ކުރިމަތީ ހެވިލާފައި ހުރި އަންހެން މީހާ ފެނުމުން އަހަންނަށް ހުރެވުނު ތަންވެސް ނޭގުނެވެ. ކުރެވުނު ކަންތަކާއި އުޅެވުނު ގޮތާއި ދޭތެރޭ ވިސްނާލެވުނީ އެހާ ހިސާބުންނެވެ. ޖެހިލުންވެ ހުރެ އަވަސް ހަރަކާތަކާއި އެކު ފޮތް ނަގާ ހަރުގަނޑަށް ކޮށްޕާލުމަށް ފަހު ކުރިއަށް ދެތިން ފިޔަވަޅު އަޅަމުން މާފަށް އެދުނީމެވެ.

“ހެހެހެ…. ކޮންކަމަކާ މާފަށް ތި އެދުނީ. އަހަރެން ހީކުރީ މި ދުނިޔޭގައި މިހާރު ފޮތްތަކަށް ލޯބި ކުރާ ހުރީ އަހަރެން އެކަނި ކަމަށް. އެކަމަކު ތިހާ ޒުވާން ކުއްޖަކު ތިހެން ފެނުނީމަ ނިކަން ހައިރާން ވެއްޖެ.” އެ އަންހެން މީހާ ސަމާސާ ރާގަކަށް ބުނެލިއެވެ.

އަހަންނަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ އެހިސާބުންނެވެ. ނިކަން މީހާ ހަމަޖެހޭކަން ދައްކާލަމުން ވާހަކަ ދައްކަން ފެށީމެވެ.

“އަޅުގަނޑު ކުޑަ އިރުންސުރެ ވަރަށް ފޮތްތަކަށް ލޯބި ކުރަން. އަދި ވަކިން މިކަހަލަ ހިތް ގައިމު މާހައުލެއްގައި ފޮތެއް ހިފައިގެން އިނދެ ކިޔާލުމަކީ އަބަދުވެސް ދުށް ހުވަފެނެއް.”

“އެހެންތަ؟ ! އެހެންވިއްޔާ ވާނެ ދައްތައާއި އެކު ތިކަން ކުރަން.” ނިކަން ގާތްކޮށް އެކޮޅުން ބުނެލިއެވެ.

އެކަމާ އެއްބަސްވުމަށްޓަކައި އަހަރެން ބޯ ޖަހާލީމެވެ.

” ތީ ކޮންކުއްޖެއްތަ؟ ހޫނ ތީ ޒީނާ ގެ ދަރިއެއް ދޯ؟ އެކަމަކު ޒީނާ ކުއްޖެއް ގެންނަ ވާހަކައެއް ނުބުނޭ.!”

އަހަރެންގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. އަހަރެންގެ ހިތި މާޒީ ހިތުތެރޭގައި ކުއްލި ވައިރޯޅިއެއްހެން ދުއްވައިގަތެވެ. އަހަރެންގެ ނު އުފަންނަ ދަރި ކުރިމަތިން ސިފަވެގެން ދިޔަ ކަހަލައެވެ. އެ ދަރިފުޅު މި ދުނިޔެއަށް ނަޔަސް، ހާދަ ވޭނެއް ތަޙައްމަލު ކުރިއެވެ. ދުނިޔެއަށް ނާދެވުނުކަން އެއީ އެ ދަރީގެ ނަސީބު ކަންނޭގެއެވެ. އެހެން ނޫންނަމަ އުޅޭނެ ހާލެއްވެސް ނޭގެއެވެ. އަހަރެންގެ ލޮލުން ކަރުނަ ފޫދިގެންދިޔައެވެ. އަހަރެންގެ ފެންކަޅިވެފައިވާ ދެލޯފެނި އެ އަންހެން މީހާ އަހަންނާ ކައިރިވެލާފައި ބުނެލިއެވެ.

“ކިހިނެއްވީ؟ އަނެއްކާ އަހަންނަށް ގޯސް އެއްޗެއް ބުނެވުނީތަ؟!”

“ނޫން. އަޅު… އަޅުގަނޑު މީ ޒީނާ. ” ލޮލަށް ޖަމާވެފައިވާ ކަރުނަތައް އަތުގެ ނުފުށުން ފޮހެލަމުން އަވަސް އަވަހަށް ޖަވާބު ދިނީމެވެ.

“އޭނ…. ނުވާނެ. ތީ ޒީނާ! ދޮގު ދޯ؟” އެ އަންހެން މީހާ ޤަބޫލު ނުކުރާކަން ފާޅުގައި ބުނެލިއެވެ.

“ލައްބަ. އަޅުގަނޑު މީ ޒީނާ. ކިހިނެއްތޯ ވީ؟” ސުވާލުން ފުރިފައިވާ ނަޒަރަކުން ބަލަން ހުރެ ސުވާލު ކޮށްލީމެވެ.

“އެކަމަކު ބުނީމެއްނު ސާޅީސް އަހަރޭ.” ބަހުގައި ހިފަހައްޓާލިއެވެ. މޫނުމަތިން ފެންނަމުން ދިޔައީ ހައިރާންކަމެވެ.

“ލައްބަ. އަޅުގަނޑު މީ ޒީނާ. ސާޅީސް އަހަރު.” އެ އަންހެން މީހާގެ ސުވާލުތަކުން އަހަރެން ހާސްވަމުން ދިޔައެވެ. ބިރުން ސިހެންފެށިއެވެ. ކުށެއް ކުރެވުނު ކަހަލަ އިޙުސާސެއް ކުރެވިގެން ދިޔައެވެ.

“އަހަންނަށް ޤަބޫލެއް ނުކުރެވޭ. ނިކަން ދައްކަބަލަ އައިޑީ ކާޑް.” ސީރިއަސް ވެލަމުން އެމީހާ ބުނެލިއެވެ.

އަހަރެން އަވަސްއަވަހަށް ދުވެ ގޮސް އައިޑީ ކާޑު ނަގާ ދިއްކޮށްލީމެވެ. އިރުކޮޅަކު އެއަށް ބަލަން ހުރެފަ އެމީހާ ހޭންފެށިއެވެ. އަހަރެން ހުރީ ބުނާނެ އެއްޗެއްވެސް ނޭގިފައެެވެ. ހޭދަވަމުން ދިޔަ ކޮންމެ ސިކުންތެއް އަހަރެންގެ ހާސްކަން ދިޔައީ އިތުރު ކުރުވަމުންނެވެ. އަހަންނަށް ސާޅީސް ވީމަ މައްސަލައަކީބާއެވެ. އެކަމަކު އެހެން ވާންވީ ކީއްވެ ހެއްޔެވެ. ފުރަތަމަ ވާހަކަ ދެއްކި ދުވަހުވެސް އަހަންނަށް ސާޅީސް އަހަރުކަން އަހަރެން ތެދަށް ބުނެދިނީމެވެ. ދެތިން މިނިޓް އެ ކާޑަށް އިރު އިރުކޮޅާ ބަލަމުން އެމީހާ ހެމުން ގެންދިޔައެވެ. މޮޔައެއްބާއޭ އަހަރެންގެ ހިތަށް އަރަމުންވެސް ދިޔައެވެ. އެންމެ ފަހުން ވަރުބަލިވެގެން އެތާހުރި ގޮނޑިއެއްގެ މައްޗަށް ވެއްޓި ގަންނަމުން ވާހަކަ ދައްކަން ފެށިއެވެ.

“އަސްލު ހަމަ ޤަބޫލު ނުކުރެވުނީ އިނގޭ. އެއްޗެއް ހީނުކުރާތި. ތީ ސާޅީސް އަހަރުގެ މީހުން ތިބޭ ގޮތްކަމުގައި ވާނަމަ އަހަރުމެން ފަސްދޮޅަސް އަހަރުގެ މީހުން މިއަށް ވުރެ ޒުވާން ވާންވާނެ ދޯ!” އަހަންނަށް ދޯ ދެމުން އެމީހާ ބުނެލިއެވެ. އޭރުވެސް އެމީހާގެ ހިނި ރަނގަޅަށް މަތަ ނުކުރެވެއެވެ. އެއީ މިގޭ އެންމެ އިސްމީހާއެވެ. މުނީރާއެވެ. މުނީރާއަކީ ފަސްދޮޅަހުގެ އަހަރުތައް ގުނަމުންދާ ބިޔަ ހަށިގަނޑެއްގެ ވެރިއެކެވެ. އިސްކޮޅާ އެއްވަރަށް ރޫފަ ލިބިފައި ހުރި މީހެކެވެ. ނަމަވެސް މިހާރު އުމުރުގެ ކުލަވަރު އޭނަގެ މޫނުމަތިންވެސް ފެންނަން ހުއްޓެވެ. މޭކަޕުކޮށް ގަހަނާ ކިތަންމެ ވަރަކަށް އަޅާފައި ހުއްޓަސް އުމުރަކީ ފޮރުވޭނެ އެއްޗެއް ނޫންތާއެވެ.

އަހަރެންގެ ގާތަށް އައީ ފާޑެއްގެ ހިންޏެކެވެ. އުމުރުން މިހާ ދުވަސް ވި އިރު މީހަކު އަހަންނަށް އެގޮތަށް ތަޢުރީފު ކޮށްފައި ނުވެއެވެ. އަބަދުވެސް އިވެމުން ދިޔައީ ބޭކާރު އެއްޗެއް ނޭގޭ ގަމާރެކޭ ކިޔާ މުޙާތަބު ކުރާ އަޑެވެ. އުޅެން ޖެހުނު ހާލުން ކަންވެސް ނޭގެއެވެ. ދުވަހަކުވެސް އަމިއްލަ ހަށިގަނޑަށް ބަލާ އަމިއްލަ ނަފުސު ދެނެގަންނާނެ ވަޤުތެއް އަހަންނަކަށް ނުލިބެއެވެ. ބޭއިޙުތިޔާރުގައި ކުރިމަތިން ފެންނަން ހުރި ބިއްލޫރި ގަނޑުން އަމިއްލަ މީހާއަށް ބަލާލެވުނެވެ.

ލައިގެން ހުރީ އާދައިގެ ދެއަރިން ފަޅާފައި ހުރި ކުރު ހެދުމެކެވެ. އަޅާފައި ހުރި ބުރުގައިގެ ދެފަޅި އެއްކޮށްލާ ކޮށްޕާލައިފައި ހުރި ބޮޅު ކިތަންމެ އާދައިގެ އެއްޗަކަށް ވިޔަސް އަހަރެންގެ ސާދާކަން އޭގެން ކިތަންމެހާވެސް ރީއްޗަކަށް ހާމަވާން ހުއްޓެވެ. މިކަހަލަ ސާދާކަމެއް ފެންނާނީ ނިކަން ހިތްހެޔޮ މީހަކަށޭ އަހަރެންގެ ހިތް ބުނެލިއެވެ. އެވަގުތު އަހަރެންގެ ނަޒަރު ގޮސް ހުއްޓުނީ އަރައިގެން ހުރި ބައުވެ ފޫވެއްޓިފައި އޮތް ފައިވާނަށެވެ. އަމިއްލަ ފެންވަރު ހިތަށްއަރާ އަވަސް އަވަހަށް ފަހަތަށް ޖެހެލެވުނެވެ.

ކޮންމެއަކަސް އެމީހުނަށް އަހަރެން ވީ މަޖަލަކަށެވެ. އަހަރެންގެ އުމުރާ އަހަންނާ ނުގުޅޭކަމަށް އެންމެން ވެސް ބުނަމުން ދިޔައެވެ. އެންމެ ބޮޑަށް ގޭގެ ވެރިމީހާ ކަމުގައިވާ މުނީރާއަށް އަހަރެން ނިކަން ކަމުދިޔައެވެ. ގޭގައި ތިބި މީހުން އަހަންނަށް ދައްކާ ގޭގެ ކަންކަން ކިޔާދެމުންދިޔައެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް އަހަންނަށް ބައެއްގެ ކިބައިން ގާތްކަން އިޙުސާސް ވެގެންދިޔައެވެ. މުނީރާއާއި އެކު ގޭގައި ތިބި  އިތުރު ދެ ނޯކަރުން ކަމުގައިވާ މުޙައްމަދުބެއާއި އަނީސާ އަމިއްލަ ދަރިއެއްހެން އަހަރެން ކައިރިކޮށްލި ވަޤުތު އަހަރެން ހަށިގަނޑު ތެރޭ ނޭގޭ ޒާތެއްގެ އިޙުސާސްތަކެއް އުތުރި އުރައިގަތެވެ.

އާއިލާގެ ގިނަ ބަޔަކު ރަށުގައި އާއްމުކޮށް ނޫޅޭ ކަމާއި ނަމަވެސް މިދުވަސް ކޮޅު މުނީރާގެ މާމަ ދަރިއެއް އައިސް އުޅޭ ވާހަކަ އަނީސާ ކިޔަދިނެވެ. ގޭގެ އެކިތަންތަން ދައްކަމުންގޮސް ހަތަރު ބުރީގެ އެ އިމާރާތުގެ ތިންވަނަ ބުރިއާއި ހަމައަށް އައުމަށްފަހު ކުރިމަތިން އެންމެ މައްޗަށް ދާން ހުރި ސިޑިއާއި ދިމާލަށް އިނގިލި ދިއްކޮށްލަމުން ވައި އަޑަކުން އަނީސާ ބުނެލިއެވެ.

“އޮޅިގެންވެސް އެ ސިޑިން މައްޗަށް ނާރައްޗޭ!”

(ނުނިމޭ)

ލިޔުންތެރިޔާގެ ފުރަމަލަ

ޚަދީޖަތު ސަނާ
ޚަދީޖަތު ސަނާ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ޚަދީޖަތު ސަނާ އަކީ ލޯބީގެ، އަސަރުގަދަ އަދި ހިތާމަވެރި ވާހަކަ ލިޔުމާއި ކިޔުމުގައި ފާހަގަކޮށްލެވޭ ލިޔުންތެރިއެކެވެ. އިޖްތިމާޢީ މައުޟޫތަކަށް ސައްނު ލިޔާ ކުރުވާހަކަތަކުން ބޭނުންވާ މެސެޖް ފޯރުކޮށްދެނީ ވަރަށް އަސަރާއި އެކުގައިކަން ފާހަގަކޮށްލެވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް