ބަހަކީ ޤައުމިއްޔަތުގެ އެއް އަސާސެވެ. ޤައުމު ކުރިއަރައިގެން ދިއުމުގައި ބަސް މުހިއްމު ދައުރެއް އަދާކުރެއެވެ. އެހެންކަމުން ކޮންމެ ބަޔަކުވެސް ލިޔެކިޔުމަށާ މުއާސަލާތުކުރުމަށް ބަހަކަށް ބޭނުންވެއެވެ. ހަމަ މިއާއެކު މަންމަނުންނާ ކުޑަކުދިން އަދި ޖަނަވާރުންވެސް އެކަތި އަނެކައްޗާ މުއާމަލާތުކުރުމަށް ބަހެއް ބޭނުންވެއެވެ. ވުމާއެކު ބަހަކީ ނުހަނު ބޭނުންތެރި އެއްޗެކެވެ. އެގޮތުން ބަލާއިރު އަޅުގަނޑުމެންގެ ދިވެހިބަހަކީ ވެސް ނުހަނު ބޭނުންތެރި ބަހެކެވެ. އަދި ދިވެހިބަހަކީ ވެސް ދިގު ތާރީހެއް އޮތް ބަހެކެވެ.
ހަމައެއާއެކު ދިވެހިބަސް އަޅުގަނޑުމެންނާ ހަމައަށް އައިސްފައިވަނީ އެތައް މަރުހަލާތަކެއް ކަޑައްތުކުރުމަށް ފަހުގައެވެ. އެހެންނަމަވެސް ދިވެހިބަހުގެ ބޭނުންތެރިކަމާ ދިވެހިބަސް އުފެދިގެން އައިސްފައިވާ ގޮތް ގިނަމީހުންނަކަށް ނޭގެއެވެ. އެހެންކަމުން މިމަޒުމޫނުގައި ބަލާލާނީ ދިވެހިބަސް އުފެދި ކުރިއަރައިގެން އައިސްފައިވާ ގޮތުގެ މައްޗަށެވެ.
ހ. ބަހަކީ ކޮބާ؟
ބަހަކީ އިންސާނާގެ ހިތުގައި އުފެދޭ ޚޔާލާ ޝުއޫރުތައް ފާޅުކުރުމަށް ބޭނުންކުރާ އެއްޗެކެވެ. މިކަމަށް ބާރުލައްވާ މައުމޫން އަބްދުލް ޤައްޔޫމް (2000) ހާމަކުރައްވާފައިވާ ގޮތުގައި ބަހަކީ އިޖްތިމާއީ ބޭނުންތައް ފުއްދުމަށާއި ޚިޔާލާ ޝުއޫރުފާޅުކުރުމަށް ބޭނުންކުރާ އެއްޗެއް ކަމަށެވެ. މިގޮތުން ތިމާގެ ހިތުގައި އުފެދޭ ތަފާތު ޝުއޫރުތަކާ ޖަޒުބާތުތައް އަނެކާއާ ހަމައަށް ފޯރުކޮށްދެނީ ބަހުގެ ޒަރިއްޔާއިންނެވެ. ހަމައެއާއެކު ހުސައިން ރަޝީދު އަޙުމަދު (1995) ހާމަކުރައްވާފައިވާ ގޮތުގައި “ބަހަކީ ކަލިމަތައް އެއިން އުފެދޭ އަޑުވަޅުތަކެއްގެ ސިފައިގައި އެކުލެވިގެންވާ ގުޅުވި އަޑުތަކެކެވެ”ސ-4. އަދި ބަސް އިންސާނުންނަށް އެކަނި ހާއްސަވެގެންވާ ސަބަބަކީ އިވޭއަޑުތަކާއި ބަސްތައް ރައްކާކޮށް ތަރައްޤީކުރާނެ މަރުކަޒުތަކެއް އިންސާނުން ނޫން އެހެން ހައިވާނެއްގެ ކިބައިގައި ނުވާތީއެވެ. ހަމައެއާއެކު އިސްމާއީލް ހަބީބު (2007) ބަޔާންކުރައްވާފައިވާ ގޮތުގައި ބަހަކީ އެކެއްގެ ހިތުގައި އުފެދޭ ޝުއޫރުތައް އަނެކާއަށް ހާމަކޮއްދިނުމަށް ބޭނުން ކުރާ އަޑުވަޅުތަކުގެ ގުރޫޕެކެވެ. ވުމާއެކު އެކެއްގެ ހިތުގައި އުފެދޭ ޝުއޫރުތައް އަނެކާއާ ހަމައަށް ފޯރުކޮށްދިނުމަކީ ބަހުގެ ވަޒީފާއެވެ. މީގެއިތުރުން މާރިއޯ ޕޭލީއާ ހަވާލާދެއްވާ ހުސައިން ރަޝީދު އަހުމަދު (1996) ހާމަކުރައްވާފައިވާ ގޮތުގައި ބަހަކީ “އެއީ އިންސާނީ ބުއްދިން އަނެއް އިންސާނެއްގެ ބުއްދިއަކަށް މާނަ ފޮނުވައިދޭ ކޮންމެ އެއްޗެކެވެ”ސ-13. އެހެންކަމުން މިހުރިހާ ބޭފުޅުންގެ ބުނުންތަކުންވެސް ހާމަވާ ގޮތުގައި ބަހަކީ ތިމާގެ ހިތުގައި އުފެދޭ ތަފާތު ޝުއޫރުތައް އަނެކާއާ ހަމައަށް ފޯރުކޮށްދިނުމަށްޓަކައި ބޭނުންކުރާ އަޑުތަކެކެވެ.
ށ. ބަހުގެ ތިއަރީތައް
ބަސް އުފެދިގެން އައިސްފައިވާ ގޮތާމެދު ބަހުގެ ޢިލްމުވެރިން ތަފާތު ޚިޔާލުތައް ގެންގުޅުއްވައެވެ. މިގޮތުން ހުސައިން ރަޝީދު އަހުމަދު (1996) ބަޔާންކުރައްވާފައިވާ ގޮތުގައި ބަހަކީ އިންސާނުން މުޢާސަލާތު ކުރުމަށް ބޭނުންކުރާ އަޑުތަކަކުން އުފެދިފައިވާ އެއްޗެކެވެ. މީގެއިތުރުން މުހައްމަދު ޖަމީލު (އަހަރު ނެތް) ބަޔާންކުރައްވާފައިވާ ގޮތުގައި ބަހަކީ ޤުދުރަތުން ދެއްވާފައިވާ އެއްޗެކެވެ. ހަމައެއާއެކު ބަހަކީ އިޖުތިމާޢީ ދިރިއުޅުމުގައި އެއްބަޔަކު އަނެއްބައެއްގެ ބޭނުންތަކުގައި އެހީތެރިވެ އެއްބާރުލާން ފެށުމުންނާ ޚިޔާލާ ޝުއޫރު ފާޅުކުރަން ފެށުމުން އުފެދިގެން އައި އެއްޗެއްކަމަށް ހުސައިން ރަޝީދު އަހުމަދު (1995) ހާމަކުރައްވާފައިވެއެވެ. އަދި އިޝްމާއީލް ހަބީބް (2007) ބަޔާންކުރައްވާފައިވާ ގޮތުގައި ބަހަކީ ހަށިގަނޑުގައި ލައްވަވާފައިވާ ޣަރީޒާ ތަކުގެ ސަބަބުން އުފެދޭ އެއްޗެއްކަމަށް ބައެއް ޢިލްމުވެރިން އިޝާރާތްކުރައްވާފައިވެއެވެ. މީގެއިތުރުން ހުސެއިން ރަޝީދު އަހުމަދު (1996) ހާމަކުރައްވާފައިވާ ގޮތުގައި ބައެއް ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ބަސްއުފެދުނީ ކުއްލި ހާދިސާއަކުންނެވެ. އެ ޢިލްމުވެރިން ބުރަވެލައްވާ ގޮތުގައި އެއްމެ ފުރަތަމަ އިންސާނާ ބޭނުންތައް ފުއްދައި އުޅުނީ ބަހަކާ ނުލައެވެ. ނަމަވެސް ދިރިއުޅުމުގެ މުހިއްމު ބޭނުންތައް އިތުރުވެ އެބޭނުންތައް ފުއްދަން ޖެހުމުގެ ސަބަބުން ބަސްތައްޔާރުވެ ޠަބީޢީގޮތުން ބަހެއް އުފެދިގެން އައީއެވެ. މިހުރިހާ ބުނުމަކަށް ވިސްނާލުމުން ބަސް އުފެދިގެން އައިގޮތާމެދު ޢިލްމުވެރިން މައިގަނޑު ހަތަރު ތިއަރީއެއް ގެންގުޅުއްވާކަން ހާމަވެއެވެ. މިކަމަށް އިޝާރާތްކުރައްވާ އިޝްމާއީލް ހަބީބް (2007) ހާމަކުރައްވާފައިވާ ގޮތުގައި ބަސްއުފެދިގެން އައިސްފައިވާ ގޮތްތަކާމެދު ޢިލްމުވެރިން ބުރަވެލައްވާ މައިގަޑު ހަތަރު ތިއަރީއަކީ:
1- ބަހަކީ އިލާހީ އެއްޗެއް.
2- ބަހަކީ ހަމަ ހުރެފައި އުފެދުނު އެއްޗެއް.
3- ބަހަކީ އިންސާނާގެ އެތެރޭގައިވާ ޣަރީޒާތަކެއްގެ ސަބަބުން އުފެދުނު އެއްޗެއް.
4- ބަހަކީ އަޑުތަކުން އުފެދުނު އެއްޗެއް.
ބަސްއުފެދިގެން އައިސްފައިވާ ގޮތްކަމަށް ބުނާ ތިއަރީތަކުގެ ތެރެއިން އެއްމެ ގިނަ ޢިލްމުވެރިން ބުރަވެލައްވަނީ ބަހަކީ އިލާހީ އެއްޗެއްކަމުގެ ތިއަރީއަށެވެ. އެހެންކަމުން އަޅުގަޑަށް ބުރަވެވޭނީ ބަހަކީ އިލާހީ ހަދިޔާއެއްކަމުގައެވެ.
ނ. ބަހުގެ ޢާއިލާއާ ދިވެހިބަސް
ބައެއް ޢިލްމުވެރިން ދުނިޔޭގައި ހިމެނޭ ބަސްތައް ބަހާލާފައިވަނީ މައިގަނޑު ދެ ޢާއިލާއަކަށެވެ. މިކަން ހާމަކުރައްވަމުން ހުސައިން ރަޝީދު އަހުމަދު (1996) ހާމަކުރައްވާފައިވާ ގޮތުގައި ދުނިޔޭގެ ބަސްތައް ބެހިފައިވަނީ ހިންދުސްތާނީ ޢާއިލާއަށާއި ހާމީ ސާމީ އާއިލާއަށެވެ. އެހެންނަމަވެސް މެކުސް މުލާ ތިން ޢާއިލާއަކަށް ބަސް ބަހާލައްވާފައިވާ ކަމަށްވެސް ހުސައިން ރަޝީދު އަހުމަދު ހާމަކުރައްވާފައިވެއެވެ. އެއީ ކުރީގެ ދެޢާއިލާގެ އިތުރުން ހުޅަނގު އޭޝިޔާގެ ޢާއިލާއެވެ. ބަހުގެ މި ޢާއިލާތައްވެސް އެތައް ބަހަކަށް ބެހިގެން ދިއައެވެ. އެގޮތުން އިންޑޯ ޔޫރަޕިއަންބަހުގެ ޢާއިލާ އިތުރަށް ފުޅާވެގެންގޮސްފައިވެއެވެ. އަދި މިޢާއިލާއިން އިންޑޯ އިރާނިއަންބަސް ފަދަ އެތައް ބަހެއް އުފެދުނުކަމަށް ނަސީމާ މުހައްމަދު (1998) ހާމަކުރައްވާފައިވެއެވެ.
ދިވެހި ބަހުގެ އަސްލު ހޯދުމަށްޓަކައި އެންމެ ފުރަތަމަ ދިވެހިންގެ އަސްލު ހޯދުން މުހިއްމެވެ. އެހެނީ ދިވެހި ބަހުގެ އަސްލު ގުޅިފައިވާނީ ރާއްޖޭގައި ފުރަތަމަ ވަޒަންވެރިވީ ބަޔަކާއެވެ. މިގޮތުން ދިވެހިންގެ އަސްލަކީ ކޮބައިކަން ހޯދުމަށް އެތައް ދިރާސާތަކެއް ކުރެވިފައި ވެއެވެ. މިގޮތުން އައްބާސް އިބްރާހީމް (1998) ހާމަކުރައްވާފައިވާ ގޮތުގައި ދިވެހިރާއްޖެއާ ބެހޭގޮތުން ލިޔެއުޅޭ ބައެއްލިޔުންތެރިން ނިންމާފައިވަނީ ދިވެހިންނަކީ އިންޑޯއާރިއަންދަރިކޮޅުގެ ބައެއްކަމައް ލިޔުއްވާފައިވާ ކަމަށާއި އަނެއްބަޔަކު ދިވެހިންނަކީ ޑްރެވީޑިއަނުންގެ ނަސްލުގެ ބައެއްކަމައް ނިންމާފައިވާކަމަށެވެ. ނަމަވެސް ދިވެހިންނަކީ ތަފާތު އެކިނަސްލުތަކަކުން އުފެދިފައިވާ ބައެއްކަމަށް އައްބާސް އިބުރާހިމް ހާމަކުރައްވާފައިވެއެވެ. މީގެއިތުރުން ނަސީމާ މުހައްމަދު (1998) ބަޔާންކުރައްވާފައިވާ ގޮތުގައި ރައްފުށުގެ ދިރިއުޅުން ފެށިބަޔަކީ ހުޅަނގު ދެކުނު އިންޑިއާގެ މީހުންކަމަށްވާތީ ދިވެހިންގެ އަސްލަކީ ދެކުނު އިންޑިޔާގެ މީހުންނެވެ. އަދި ރާއްޖޭގައި ވަޒަންވެރިވުމަށް އާރިއަނުންނާއި ދްރެވީދިއަން ނަސްލުގެ މީހުން އައިސްފައިވަނީ ދެކުނު އިންޑިޔާގެ މީހުންނަށް ފަހުގައެވެ. އަދި އެއައްފަހު ދުނިޔޭގެ އެކިކަންކޮޅުތަކުން މީހުންއައިސް ރާއްޖޭގައި ވަޒަންވެރިވެފައިވެއެވެ. މީގެއިތުރުން މުހައްމަދު އިބުރާހިމް ލުތުފީ (1987) ހާމަކުރައްވާފައިވާ ގޮތުގައި ރާއްޖޭގައި އެއްމެކުރިން ވަޒަންވެރިވީ ބަޔަކާމެދު ތަފާތު ޙިޔާލުތަކެއް ގެންގުޅެއެވެ. އެގޮތުން އެއްބަޔަކު އެއްމެފުރަތަމަ ވަޒަންވެރިވީ އާރިއަނުންކަމަށް ބުނަމުންދާއިރު އަނެއްބަޔަކު ބުނަނީ ފުރަތަމަ ވަޒަންވެރިވީ ސްރީލަންކާގެ މީހުންކަމަށެވެ. އަދި ފުރަތަމަ އައީ ޢަރަބިންނާ ފާރިސީންކަމުގައިވެސް އެއްބަޔަކު ބުނެއެވެ. މިފަދަ ލިޔުންތެރިންގެ ބުނުންތަކުންވެސް ދިވެހިންގެ އަސްލަކީ ކޮބައިކަން އެނގޭވަރުގެ ދިރާސާއެއް ކުރެވިފައިނުވާކަން ހާމަވެއެވެ. އެހެންކަމުން ދިވެހިންގެ އަސްލަކީ ކޮބައިކަން ކަނޑައެޅިގެން ބުނެވޭކަށެއްނެތެވެ.
ދިވެހިންގެ ބަހަކީވެސް ކުރީގައި ދެންނެވުނު ކޮންމެވެސް އެއް އާއިލާއަކަށް ނިސްބަތްވާ ބަހެކެވެ. މިގޮތުން ހުސައިން ރަޝީދު އަހުމަދު (1995) ހާމަކުރައްވާފައިވާ ގޮތުގައި ދިވެހި ބަހަކީ އިންޑޯ ޔޫރަޕިއަން ދަރިކޮޅުގެ ގޮތްޕެއްކަމުގައިވާ އިންޑޯ އާރިއަންދަރިކޮޅުގެ ބަހެކެވެ. އަދި ދިވެހިބަހާ ތިމާގެ ބަސްތަކުގެ ތެރޭގައި ސިންގަޅަބަހާއި ޕާލީބަހާ ބަންގާޅިބަސް ފަދަ އާރިއަންދަރިކޮޅުގެ ބަސްތައް ހިމެނެއެވެ. ހަމައެއާއެކު ނަސީމާ މުހައްމަދު (1998) ހާމަކުރައްވާފައިވާ ގޮތުގައި ދިވެހި ބަހަކީ ސާންސްކުރިތު ބަހުން އުފެދުނު ޕްރާކްރިތެއް ކަމުގައިވާ ޕޮރޮޓޯ ދިވެހި ސިންގަޅަ ބަހުން އުފެދިފައިވާ ބަހެކެވެ. ހަމައެއާއެކު ދިވެހިބަހާ އެންމެ ތިމާގެ ބަހެއްކަމުގައި ފެންނަނީ ސިންގަޅަބަހެވެ. އެހެންނަމަވެސް ދިވެހިންގެ އަސްލަކީ ސާފު ސިންގަޅަބަސް ކަމަށް ދިވެހި ތާރީޚައް އައު އަލިކަމެއްގައި ބަޔާންކުރައްވާފައިވާ ކަމަށް އައްބާސް އިބްރާހީމް (1998) ހާމަކުރައްވާފައިވެއެވެ. ހަމަމިއާއެކު މުހައްމަދު އިބުރާހިމް ލުތުފީ (1987) ހާމަކުރައްވާފައިވާ ގޮތުގައި ދިވެހިބަހުގެ މައިގަނޑަކީ އެވޭލާ ސިންގަޅަބަހެވެ. އެހެނީ ދިވެހިބަހުގައި ސިންގަޅަބަހުގެ ލަފުޒުތައް ގިނައަދަދަކަށް އެކުލެވިގެންވެއެވެ. އެހެންނަމަވެސް މީލާދީން 800 ވަނައަހަރާ 900 ވަނަ އަހަރުގެ ފަހުން ދިވެހިބަހާ ސިންގަޅަބަސް ވަކިވެ ތަފާތު ދެބަހަކައްވެފައިވެއެވެ. މީގެއިތުރުން އަހުމަދު ޝަފީގު (2000) ހާމަކުރައްވާފައިވާ ގޮތުގައި ދިވެހިބަހަކީ އިންޑޯ ޔޫރަޕިއަން ޢާއިލާގެ ގޮތްޕެއްކަމުގައިވާ އިންޑޯ އީރާނިއަންބަހުގެ ޢާއިލާގެ ތެރޭގައި ހިމެނޭ ބަހެކެވެ. އެހެންކަމުން ދިވެހިބަހުގެ އަސްލާމެދު އެނގޭކަމަކީ ދިވެހިބަހަކީ އިންޑޯއާރިއަން ދަރިކޮޅުގެ ބަހެއްކަމެވެ.
ރ. ބަހާއި ބަހުރުވައާއި ހުރި ގުޅުން
ބަހުރުވަތަކަކީ ބަހެއްގެ އަހުލުވެރިން ދިރިއުޅޭ މާޙައުލުތައް ތަފާތުވުމުގެ ސަބަބުން އުފެދޭ ބަހުގެ ގޮފިތަކެކެވެ. އެހެނީ ކޮންމެ ޤައުމެއްގެ ބަޔަކުވެސް މުޢާސަލާތުކުރުމައްޓަކައި ރަސްމީބަހެއް ބޭނުންކުރާނެއެވެ. އެހެންނަމަވެސް ދިރިއުޅެންޖެހޭ ތަފާތު ތަންތަނާއި ވަކިވަކި ރަށްތަކުގެ ސަބަބަބުން އެއްބަހެއްގެ އަހުލުވެރިންގެ ވާހަކަ ދެއްކުމުގައިވެސް ތަފާތުތަކެއް އަންނާނެއެވެ. މިތަފާތުތަކުގެ ސަބަބުން ބަހުރުވަތައް އުފެދެއެވެ. މިކަން ހާމަކުރައްވަމުން އަހްމަދު ޝަރީފް (2002) އާ ހަވާލާ ދެއްވަމުން އިސްމާއީލް ހަބީބް (2007) ބަޔާންކުރައްވާފައިވާ ގޮތުގައި އެއްބަހަކުން ވަހާކަދެއްކުމުގައި ހުންނަ މަޙްރަޖުތަކާ ވާހަކަދެއްކުމުގެ ރާގާ ބަސްކޮށާރު ތަފާތުތަކުގެ ސަބަބުން ބަހުރުވައެއް އުފެދެއެވެ. އަދި އެއްބަހަކުން ވާހަކަދައްކާ މީހުންގެ ތެރޭގައި އެކި ދަރަޖައިގެ ތަފާތު ބަހުރުވަތައް ހިމެނިފައިވެއެވެ. ހަމައެއާއެކު މިބަހުރުވަތައް ތަރައްޤީވަމުން ގޮސް އާބަސްތައްވެސް އުފެދެއެވެ. އެހެންކަމުން ބަސް ބޭނުންކުރާ މާހައުލު ތަފާތުވެ ބޭނުންތައް ތަފާތުވުމުގެ ސަބަބުން ބަހުރުވަތައް އުފެދެއެވެ.
ދިވެހި ބަހުގައިވެސް ތަފާތު ބަހުރުތައް އެކުލެވިގެންވެއެވެ. މިކަން ބަޔާންކުރައްވަމުން އަހުމަދު ޝަފީގު (2000) ހާމަކުރައްވާފައިވާ ގޮތުގައި ދިވެހި ރާއްޖޭގެ އެކި ސަރަހައްދުތަކުގެ މީހުންގެ ވާހަކަދެއްކުމުގައި ތަފާތުތަކެން ހުރެއެވެ. އެގޮތުން ހުވަދު އަތޮޅުގެ މީހުންނާ، އައްޑު އަތޮޅުގެ މީހުންނާ، ފުއައްމުލަކު މީހުންގެ ވާހަކަދެއްކުންތަކުގައި ތަފާތުތަކެއް ހުރެއެވެ. އަދި ހައްދުންމަތީ މީހުންގެ ބަހުރުވައާ މާލޭގެ ރަސްމީ ބަހުރުވައާ ދެމެދުގައިވެސް ތަފާތުތަކެއް ހުރެއެވެ. މީގެއިތުރުން ހުސައިން ރަޝީދު އަހްމަދު (1995) ބަޔާންކުރައްވާފައިވާ ގޮތުގައި ރާއްޖޭގައި އޮތީ ހަތަރު ބަހުރުވައެކެވެ. އެއީ ރަސްމީ ބަހުރުވަކަމުގައިވާ މާލޭބަހުރުވަ، ހުވަދޫބަހުރުވަ، ފުވައްމުލަކު މީހުން ގެންގުޅޭ މުލަކުބަހުރުވަ، އަދި އައްޑޫ ބަހުރުވައެވެ. މީގެއިތުރުން މަލިކުމީހުން ގެންގުޅޭ ބަހުރުވައަކީވެސް ދިވެހިބަހުގެ ބަހުރުވައެކެވެ. އެހެންނަމަވެސް ޢަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު (2003) ހާމަކުރައްވާފައިވާ ގޮތުގައި ދިވެހިރާއްޖޭގައި މައިގަނޑު ފަސްބަހުރުވައެއް އެބައޮތެވެ. އެއީ ހައްދުންމަތިން ފެށިގެން ތިލަދުންމައްޗާ ހަމައަށް އެ އަތޮޅުތަކުގެމީހުން ވާހަކަދައްކަން ގެންގުޅޭބަހުރުވަ، އައްޑޫބަހުރުވަ، ފުވައްމުލަކުބަހުރުވަ، ހުވަދޫބަހުރުވަ، އަދި މާލޭ ބަހުރުވައެވެ. ހަމައެއާއެކު ރާއްޖޭގައި ތަފާތު ފަސްބަހުރުވައެއް ގެންގުޅޭކަމަށް އިސްމާއީލް ހަބީބް (2007) ވެސް ހާމަކުރައްވާފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ ޢަބްދުލް އަޒީޒު ޖަމާލު އަބޫބަކުރު ބަޔާންކުރައްވާފައިވާ ފަސްބަހުރުވައެވެ. އެހެންކަމުން ދިވެހި ބަހަކީވެސް އެބަހަކުން ތަފާތު ބަހުރުވަތަކެއް އުފެދިފައިވާ ބަހެއްކަން ހާމަވެއެވެ.
ޅ. ލިޔުންތެރިކަމާ ދިވެހި ލިޔުންތެރިކަން
ލިޔުންތެރިކަމަކީ ބަހުގެޢިލްމު ފަހަށް ރައްކާކުރުމައްޓަކައި ކުރިމަސައްތަކުގެ ނަތީޖާއެއްގެ ސަބަބުން އުފެދުނު ކަމެކެވެ. މިކަން ހާމަކުރައްވަމުން ނަސީމާ މުހައްމަދު (1998) ބަޔާންކުރައްވާފައިވާ ގޮތުގައި ލިޔުންތެރިކަން ފެށިފައިވަނީ މުޢާސަލާތުގެ ތެރެއިންނެވެ. އެގޮތުން ފާޅުކުރެވޭ ޙިޔާލުތަކާ ޝުއޫރުތައް ތަރިކައިގެ ގޮތުގައި ރައްކާތެރިކުރުމައްޓަކައި ލިޔުންތެރިކަން އުފެއްދިއެވެ. އަދި މިގޮތުން އުފެއްދި ލިޔުންތައް ތަރައްޤީވެ އެއިން އަކުރު އުފެދިގެންއައެވެ. މީގެއިތުރުން ހުސައިން ރަޝީދު އަހުމަދު (1996) ހާމަކުރައްވާފައިވާ ގޮތުގައި ލިޔުމަކީ ބަހެއްގައި ހިމެނޭ އިބާރާތްތައް ތަފާތު ގޮތްގޮތަށް ބަދަލުކޮށް އެއިން ޙިޔާލާ ޝުއޫރު އުފެއްދުމަށް ބޭނުންކުރާ ކުރެހުންތަކަކާ އިޝާރާތްތަކެކެވެ. އެގޮތުން ތަފާތު އެތައް ވައްތަރެއްގެ ލިޔުންތައް ބޭނުންކުރެވިގެން އައިސްފައިވެއެވެ. މިލިޔުންތައް ތަރައްޤީވެ އެއިން އަކުރުތައް އުފެދުނީއެވެ. އެހެންކަމުން އަކުރަކީ ލިޔުންތެރިކަމުގައި ބޭނުންކުރެވޭ އެއްމެ ތަރައްޤީ ނިޒާމެވެ.
ދިވެހިންގެ އަކުރު
ވަރައްކުރީއްސުރެ ދިވެހިންވެސް ތަފާތު އަކުރުތައް ލިޔެކިޔުމަށް ބޭނުންކޮށް އުޅުނެވެ. މިކަން ހާމަކުރައްވަމުން ނަސީމާ މުހައްމަދު (1998) ބަޔާންކުރައްވާފައިވާ ގޮތުގައި ދިވެހިރާއްޖޭން އެންމެ ގިނަދުވަސްވީ ލިޔުމެއް ފެނިފައިވަނީ މީލާދީން ނުވަވަނަ ޤަރުނުގެ ދުވަސްވަރެއްގައި ޕްރޯޓޯ- ނާގަރީ އަކުރަކުން ލިޔެފައިވާ ލިޔުމެކެވެ. ހަމަމިއާއެކު ރާއްޖެއިން އެންމެދުވަސްވީ ލިޔުމަކަށް ފެންނަން އޮތް އިސްދޫ ލޯމާފާނުވެސް އޮތީ ނާގަރީ އަކުރުންކަމަށް އަހުމަދު ޝަފީގު (2000) ބަޔާންކުރައްވާފައިވެއެވެ. އެހެންކަމުން ނުވަވަނަ ޤަރުނުން ފެށިގެން ދިވެހިންގެ ތެރެއަށް ލިޔުންތެރިކަން ތައާރަފުވެފައިވާކަން ހާމަވެއެވެ.
ލިޔުންތެރިކަމުގައި ދިވެހިން ބޭނުންކުރި އެއްމެ ދުވަސްވީ އަކުރަކީ އެވޭލާ އަކުރެވެ. މިކަމަން ބާރުލައްވާ ނަސީމާ މުހައްމަދު (1999) ހާމަކުރައްވާފައިވާގޮތުގައި ދިވެހިން ލިޔުމަށް ބޭނުންކުރި އެއްމެ ގިނަދުވަސްވީ އަކުރަކީ އެވޭލާއަކުރެވެ. ހަމައެއާއެކު އެވޭލާ އަކުރުން ލިޔެފައިވާ އެންމެ ގިނަދުވަސްވީ ލިޔުމަކަށް ފެންނަންއޮތީ އިސްދޫ ލޯމާފާނުކަމަށާ އެއީ މީލާދީން 1195ގައެވެ. އެވޭލާއަކުރު އުފެދުނީ ބްރަޙަމީ އަކުރުން ނުވަތަ ބްރަޙަމީ އަކުރުން އުފެދުނު ގްރަންތާއަކުންނެވެ. މީގެއިތުރުން ބްރަހަމީ އަކުރަކީ ދެކުނު އިންޑިޔާގެ ޕައްލަވަ ދަރިކޮޅުގެ ވެރިކަމުގައި ގެންގުޅުނު އަކުރެއްކަމަށާ އެވޭލާ އަކުރު ލިޔެފައިވަނީ ވާއަތުން ކަނާއަތަށެވެ. ހަމަމިއާއެކު އަހުމަދު ޝަފީގު (2000) ބަޔާންކުރައްވާފައިވާ ގޮތުގައި އެވޭލާ އަކުރަކީ ރާއްޖެއަށް އިސްލާމްދީން އައުމުގެ ކުރިން ދިވެހިން ބޭނުންކުރި އަކުރެކެވެ. އެވޭލާ އަކުރުގެ އެއްމެ ދުވަސްވީ ލިޔުމަކަށް ފެންނަންއޮތީ 1194މ ވަނަ އަހަރު ދިނެއި ކަލަމިންޖާގެ ރަސްކަމުގައި ފެނުނު އިސްދޫ ލޯމާފާނެވެ. އެވޭލާ އަކުރު އުފެދިފައިވަނީ ސާންސްކްރިތް އަކުރާއި އޭލޫ އަކުރާ ދްރެވީދިއަން އަކުރު އެކުވެގެންނެވެ. ދިވެސް އަކުރު އުފެދުމަށްފަހު ދުއިސައްތަ އަހަރުގެ ތެރޭގައި އެވޭލާ އަކުރު އުވިގެން ގޮސްފައިވެއެވެ. އެހެންކަމުން މިދެބޭފުޅުންގެ ބުނުންތަކުގައި ކުޑަ ތަފާތުތަކެއް ހުރިނަމަވެސް މައިގަނޑު ގޮތެއްގައި އެވޭލާ އަކުރަކީ ދިވެހިން ލިޔެކިޔުމަށް ބޭނުންކުރަމުން އައިސްފައިވާ އެއްމެ ދުވަސްވީ އަކުރުކަން ހާމަވެއެވެ.
އެވޭލާ އަކުރައްފަހު ދިވެހިން ލިޔެކިޔުމުގައި ބޭނުންކުރަމުން އައިސްފައިވަނީ ދިވެސް އަކުރެވެ. މިކަމަށްބާރުލައްވާ އަހުމަދު ޝަފީޤު (2000) ހާމަކުރައްވާފައިވާ ގޮތުގައި އެވޭލާ އަކުރު އުވިދިއުމައްފަހު ދިވެހިން ބޭނުންކުރަމުން އައީ ދިވެސް އަކުރެވެ. ދިވެސް އަކުރުގެ އެއްމެ ދުވަސްވީ ލިޔުމެއް ފެންނަންއޮތީ މީލާދީން 1356ވަނަ އަހަރުގައެވެ. އެއީ ރެހެދި ޚަދީޖާގެ ވެރިކަމުގެ 16ވަނަ އަހަރު ފެނުނު ބޮޑުގަލުމިސްކިތު ލޯމާފާނުކަމަށެވެ. މީގެއިތުރުން ދިވެސް އަކުރު އުފެދިފައިވަނީ ޢަރަބި ބަހުގެ އަސަރުތައް ދިވެހިބަހަށް ކުރުމުންކަމަށް ލަފާކުރެވޭކަމަށް ނަސީމާ މުހައްމަދު (1998) ހާމަކުރައްވާފައިވެއެވެ. އެހެންކަމުން 12 ވަނަ ޤަރުނުގެ ފަހުން 200 އަހަރުތެރޭގައި އެވޭލާ އަކުރު ތަރައްޤީ ވަމުންގޮސް ދިވެސް އަކުރަށް ބަދަލުވީއެވެ. އަދި ދިވެސް އަކުރުގެ އެންމެ ދުވަސްވީ ލިޔުމަކަށް ފެންނަން އޮތީ ބޮޑުގަލުމިސްކިތު ލޯމާފާނުކަމަށާ އެއީ މީލާދީން 1356 ގައިކަމަށް ނަސީމާވެސް އެއްބަސްވެލައްވައެވެ. މީގެއިތުރުން ދިވެސް އަކުރުން ލިޔެފައިއޮތް އެއްމެ ގިނަދުވަސްވީ ރަސްމީ ލިޔުމަކީ މީލާދީން 1705 ގައި ލިޔެފައިވާކަމަށް ފެނުނު ވަޤްފު ފަތްކޮޅެވެ. ހަމަމިއާއެކު ދިވެސް އަކުރުގެ ލިޔުންތަށް ފެނިފައިވަނީ 1778 ހިސާބަށެވެ. އޭގެފަހުން ފެންނަންހުރީ ތާނައަކުރުގެ ލިޔުންތަކެވެ.
ތާނައަކުރަކީ ދިވެހިން ލިޔެކިޔުމުގައި ދިވެސް އަކުރުގެފަހުން ބޭނުންކުރަމުން އައިސްފައިވާ އަކުރެވެ. ދިވެހިން ލިޔެކިޔުމުގައި ބޭނުންކުރި ތާނަ އަކުރު އުފެދިފައިވާނީ ރާއްޖެ އިސްލާމްވީފަހުން ކަމަށާ މިއަކުރު ލިޔެއުޅެނީ ކަނާއަތުން ވާތަށް ކަމަށް މުހައްމަދު އިބުރާހިމް ލުތުފީ (1999) ހާމަކުރައްވާފައިވެއެވެ. ހަމައެއާއެކު ތާނައަކުރުން ލިޔެވިފައި އޮތް އެންމެދުވަސްވީ ލިޔުމަކީ މީލާދީން 1705 ގެ ލިޔުމެކެވެ. މީގެއިތުރުން އަހުމަދު ޝަފީޤު (2000) ބަޔާންކުރައްވާގޮތުގައި ތާނައަކުރުގެ އެއްމެ ދުވަސްވީ ލިޔުމެއް ފެނިފައިވަނީ މީލާދީން 1600 އަހަރާ ހިސާބުގައެވެ. އަދި ތާނައަކުރުގައި 24 އަކުރު އޮންނަކަމަށެވެ. ހަމައެއާއކު ނަސީމާ މުހައްމަދު (1998) ހާމަކުރައްވާފައިވާ ގޮތުގައި ތާނައަކުރު އުފެދުނުކަމަށް ލަފާކުރެވެނީ ރާއްޖެ އިސްލާމްވީ ފަހުންނެވެ. ހަމައެއާއެކު ތާނައިގައި 24 އަކުރު އޮންނަކަމަށާ ފުރަތަމަ ނުވައަކުރަކީ އަރަބި އަކައިގެ ނުވައަކުކަށާ ދެވަނަ ނުވައަކުރަކީ ދިވެހި އަކައިގެ ނުވައަކުރު ކަމަށެވެ. އަދި ބާކީ ހައަކުރަކީ ވިޔަނިއަކުރުތައް ކަމަށެވެ. މީގެއިތުރުން ތާނައަކުގެ އެތައް ވައްތަރެއް ހިމެނޭކަމަށާއި އޭގެތެރޭގައި ގަބުޅިތާނަ، އަތިރީގޭތާނަ، ފުރޯދަނޑިތާނަ، ފެންފޮޅިތާނަ، އަދި ހޯރަފިޔަތާނަ އެތައްވައްތަރެއް ހިމެނޭކަމަށް އަހުމަދު ޝަފީޤު (2000) ހާމަކުރައްވާފައިވެއެވެ. އެހެންކަމުން ތާނައަކުރުގައިވެސް ތަފާތު ވަތްތަރުތައް އެކުލެވިގެންވާކަމަށާ ދިވެސްއަކުރާ ތާނައަކުރު އެއްދުވަސްވަރެއްގައި ބޭނުންކުރަމުން އައިސްފައިވާކަން ހާމަވެއެވެ. މީގެއިތުރުން ލިޔުންތެރިކަމުގައި ބޭނުންކުރަމުން އައިފަސްފައިވާ އަކުރުތަގެމެދުގައި ބޮޑެތި ގުޅުންތަކެއްވާކަން ހާމަވެއެވެ.
ބ. ދިވެހިބަސްގިރާކުރި މަރުހަލާތައް
ދިވެހިބަސް އަޅުގަނޑުމެންނާ ހަމައަށް އައިސްފައިވަނީ ދިވެހި އަދީބުންގެ މިންނެއް މަސައްކަތުންނެވެ. މިގޮތުން އަދަބީ ލިޔުއްވުންތަކަށް އައިސްފައިވާ ކުރިއެރުމަށް ބަލާއިރު ދިވެހި ބަސް ކުރިއަރައިގެން އައީ މައިގަނޑު ތިން މަރުހަލާއެއް ކަޑައްތު ކުރުމައްފަހުގައެވެ. އެއީ ދިވެހި އަދަބުގެ ޅަފަތުގެ ދައުރާ ފިރުކެންފެށި ދައުރާ ހިނގައިގަނެވުނު ދައުރެވެ. މިއިން ކޮންމެ ދައުރެއްވެސް އެއްދައުރުން އަނެއްދައުރަށް ބަދަލުވާން ދިމާވި މައިގަނޑު ސަބަބެއްކަމުގައި އަޝްރަފް (2005) ހާމަކުރައްވާފައިވަނީ ދިވެހިން ޢިލްމީ ގޮތުން ކުރިއަރައިގެން ދިއުމެވެ. މީގެއިތުރުން ދިވެހި އަދަބުގެ މިދައުރުތަކަކީ ވަކިވަކި ދައުރުތަކެއް ކަމުގައިވިޔަސް މިދައުރުތައް އެއީ އެއްދައުރު އަނެއްދައުރާ ގުޅިލާމެހިފައިވާ ދައުރުތަކެކެވެ.
ދިވެހި އަދަބުގެ ޅަފަތުގެ ދައުރުގައި ފާހަޤަކޮއްލެވޭ އަދީބުންގެ ތެރޭގައި ހިމެނެނީ އެދުރުއުމަރު މާފަތް ކަލޭގެފާނާ ބަނޑޭރި ހަސަން މަނިކުފާނުފަދަ ބޭފުޅުންނެވެ. މިދުވަސްވަރަކީ ލިޔުންތައް ޗާޕްކުރެވުނު ޒަމާނެއްނޫނެވެ. އެހެން ކަމުން އަދަބީ ތަރިކައިގެ އެޒަމާނުގެ އެތައް އެއްޗެއް ގެއްލިފައިވާ ކަމަށް އަޝްރަފު (2005) ހާމަކުރައްވާފައިވެއެވެ. ޅަފަތުގެ ދައުރުގެ ތަރިކަ ތަކުގެ ތެރެއިން މިހާރު ފެންނަން އޮތީ އަރިއަތޮޅު އަރުމާދާއި ދިޔޯގެ ރައިވަރާއި ބޮޑުތާޙީދް ފަދަ މަދު ލިޔުމެއް ކަމަށްވެސް އަޝްރަފް (2005) ހާމަކުރައްވާފައިވެއެވެ.
ޅަފަތުގެ ދައުރު ނިމުމައްފަހު ފިރުކެންފެށި ދައުރުގެ ލިޔުންތައް އުފެދެންފެށިއެވެ. ފިރުކެންފެށި ދައުރުގެ ލިޔުންތެރިންގެ ތެރޭގައި ނާއިބްތުއްތު، ހުތްއަލިދީދީ، ޙުސައިން ސަލާޙުއްދީނު ފަދަ ބޭފުޅުން ހިމެނެއެވެ. ޗާޕުކުރެވެން ފަށައިފައިވަނީ ފިރުކެންފެށި ދައުރުގައެވެ. ހަމައެއާއެކު ފިރުކެންފެށި ދައުރުގައި ދިވެހި ޅެންވެރިކަމަށް އާ ވައްތަރެއް ތަޢާރަފް ވެފައިވާކަމަށް އަޝްރަފް (2005) ހާމަކުރައްވައެވެ. އެއީ ވަޒަން އަސްލަކަށް ބައްލަވައިގެން ޅެންހެދުމެވެ. މިކަން ފެއްޓެވީ ހުތްއަލި ދީދީއެވެ. ހަމައެއާއެކު ބަނޑޭރިހަސަން މަނިކުފާނުގެ ރައިވަރުތަކުގައި ހުރި ކުއްތައް ފިލުވާ އެކަން ރަނގަޅު ކުރެއްވުމުގެ މަސައްކަތް ނައިބުތުއްތު ކުރެއްވީވެސް މިދައުރުގައެވެ.
ފިރުކެންފެށި ދައުރު ނިމުމައްފަހު ދިވެހި އަދަބު އެހެން ދައުރަކަށް ބަދަލުވެގެން ދިޔައެވެ. އެއީ ހިގައިގަނެވުނު ދައުރެވެ. ފިރުކެންފެށިދައުރާއި ހިނގައިގަނެވުނު ދައުރުގައި މާބޮޑު ތަފާތުތަކެއް ނުހިމެނެއެވެ. އެހެންނަމަވެސް މުހައްމަދު އަމީނު ފަދަ ބޭކަލުންގެ މަސައްކަތްޕުޅުން ލިޔުންތެރިކަމުގައި ހިމެނޭ ޖުމްލަ އެކުލަވާލައި އިބާރާތްކުރުމުގެ އާ ގޮތްތައް ހޯދިއެވެ. ނަތީޖާއަކަށް ވެގެންދިޔައީ ދިވެހި އަދަބީ ޒަމާން ކުރިއަރައިގެން ދިއުމެވެ.
ކ. ދިވެހިބަހަށް އަސަރުފޯރުވި ބަސްތައް
ދިވެހިބަހަށް އެތައްބަހެއްގެ އަސަރު ފޯރާފައިވެއެވެ. އެގޮތުން ދިވެހިބަހަށް އަސަރުފޯރުވި ބަސްތަކުގެ ތެރޭގައި ސިންގަޅަބަހާއި ފާރިސީބަސް އަދި އަރަބިބަހާ އިނގިރޭސިބަސް ހިމެނެއެވެ. މިގޮތުންވެސް ދިވެހިބަހަށް އެންމެބޮޑަށް އަސަރު ފޯރުވައިފައި ވަނީ އިނގިރޭސިބަހާ އަރަބި ބަހުންކަމަށް އަޝްރަފް (2005) ހާމަކުރައްވާފައިވެއެވެ. މިކަމަށް ބާރުލައްވާ ނަސީމާ މުހައްމަދު (1998) ހާމަކުރައްވާފައިވާ ގޮތުގައި އިނގިރޭސިބަހާ އުރުދޫބަހުގެ އަސަރު ދިވެހިބަހަށް ކޮއްފައިވެއެވެ. މިބަސްތަކުން ދިވެހިބަހަށް އަސަރުފޯރުވުމަށް މެދުވެރިވި މައިގަނޑު ސަބަބެއްކަމުގައި އަޝްރަފް (2005) ހާމަކުރައްވަނީ ރާއްޖޭގެ ރައްޔިތުން އިސްލާމްދީނަށް އަހުލުވެރި ވުމާއެކު ތަޢުލީމް ހާސިލް ކުރުމުގައި އިނގިރޭސިބަހަށް ސަމާލުކަން ދިނުމުންނެވެ. އެހެން ނަމަވެސް މިބަސްތަކުން ދިވެހިބަހަށް ހެޔޮ އަސަރުތަކާ ނުބައި އަސަރުތައް ކުރަމުންދެއެވެ.
ނިންމުން
ބަހުގެ އިލްމުވެރިންގެ ތައާރަފުތަކަށް ނަޒަރު ހިންގާލުމުން ބަހަކީ އިންސާނާގެ ހިތުގައި އުފެދޭ ޝުއޫރުތައް އަނެކާއާހަމައަށް ފޯރުކޮއްދިނުމަށް ބޭނުންކުރާ އެއްޗެއްކަން ހާމަވެއެވެ. މީގެއިތުރުން އިންސާނުން މުއާސަލާތުކުރުމަށް ބޭނުންކުރަމުން މިދާ ބަސްތައް އުފެދިފައިވަނީ ކިހިނެއްކަމާ ބަސްތަކުގެ އަސްލަކީ ކޮބައިކަމާމެދު އިލްމުވެރިންގެ ހިޔާލު ތަފާތުވެފައިވެއެވެ. އެހެންނަމަވެސް ބަހަކީ އިލާހީގޮތުން އިންނާނުންނަށް ދެއްވާފައިވާ ހަދިޔާއެއްކަމަށް ގިނަބަޔަކު ދެކެއެވެ. މިއީ އަޅުގަނޑަށްވެސް ގަބޫލު ކުރެވޭ ގޮތެވެ. މީގެ އިތުރުން ދިވެހިބަސް އުފެދިގެން އައިސްފައިވަނީ ކިހިނެއްކަމާ ދިވެހިންގެ އަސްލަކީ ކޮބައިކަމާމެދު މިވަނީ ސުވާލު އުފެދިފައެވެ. މިކަންކަން ނޭގުމެއްގެ ތެރޭގައިވީނަމަވެސް ދިވެހިބަސް އަޅުގަނޑުމެންނާ ހަމައަށް އައިސްފައިމިވަނީ އެތައްބައެއްގެ މަސައްކަތުންނެވެ. މިމަސައްކަތުގެތެރޭގައި އެބޭފުޅުން ތަފާތު ހިދުމަތްތައް ދިވެހި ބަހަށްކޮއްދެއްވާފައިވެއެވެ. އެހެންނަމަވެސް މިއަދު ފެންނަމުން މިދަނީ ތަފާތު ބަސްތަކުގެ ނުފޫޒު ދިވެހިބަހަށް ފޯރަމުންދާ މަންޒަރެވެ. ވުމާއެކު މިކަން ހުއްޓުވުމަށް މިންނެތް މަސައްކަތްކުރަން ޖެހިފައިވާކަމަށް ދެކެމެވެ.
ރެފަރެންސް ލިސްޓް
ހުސައިން ރަޝީދު އަޙުމަދު. (1995). އިންޑޯއާރިއަން ގުރޫޕުގެ ބަސްތަކުގެ ތެރެއިން ދިވެހިބަސް. މާލެ. މުސައްނިފު.
ހުސައިން ރަޝީދު އަހުމަދު. (1996). ދިވެހި ބަހުގެ އަޑު. މާލެ. މުސައްނިފު.
ނަސީމާ މުހައްމަދު. (1998). ދިވެހިންގެ ތަރިކަ 4،3،2،1. މާލެ. ދިވެހިބަހާ ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒު.
ނަސީމާ މުހައްމަދު. (1999). ދިވެހި ރައިޓިން ސިސްޓަމް. މާލެ. ދިވެހިބަހާ ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒު.
އިސްމާއީލް ހަބީބު. (2007). ބަހާބަހުރުވަ ތަފާތުވުމަށް މެދުވެރިވާ ސަބަބުތައް. ޖަމާއަތުގެ ޚަބަރު، ސ8-11.
އަހުމަދު ޝަފީޤު. (2000). ދިވެހިންގެ އެއްމެ އެވޭލާ އާސާރީ ލިޔުން ދަންފުޅި ވޮލިއުމް، 6. ސ-32.
އަޝްރަފް. (2005) ސާނަވީ ދިވެހި1. މާލެ. މިނިސްޓްރީ އޮފް އެޑިޔުކޭޝަން.
އައްބާސް އިބްރާހީމް. (1998). ދިވެހިންގެ ތަރިކަ 4،3،2،1. މާލެ. ދިވެހިބަހާ ތާރީހަށް ހިދުމަތްކުރާ ގައުމީ މަރުކަޒު.
ޢަބުދުލް އަޒީޒު ޖަމާލު އަބޫބަކުރު. (2003). ބަހާބަހުރުވައިގެ އިންސަރަހައްދު. ފަތްތޫރަ،295 ސ.28-33.
މުހައްމަދު ޖަމީލު. (އަހަރުނެތް). ފަތްތޫރަ. މާލެ. ދިވެހިބަހާ ތާރީހަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
މައުމޫން އަބްދުލް ޤައްޔޫމް. (2000). ފަތްތޫރަ. މާލެ. ދިވެހިބަހާ ތާރީހަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު.
މުހައްހަދު އިބުރާހިމް ލުތުފީ. (1987). މާއްދާގެ ކިޔުންތައް- ދިވެހި ތާރީޚު. މާލެ. މޯލްޑިވްސް ކޮލެޖު އޮފް ހަޔާ އެޑިޔުކޭޝަން.
މުހައްމަދު އިބުރާހިމް ލުތުފީ. (1988). މާއްދާގެ ކިޔުންތައް- ދިވެހި ތާރީޚު. މާލެ.
ލިޔުންތެރިޔާގެ ފުރަމަލަ
- މުހިންމު ބޭނުންތެރި ލިޔުންތައް އެކިއެކި ވަޞީލަތް ތަކުން ނަގައިގެން، ލިޔުމުގެ އަސްލު މުސައްނިފް ލިޔުއްވި ލިޔުމެއްކަން އެނގޭ ގޮތަށް 'ރަން ގަލަން' ޕޯސްޓް ކުރާނެ އެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 11 ފެބްރުއަރީ 2024ރިޕޯޓްއައިބައިފިލި : ދިވެހިބަހުން ގެއްލެމުންދާ އަގުބޮޑު މުދަލެއް
- 31 ޖެނުއަރީ 2024އަދަބިއްޔާތުފަޚުރުވެރި ދިވެހިބަސް
- 3 ނޮވެމްބަރ 2023އަދަބިއްޔާތުދިވެހިން ކުރާނެ ކުށްވެރި
- 31 އޮކްޓޯބަރ 2023ހާދިސާދިރާސާ ނަޒަރަކުން ތިނެއް ނޮވެމްބަރުގެ ޢުދުވާނީ ޙަމަލާ