މަރިޔަންދީގެ ފަހަތުން ގޭތެރެއަށް ވަދެގެންދިޔަ ސިޔާ ގޮސް މަރިޔަންދީ ވަން ކޮޓަރިއަށް ވަނެވެ.
ކޮޓަރީގެ މެދުގައި ބަހައްޓާފައިހުރި ރޯނުފުރި އެނދުގައި އޮތީ ޒުވާން ފުރައިގެ އަންހެން ކުއްޖެކެވެ. ހެދިހުރި ރޫފަ ރަނގަޅު ހަށިގަނޑެއް ލިބިފައިވާ އެ އަންހެންކުއްޖާގެ ކިބައިން ފެންނަމުން ދިޔައީ ރީތިކަމާއި ފުރިހަމަކަމެވެ. ކުލަދޮން ހަށިގަނޑެއް ލިބިފައިވާ އެ އަންހެން ކުއްޖާގެ އިސްތަށިގަނޑު ދިގުވެފައި ފަނެވެ. ހިތިފަތު ބުމައާއި ތޫނުކަޅިރަވަ އެ މޫނަށް އިތުރު ފުރިހަމަކަމެއް ގެނުވައެވެ. ކޮޓަރިތެރޭގައި ރަސްކަން ކުރަމުންދިޔައީ ފަނޑު އަލިކަމެވެ.
އެނދުގެ ދެފަރާތުގައި ހުރި ދެގޮނޑީގައި ތިބި ދެ ފިރިހެނުން ހުއްޓުމެއްނެތި ޤުރުއާން ކިޔަވަމުން ދިޔައެވެ. ކޮޓަރީގެ ބޭރަށް ހުރި ކުޑަދޮރުސެޓް ހުރީ ހުޅުވާފައެވެ. މާ ދުރުނޫން ހިސާބެއްގައި ހައްދާފައިވާ ބޮޑު ފަތްކެޔޮފީނި ފެންނަން އޮތެވެ. ދުރުދުރުން އައިސްފައިވާ އަލިކަމެއްގެ ސަބަބުން އެ ސަރަހައްދަށް ކޮންމެވެސް ވަރެއްގެ އަލިކަމެއް ފޯރާފައިވި ނަމަވެސް އެސަރަހައްދުގެ އަސްލަކީ އަނދިރިކަމެވެ.
ކޮޓަރިތެރޭގައި ހުރި ގޮނޑިއެއް ދައްކައި އިށީންނަން ބުނަމުން މަރިޔަންދީ އޭނާގެ މަސައްކަތާއި ދިމާއަށް އެނބުރުނެވެ.
މަރިޔަންދީ މަޑުކޮށްލައިގެން ހުރީ އެ ޒުވާނާގެ ބޯލާކޮޅުގައެވެ. އޭނާގެ ތުންފަތަށް އަންނަމުންދިޔަ ހަރަކާތް އަންގައިދެނީ އޭނާ ސިއްރުސިއްރުން ކޮންމެވެސް އެއްޗެއް ކިޔަމުންދާ ކަމެވެ. ކައިރީގައި ތިބި މީހުންގެ ކިޔެވުމުގެ އަޑު މަޑުމަޑުން ބާރުވަމުން ދިޔައެވެ.
އެތަނުގައި ހިނގަމުންދިޔަ ކޮންމެ ކަމެއް ފަރުވާތެރިކަމާއިއެކު ބަލައި ސިކުނޑީގައި ރައްކާ ކުރުމަށް ސިޔާ ސަމާލުކަން ދިނެވެ.
ކުއްލިއަކަށް ކޮޓަރިތެރެއަށް ވެރިވި ބާރު ހުނުމުގެ އަޑާއިއެކު ސިޔާ ދިޔައީ ސިއްސައިގެންނެވެ. ހަޅޭއްލަވައި ނުގަނެވުނީ ވެސް މަރިޔަންދީ ދެއްކި ވާހަކަތަކަށް ދީފައިވާ ސަމާލުކަމުގެ ސަބަބުންނެވެ. އިވެމުންދިޔަ ފިރިހެންވަންތަ ބަރު ހުނުމުގެ އަޑަކީ އެތަނުގައި ތިބި މީހުންގެ ތެރެއިން މީހެއްގެ އަޑެއް ނޫންކަން ސިޔާއަށް ޔަގީނެވެ. ސަލާމަތަށް އެދޭ ފަދައަކުން ކޮންމެވެސް މީހަކު ހަޅޭލަވައިގަތް އަޑު ވެސް އިވުނެވެ.
ކޮޓަރިތެރޭން އިވެމުންދިޔަ އަޑުތަކަށް އެމީހުން ސަމާލުކަމެއް ނުދިނެވެ. އެއަޑުތައް އެމީހުނަށް މުހިންމެއް ވެސް ނުވިއެވެ.
ކޮންމެވެސް ވަރަކަށް ހާސްވެ ޖެހިލުންވި ނަމަވެސް އެކަން ސިއްރުކޮށް ހަމަޖެހޭގޮތް ދައްކާލައި ސިޔާ ކެތްތެރިވިއެވެ. ލިބުނު ފުރުސަތު ގެއްލޭނެ އެއްވެސް ކަމެއް ވާކަށް އޭނާ ބޭނުމެއް ނޫނެވެ.
މަރިޔަންދީ އޭނާގެ މަސައްކަތް ހުއްޓާލިއިރު ބާރަ ޖެހުމާއި ގާތްވެއްޖެއެވެ. ރަށުތެރެއަށް ވެރިވަމުންދިޔަ ހަމަހިމޭންކަމާއި ފަޅުކަން ފަހަރަކަށްވުރެ ފަހަރެއް އިތުރުވަމުން ދިޔައެވެ. އެ ގެއިން ނުކުތުމުގެ ކުރިން ފަރުސާނަށް ގުޅުމަށް ސިޔާ އިސްކަން ދިނެވެ.
އިންތިޒާރުގައި ހުރި ފަރުސާން އެގެއާއި ހަމައަށް އަންނާކަށް މާގިނަ ވަގުތެއް ނުނަގައެވެ. ސިޔާ މަގަށް ނުކުތްއިރު ފަރުސާން އައިސް މަޑުކުރަނީއެވެ.
ސިޔާ ގޮވައިގެން ފަރުސާން މިސްރާބުޖެހީ އަތިރިމައްޗާއި ދިމާއަށެވެ. ސައިކަލުގައި ހަމަޖެހިލަމުން ފަރުސާންގެ ގައިގައި ބައްދާލި ސިޔާ ދެއްކީ ލިބުނު ކާމިޔާބު ވާހަކައެވެ. އެކަން ފުރިހަމަ ކުރެވިއްޖެނަމަ އޭނާގެ މަސައްކަތަށް ލިބޭނެ ކުރިއެރުމުގެ ވާހަކައެވެ. އެވާހަކަ ނެރޭ ދުވަހަކުން އޭނާއަށް ލިބޭނެ މަޝްހޫރުކަމާއި މަޤްބޫލުކަމުގެ ވާހަކައެވެ. އޭނާއާއި ފަރުސާންގެ ކައިވެނީގެ ވާހަކައެވެ.
ސައިކަލް މަޑުކޮށްލީ ބަނދަރު ސަރަހައްދުގައި ހުރި އޯޕަންއެއަރ ރެސްޓޯރެންޓް ކައިރިއަށެވެ. ފަރުސާންގެ ފަހަތުން ސިޔާ އެތެރެއަށް ވަތްއިރު އަޒްފާ އާއި އޭނާގެ ފިރިމީހާ ފަވާޒު ތިބީ ސިޔާމެންގެ އިންތިޒާރުގައެވެ.
އަޒްފާއާއެކު އެތަނުގައި އިން މެދުއުމުރުގެ ފިރިހެން މީހާއަކީ އަޒްފާގެ ފިރިމީހާކަމަށް ބުނުމުން ސިޔާއަށް ލިބުނީ ހައިރާން ކަމެވެ. އުފެދުނު ސުވާލުތައް ގިނަ ނަމަވެސް އެވާހަކަ ދައްކާކަށް ނުކެރުނެވެ. އެއީ އެބައެއްގެ އަމިއްލަ ކަމެކެވެ. މީހުންގެ އަމިއްލަ ކަންކަމާއި ބެހޭކަށް ނުވާނެއެވެ.
އަޒްފާ އާއި ސިޔާ ހަވާލުކުރުމަށްފަހު ފަރުސާން ފުރައިގެން ދިޔައީ މަސައްކަތް ނިމުމުން ސިޔާ ބަލައި އަންނާނެކަމަށް ބުނެފަ އެވެ. ސިޔާއަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުންދީ ރަނގަޅަށް ބަލައި ދިނުމަކީ ފަރުސާންގެ އެދުމެވެ.
އަޒްފާގެ ވާހަކަތަކުން ފަރުސާނަށް ލިބުނީ އުފަލާއި ހިތްހަމަ ޖެހުމެވެ. މަދުރަސީދައުރު ފަރުސާންގެ ފަރާތުން އޭނާއަށް ލިބުނު އެހީތެރިކަމާއި އެއްބާރުލުން ހަނދާން ނައްތާލާ މީހަކަށް އަޒްފާ ނުވާނެއެވެ. ފަރުސާން ކަމަކަށް އެދިގެން އައުމަށް އެކަމަށް ފުރަގަސްދޭ މީހަކަށް ވެސް އޭނާ ނުވާނެއެވެ.
ފަވާޒްގެ ފަރާތުން ވެސް ސިޔާއަށް ފެނުނީ ފަރުސާނަށް އޭނާ ކުރާ އިހުތިރާމެވެ. ފަރުސާންގެ ކޮންމެ އެދުމަކަށް އިޖާބަދިނުމަށް އޭނާ ދީފައިވާ ސަމާލުކަމެވެ. ދެމަފިރިންގެ ފަރާތުން ލިބެމުންދިޔަ އެހީތެރިކަމާއި އެއްބާރުލުމާއިއެކު ސިޔާ އޭނާގެ މަސައްކަތް ކާމިޔާބު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރަމުން ގެންދިޔައެވެ.
ރަށަކަށް ދެވިއްޖެނަމަ އެރަށުގެ މުހިންމުތަންތަން ބަލާލައި ފަހަށް ރައްކާކުރުމަށް ޓަކައި ފޮޓޯ ނެގުމަކީ ގިނަބައެއްގެ އާދައެވެ. ސިޔާއަކީ ވެސް އެކަހަލަ ކަންކަމަށް ނުހަނުބޮޑަށް ސަމާލުކަންދޭ ޒުވާނެކެވެ. ސިޔާ ބޭނުންވި ކޮންމެ ތަނަކަށް ގޮސް ފޮޓޯނެގުމާއި ހޯދަން ބޭނުންވި ކޮންމެ މަޢުލޫމާތެއް ހޯދުމުގައި އަޒްފާގެ ދެމަފިރިންގެ އެހީތެރިކަމާއި އެއްބާރުލުން ލިބުނެވެ.
ވާހަކައެއް ލިޔުމަށްޓަކައި މިހާތަނަށް ސިޔާ ކުރާ އެންމެ މުހިންމު މަސައްކަތަށްޓަކައި ލިބޭ ކޮންމެ މަޢުލޫމާތެއް އެއްކުރަމުން ގެންދިޔައެވެ. މުހިންމު ކަންކަން ނޯޓްކޮށް އެކަމާއި ބެހޭގޮތުން އިތުރަށް ބަލަންޖެހޭ ކަންކަމާއި ހޯދަންޖެހޭ މަޢުލޫމާތު ވެސް ނޯޓުކުރަމުން ގެންދިޔަ އެވެ. އެކަމާއި ބެހޭގޮތުން އިތުރު ދިރާސާއެއް ކުރަން ޖެހޭނަމަ އެކަން ވެސް ކުރަން އޭނާ ބޭނުން ވެއެވެ. ހިތުގައި އުފެދޭ ކޮންމެ ސުވާލަކަށް ޖަވާބު ލިބޭ ވަރަށް އެމަސައްކަތް ފުރިހަމަ ކުރުމަކީ އޭނާގެ އުންމީދެވެ.
މަރިޔަންދީ އާއި ބައްދަލު ކުރަން ދިއުމުގެ ކުރިން ކުރަންޖެހޭ ކަންކަން ފުރިހަމަކޮށް ސިޔާ ތައްޔާރު ވިއެވެ. ގަޑިޖެހުމުގެ ފަސްވަރަކަށް މިނިޓްކުރިން އެގެއަށް ދާން އޭނާ ބޭނުންވާ ވާހަކަ އަޒްފާގާތު ބުންޏެވެ.
މަރިޔަންދީމެން ގެ ކައިރިއަށް ސިޔާ އާއި އަޒްފާ ދިޔައީ އަޒްފާގެ ކާރުގައެވެ. ސައިކަލު ދިނުމުން ސިޔާ އެކަނި ހިނގައިދާނެ ކަމަށް ބުނި ނަމަވެސް އަޒްފާއަކަށް އެގޮތް ކަމަކު ނުދިޔައެވެ. އޭނާއާ ހަވާލުކޮށްފައިވާ އަމާނާތް ރައްކާތެރިކަމާއިއެކު ބަލަހައްޓަން ޖެހޭނެ ކަމަށް ބުނަމުން ފަރުސާން ދެއްކި ވާހަކަތައް އަޒްފާ ހަނދާންކޮށްދިނެވެ.
މަރިޔަންދީމެން ގެކައިރިއަށް ސިޔާ ބޭލުމަށްފަހު، ވާހަކަ ދައްކާލަން އަޒްފާ މަޑުކުރިއެވެ. ގެއަށް ދާންވީމާ އޭނާއަށް ގުޅުމަށާއި އޭނާ އައުމުގެ ކުރިން ބޭރަށް ނުނިކުތުމަށް ވެސް ބުންޏެވެ.
ގޯތިތެރެއަށް ވަދެގެން ގޮސް ގޭ ދޮރުކައިރިއަށް ހުއްޓެމުން ސިޔާ ސަލާން ގޮވާލިއެވެ. ގޭތެރެއިން ނުކުތް މަރިޔަންދީ ސިޔާއާ ވާހަކަ ދައްކަމުން ދައްކަމުން ސިޔާގެ ފޯނު ނެގިއެވެ. ރެއެކޭ އެއްފަދައިން އެތަނުން ނުކުންނަންދެން ފޯނު އޮންނަންވާނީ އޭނާގެ އަތުގައި ކަމަށް ވެސް ބުންޏެވެ.
މަރިޔަންދީގެ ފަހަތުން ގޭތެރެއަށް ވަދެގެންދިޔަ ސިޔާ ވަނީ ރޭގައި ވެސް އޭނާ ވަން ކޮޓަރިއަށެވެ. މަރިޔަންދީމެން ފަރުވާ ކުރަމުންދިޔަ ދަނީން އޮތީ ކޮޓަރީގެ މެދަށް ވާކަހަލަ ގޮތަކަށް ބަހައްޓާފައިހުރި ރޯނުފުރި އެނދުގައެވެ. އޭނާގެ ދެފަރާތުގައި ތިބެގެން ޤުރުއާން ކިޔަވާ ދެމީހުން އެމީހުންގެ މަސައްކަތާއިގެން ކުރިޔަށް ދިޔައެވެ.
ރެއާއި މިރޭ ކުޑަތަފާތެއް ފާހަގަކުރެވުނެވެ. ޤުރުއާން ކިޔަވާން ތިބި މެދުއުމުރުގެ ދެ ފިރިހެނުންގެ އިތުރުން ޒުވާން ފުރައިގެ ދެ ފިރިހެނަކު ވެސް ތިއްބެވެ. ކޮޓަރީގެ އެކިތަންތަނުގައި ދުންދަނޑި ރޯކޮށްފައި ހުއްޓެވެ. ހުޅުވާފައި ހުރި ކުޑަދޮރުތަކުން ވަންނަމުންދިޔަ ތާޒާ ވައިގެ ސަބަބުން ކޮޓަރިތެރެއަށް ފިނިކަން ލިބެމުންދިޔައެވެ. ފެނުނު މަންޒަރުގެ ސަބަބުން ހިތުގައި އުފެދުނު ސުވާލުތައް ކިތަންމެ ގިނަ ނަމަވެސް އެއްވެސް ވާހަކައެއް ދެއްކުމުގެ ހުއްދަ ލިބިފައި ނުވާތީ ސިޔާ ކެތްތެރިވިއެވެ. އެންމެމޮޅު ގޮތަކީ ކެތްތެރިކަމާއި ވިސްނުންތެރިކަމާއިއެކު ކަންތައް ވާގޮތް ބަލަން ހުރުން ކަމުގައި އޭނާއަށް ވިސްނުނެވެ.
މަރިޔަންދީ އޭނާގެ މަސައްކަތާއި ދިމާއަށް އެނބުރުމާއިއެކު ސިޔާ އޭނާގެ ހުރިހާ ވިސްނުމެއް އެކަމަށް ހުސްކޮށްލިއެވެ. އެ ތަނުގައި ހިނގާ ކޮންމެ ކަމެއް ވަކިވަކިން ސިކުނޑީގައި ރައްކާ ކުރަމުން ދިޔައެވެ.
ފާރުބުޑުން ކުއްލިއަކަށް ގޮވައިލި ބުޅަލުގެ ބާރު އަޑާއިއެކު ވައި ގަދަވާން ފެށިއެވެ. ފަތްކެޔޮގަސްތަކުގެ ފަތްތަކުގެ ހަރަކާތްތައް އަވަސްވެފައި ހަލުވިވިއެވެ. ވެރިވާންފެށި ދުންފިނީގެ އަސަރާއިއެކު މުޅިތަނަށް ފުސްކަމެއް ވެރިވާން ފެށިއެވެ. ބާރުވަމުންދިޔަ ވަޔާއިއެކު ރުއްތަކާއި ގަސްތައް ބިމުން ލުހިގެން ހިނގައިދާނެހެން ހީވިއެވެ.
މަރިޔަންދީގެ އިސާރާތާއިއެކު ދެ ޒުވާނުން ދަނީންއާ ބޮޑަށް ކައިރިއަށް ޖެހެލިއެވެ. ފެނުނު މަންޒަރާއިއެކު ސިޔާގެ ހިތުގައި އަނެއްކާ ވެސް ސުވާލު އުފެދުނެވެ. އެމީހުން ގެނެސްފައި އެތިބީ މިވަގުތަށް ވިސްނައިގެން ބާއެވެ. އެމީހުން އެއުޅެނީ ކީއްކުރަން ބާއެވެ. ވާން މި އުޅެނީ ކިހިނެއްބާއެވެ. ސިޔާގެ ސަމާލުކަން އެކަމަށް ހުއްޓުނެވެ.
ހަނގުރާމަވެރިއަކު ރުވާފައި ދޫކޮށްލި ތީރިހެންއައި ބާރު ވައިރޯޅި ކުޑަދޮރުގެ ބިއްލޫރިގަނޑުގައި ޖެހުމާއިއެކު ފުނޑުފުނޑު ވެގެން ބިންމައްޗަށް ފޭބިއެވެ. ސިއްސައިގެން ދިޔަ ސިޔާއަށް ފުންމައިގެން ކޮޅަށް ތެދުވެވުނުއިރު ކޮންމެވެސް ވަރަކަށް ރޮވިއްޖެއެވެ. ހިތްހަމަ ނުޖެހުމާއިއެކު އޭނާއަށް ބަލައިލި މަރިޔަންދީގެ މޫނު ފެނިފައި ސިޔާ ވަގުތުން ހުއްޓުން އެރިއެވެ. ވެދިޔަ ކަންތައް ހަނދާން ނައްތާލަމުން އަނެއްކާ ވެސް މަޑުމަޑުން އިށީނެވެ. ލިބުނު ފުރުސަތު ގެއްލިދާނެކަމުގެ ކަންބޮޑުވުން އޭނާ ވަށައިލިއެވެ.
މަޑުމަޑުން ލޯ ހުޅުވާލަމުން މައްޗަށް ބަލައިލި ދަނީންގެ މޫނުމަތިން ފާޅުވީ އުފަލާއި ހިތްހަމަ ޖެހުމެވެ. ހިނިތުން ވުމުގެ ކުލަވަރެވެ. އިރުކޮޅެއް ވާންދެން މައްޗަށް ބަލަހައްޓައިގެން އޮތް ދަނީން މަސައްކަތްކުރީ ތެދުވާށެވެ. އެނދުން ފައިބާށެވެ. ވަގުތަށް ވިސްނައި ސަމާލުވެ ތިބި ދެ ޒުވާނުން އޭނާ ހިފެހެއްޓޭތޯ މަސައްކަތް ފެށިއެވެ.
ދަނީން ހިފެހެއްޓުމަށްޓަކައި އެ ދެ ޒުވާނުން ކުރަމުންދިޔަ މަސައްކަތާއި އޭނާއަށް ލިބިފައިވާ ބާރު ފެނިފައި ސިޔާ ކަންބޮޑުވެ ހާސްވާން ފެށިއެވެ. ބިރުގަނެ ޖެހިލުންވާން ފެށިއެވެ. ވިސްނުން ބަދަލުވާން ފެށިއެވެ. ސަލާމަތްވެގެން އަވަހަށް އެތަނުން ނުކުންނަންވީއޭ ވެސް ހިތަށް އެރިއެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
- ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 17 ޖުލައި 2024ހާދިސާއޭނާ – ތިރީސްވަނަ ބައި (ފަހު ބައި)
- 20 ޖޫން 2024ބިރުވެރިއޭނާ – ނަވާވީސްވަނަ ބައި
- 3 ޖޫން 2024ބިރުވެރިއޭނާ – އަށާވީސްވަނަ ބައި
- 27 އޭޕްރިލް 2024ބިރުވެރިއޭނާ – ހަތާވީސްވަނަ ބައި