އިންޑިއާގެ ކަރްނާޓަކާގައި ބާއްވާ 3 ވަނަ ކަރްނާޓަކާ އިންޓަރނޭޝަނަލް ފިލްމް ފެސްޓިވަލްގައި ބައިވެރިވުމަށް މޯލްޑިވްސް ސޮސައިޓީ ފޮރ ޕާރފޯމިންގް އާރޓްސްގެ ޗެއަރމަން މުހައްމަދު ރަޝީދު މިއަދު ފުރައިފިއެވެ،

މި ފެސްޓިވަލް އޮންނަނީ މި މަހުގެ 22 ން 24 އަށް ކަރްނާޓަކާގެ ހުބުލީ ކިޔާ ސިޓީއެއްގައެވެ،

އެމް.އެސް.ޕީ.އޭގެ ފަރާތުން ވަނީ 2021 ވަނަ އަހަރުބޭއްވި ފުރަތަމަ ކަރްނާޓަކާ އިންޓަރނޭޝަނަލް ފިލްމް ފެސްޓިވަލްގައިވެސް 13 މެމްބަރުންނާއި އެކު ބައިވެރިވެ ރާއްޖޭގެ 02 ފިލްމެއް ސްކްރީންކޮށް ރާއްޖޭގެ ފިލްމީ ސިނާއަތް ތަޢާރަފްކޮށްފައެވެ. އެފަހަރު ރާއްޖޭގެ ފަރާތުން އެމް.އެސް.ޕީ.އޭ ބައިވެރިވެފައިވަނީ މި ސޮސައިޓީގެ ފަރާތުން ކުރި މަސައްކަތުން ކަންޓްރީ އިން ފޯކަސްގެ ގޮތުގައެވެ.

03 ވަނަ ކަރްނާޓަކާ ފިލްމް ފެސްޓީވަަަަަލްގައިވެސް މި މިފަހަރު 08 މެމްބަރުންގެ ޓީމެއް ބައިވެރިކުރުމަށް އެމް.އެސް.ޕީއޭ އިން ހަމަޖެއްސިއެވެ. ނަމަވެސް މި ފެސްޓީވަލަށް ދިއުމަށްޓަކައި ކުރަންޖެހޭ ޚަރަދުގެ އެއްވެސް މިންވަރެއް (ސްޕޮންސަރއެއް) ލިބޭނޭގޮތް ނުވުމުން އެކަން ކުރެވޭނެގޮތް ނުވީކަމަށް އެ ސޮސައިޓީން ބުނެއެވެ.

މި ފެސްޓިވަލްގައި އެވޯޑް ކެޓަގަރީގައި ރާއްޖޭގެ 03 ފިލްމެއް ބައިވެރިކޮށްފައިވެެއެވެ. އެގޮތުން ޑާކް ރެއިން އެންޓަޓެއިންމެންޓްގެ ކްރައިމް “ގޮއްރާޅު”, ޔޫއްޕެ ޕްރޮޑަކްޝަނާއި ޝައި ޕްރޮޑަކްޝަނުން ގުޅިގެން އުފައްދާ ދިވެހި ފިލްމު “ހެހެސް“ އަދި ރާއްޖެ ޓީވީން ޕްރޮޑިއުސްކޮށްފައިވާ ކުރު ފިލްމު “ރުގްޔާ”އެވެ.

“އަޅުގަނޑު މި ދަނީ، މި ފެސްޓިވަލްގައި އެންމެ ކުޑަމިނުން ރާއްޖޭގެ ފިލްމީ ސިނާއަތާ އަދި އެމް.އެސް.ޕީ.އޭ ތަމްސީލް ކުރުމަށްޓަކައި ކޮންމެވެސް އެއްފަރާތެއް އިންޑިއާއަށް ދިއުމަށް ނިންމުމާއި ގުޅިގެން.

މި ދަތުރު ދިއުމަށްޓަކާ ކުރިންވެސް ދެންނެވިހެން ސްޕޮންސަރ ހޯދުމަށްޓަކާ ވަރަށް ގިނަ ފަރާތްތަކަށް ހުށައެޅިން. ނަމަވެސް އެއްވެސް ފަރާތަކުން އެއްވެސް މިންވަރެއްގެ އެހީތެރިކަމެއް ފޯރުކޮށް ނުދިނުމުން ޖެހުނީ އަމިއްލަ ފަރާތަކުން ލޯނެއް ނަގައިގެންވެސް ރާއްޖޭގެ މުނިފޫހި ފިލުވުމުގެ ދާއިރާގެ ހައްޤުގައި ފެސްޓިވަލްގައި ބައިވެރިވާން.”

– މުޙައްމަދު ރަޝީދު (ދަރާ) އެމްއެސްޕީއޭގެ ޗެއާމަން

މި ދަތުރުގައި ފިލްމު ފެސްޓިވަލްގައި ބައިވެރިވުމުގެ އިތުރުން ކަރްނާޓަކާގެ ބައެއް ޖަމިއްޔާތަކާ ބައްދަލުކޮށް އެމް.އެސް.ޕީ.އޭއިން 2024 ވަނަ އަހަރު ކުރުމަށް ނިންމާފައިވާ ބައެއް މަސައްކަތްތަކާ ބެހޭގޮތުން މަޝްވަރާ ކުރުން އޮންނާނެ ކަމަށްވެސް އެމްއެސްޕީއޭއިން ފާހަގަކުރެއެވެ. އެމް.އެސް.ޕީ.އޭގެ ފަރާތުން ބުނެފައިވަނީ ދަތުރު ނިމުމުން ދަތުރުގެ ތަފްސީލް މުނިއަވަސްއާއި ހިއްސާކުރާނެކަމަށެވެ.

އެމް.އެސް.ޕީގެ ފަރާތުން ބުނިގޮތުގައި މި ފެސްޓިވަލަކީ ކާމިޔާބު ފެސްޓިވަލަކަށް ވާނެކަމަށް އުންމީދުކުރާ ކަމަށާއި އަދި ރާއްޖޭގެ ފިލްމުތަކަށް ވަނައެއް ލިބޭނެކަމަށް އުންމީދުކުރާ ކަމަށެވެ.

މުނިއަވަސްގެ ފަރާތުން މި ފެސްޓިވަލާ ބެހޭ އިތުރު މަޢުލޫމާތު ގެނެސްދެމުން ގެންދާނެވާހަކަ ދަންނަވަމެވެ.

އެމްއެސްޕީއޭގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.