ރާއްޖޭގެ އެންމެ މަޤުބޫލު ހިޕްހޮޕް ލޭބަލް، ސިމްބޮލިކް ރިކޯޑްސްއިން މާލޭގައި މިއުޒިކް ޝޯއެއް ބާއްވަން ތައްޔާރުވަމުންދާކަން ހާމަކޮށްފިއެވެ.

ސިމްބޮލިކް ރިކޯޑްސްގެ ޕީއާރް އެންޑް މާކެޓިންގ ޑިރެކްޓަރ، ނާއިލް ނަޝީދު ބުނީ ‘ވަލުދޮރާށި’ ނަމުގައި ބާއްވާ މި ޝޯއަކީ ސިމްބޮލިކް ރިކޯޑްސްގެ ދުވަސްވީ ހުވަފެނެއް ކަމަށާއި ޝޯގައި ތަފާތު އެތައް ކަމެއް ފެނިގެން ދާނެ ކަމަށެވެ.

“އަމިއްލައަށް ރާވައިގެން ޝޯއެއް ބޭއްވުން މީ އަބަދުވެސް ލޭބަލްގެ އަމާޒެއް. އިރާދަކުރެއްވިއްޔާ މި ޝޯ މީ ފެށުމެއް. އުއްމީދަކީ ސީރީޒްއެއް ގޮތަށް އަހަރަކު ދެތިން ޝޯ ބޭއްވުން. ދެން މީގަ ވަރަށް ތަފާތު، ހީވެސް ނުކުރާ ކަހަލަ ކަންކަން ފެނިގެން ދާނެ”

– ސިމްބޮލިކް ރިކޯޑްސްގެ ޕީއާރް އެންޑް މާކެޓިންގ ޑިރެކްޓަރ، ނާއިލް ނަޝީދު

ނާއިލް ބުނީ މި ޝޯއަށް ‘ވަލުދޮރޯށި’ ކިޔަން މެދުވެރިވި އެއް ސަބަބަކީ ރާއްޖޭގެ މެއިންސްޓްރީމް މިއުޒިކް އިންޑަސްޓްރީގައި ބަލައިގަންނަ ބަޔަކަށް ވުމަށް ސިމްބޮލިކް ރިކޯޑްސްއިން ކުރި ދިގު އަދި ދަތި ދަތުރުގެ ތަޖުރިބާ ކަމަށާއި އަނެއް ސަބަބަކީ އޮލިމްޕަހުގެ ބެކްޔާޑުގައި މި ޝޯ ބާއްވަން ހަމަޖެހުން ކަމަށެވެ.

ނާއިލް އިތުރަށް ބުނީ މި ޝޯގައި ސިމްބޮލިކް ރިކޯޑްސްގައި މިވަގުތު އެކްޓިވްކޮށް ތިބި ގިނަ އާޓިސްޓުން ފެންނާނެ ކަމަށާއި އޭގެ ތެރޭގައި ސްޓޭޖައި ދުރުގައި ގިނަ ދުވަސްތަކެއް ވެފައިވާ އެ ލޭބަލްގެ އެއް ފައުންޑަރ، ޕެސްޓުވެސް ހިމެނޭ ކަމަށެވެ. ފަންނާނުންނަށް ބަލާއިރު ފޭނުންނަށް ސަޕްރައިޒްތަކެއް ހުރިކަންވެސް ނާއިލް ހާމަކުރިއެެވެ.

“އަހަރުމެންގެ އިތުރުން ބައެއް ފޭނުންވެސް ދެކެމުން އައި ވަރަށް ބޮޑު ހުވަފެނެއްގަ ކުލަ ޖެހޭތަން މި ޝޯއިން ފެންނާނެ. އެއީ ރާއްޖޭގެ ހިޕްހޮޕް ސީންގެ ތާރިޚުގައިވެސް ލިޔެވިގެންދާނެ މުހިއްމު ކަމެއް.”

– ސިމްބޮލިކް ރިކޯޑްސްގެ ޕީއާރް އެންޑް މާކެޓިންގ ޑިރެކްޓަރ، ނާއިލް ނަޝީދު

ސިމްބޮލިކް ރިކޯޑްސްއިން ވަނީ މި ޝޯ ބޭއްވުމުގައި ބައިސްކޯފާއި ޕްރިންޓްލެބްގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.

“ވަލުދޮރޯށި” ޝޯ އޮންނާނީ މި މަހުގެ 15 ވަނަ ދުވަހުގެރޭ އޮލިމްޕަސް ވީވަރު ސްޓޭޖް (އޮލިމްޕަސް ބެކްޔާޑް ސްޓޭޖް) ގައެވެ. ތަނުގެ ޖާގައަށް ބަލައި މި ޝޯއަށް ލިމިޓެޑް މިންވަރަކަށް ޓިކެޓް ވިއްކަން ނިންމާފައިވާއިރު ޓިކެޓެއްގެ އަގަކީ 200 ރުފިޔާއެވެ. ސިމްބޮލިކް ރިކޯޑްސްއިން ބުނީ 9144449 އަށް ގުޅުމުން ޓިކެޓް ޑެލިވަރކޮށްދޭނެ ކަމަށެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.