހަގަކުރައްވާފައެވެ.

ގިނަ މަޝްވަރާތަކެއް ކުރެވުނު މި ބައްދަލުވުމުގައި އިތުރަށް މަޝްވަރާކުރެވުނު އަނެއް ކަމަކީ މިޞްރުގައި ދިވެހިރާއްޖޭގެ ސަގާފީ މަރުކަޒެއް ޤާއިމުކުރުމަށާއި ދިވެހިން ޝައުގުވެރިވާ އިސްލާމީ ތާރީޚީ ސިލްސިލާ ފިލްމުތައް ފަސޭހައިން ލިބޭނެ ގޮތްތައް ހައްދަވާ ދެއްވުމަށް އެދި ހުށަހެޅުމެވެ. މި ހުށައެޅުއްވުމާއި އެއްގޮތަށް އެކަންކަން ކުރެއްވުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގައި މިޞްރުގެ ސަފީރު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގައި ހުރި ސަގާފީ ތަރިކަތައް ރައްކާތެރިކުރުމުގައި މިޞްރުގެ އެހީތެރިކަން ލިބޭނެކަމާއި، ޚާއްސަކޮށް ޔުނެސްކޯ ވޯލްޑް ހެރިޓޭޖް ލިސްޓުގައި ދިވެހިރާއްޖޭގެ ހިރިގަލު މިސްކިތްތައް ޝާމިލްކުރުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް މިޞްރުގެ ސަފީރު ވަނީ ވިދާޅުވެފައެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.