މުނިއަވަސް އޮންލައިން ރަސްމީކޮށް ވުޖޫދަށް އައީ 17 ޑިސެމްބަރު 2018 ގައެވެ. އޭގެ އެއް ދުވަސް ފަހުން، 18 ޑިސެމްބަރު 2018ގައި ވުޖޫދަށް އައީ، މިހާރު ފިލްމީ ދާއިރާގައި އެންމެ ނަން ހިނގާ އެއް ޕްރޮޑަކްޝަން ހައުސް “އައިފިލްމްސް” އެވެ. މުނިއަވަސް ވުޖޫދަށް އައި ތާރީޚާއި އައިފިލްމްސްއާ މި ގުޅުވައިލީ ސަބަބެއް އޮވެގެންނެވެ. މުނިއަވަސްއަށް ވަަރަށް މުހިންމު ސަބަބެއް އޮތަތީވެ އެވެ.

18 ޑިސެމްބަރު 2018ގައި ފިލްމީ މަސައްކަތަށް ނުކުތް އައިފިލްމްސް އިން މިހައިތަނަށް އައިއިރު ވަނީ ކާމިޔާބު ދެ ފީޗާ ފިލްމު އުފައްދާފައެވެ.

ބަވަތި

“އައިފިލްމްސް”ގެ ފުރަތަމަ ފީޗާ ފިލްމަކީ “ބަވަތި” އެވެ. ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލި)ގެ ފުރަތަމަ ފީޗާ ފިލްމު “ބަވަތި” އޮލިމްޕަހުގައި ރިލީޒްކުރީ 02 ސެޕްޓެމްބަރު 2019ގައެވެ.

ސައިކޮލޮޖިކަލް ތުރިލާ “ބަވަތި“ގެ ލީޑް ކުޅެފައިވަނީ ކުރިއަރަމުން އަންނަ ހުނަރުވެރި ތަރި ނުޒުހަތު ޝުއައިބް އާއި އަލަށް ފީޗާ ފިލްމަކުން ފެނިގެންދާ އަހްމަދު އިފްނާޒް ފިރާގެވެ. ރާއްޖޭގައި ފިލްމު ރޭންކް ކުރާ ރަނގަޅު އޮނިގަނޑެއް އޮންނަ ނަމަ މި ފިލްމު ވެގެންދާނީ ހަމަ ގައިމުވެސް މެގަހިޓް ފިލްމަކަށްކަން ފާހަގަކޮށްލެވެއެވެ.

ފިލްމު “ބަވަތި“ން ތަފާތުތަކެއް ދެއްކިއެެވެ. ޕޯސްޓް ޕްރޮޑަކްޝަން ހެދި އޯކޭޒް އިންކް އިން ގެނެސްދިނީ މީގެ ކުރިން ދިވެހި ފިލްމަކުން ދައްކާފައި ނުވާފަދަ އަމިއްލަ، އުފެއްދުންތެރި މަސައްކަތްތަކެއްކަން ފިލްމު ބެލި ފަރާތްތަކުން ފާހަގަކުރެއެވެ.

ފިލްމު “ބަވަތި“ގެ ސިނެމޮޓޯގްރަފީގެ މަސައްކަތްތައް ކޮށްފައިވަނީ އިބްރާހީމް ވިސާން (ކަނޑި) އެވެ.

ބިރުވެރި ވާހަކަ ސީރީޒް

“ބިރުވެރި ވާހަކަ” ސީރީޒަކީ ދިރާގުން އޯޓީޓީ ޕްލެޓްފޯމް ހިންގި ދުވަސްވަރު ގެނެސްދިން ސީރީޒެކެވެ. ޓެކްނިކަލް ގޮތުން ފެންވަރު ރަނގަޅު، އައު ކަންތައްތަކެއް ގެނެސްދިން މި ސީރީޒުންވެސް އައިފިލްމްސް އިން ދެއްކީ ދިވެހި ފިލްމު އުފެއްދުމުގެ އެހެން ލެވަލްއެކެވެ. މީގެ ކުރިން ވަރަށް އާދައިގެ ރޯލު ކުޅެފައިވާ ބައެއް އެކްޓަރުން އެހެން ލެވަލްއަކަށް ގެނެސްދިނުމުގެ މެދުވެރިއަކަށް އައިފިލްމްސް ވެގެން ދިޔައީ މި ސީރީޒް މެދުވެރިކޮށެވެ.

ބިރުވެރި ވާހަކަ ސީރީޒަކީވެސް އިލްޔާސް ވަހީދު (އިއްލެ)ގެ ގިނަ މަސައްކަތްތަކެއް ފެނިގެންދާ ކޮލިޓީ އުފެއްދުމެކެވެ.

ނީނާ

ލޯބި އަދި އެކްޝަންވެސް ހިމެނޭ ވަރުގަދަ ފިލްމު “ނީނާ” އަކީ އައިފިލްމްސްގެ ދެވަނަ ފީޗާ ފިލްމެކެވެ. ހުރިހައި ގޮތަކުންވެސް ތަފާތުތަކެއް ދެއްކި މޮޅު ފިލްމެކެވެ. މިއީ ރާއްޖޭގައި މިހައިތަނަށް އުފެއްދި އެންމެ ވަރުގަދަ އެކްޝަން ފިލްމެވެ. މި ފިލްމުން ފެންނަ ވަރުގަދަ ފައިޓް ސީންތައް ނަގާފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ޓްރެއިނިންތަކެއް ހޯދާފައިވާ ފިލްމުގެ ލީޑް ނުޒްހަތު ޝުޢައިބް އަދި ފިލްމުގެ ވިލަން ހަމްދާން ފާރޫޤް (އައްކި)އަށް ލިބިފައިވާ ހުނަރާއި އެކުގައެވެ. މި ފިލްމަށް ފައިޓް ދަސްކޮށްދިނީ

ދިވެހި ފިލްމު “ނީނާާ”ގެ ސްކްރީންޕްލޭ، އެކްޓިން، ޑައިރެކްޝަން، ޑައިލޮގްތައް، ފައިޓް ސީންތައް، ކެމެރާކުރުން، ޓެކްނިކަލް މަސައްކަތްތައް – މިހެން ގޮސް ހުރިހައިކަމަށްވެސް ‘އޭ ސްޓަރއެއް’ ދެމުން ގިނަ ަބަޔަކު އިއްތިފާގުވެފައިވަނީ މިއީ މާސްޓަރޕީސް ދިވެހި ފިލްމެއް ކަމަށެވެ. މިވަރުގެ ދިވެހި ފިލްމެއް އަދި މިހައިތަނަށް ބެލިފައި ނެތް ކަަމަށެވެ.

ފިލްމު “ނީނާާ”ގެ ސިނެމޮޓޯގްރަފީގެ މަސައްކަތްތައް ކޮށްފައިވަނީ އިބްރާހީމް ވިސާން (ކަނޑި) އެވެ. އެޑިޓިން އާއި ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތަށް ކޮށްފައިވަނީ “ބަވަތި” ގައިވެސް އެ މަސައްކަތްތައް ކުރި ޓީމުކަމަށްވާ “އޯކޭޒް އިންކް” އިނެވެ.

ފިލްމުގެ ތަރިންނަށް މާޝަލް އާޓްސް ޓްރެއިނިން ހަދައިދިނީ ’ޝިން އެޓަމީ މޯލްޑިވްސް‘ އިންނެވެ. ބޮޑީ ޓްރާންސްފޮމޭޝަން ޖައްސައިދިނީ ’ބަރ ކޮންސެޕްޓް‘ އިންނެވެ.

ތިންވަނަ ފީޗާ ފިލްމު “ކަންބަޅި” – އުފެއްދުމުގެ މަސައްކަތުގައި

ބިރުވެރި ފިލްމު “ކަންބަޅި” ވެސް ލިޔެ ޑައިރެކްޓްކުރަނީ އިލްޔާސް ވަހީދު (އިއްލެ)އެވެ. އިއްލެގެ އިތުރުން އަޙްމަދު އިފްނާޒް ވެސް މި ފިލްމުގެ ޑައިރެކްޓްކުރުމުގައި ހަރަކާތްތެރިވެއެވެ.

ބިރުވެރި ފިލްމު “ކަންބަޅި” ކާސްޓްގައި ހިމެނޭ މުހިންމު ތަރިންގެ ތެރޭގައި ނުޒުހަތު ޝުއައިބް، ވާޝިޔާ މުޙައްމަދު، ޝަރަފުއްދީން އަބްދުﷲ، ރަވީ ފާރޫޤް އަދި އަޙްމަދު އިފްނާޒް ފިރާޤް ހިމެނެއެވެ. މީގެ އިތުރުން އަލަށް ތައާރަފުވާ ތުއްތު އާޓިސްޓް، އުމުރުން 6 އަހަރުގެ ސާރާ ބިންތު މުހައްމަދު ފާރިޤްގެ މުހިންމު ރޯލެއްވެސް މި ފިލްމުން ފެނިގެންދާނެ އެވެ.

ކަންބަޅި” ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތްކުރަނީ އިއްލެގެ “ބަވަތި” އަދި “ނީނާ”ގެ ވެސް އެ މަސައްކަތްތައްކުރި އޯކޭޒް އިންކް އެވެ. ހަމަ އެހެންމެ ކެމެރާ ކުރަނީވެސް މި ބުނި ފިލްމުތައް ކެމެރާކުރި ތަޖުރިބާކާރު އަދި ޒުވާން ކެމެރާމަން ޝިވާޒް (މާސްކޭ) އެވެ.

އައިފިލްމްސްގެ މި ހުރިހާ މަސައްކަތެއް އުފެއްދުމުގައި ޕްރޮޑިއުސަރެއްގެ ހައިސިއްޔަތުން ކަޒްމިކް އިންޓަނޭޝަނަލްގެ ވެރިޔާ އާސިމް ޢަލީ ހިމެނެއެވެ. ފިލްމުތައް ޕްރޮޑިއުސްކުރުމުގައި އިލްޔާސް ވަހީދު އަދި އަޙްމަދު ވަޙީދުވެސް ހިމެނެއެވެ.

އައިފިލްމްސް އަދި މުނިއަވަސް އާއި ދެމެދު ގާތް ގުޅުމެއް

މުނިއަވަސް ވުޖޫދަށް އައި ތާރީޚާއި އައިފިލްމްސް ވުޖޫދަށް އައި ތާރީޚާއި ގުޅުވައިލީ އައިފިލްމްސް އިން މިހާނަތަށް އުފެއްދި ދެ ފީޗާ ފިލްމާއި މިހާރު އުފައްދަމުން އަންނަ ފިލްމުގެވެސް އޮންލައިން މީޑިއާ ޕާޓްނަރުކަން މުނިއަވަސް އޮންލައިން އަށް ދީފައިވާތީވެ އެވެ. އަލަށް ފިލްމީ ދާއިރާއަށް ވަދެ އެޅި ފުރަތަމަ ފިޔަވަޅާއެކު މުނިއަވަސް އިޚްތިޔާރުކޮށް މިއަދުވެސް އެ ގޮތުގައި އައިފިލްމްސް އިން ތިބޭ ކަމީ މުނިއަވަސްއަށް ލިބިގެންދާ ފަޚުރަކާއި ޝަރަފެކެވެ. އެކަމަށްޓަކައި އައިފިލްމްސްއަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަމެވެ.

ތަންކޮޅެއް ފަސްކޮށްލާފައި ނަމަވެސް، އަދިވެސް އެއް ފަހަރު، މުނިއަވަސް ޓީމުގެ ނަމުގައި އައިފިލްމްސް ގެ ފަސްްވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ކިޔަމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.