ދިވެހި ފިލްމީ އޯޑިއަންސަށް ބޮޑު އިންގިލާބެއް ގެނެސްފައިވާ ޑާކް ރެއިން އެންޓަޓެއިންމެންޓް ގެ އެންމެ މޮޅު ތިން ފިލްމު ކަމަށް މިހައިތަނަށް ގިނަބަޔަކު ބުނަމުން އަންނަ ތިން ފިލްމު ބަލައިލުމަށް ރަނުގެ ފުރުޞަތެއް އެ ސްޓޫޑިއޯއިން ހުޅުވާލައިފި އެވެ.

ޑާކް ރެއިން އެންޓަޓެއިންމެންޓުން ވަނީ ފިލްމު ‘ވަކިން ލޯބިން’، ‘ވާށޭ މަށާ އެކީ’ އަދި ‘މީ ލޯތްބަކީ’ އަންނަ އޭޕްރީލް މަހު އޮލިމްޕަހަށް ގެންނަން ނިންމާފައެވެ. އެގޮތުން 06 އޭޕްރީލް ވާ ހުކުރު ދުވަހު ފިލްމު ‘ވަކިން ލޯބިން’ އަޅުވާއިރު 12 އޭޕްރީލް ވާ ބުރާސްފަތި ދުވަހު ‘ވާށޭ މަށާ އެކީ’ އަޅުވާނެ އެވެ. އަދި 13 އޭޕްރީލް ވާ ހުކުރު ދުވަކު ‘މީ ލޯތްބަކީ’ އަޅުވާނެ އެވެ.

‘ވަކިން ލޯބިން’ އަކީ ރަނގަޅަށް ދަސްނުވެ، ކައިވެނި ކުރާ ޒުވާން ދެމަފިރިއަކަށް ދަރިއަކު ވެސް ލިބޭ ފަހުން ވަރިފަށަށް އެރުމުން ދިމާވާ ބޮޑު ހާދިސާއެއް ކިޔައި ދޭ ފިލްމެކެވެ. ފިލްމުގައި ގިނަ ޓްވިސްޓް ތަކެއް ފެނިގެންދާ ފިލްމެކެވެ.

“މީ ލޯތްބަކީ” އަކީ ޑާކް ރެއިނުން މިހާތަނަށް ގެނެސް ދިން އެންމެ ބޮޑު ފިލްމެވެ. އެންމެ މަސައްކަތް ބުރަ ފިލްމެވެ. އަދި އެންމެ މަޖާ ފިލްމުވެސް މެއެވެ.

ވާށޭ މަށާ އެކީ އަކީ ރޮމޭންޓިކް ކޮމެޑީ ފިލްމެކެވެ. މިއީ ޑާކް ރެއިން އެންޓަޓެއިންމަންޓުގެ އަށްވަނަ ފިލްމެވެ. މިއީ ކުޑަކުދިން ދެކެ އިންތިހާ އަށް ލޯބިވާ އަންބަކާއި ދަރިން ހޯދަން ފޫހިވާ ފިރިއެއްގެ ދެމެދު ހިނގާ ކަންތައްތަކެއް ދައްކުވައިދޭ ފިލްމެކެވެ. 

އޮލިމްޕަހުން ޓިކެޓް ގަންނަން ލިބެން ހުންނާނެ ކަމަށާއި ފިލްމުގެ ޓިކެޓް ހޯދުމަށް 9911229 ނަންބަރަށް ގުޅުމަށް ޑާކް ރެއިން އެންޓަޓެއިންމެންޓުން އެދެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ޢަލީ އަޖްވާން
އަޖްވާން އެންމެ ޝަޢުޤުވެރިވަނީ ފިލްމީ އަދި މިއުޒިކީ ޚަބަރާއި މަޢުލޫމާތު ގެނެސްދިނުމަށެވެ.