ހެއްވާ މަޖާ ޑާކް ކޮމެޑީ “ފްރީ ޑެލިވަރީ” އޮލިމްޕަހުގައި ދައްކަން ހަމަޖެހިފައިވާ އެންމެ ފަހު ޝޯ 02 ޑިސެމްބަރު 2023، ހޮނިހިރު ދުވަހުގެ ރޭގައި އޮންނާނެއެވެ. ފިލްމުގެ އެންމެ ފަހު ހަތަރު ޝޯ އޮންނާނީ ނޮވެމްބަރު  29 ،30 ވަނަ ދުވަހުގެ ރޭގެ އިތުރުން ޑިސެމްބަރު 01 އަދި 02 ވަނަ ދުވަހުގެ ރޭގައެވެ.

“ފްރީ ޑެލިވަރީ”ގެ ފަހު ޝޯތައް ކުރިއަށްދާއިރު، އައިފިލްމްސްގެ ފިލްމު “ނީނާ”ގެ ޚާއްޞަ ދެ ޝޯއެއް 30 ނޮވެމްބަރު އަދި 01 ޑިސެމްބަރުގައި އޮންނާނެ ކަމަށް ދެ ފިލްމުގެ ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ) މަޢުލޫމާތުދެއެވެ. މި ޝޯތައް އޮންނާނީ ދަންވަރު 23:45ގަ އެއެވެ.

މިމަހު 04 ވަނަ ދުވަހު ރިލީޒްކުރި މި ފިލްމު ބެލި ހުރިހައި އެންމެން ކަހަލަ ގޮތަކަށް ޕޮޒިޓިވް ފީޑްބެކްތަކެއް ފިލްމަށް ދެމުން އަންނަ ކަން ފާހަގަކުރެވެއެވެ.

ފިލްމު “ފްރީ ޑެލިވަރީ”އަކީ ނުހޭން އިންނަ މީހާއަށް ވެސް ހެވޭނެ ޒާތަށް ތައްޔާރުކޮށްފައިވާ ފިލްމެެއްކަން ބެލުންތެރިން ފާހަގަކުރެއެވެ. ފިލްމުގެ ކެރެކްޓަރތައް އަމިއްލައަށް މަޖާވެގެން ނޫޅޭކަމަށް ބުނެއެވެ. ކުރުކޮށް ބުނާ ނަމަ ކޮމެޑީއެއްގައި ހުންނަން ޖެހޭ ހުރިހައި އުންސުރުތަކެއް މި ފިލްމުގައި ހަމައަށް ހުރިކަންވެސް ފާހަގަކުރެއެވެ.

ފިލްމު “ފްރީ ޑެލިވަރީ”އަކީ އިލްޔާސް ވަހީދު ލިޔެ ޑައިރެކްޓްކުރި ފިލްމެކެވެ. ފިލްމުގެ އެސިސްޓެންޓް ޑައިރެކްޓަރަކީ އަޙްމަދު އިފްނާޒް އެވެ. އިފްނާޒަކީ ފިލްމުގެ އެކްޓަރެއްވެސް މެއެވެ. ފިލްމުގެ އިތުރު ވާހަކަތައް ޕީއެސްއެމްގެ ޓެލެވިޒަން މޯލްޑިވްސް އިން ގެނެސްދޭ ‘ވީކްއެންޑް ވައިބްސް’ އިން ބަލައިލެވޭނެ އެވެ.

ތަފާތު އެކި ކަހަލަ އިޖުތިމާޢީ މައްސަލަތަކުގެ ވާހަކަ ކިޔައިދޭ “ފްރީ ޑެލިވަރީ” އަކީ އިއްލެގެ ފުރަތަމަ ކޮމެޑީ ފިލްމެވެ. ކަޒްމިކް އިންޓަނޭޝަނަލްގެ ފުރަތަމަ ފީޗާ ފިލްމެވެ.

ފިލްމުގެ ލީޑު ކާސްޓުން ފެންނާނީ ތާތި އާދަމް، ރަޢުފަތު ޞާދިޤް އަދި އައިޝާ ޢަލީ އެވެ. އިތުރު ރޯލުތަކުން ފެނިގެންދާނީ އަހްމަދު ޝާރިފާއި ވާޝިޔާ މުޙައްމަދުގެ އިތުރުން ޙާފިޒް މުޙައްމަދާއި ފާޒިލް ފަޔާޒް އާއި ފާޠިމަތު ލަޠީފާ އަދި މަރިޔަމް ވަޙީދާއެވެ.

މި ފިލްމުގެ ޕްރޮޑިއުސް ކޮށްފައިވަނީ އާސިމް އަލީ އާއި އާމިރާ އަލީ އަދި އިއްލެ އެވެ.

އިއްލެގެ ޕްރޮޑަކްޝަން ހައުސް، ‘އައިފިލްމްސް’ އިން ދެން އުފައްދަން އޮތީ ބިރުވެރި ފިލްމު “ކަންބަޅި”އެވެ. ފިލްމު “ކަންބަޅި”ގެ ޕްރޮޑިއުސަރުންގެ ތެރޭގައިވެސް އާސިމް ޢަލީ ހިމެނެއެވެ. މި ފިލްމުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ އައިފިލްމްސްގެ “ބަވަތި” އަދި “ނީނާ”ގެ ވެސް އޮންލައިން މީޑިއާ ޕާޓްނަރުކަން ކުރި މުނިއަވަސް އެވެ.

ފިލްމު “ފްރީ ޑެލިވަރީ”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން އެވެ.

“ފްރީ ޑެލިވަރީ”ގެ ތިންވަނަ ޓްރެއިލާ ބަލައިލާށެވެ. އަހަރުމެން ނޫސްލިޔާ މީހުންގެ ވާހަކަތައް ޤަބޫލުނުކުރެވޭ ނަމަ ފިލްމު ބެލި މީހުން ކުރެން އަހައިލާށެވެ. ޓްރެއިލާ އަދި ބެލުންތެރިންވެސް ތަފާތު ވާހަކައެއް ނުބުނާނެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.