ދަނީން ހިފެހެއްޓުމަށްޓަކައި އެ ދެ ޒުވާނުން ކުރަމުންދިޔަ މަސައްކަތާއި އޭނާއަށް ލިބިފައިވާ ބާރު ފެނިފައި ސިޔާ ކަންބޮޑުވެ ހާސްވާން ފެށިއެވެ. ބިރުގަނެ ޖެހިލުންވާން ފެށިއެވެ. ވިސްނުން ބަދަލުވާން ފެށިއެވެ. ސަލާމަތްވެގެން އަވަހަށް އެތަނުން ނުކުންނަންވީއޭ ވެސް ހިތަށް އެރިއެވެ.

މަރިޔަންދީ ގާތު ވެފައިވާ ވައުދު ހަނދާންވުމާއިއެކު ސިޔާގެ ޚިޔާލުތަކަށް ނިމުން އައެވެ. އެވިސްނުން ދޫކޮށްލަން މަޖުބޫރު ވިއެވެ. އޭނާއަކަށް އެހެން ގޮތެއް ނޯންނާނެއެވެ. ދެވަނަ ވިސްނުމަކަށް ގޮސްފިނަމަ ހުރިހާ ކަމެއް ބޭކާރު ވާނެއެވެ. އެކަމަށްޓަކައި އޭނާ ދެކެމުން އައި ފޮނިހުވަފެނުގައި ކުލަ ޖެއްސުމަށް ލިބުނު ރަނުގެ ފުރުސަތު ވެސް ގެއްލޭނެއެވެ.

ދަނީންގެ ކިބައިން ފެންނަމުން ދިޔައީ އޭނާގެ އަމިއްލަ ބާރު ނޫންކަން ސިޔާއަށް ޔަގީނެވެ. އެމީހުންގެ އެޢަމަލުތަކުގެ ސަބަބުން ހިތްހަމަ ނުޖެހިފައި އޮތް ދަނީން ވާހަކަ ދައްކަން ފެށުމާއިއެކު ސިޔާގެ ބިރުގަތުން އިތުރުވާން ފެށިއެވެ. ވާހަކަ ދައްކަމުން ދިޔައީ ދަނީން ހެން ހީވި ނަމަވެސް އެއަޑަކީ އޭނާގެ އަޑެއް ނޫނެވެ. ރުޅިއައިސް ރަތްވެފައިވާ ފަދައަކުން ވާހަކަ ދައްކަމުން ދިޔަ އެ ފިރިހެން މީހާ ބުނަމުން ދިޔައީ މިހާރުން މިހާރަށް އެކަން ހުއްޓާލުމަށެވެ. ހުއްޓާ ނުލައިފިނަމަ މަރިޔަންދީގެ ކިބައިން ބަދަލު ހިފާނެކަމަށް ބުނެ އިންޒާރު ދިނެވެ. އޭނާ ދެމުންދިޔަ އިންޒާރަކަށް ދައްކަމުންދިޔަ ބިރަކަށް މަރިޔަންދީ ނުބަލައެވެ.

އެއިން އެއްވެސް ކަމަކަށް އެއްވެސް ސަމާލުކަމެއް ނުދީ އޭނާގެ މަސައްކަތާއިގެން ކުރިޔަށްދިޔަ މަރިޔަންދީގެ ކިބައިން ފެންނަމުން ދިޔައީ އުންމީދާއި ޔަގީންކަމެވެ. އޭނާއާއެކު ތިބި އޭނާގެ ބައިވެރިންގެ ކިބައިން ފެންނަމުންދިޔަ ޖެހިލުންކުޑަކަމާއި ސާބިތުކަން އޭނާއަށް ލިބުނު އިތުރު ހިތްވަރަކަށް ވިއެވެ.

ދަނީންގެ ވަށައިގެން ހިނގަމުން ކިޔަވަމުން ކިޔަވަމުންދިޔަ މަރިޔަންދީ ހުއްޓުނީ ދަނީންގެ ބޯ ކައިރި އަށެވެ. ވަގުތަކަށް ބަލައި ވިސްނައިގެން ހުރި ކަހަލައެވެ. ކުއްލިއަކަށް ދަނީންނާއި ދިމާއަށް ގުދުވަމުން އޭނާގެ ބޮލުގައި ނުހަނު ބާރަށް ހިފަހައްޓާލިއެވެ. ކަނާތްފަރާތު ކަންފަތާއި ކައިރިވެލަމުން ޤުރުއާންގެ އާޔަތްތަކެއް ވަރަށް ބާރަށް ކިޔަވާން ފެށިއެވެ.

މަރިޔަންދީގެ އެޢަމަލާއިއެކު ކުއްލިއަކަށް ތޫފާނެއް ލައިގަތް ކަހަލައެވެ. ގަދަވަޔާއިއެކު ވިދާ ގުގުރައި ވާރޭ ވެހިގަތީ އެ ވަގުތު އެވެ. އެޒުވާނުންގެ ކިބައިން ސަލާމަތްވުމަށް މަސައްކަތް ކުރަމުންދިޔަ ދަނީންގެ ހަރަކާތްތައް އަވަސްވިއެވެ. ކޮންމެ ގޮތަކުން ނަމަވެސް އެމީހުންގެ ކިބައިން ސަލާމަތްވާން އުޅެގަތް ކަހަލައެވެ.

ބިރުގަނެ ޖެހިލުންވި ނަމަވެސް، ހާސްވެ ކަންބޮޑުވި ނަމަވެސް ސިޔާ ހަމަޖެހުނެވެ. ވެފައިވާ އެއްބަސްވުމުގެ އިތުން އޭނާއަށް މަރިޔަންދީ ދީފައިވާ ޔަގީންކަން ސިޔާގެ ހަނދާނުގައި ހުއްޓެވެ.

ކާމިޔާބު ނުވާނެކަން އެނގުމުން ދަނީން އަމާން ދިނެވެ. އެ ޒުވާނުންގެ ކިބައިން ސަލާމަތްވުމަށް ކުރަމުން އައި މަސައްކަތް ހުއްޓާލިއިރު ވާހަކައިގެ ރާގު ވެސް ބަދަލުވެއްޖެއެވެ. އޭނާއަށް އެހެން ނުހަދައި ދޫކޮށްލުމަށް އާދޭސް ކުރަން ފެށިއެވެ. އޭނާގެ ފަރާތުން ދުވަހަކު ވެސް މީހަކަށް އެކަހަލަކަމެއް ދެން ދިމާނުވާނެ ކަމަށް ބުނެ ރޯން ވެސް ފެށިއެވެ.

ޖަހާލި ގުގުރީގެ ބާރުއަޑާއިއެކު ހޮނިއެޅިއެވެ. ކެޔޮފީނިތެރެއިން މައްޗަށް އަރައިގެންދިޔަ އަލިފާންކަންޏާއިއެކު ދަނީންގެ ހަރަކާތް ހުއްޓުނެވެ. މަރިޔަންދީގެ ކިބައިން ފެންނަމުންދިޔައީ ކާމިޔާބުގެ ކުލަވަރެވެ.

މަޑުމަޑުން އިވޭންފެށި ގިސްލުމުގެ އަޑާއިއެކު އަންހެން ކުއްޖެއްގެ މަޑުމަޑު ރުއިމުގެ އަޑު ފާޅުވާން ފެށިއެވެ. އިވެމުން ދިޔައީ ދަނީންގެ އަޑުކަން ސިޔާއަށް ވެސް ޔަގީނެވެ.

މިރެއަށް ހަމަޖެހިފައިވާބައި ނިމުނީ ކަމަށް މަރިޔަންދީ ބުނުމުން، ސިޔާ އަވަސްވެގަތީ އެގެއިން ނުކުންނާށެވެ. ލިބިފައިވާ ހާސްކަމާއި ނުތަނަވަސްކަމަށް ކުޑަނަމަވެސް ހައްލެއް ލިބޭނީ ބޭރަށް ދެވުމުން ކަމުގައި އޭނާގެ ހިތް ބުންޏެވެ. އަޒްފާއަށް ފޯނުކުރަމުން ސިޔާ ބޭރަށް ނުކުތްއިރު ވެސް ދެންތިބި މީހުން އެތަނުގައި ތިއްބެވެ.

ސިޔާ ބަލައި އަޒްފާ އައީ ފަވާޒު އޭއެކު އެމީހުންގެ ކާރުގައެވެ. ވަށައިގެން ހޯދަމުން ހޯދަމުން އައިސް ކާރަށް އެރި ސިޔާގެ ކިބައިން ފެންނަމުން ދިޔައީ ހާސްކަމާއި ނުތަނަވަސްކަމުގެ ކުލަވަރެވެ.

” ކިހިނެތްވީ؟ …. ހާދަ ހާސްވެފަ ހުރިހެން ހީވެޔޭ. ” ސިޔާގެ ކިބައިން ފެންނަމުންދިޔަ ކަންބޮޑުވުމުގެ ސަބަބުން ސުވާލު ކޮށްނުލައި އަޒްފާއަކަށް ނީންދެވުނެވެ.

” ކަމެއްނުވޭ. ” ސިޔާ މަސައްކަތްކުރީ ހަމަޖެހިލާށެވެ.

ސިޔާ އެހެން ބުނި ނަމަވެސް ކޮންމެވެސް ކަމެއް ވެއްޖެކަން އަޒްފާއަށް ޔަގީނެވެ. އިތުރަށް އެވާހަކަ ދައްކަން ސިޔާ ބޭނުން ނުވާހެން ހީވުމުން އަޒްފާ ވެސް އެވާހަކަ ބޭއްވީއެވެ. ސިޔާ ގޮވައިގެން އަޒްފާ އާއި ފަވާޒު ދިޔައީ ރެސްޓޯރެންޓަކަށެވެ. ކޮފީބޮއި ވާހަކަ ދައްކާލަން އިރުކޮޅަކު މަޑުކޮށްލަނިކޮށް ސިޔާ ހަމައަކަށް އެޅިދާނެކަމުގައި އަޒްފާއަށް ގަބޫލު ކުރެވުނެވެ.

ކޮފީއަށް އިންސާފު ކުރަމުން ދިޔައިރު ތިންމީހުންގެ މެދުގައި އެތައް ވާހަކައެއް ދެކެވުނެވެ. ކުރަމުންދިޔަ މަސައްކަތާއި ބެހޭ ގޮތުން ފަވާޒު ކުރި ސުވާލުތަކަށް ވެސް ސިޔާ ޖަވާބުދިނެވެ. މާބޮޑު ތަފްސީލެއް ނުދިން ނަމަވެސް ލިބުނު ފުރުސަތާއިމެދު ހިތްހަމަޖެހޭކަން ހާމަ ކުރަމުން އެ ދެމަފިރިންނަށް ޝުކުރު އަދާކުރިއެވެ.

ވަގުތުގެ ދައުރުވުން މެންދަމާއި ދިމާއަށް މިސްރާބު ޖަހައިފިއެވެ. އާންމު މައިދާންތަކާއި މަގުތަކުން އެކަމުގެ އަލާމަތްތައް ފެންނަމުން ދިޔައެވެ.

ކޮޓަރިތެރޭގައި ރަސްކަން ކުރަމުން ދިޔައީ ފަޅުކަމާއި ހަމަހިމޭންކަމެވެ. ކޮޓަރިއަށް ވަދެވުމާއިއެކު އެކަނިވެރިކަން ސިޔާ ވަށައިލިއެވެ. ޚިޔާލުތަކާއި ފިކުރުތައް ވަގުތެއްގެ އިންތިޒާރުގައި ތިބި ކަހަލައެވެ. ކުއްލިއަކަށް ހަނދާނަށް އައި ހާދިސާއާއެކު ހާސްވެ ކަންބޮޑުވާން ފެށިއެވެ. ނުތަނަވަސްވާން ފެށިއެވެ. ކޮންމެވެސް ވަރަކަށް ބިރުގަނެ ޖެހިލުން ވެސް ވާން ފެށިއެވެ.

ހަދާނެ ގޮތަކާއި މެދު ވިސްނާ ފިކުރު ކުރަމުންދިޔަ ސިޔާ ސިއްސައިގެން ދިޔައީ ޖީބުގައި އޮތް ފޯނު ރިންގުވާން ފެށުމުންނެވެ. އަވަސް އަވަހަށް ޖީބުން ފޯނު ނަގަމުން ބަލާލިއިރު ގުޅަނީ ފަރުސާނެވެ.

މިފަދަ ވަގުތެއްގައި ފަރުސާން ފޯނުކުރުން ވެގެން ދިޔައީ ސިޔާއަށް ލިބުނު އެންމެބޮޑު ހިތްހަމަ ޖެހުމަށެވެ. ހިނދުކޮޅަކަށް ނަމަވެސް އެ ޚިޔާލުތަކާއި ފިކުރުތަކާއި ދުރުވެލުމަށް ލިބުނު ފުރުސަތަކަށެވެ.

ހާލު އޮޅުން ފިލުވައިލަމުން ފެށުނު ވާހަކަތައް ސިޔާގެ މަސައްކަތާއި ހަމައަށް ދިޔައެވެ. އެދެމެދުގައި އޮތް ލޯބީގެ ގުޅުމާއި ހަމައިން އެހެން ހުރިހާކަމެއް ހަނދާންނެތުނެވެ. އުފަލާއި ހިތްހަމަ ޖެހުން ސިޔާ އެހެން މަންޒިލަކަށް ގެންދިޔައެވެ. ލޯބީގެ އިޝްގީ މަސްތީ ކަނޑެއްގައި ފަތަމުން ދިޔައިރު ވަގުތުތައް ފާއިތުވަމުންދިޔަ ގޮތެއް ނޭނގެއެވެ.

ސިޔާގެ މަސައްކަތް ކާމިޔާބު ކުރުމަށް މިހާރު އޭނާ ބޭނުންވަނީ އެންމެ ކަމެކެވެ. އެކަމާއި ބެހޭގޮތުން އަޒްފާއާ މަޝްވަރާ ކުރާތާ ދެދުވަހެއް ވެއްޖެއެވެ. އެކަމުގައި އަލިމަގެއް ފެނޭތޯ ފަވާޒު ވެސް މަސައްކަތް ކުރަމުން ދިޔައެވެ.

މެންދުރުފަހު ތިނެއް ޖަހާކަން ހާއިރެވެ. އޭނާއާ ސިޔާ ބައްދަލުކުރީ އޭނާގެ ގޭގައެވެ. އޭނާއާއި ސިޔާ ނޫން އެހެން މީހެއް އެތަނުގައި ނެތެވެ. އެނޫން ތަނެއްގައި އެނޫން ގޮތަކަށް ބައްދަލު ކުރާކަށް އޭނާ އެއްބަހެއް ނުވިއެވެ. އެވަރު ވެސް ސިޔާއަށް ފުދެއެވެ. ކޮންމެ ވެސް ކާމިޔާބެއް ލިބޭނެކަމުގެ އުންމީދު އޭނާއަށް އޮތެވެ.

ސިޔާ ބޭނުންވި ވާހަކަތައް ކިޔައިދޭކަށް އޭނާ ބޭނުމެއް ނުވިއެވެ. އެ ވާހަކަތައް އެއްވެސް މީހަކަށް ކިޔައިދޭކަށް އޭނާގެ ހިތެއް ނޭދެއެވެ. އެ ބިރުވެރިކަމާއި ނާމާންކަން ދުވަހަކު ވެސް އޭނާގެ ހިތުން ފިލައިގެން ނުދާނެއެވެ. އެވަރުގެ ވޭނެއްގެ ތެރެއަށް އެހެން މީހަކު ވައްދާކަށް އޭނާ ބޭނުމެއް ނޫނެވެ. އެ އަނިޔާ އެހެން މީހަކު އުފުލާކަށް އޭނާއަކަށް އެއްބަހެއް ނުވެވޭނެއެވެ.

ގަދަވެ ސަލާމަތުން ހެޔޮ ހާލުގައި ސިޔާ އަވަހަށް މާލެ ދިއުމަކީ އޭނާގެ އެދުމެވެ.

ބޭނުންވި ކަންތައް ހާސިލު ކުރުމަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ސިޔާ ކުރާނެއެވެ. ކުރިން ވެސް ކަންތައްވީ އެހެންނެވެ. އެހާ ފަސޭހައިން ކަންކަން ދޫކޮށްލުމަކީ ސިޔާގެ އާދައެއް ނޫނެވެ. ކަމެއް ހާސިލުވާނީ ޤުރުބާނީތަކެއް ވެގެންނެވެ.

ދެވަނަ ފަހަރަށް ބައްދަލުކޮށްގެން ކާމިޔާބު ނުލިބުމުން ތިންވަނަ ފަހަރަށް ވެސް ސިޔާ އޭނާއާ ބައްދަލުކުރިއެވެ. އެކަމުގައި އޭނާއަށް އެހީތެރިވުމަށް އެދި އާދޭސް ކުރިއެވެ. ފައިސާއަށް ވާނެ ނަމަ ފައިސާ ދީގެން ވެސް ސިޔާ ބޭނުންވީ އެކަން ކުރާށެވެ. އެ ހާދިސާގެ ޙަޤީޤަތް ހޯދާށެވެ.

އަތިރިމަތީގައި ހައްދާފައިހުރި ބޮޑެތި ގަސްތަކުގެ ހިޔަލާއި ހަވީރުގެ ތެތްފިނިކަން އެކުވުމުން މާހައުލަށް އިތުރު ހިތްގައިމުކަމެއް ގެނުވިއެވެ. އާދައިގެ ވަރަކަށް ޖެހެމުންދިޔަ ވަޔާއި މަޑުމަޑުން ގޮނޑުދޮށަށް ބީއްސަމުންދިޔަ ރާޅުތަކުގެ އަޑުގެ ސަބަބުން ހިތަށް އިތުރު ހަމަޖެހުމެއް ގެނުވައެވެ.  

އޭނާ އާއި ސިޔާ އިށީންދެލައިގެން ތިބީ ގޮނޑުދޮށުގައި އޮތް ރުއްގުޅި މަތީގައެވެ. މޫދާއި ދިމާއަށް ބަލަހައްޓައިގެން އިނދެ އޭނާ ހިތް ހުޅުވާލިއެވެ. މަޑުމަޑުން އެ ހާދިސާގެ ތެރެއަށް ވަންނަމުން ދިޔައެވެ.

                                                         ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.