ބްރޭކިން ނިއުސް ގެ ލަފުޒީ މާނައަކީ މިވަގުތު ހިނގަމުން އަންނަ ކަންކަމެވެ. އެކަމެއް ހިނގަން ފަށައި ކުރިއަށްދާ ކަންކަމެވެ. ނުވަތަ ‘ބްރޭކް’ ވަމުން އަންނަ ކަންކަމެވެ. އާއްމުގޮތެއްގައި ބްރޭކިން ނިއުސް އަކީ އާއްމުކޮށް އެކަމެއް ހިނގާފާާނެ ކަމަށް އުއްމީދުކޮށްފައި ނުވާ ކަންކަން ހިނގުމަށް ބޭނުންކުރާ ލަފުޒެކެވެ. މިސާލަކަށް މަތިންދާބޯޓެއް ވެއްޓުން، ތަނެއްގައި އަލިފާން ރޯވުން، ދޯންޏެއް އަޑިއަށް ދިއުން ފަދަ ކަންކަމެވެ.

ނަމަވެސް ކޭމްބްރިޖް އިންގްލިޝް ޑިކްޝަނަރީ ބުނާގޮތުން ދާދި ދެންމެ އަކު ލިބުނު މަޢުލޫމާތެއް، ދާދި ދެންމެއަކު ފެށުނު ކަމެއް ގެނެސްދިނުމަކީވެސް ބްރޭކިން ނިއުސް އެކެވެ.

ބްރޭކިން ނިއުސް ކަވަރުކުރާނީ ކިހިނެތް؟

ކަވަރު ކުރަން ޖެހިފައިވަނީ ބްރޭކިން ނިއުސް އެކެވެ. މިސާލަކަށް: އަލިފާނުގެ ހާދިސާ އެއް ހިނގައިގެން އުޅޭއިު އެކަން، ސުނާމީ ކާރިސާ ފަދަ ބޮޑު ކާރިސާއެއް ނުވަތަ ކޮންމެވެސް އެފަދަ އެހެން ބޮޑު ކަމެކެވެ. ވިސްނުމުގައި ބަހައްޓަންވީ އެހެން މީޑިޔާ ތަކުންވެސް އެ ޚަބަރު ގެނެސްދެމުން ދާނެ ކަމެވެ. އެހެންކަމުން އެންމެ ފުރަތަމަ އެ ޚަބަރު ގެނެސްދެވެނީ ކޮން ބަޔަކަށް ތޯ މިއީ ވިސްނަން ޖެހޭ ކަމެކެވެ.

ނަމަވެސް ޚަބަރު ގެނެސްދޭންވާނީ ޞައްޙަ މަޢުލޫމާތު ހޯދައި ކަށަވަރު ކުރުމަށްފަހުގަ އެވެ. އެހެން ނަމަވެސް ބްރޭކިން ނިއުސް އަކީ ގެނެސްދޭން އެންމެ އުނދަގޫ، އެންމެ އޮޅުންބޮޮޅުން ބޮޑު ޚަބަރުގެ ވައްތަރެވެ. އެންމެ އަވަހަށް ޚަބަރު ގެނެެސްދޭން އުޅެނިކޮށް ޞައްޙަ ނޫން މަޢުލުމާތު ގެނެސްދެވޭތަން ވެސް އާދެއެވެ.

މިިސާލަކަށް، 2011 ވަނަ އަހަރު ޖެނުއަރީ 08 ވަނަ ދުވަހު އެމެރިކާގެ ޓަކްސަންގައި ހިނގި ބަޑިޖެހުމުގެ ހާދިސާއެއްގައި ކޮންގްރެސްވުމެން ގެބްރިއެލް ގިފޯރޑްސް މަރުވި ކަމަށް ނަން މަޝްހޫރު ޚަބަރު ފަތުރާ ވަޞީލަތްތަކުން ބްރޭކިން ނިއުސްގެ ގޮތުގައި ގެނެސްދިނެވެ. އެގޮތުން އެންޕީއާރް، ސީއެންއެން އަދި ނިއުޔޯކް ޓައިމްސް އިންވެސް މި ޚަބަރު ގެނެސްދިނީ މިބުނި ގޮތަށެވެ. އެ ޚަބަރު މީސްމީޑިއާތަކުން ފަތުއަޑު ކިޔާފައި ފަތުރާލީ އިތުބާރުހިފޭ ޗެނަލްތަކާާއި ނޫސްތަކުން ގެނެސްދިން ގޮތަށެވެ.

މިމަަހުގެ 24 ވަނަ ދުވަހު ‘މުނިއަވަސް’ އިން ގެނެސްދިން ބްރޭކިން ނިއުސް އަކާއިމެދު ގިނަގުނަ ފާާޑުކިޔުންތަކެއް މިވަނީ އަމާޒުވެފައެވެ. ބޮޑު ހިޓަކަށް ވެގެން ގޮސްފައިވާ މި ޚަބަރުގައި ވަނީ ‘މުނިއަވަސް’ އިން ގެންގުޅޭ އުސޫލުތަކާާއި މިންގަނޑުތަކަށް ބަލާއިރު ހަމަ ޙަޤީޤަތުގައިވެސް ބްރޭކިން ނިއުސް އެކެވެ. މުނިއަވަސް އަކީ ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގެ ޚަބަރާއި މަޢުލޫމާތަށް ޚާއްޞަކޮށްގެން ހިންގާ އޮންލައިން އެކެވެ. އެގޮތުން ފިލްމީ ޚަބަރާއި މަޢުލޫމާތާއި މިއުޒިކީ ދާާއިރާ އަށް އިސްކަން ދެވެއެވެ. ރާއްޖޭޭގެ ފިލްމީ އަދި މިއުޒިކީ ފަންނާނުންނަށް އިސްކަން ދެވެއެވެ. އެހެންކަމުން ކުރިން މިބުނި ބްރޭކިން ނިއުސް ގައި ‘ ޔޫއްޕެ އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާގައި’ އުޅެމުން އަންނަ ޚަބަރު މުނިއަވަސް އަށް މުހިންމެވެ.

ރާއްޖޭގައި ބްރޭކިން ނިއުސް ސިފަކުރާ ގޮތް އެކި ޗެނަލްތަކާާއި ނޫސްތަކުގައި ތަފާތެވެ. މިއީކީ މައްސަލައެއްވެސް ނޫނެވެ.  

ޗެނަލް ‘އާރް’ އިން ގެންނަ ބްރޭކިން ނިއުސް އެއްގެ ސުރުޚީ: “ރައްޔިިތުން މަޖިލީހުގެ ޗަވިޔަނި ދާއިރާ ގެ މެންބަރު ފުލުހަށް ހާޒިރުކޮށްފި.”

ޗެނަލް ‘ޑީ’ އަދި ޗެނަލް ’22’ ގެ ބްރޭކިން ނިއުސް އެއްގެ ސުރުޚީ: “ރައީސުލް ޖުމްހޫރިޔާ ޗަވިޔަނި އަތޮޅަށް ވަޑައިގަންނަވައިފި.”

މިގޮތަށް ބްރޭކިން ނިއުސް ހުންނަ އިރު މުނިއަވަސް އިން ގެނެސްދިން ‘ ޔޫއްޕެ އުމްރާގެ މަތިވެރި އަޅުކަން އަދާކުރުމަށް މައްކާގައި’ މި ޚަބަރުގައި އޮތީ ކޮން މައްސަލައެއް ކަމެއް ހަމަ އެއްގޮތަކަށްވެސް ފާހަގައެއް ނުކުރެވުނެވެ.

އެހެންކަމުން ނޫސްވެރިކަމުގައި ‘ބްރޭކިން ނިއުސް’ އަކީ ޚަބަރުފަތުރާ ނޫސް ނުވަތަ ޗެނަލަކުން ގެންގުޅޭ މިންގަނޑުތަކުން އެ ބަޔަކު އަމިއްލައަށް ގިންތިކޮށް ގެނެސްދޭ ޚަބަރެއް ކަމަށް ބުނެވެން ޖާގަ އެބައޮތެވެ. އަދި އެ ޚަބަރަކީ ކިޔުންތެރިން ނަށް މުހިންމު، އެ ޚަބަރު ކިޔުމުން، ފެނުމުން ނުވަތަ އަޑު އިވުމުން ކޮންމެވެސް ވަރެއްގެ ހައިރާންކަމެއް ލިބޭ ޚަބަރަކަށް ވުމަކީވެސް މުހިންމު ކަމެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.