ބޮލީވުޑްގެ އެންމެ މަޤްބޫލު ޓީވީ ސީރީޒްތަކުގެ ތެރޭގައި ހިމެނޭ “ސީއައިޑީ”ގައި ހަރަކާތްތެރިވި ދިނޭޝް ޕަދްނޭޝް މަރުވެއްޖެ އެވެ. ސަމާސާ މިޒާޖެއް ދައްކައިދޭ ސީއައިޑީ އޮފިސަރު ފްރެޑްރިކްސްގެ ރޯލުން ގިނަ ބައެއްގެ ހިތްތަކުން ޖާގަ ހޯދާފައިވާ ދިނޭޝް މަރުވީ މިދިޔަ އަންގާރަ ދުވަހު، އޭނާގެ އެތެރެހަށީގެ އެތަކެއް ގުނަވަންތަކެއް (އޯގަންތަކެއް) ފެއިލްވުމުން ކަމަށް ޚަބަރުތައް ކަށަވަރުކޮށްދެއެވެ. އުމުރުން 57 އަހަރުގެ ދިނޭޝްގެ ފުރަމެއަށް ލިބުނު ގެއްލުމަކާއި ގުޅިގެން މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އޭނާއަށް ފަރުވާދެމުން ގެންދިޔައީ އައިސީޔޫގައި ބާއްވައިގެން ވެންޓިލޭޓަރުން ނޭވާ ލައްވައިގެންނެވެ.

ސީއައިޑީ ސީރީޒްގައި  ދަޔާގެ ރޯލު ކުޅުނު ދަޔާއާނަންދު ޝެޓީ ވަނީ ދިނޭޝް (ފްރެޑްރިކްސް) ނިޔާވިކަން އިންޑިއަން އެކްސްޕްރެސްގެ ވެބްސައިޓަށް ކަށަވަރުކޮށްދީފަ އެވެ. އޭނާ ބުނީ “ދިނޭޝް އެންމެ ފަހު ނޭވާއެއް ލީ ހެނދުނު 12.08 ހާއިރު” ކަމަށެވެ. އުމުރުން 57 އަހަރުގެ އެކްޓަރަށް ފަރުވާ ހޯދަމުން ދިޔައީ މުމްބާއީގެ ޓުންގާ ހޮސްޕިޓަލުގައެވެ.

ޝެޓީ ހިއްސާކުރި ގޮތުގައި ދިނޭޝް މަރުވީ ގިނަ ގުނަވަންތަކެއް ފެއިލްވެގެންނެވެ. އޭނާ ބުނީ، “ގިނަ ކޮމްޕްލިކޭޝަންތަކެއް ދިމާވެގެން ރޭ ވެންޓިލޭޓަރުން ނެގި” ކަމަށެވެ.

އެކްޓަރުގެ ޖަނާޒާ ބޭއްވީ މިމަހު ފަސްވަނަ ދުވަހު ހެނދުނު 10.30 ގައި މުމްބާއީގަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ސީއައިޑީގެ މުޅި ކާސްޓުން ދިނޭޝްގެ ގެއަށް ޒިޔާރަތްކޮށް އެންމެ ފަހުގެ އިހުތިރާމް އަދާކުރިއެވެ.

ޝޯގައި އިންސްޕެކްޓަރު އަބިޖީތުގެ ރޯލު ކުޅުނު އެކްޓަރު އަދްތިޔާ ސްރިވަސްތާވާ ޕީޓީއައި އަށް ބުނީ، “އަހަރެމެންނަށް އެނގޭ އޭނާގެ ފުރަމޭގެ މައްސަލަތައް ހުރިކަން އަދި އެކަމުގެ އަސަރު އެހެން ގުނަވަންތަކަށް ވެސް ކުރިކަން. ދެތިން ދުވަސް ވަންދެން އޭނާ ހާލު ވަރަށް ސީރިއަސް.”

ސީއައިޑީގެ އިތުރުން މަޝްހޫރު ސިޓްކޮމް “ތާރަކް މެހެތާ ކާ އުލްޓާ ޗަޝްމާ” އިން ވެސް ދިނޭޝް ފެނިގެން ގޮސްފައިވާއިރު، “ސުޕަރ 30” އަދި “ސަރުފަރޯޝް” ފަދަ ފިލްމުތަކުގައި ސަޕޯޓިން ރޯލްތައް ވެސް ކުޅެފައިވެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.