އެންސީއޭ – އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް 2024ގެ މީޑިއާ ޕާޓްނަރަކަށްވުމުގެ ފުރުޞަތު ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސްއިން ހުޅުވާލައިފިއެވެ.

އެންސީއޭ އިން މިމަހު 05 ވަނަ ދުވަހު އާއްމުކޮށްފައިވާ އިޢުލާނެއްގައި ބުނީ މިމުބާރާތުގައި ބައިވެރިކުރާ ޑްރާމާތައް ބްރޮޑްކާސްޓް ކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވައިލެވިފައިވާ ކަމަށެެވެ.

މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 12 ފެބްރުއަރީ 2024 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން އެންސީއޭއަށް ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ދަންނަވާފައިވެއެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އެންސީއޭގެ ނަންބަރު 3310729 އާއި ގުޅުއްވުމަށް އެދިފައިވެއެވެ.

އެން.ސީ.އޭ – އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތަކީ މުނިފޫހިފިލުވުމުގެ ދާއިރާއަށް ފަންނާނުން އިތުރުކޮށް، ފަންނުވެރީންނަށް ހިތްވަރުދީ، އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މަހައުލެއްގައި ފަންނުވެރިކަން ތަރައްޤީކޮށް ދެމެހެއްޓުމުގެ މަޤްސަދުގައި ރަމްޟާން މަހަށް ހާއްސަކޮށްގެން ބާއްވަމުން މުބާރާތެކެވެ.

އެން.ސީ.އޭ – އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް މިފަހަރު މި ބާއްވަނީ ފަސް އަހަރުގެ މެދުކެނޑުމަކަށްފަހުގައެވެ. އެގޮތުން 1440 ވަނަ އަހަރުގެ ޕީއެސްއެމް ޓެލެޑްރާމާ މުބާރާތުގެ ނަމުގައި ބޭއްވި އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުން އެންމެ މޮޅު ޑްރާމާއަކަށް ހޮވުނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުގެ ޑްރާމާ “ނަކަލު” އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.