ރާއްޖޭގެ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ މަރިޔަމް މޫސާގެ ވާހަކަތައް މުނިއަވަސްގައި ޝާއިޢުކުރަން ނިންމައިފި އެވެ. މިގޮތުން މަރިޔަމް ލިޔެފައިވާ ވާހަކަތަކުގެ ތެރެއިން މުނިއަވަސް އިން އެންމެ ފުރަތަމަ ގެނެސްދޭން ފެށުމަށް ނިންމާފައިވަނީ “ކާއިނާތު” ވާހަކަ އެވެ.

މަރިޔަމް މޫސާ ފަދަ ފުންނާބުއުސް ލިޔުންތެރިއެއްގެ ވާހަކަތައް މުނިއަވަސްގައި ޝާއިޢުކުރުމުގެ ފުރުޞަތު ދެއްވިކަމަށްޓަކައި މުނިއަވަސް ޓީމާއި ކިޔުންތެރިންގެ ނަމުގައި ޝުކުރުވެރި ވަމުއެވެ. މިއީ މުނިއަވަސްއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށް އަޅުގަނޑުމެން ޤަބޫލުކުރަނީ ހިނިތުންވުމާއެކު މަރުޙަބާ ކިޔަމުންނެވެ.

މަރިޔަމް މޫސާ އަކީ އަސަރުގަދަ ލޯބީގެ ވާހަކަތައް ލިޔުމުގެ އިތުރުން ތުއްތުކުދިންނަށް އަމާޒުކޮށްގެންވެސް ވާހަކަ ލިޔަމުން އަންނަ ލިޔުންތެރިއެކެވެ. އެގޮތުން ސަރުކާރުން ޤަބޫލުކުރާ ފެންވަރަށް ކުޑަކުދިންނަށް ޚާއްޞަ ފޮތް ލިޔެގެން ސަރުކާރުން ދެއްވާ ޚާއްޞަ އިނާމު، 2006 ވަނަ އަހަރު ހާޞިލްކޮށްފައިވެ އެވެ.

މަރިޔަމް މޫސާ ލިޔެފައިވާ ބައެއް ވާހަކަތަކަށް ދިވެހި ފިލްމު ހަދާފައި ވެއެވެ. އެގޮތުން ދިވެހި ފިލްމު “ސިއްރު” (1998)، “މަޖުބޫރު ލޯބި” (2000)، “ހިތުގެ އެދުން” (2006) “ސަޒާ” (2011) ހިމެނެއެވެ. މީގެ އިތުރުން މަރިޔަމް ލިޔެ ޑައިރެކްޓްކުރި ފިލްމު “ތިޔަ ލޯތްބާ ދުރަށް” (2018) ވެސް މި ލިސްޓްގައި ހިމެނެއެވެ.

މަރިޔަމް ލިޔެފައިވާ ގިނަ ޢަދަދެއްގެ ވާހަކަތައް ދިވެހިރާއްޖޭގެ އަޑުގެ އެކިއެކި ޕްރޮގްރާމްތަކުގައިވެސް ގެނެސްދީފައިވެއެވެ. އަދި މިހާރުވެސް ގެނެސްދެމުން އަންނަކަން ފާހަގަކޮށްލެވެއެވެ.

މަރިޔަމް މޫސާގެ ވާހަކަތައް ފަސޭހަކަމާއެކު ކިޔުންތެރިންނާއި ހަމައަށް ފޯރުކޮށްދިނުމުގެ ބޭނުމުގައި ‘ސްޓޯރީޒް ބައި މަރީ‘ގެ ނަމުގައި ފޭސްބްކް ޕޭޖެއް ހިންގަމުން އަންނަކަން ފާހަގަކޮށްލެވެއެވެ. މި ޕޭޖް މެދުވެރިކޮށް ވާހަކައިގެ އެޕިސޯޑްތަކާއި ވާހަކަތައް ޕީޑީއެފް ފޯމެޓްގައި ޑައުންލޯޑްކޮށްލެވެން ހުރި އިރު، ބައެއް ވާހަކަތައް ޑްރެމެޓިކް ނެރެޓިވް އޯޑިއޯ ސްޓައިލްގައިވެސް ގެނެސްދީފައިވެއެވެ. މީގެ އިތުރުން ކުރިއަށް އަންނަން ހުރި ބައެއް ވާހަކަތަކުގެ ޕްރޮމޯޝަނަލް އޯޑިއޯވިޝުއަލްސްވެސް ހިމަނާފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.