ޤައުމީ ގަހުން މި ބިމުގައި ކުރިތައް ފަޅައި ހެދޭއިރު

ގައުކަން ފިލައި އެ ދާހެން ފެންދޭން މަ ވެސް އުޅޭނަން

 

މިނިވަން މި ދީބުގައިވާ ދިދަތައް ވިހުރި ހަދާއިރު

​​​​​ހިނިތުންވެ އެކުއެކީގައި އުދުހެން މަ ވެސް އުޅޭނަން

މިނިވަން ކަމާ ސިޔާދަތު ރައްކާކުރަން ބަލާއިރު

​​​​​ފިނިކަން ހިތަށް ލިބޭހެން ހިއްވަރު މަ ވެސް ކުރާނަން

ޖާހިލުކަމާއި ޝިރުކުން އުއްމަތް ނަޖާ ކުރާއިރު

​​​​​ފާހިޝް އަމަލުތަކުން ރެކި ތެދުމަގު މަ ވެސް ހިފާނަން

ތަހުޒީބު މުޖުތަމަޢަކަށް އެންމެންގެ ހިތް ލެނބޭއިރު

​​​​​ވަހުތާނަކަށް ނުވާހެން ސާބިތު މަ ވެސް ވެދާނަން

ތަރުބިއްޔަތުން މި ޖީލުގެ ވަސް މީރުވާން އެދޭއިރު

​​​​​ވަރުބަލިކަމެއް ނުދައްކައި ޚިދުމަތް މަ ވެސް ކުރާނަން

ޤައުމުގެ ސަލާމަތާ މެދު ކަންބޮޑުވެ އިސް ނަގާއިރު

​​​​​ކައުނުން އެކަން ނުދޭތޯ ފިކުރެއް މަ ވެސް ކުރާނަން

 

ބަތަލުން މި ބިން ޙިމާޔަތް ކޮށްދޭން ނިކުމެ އުޅޭއިރު

​​​​​ވަތަނުގެ ސަލާމަތަށް އެދި ޚަންޖަރު މަ ވެސް ޖަހާނަން

ދައުރުން މި ހިތް ފުރޭހާ ޚިދުމަތް ދެމުން އެ ދާއިރު

​​​​​ފައުޅާއި ސިއްރުގައި ވެސް ހެޔޮބަސް މަ ވެސް ބުނާނަން


25
ފެބުރުވަރީ 2024

ލިޔުންތެރިޔާގެ ފުރަމަލަ

ވަދީފާ ޙަސަން
ވަދީފާ ޙަސަން
ތަޖުރިބާކާރު މުދައްރިސެކެވެ. ދިވެހިބަހަށް އަހުލުވެރި، ތަޖުރިބާހުރި މުދައްރިސެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް