ގޭގައި ގަސް އިންދާ ހެއްދުމަކީ އެކަމުގެ ސަބަބުން ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ ކަމެކެވެ. ގޯތިތެރެ ފެހިކޮށްދީ އިތުރު ތާޒާކަމާއި އާރޯކަން ގެނެސްދެއެވެ.

 

އެހެން ނަމަވެސް، ހުރިހައި ގަހަކީ އިންދާ ހެއްދުމަށް ރަނގަޅު ގަހެއް ނޫނެވެ. ގަސްމުށީގައި ޢާއްމުކޮށް ގަސް އިންދާމީހުން އިތުރު ސަމާލުކަމެއް ދޭންޖެހޭ ބައެއް ގަސްގަސް ހުރެއެވެ.

 

މިލިޔުމުގައި މި ބަލައިލަނީ ގަހެއްގެ ސަބަބުން މީހަކާއި ކުރިމަތިލާންޖެހުނު ބަދުނަސީބު ހާދިސާ އެކެވެ. ގޭގައި ހައްދާފައި ހުރި ގަހެއްގެ ސަބަބުން އެމީހާގެ ދަރިފުޅު ވަނީ ނިޔާވެފަ އެވެ.

 

އެމީހާ ކިޔައިދިން ހާދިސާ ލިޔެލާނަމެވެ.

“އަހަރެންގެ ދަރިފުޅު މިދުނިޔެއާ ވަކިވެ ދިޔައީ ގޭގައި ހައްދާފައިހުރި ގަހެއްގެ ފަތަކުން ކުޑަކުޑަ އެތިކޮޅެއް ކެއުމުގެ ސަބަބުން ދަރިފުޅުގެ ދޫ ދުޅަވެ ނޭވާލެވޭ ވަރު ނުވެގެންނެވެ. މި ގަހަކީ ޢާއްމުކޮށް ގޭގޭގަޔާއި އޮފީސްތަކުގައި ހައްދައި އުޅޭ ގަހެކެވެ. ނަމަވެސް މިއީ ނުރައްކާތެރި މަރު ވިހައެއް އެކުލެވޭ ގަހެކެވެ. ތުއްތު ކުއްޖެއްގެ އެތެރެހަށްޓަށް ގަހުގައި ހުންނަ ވިހަ ވާޞިލް ވެއްޖެނަމަ މިނެޓެއްގެ ތެރޭޭގައި ކުއްޖާ މަރުވާނެއެވެ. ބޮޑު މީހެއް ނަމަ 15 ވަރަކަށް މިނެޓް ތެރޭގައި މަރުވާނެ އެވެ. އޮޅުމަކުންވެސް މި ގަހުގައި އަތްލުމަށްފަހު ލޮލުގައި އަތް އުނގުޅިއްޖެ ނަމަ އަބަދަށްޓަކައި ލޯ އަނދިރިވުމާ ވެސް ކުރިމަތިލާން ޖެހިދާނެ އެވެ. އެހެންކަމުން ރަހުމަތްތެރިންނާއި ތިމާގެ މީހުންގެ ސަމާލުކަމަށް މިކަން ގެންނަންވާނެ.”

 

އެމެރިކާއަށް ނިސްބަތްވާ މީހާ ބުނީ ހިނގައިދިޔަ ހިތާމަވެރި ހާދިސާ ޢާއްމުކުރީ އެ ހާދިސާ އާއިމެދު ވީހައިވެސް ގިނަބަޔަކު ސަމާލުކުރުވުމަށާއި މިފަދަ ގަހެއް ގޭގައި ހައްދާފައި ހުރިނަމަ އެފަދަ ފަރާތްތައް އިތުރަށް ސަމާލުކުރުވައި މިފަދަ އިތުރު މަރެއް ތަކުރާރުވިޔަ ނުދިނުމަށެވެ.

 

މިހާދިސާ ކިޔައިދިން މީހާގެ ދަރިފުޅަކީ އުމުރުން 05 އަހަރުގެ އެސްޓެބެން އެވެ. އެސްޓެބަން ގޭތެރޭގައި ކުޅެން އުޅެނިކޮށް އުނދަގޫތަކެއް ވާން ފެށިއެވެ. ކުއްޖާގެ މަންމަ ހީކުރީ ކޭތަކެތި ހަޖަމުނުވެ އުނދަގޫތަކެއް ވަނީ ކަމަށެވެ. ނަމަވެސް ކަންވީ އެހެންނެއް ނޫނެވެ. ކުއްޖާގެ ގައިގެ ހަމުގެ ކުލަ އާދަޔާޚިލާފު ކުލައަކަށް ބަދަލުވި އެވެ. ނޭވާލާން އުނދަގޫވި އެވެ.

 

ކުއްޖާގެ މައިންބަފައިން ވީއެންމެ އަވަހަކަށް އިމެޖެންސީ ނަންބަރު 911 އަށް ގުޅިއެވެ. މާ ލަސްތަކެއް ނުވެ ހޮސްޕިޓަލަށް ގެންގޮސް ވިހަވުމުގެ އިމަޖެންސީ އަށްދޭ ފަރުވާ ދޭންފެށި އެވެ. ވެގެން އުޅޭގޮތް ބުނެދޭން އެނގޭ ހަމަ އެކަކުވެސް ނެތެވެ. ބައިގަޑިއިރު ފަހުން ޑޮކްޓަރު ނިކުމެ އެސްޓެބެން ގެ މަރުގެ ހިތާމަވެރި ޚަބަރު ޢާއިލާ އަށް ދިނެވެ. ޑޮކްޓަރު ގަބޫލުކުރާގޮތުން ކުއްޖާ މަރުވީ ކެވުނު އެއްޗެއްގެ ސަބަބުން ވިހަވެގެންނެވެ. އެސްޓެބެން އަށް އެހެންދިމާވާން މެދުވެރިވެދާފަދަ އެއްޗެއް ކެއިކަން ނޭނގޭތީ މައިންބަފައިނަށް ލިބުނީ ބޮޑު ޝޮކެކެވެ.

 

ލޭގެ ތަހުލީލުތައް ރަނގަޅަށް ކޮށްލުމުން ހާމަވީ ކުއްޖާގެ ލޭގެތެރޭގައި ވަރަށް މަތީ މިންވަރަކަށް ކެލްސިއަމް އޮކްޒެލޭޓް ކެމިކަލް ގެ އަސަރު ހުރި ކަމެވެ.

 

މި ކެމިކަލަކީ ޑައިފެންބޭކަރ ނުވަތަ ލެޓިން އެމެރިކާގެ ގައުމުތަކުގެ މީހުން ދަންނަގޮތުން ނަމަ އެމޮއިނާ ގައި ހުންނަ ކެމިކަލެކެވެ. ޑައިފެންބޭކަރ ހަމަ ކޮންމެ ގެއެއްގައިހެން ހައްދަމުން އަންނަ ގަހެކެވެ. މިގަސް އެހާ އާއްމުވެފައިވަނީ މިއީ އެހާ ގިނައިން އިރުގެ އަލިކަން ބޭނުންނުވާ ގަހެއްކަމަށްވެފައި، ގޭތެރޭގައި އަދި އޮފީސް ތެރޭގައި ވެސް ހެއްދޭ ގަހަކަށް ވުމެވެ. އެހެން ނަމަވެސް، މިއީ ވިހަގަދަ ގަހެއްކަން ހަނދާނުގައި ބެހެއްޓުމަކީ މުހިންމި ކަމެކެވެ.

 

އަންދާސީ ހިސާބުތައް ދައްކާގޮތުން އެމެރިކާގައި 2006 ވަނަ އަހަރު ރެޖިސްޓްރީ ކޮށްފައިވާ ވިހަވުމުގެ ހާދިސާތަކުގެ ތެރެއިން 62250 ހާދިސާއަކީ ގަހުގެ އެކިބާވަތްތަކުން ވިހަވެގެން ހުށައަޅާފައިވާ ހާދިސާ ތަކެވެ. މީގެ ތެރެއިން 75 އިންސައްތައަކީ 05 އަހަރުން ދަށުގެ ތުއްތުކުދިންނެވެ.

 

ޑައިފެންބޭކަރ ގަހުގެ ވިހަވެއްޖެނަމަ، ވީ އެންމެ އަވަހަކަށް އައިސްފެނުން އަނގަ ސާފުކޮށް، ފޮތިގަނޑެއް ތެންމައިގެން އަނގައިތެރެ ފޮހެ، ކިރުފޮދަކުން ލޮލުތެރެ ދޮންނަންވާނެ ކަމަށް އެމެރިކާގެ ނޭޝަނަލް ލައިބްރަރީ އޮފް މެޑިސިން އިން ނަސޭހަތްތެރިވެއެވެ. މިއީ ޑައިފެންބޭކަރ އިން ވިހަވުމުން ދޭންޖެހޭ ފުރަތަމަ ފަރުވާ އެވެ. ދެވަނައަކަށް ކުރަންޖެހޭ ކަމަކީ ވީ އެންމެ އަވަހަކަށް ސިއްހީ ފަރުވާ ދޭ މަރުކަޒަކުން ފަރުވާ ހޯދުމެވެ.

 

ޑައިފެންބޭކަރ އަކީ ރާއްޖޭގެ ރަށްރަށުގައިވެސް އާއްމުކޮށް ހައްދާފައި ހުންނަތަން ފެންނަ ގަހެކެވެ. ނަމަވެސް މިއީ މަރާއި ކުރިމަތިލާންޖެހޭފަދަ ވަރަށް ނުރައްކާތެރި ގަހެކެވެ. މިހެންވެ، މި ލިޔުން ވީހައިވެސް ގިނަބަޔަކާއި ހިއްސާކުރުމަކީ މުހިންމުކަމެކެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.