އާދަޔާޚިލާފަށް އަންނަ މެއި މަހު އިކުއިނޮކްސް ގެ ސަބަބުން ހޫނުގަދަވާނެ ކަމަށާއި ގިނައިން ފެންބުއިމަށް މީހުންނަށް ނަސޭހަތްތެރިވުމަށް ކުރަމުން އަންނަ ޕޯސްޓްތައް މިވަނީ ވައިރަލްވާން ފަށާފައެވެ. ނަމަވެސް މިފަހަރު މިއީ ބޮޑު ފޭކެއް ކަމަށް ‘އެސްއެމްހޯކްސްލޭޔަރ ޑޮޓް ކޮމް’ އިން ބުނެފި އެވެ.

އެކިއުނޮކްސް އަކީ އަހަރަކު ދެފަހަރު، މާރިޗް މަހާއި ސެޕްޓެމްބަރު މަހު ކުތިމަތިވާ ކަމެކެވެ. މެއި މަހު ހިނގާކަމެއް ނޫނެވެ. 

މިފަހަރު މިކަން ހިނގައިގެން މިއުޅޭ ގޮތަކީ މީހުންނަށް ކަންކަން އޮޅުވައިލުމުގައި ހައްދުފަހަނައަޅާފައިވާ ޕްރޭންކްސްޓަރ ތަކެއް ކުރިން ވައިރަލް ވެފައިވާ މެސެޖެއްގައިވާ މާރިޗް މަސް މެއި މަހަށް ބަދަލުކޮށްލައިގެން އާއްމުކުރި މެސެޖެއްގެ ހަޤީޤަތް ނުބަލައި މީސްމީޑިޔާ ބޭނުންކުރާ ބައެއް ފަރާތްތަކުން އާއްމުކުރަން ފެށުމުންނެވެ.

ފޭކް ޚަބަރު:

“މެއި 22 ންް 28 އާއިދެމެދު ކުރިމަތިވާ އެކުއިނޮކްސް ގެ ސަބަބުން ކުރިޔަށް އޮތް ހަތްދުވަހު ވީހައިވެސް ގިނައިން ފެންބޯށެވެ. (އެކުއިނޮކްސް އަކީ ނުޖޫމީ ގޮތުން ހިނގާ ކަމެކެވެ. އެގޮތުން އިރު ހުންނާނީ.ސީދާ ޚައްތުއިސްތަވާ ނުވަތަ ދުނިޔޭގެ މެދު ރޮނގާ ދިމާ މަތީގަ އެވެ.) ނަތީޖާއެއްގެ ގޮތުން ހަށިގަނޑުން ވަރަށް އަވަހަށް ފެން ދަމާލައި ޑިހައިޑްރޭޓް ކޮށްލައެވެ. އެހެންކަމުން މި ޚަބަރު ވީހައިވެސް ގިނަ މީހުންނާ ހިއްސާކުރާށެވެ. ޝުކުރިއްޔާ.”

ޑެކަން ނިއުސް ގައި ޖަހާފައިވާ ޚަބަރާއި ގުޅޭގޮތުން.ޑިރެކްޓަރސައިކްލޯން ވޯރނިން ސެންޓަރުގެ މޫސުމާބެހޭ ފަރާތެއް ކަމަށްވާ ކަރަނަމް ރާމުޗަންދުރަ ރާއޯ ބުނީ އިކުއިނޮކްސް އަކީ އާއްމުކޮށް އަހަރަކު ދެފަހަރު ހިނގަމުން އަންނަ ކަމެއް ކަމަށެވެ.

“ކޮންމެ އަހަރަކުވެސް ދެ އެކުއިނޮކްސް ހިނގާނެ – އެއީ މާރިޗް އަދި ސެޕްޓެމްބަރު ގަ ދުނިޔޭގެ ދެބައި ވަކިކުރާ ތަނޑި އާއި ހަމަ ސީދާ މަތީގައި އިރު ހުރުމުން.ހިނގާ ކަމެއް. އަދި ރޭގަނޑާއި ދުވާލުގެ ދިގުމިން އެއްވަރުވާނެ . މީސްމީޑިޔާތަކުން މިކަން މި ފަތުރަނީ  ކަމުގެ މަޢޫމާތުގެ ޞައްހަކަމަށް ބަލައިލުމެއް ނެތި.” މިސްޓަރ ރާއޯ ބުންޏެވެ.

އެކުއިނޮކްސް އެއް ނެތަސް މިދުވަސްކޮޅަކީ ހޫނުގަދަ ދުވަސްކޮޅެކެވެ. އެހެންކަމުން ފެން ބުއިން އިތުރުކުރުމަކީ ވެސް މުހިންމު ކަމެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.