” ހޭބަލި ވެގެން މީހުންގެ ގަޔަށް ބޮލަށް އަރާއިރު …. ލޯތްބޭ ކިޔައިގެން ފަހަތުން ދުވާއިރު ތިމާމެންގެ ފެންވަރާއިމެދު ވެސް ވިސްނާލުން ރަނގަޅުދޯ. ފެންވަރު އޮޅިގެން ނޫޅެ ހަމަބިމަށް ތިރިކޮށްބަލަ ގެއަށް ގޮސް … ބޭކާރު ވާހަކަތައް އަޑުއަހާކަށް އަހަރުމެންނަކަށް ވަގުތެއް ނެތް. ” އައިސާގެ ވާހަކަތައް އަޑުއަހަން އިން ޖުމޭނާ ވާހަކަދެއްކިއެވެ. އަޑާއި ހަރަކާތުން އޭނާގެ ހާލަތު ކިތަންމެ ރަނގަޅަކަށް ވެސް ދޭހަވިއެވެ.

މާޔޫސްވެ ކަރުއެލިފައިވާ ހާލުގައި އެގެއިން ނުކުތްއިރު އައިސާގެ ދެލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ.

ކަންތައް ދިމާވިގޮތް ކިޔައިދިނުމުން ޝަމާއިލްގެ މާޔޫސްކަމާއި ހިތްދަތިކަން އިތުރުވިއެވެ. ދަނީންގެ އެވާހަކަތައް ދޮގުކުރިއެވެ. ކަންތައް ވީގޮތް ދެވަނަ ފަހަރަށް ވެސް ކިޔައިދިނެވެ.

ސްކޫލުން މައްސަލަ ބެލިއެވެ. ޝަމާއިލާއި ދަނީން އަދި އައިސާ ސްކޫލަށް ހާޒިރުކުރިއެވެ. ހާދިސާ ހިނގިއިރު ސްކޫލްގައި ތިބި ދަރިވަރުންނާއި ޓީޗަރު ވެސް ހާޒިރުކޮށް މަޢުލޫމާތު ހޯދިއެވެ. ކަމާއި ގުޅުންހުރި ފަރާތްތަކާއި ހިއްސާކުރަންޖެހޭ މަޢުލޫމާތު ހިއްސާކުރިއެވެ. ހޯދަންޖެހޭ ޚިޔާލާއި މަޝްވަރާ ހޯދިއެވެ. ކަމުގެ އަޑިއަށް ފީނައި އެންމެ އިންސާފުވެރިކަމާއިއެކު މައްސަލަ ނިންމަން ސަމާލުކަން ދިނެވެ.

ޝަމާއިލާއި އައިސާގެ ވާހަކަތައް އަޑުއަހާނެ ކަންފަތެއް ނެތެވެ. އެހީތެރިކަމަށް އެދިގެން ދިއްކޮށްލި އަތުގައި ހިފާނެ މީހަކު ނުވިއެވެ. ކާސިންފުޅުގެ ދެމަފިރިންނާއި ތިންކުދިންގެ ފަރާތުން އެހީތެރިކަމެއް ބޭނުން މީހަކު ހުރި ކަމަކަށް ނުވިއެވެ. ނިކަމެތި ރައްޔިތުމީހާ ނިކަމެތި ކަމުގައި ހުރުން ނޫން ކަމެއް ނުވިއެވެ.

ޝަމާއިލްގެ ތަޢުލީމީ ހަޔާތުގެ ނިމުމުގެ ސިއްކަ ޖެހުނީއެވެ. ކޮށްލެވުނު ކުޑަކުޑަ ކުށަކުން ތަޢުލީމީ ހަޔާތް ބަރުބާދުވެ މުޅި ރަށަށް ފަޟީޙަތްވީއެވެ. އެތައް ބައެއްގެ މަލާމާތާއި ފުރައްސާރައިގެ އަމާޒަކަށް ވީއެވެ. ހުވަފެންތައް ވިއްސި ވިހާލިވެ ކުރިމަގު ބަނަވީއެވެ.

ކާސިންފުޅުގެ ދެމަފިރިންނަށް ކުރެވޭން ހުރި މަސައްކަތެއް ކުރިއެވެ. ދެވެންހުރި ކޮންމެ ތާކަށް ދިޔައެވެ. އެހީތެރިވާނެ ކަމަށް ގަބޫލު ކުރެވުނު ކޮންމެ މީހެއްގެ އެހީތެރިކަމަށް އެދުނެވެ. އެހީތެރިކަމެއް ނުލިބުނު ތާންގައި އުންމީދީ ބަހެއް ވެސް ބުނެލާނެ މީހަކު ހުރި ކަމަކަށް ނުވިއެވެ. ހުރިހާ މަސައްކަތެއް ބޭކާރުވެ ހަދާނެގޮތް ހުސްވުމުން ކާސިންފުޅުގެ ދެމަފިރިންނަށް ޖެހުނީ ހުއްޓާލާށެވެ.

އޮފީހުން ނުކުމެގެން އައި ޖުމާނާ އާއި އައިސާ ދިމާވީ ސްކޫލް ކައިރިންނެވެ.

” ކުޅެވޭނީ ކުޅެވޭ ވަރުގެ މީހުންނާއި. ބޭކާރު މަސައްކަތް ނުކޮށް ފެންވަރު ހަނދާން ކޮށްލައިގެން ގޭގެ އޮވެބަލަ. ” ޖުމާނާ ހުރީ އައިސާ ފެންނާނެ އިރެއްގެ އިންތިޒާރުގައި ކަހަލައެވެ.

ރައްދުދޭން ހިތަށްއެރި ނަމަވެސް އައިސާ ކެތްތެރިވިއެވެ. ހިތްހަމަ ނުޖެހުނު ނަމަވެސް މީހުނާއި ޒުވާބު ކުރުމަކީ އޭނާ ކުރަން ބޭނުންވާ ކަމެއް ނޫނެވެ.

ޒިމްނާ އަކީ ރީތި ޒުވާނެކެވެ. ހެދިހުރި އަންހެންވަންތަ ފުރިހަމަ ހަށިގަނޑާއި ބައްޓަން ޗާލެވެ. ގައިގެ ކުލަ އަލިވެފައި މޫނުމަތި ރީއްޗެވެ. ހީލުމުން ކޮލުން ފާޅުވާ އަޑިކޮޅާއި ހިތިފަތުބުމަ އެ މޫނަށް އިތުރު ފުރިހަމަކަމެއް ގެނުވައެވެ. އިސްތަށިގަނޑު ފަންވެފައި ދިގެވެ. ރީތިކަން ދެމެހެއްޓުމަށް ބޭނުންކުރާ ޒަމާނީ ވަސީލަތްތަކާއި އަޅާ ހެދުންތަކުގެ ސަބަބުން ޒިމްނާގެ ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނުވައެވެ.

ނިމާދުގެ ކައިވެންޏަށްޓަކައި ޒިމްނާ އާއި އޭނާގެ ޢާއިލާ ނިމާދުމެން ރަށަށް އައީ ކައިވެނިކުރަން ހަމަޖެހިފައިވާ ދުވަހުގެ ކުރީ ދުވަހުއެވެ. ކައިވެނީގެ ހަފްލާއަށްޓަކައި އުތުރުފަރާތު އަތިރިމަތި ޒީނަތްތެރި ކުރަން ފެށިއިރު ކޯޓު މަރުހަލާ ވެސް ބާރު ދުވެލީގައި ކުރިޔަށް ދިޔައެވެ. ހުރިހާކަމެއް ވެސް ކުރިޔާލައި ރާވައި ހަމަޖައްސާފައިވާތީ އެކަމުގެ ފަސޭހަ ފެނުނެވެ.

ލިބުނު ޚަބަރާއިއެކު ދަނީން ހުއްޓުންއެރިއެވެ. ގަބޫލުކުރަން ދަތިވިއެވެ. ބުނާނެ އެއްޗެއް ނޭނގުނެވެ. ހަދާނެގޮތް ހުސްވެ ހަތަރު އުދަރެސް ފެނު ޖެހުނުހެން ހީވިއެވެ.

” މި ހިތުގައި ދަނީން ފިޔަވާ އެހެން ނަމެއް ނުވާނެ. އެހެން މީހަކަށް މިހިތުން ޖާގައެއް ނުވެސް ލިބޭނެ … ދަނީންގެ ކިޔެވުން ނިމުނުހާ އަވަހަކަށް އަހަރެން ދަނީނާއި ކައިވެނި ކުރާނަން. މި ދެމެދަށް އެއްވެސް މީހަކަށް ނުވަދެވޭނެ. ” ދަނީންގެ ހަނދާނަށް އައީ ނިމާދު ދެއްކި ވާހަކަތަކެވެ. އަބަދުހެން ބުނަމުން އައި ޖުމްލަ ތަކެވެ.

ރަށުތެރޭގައި ދެކެވެމުންދިޔަ ވާހަކަތަކުގެ އަސްލު ބަލަން ދަނީން ބޭނުންވިއެވެ. ޙަޤީޤަތް ލޮލުން ފެނުނީމަ ނޫނީ ގަބޫލުކުރާކަށް އޭނާއަކަށް ފަސޭހައެއް ނުވިއެވެ.

ދުވަހުގެ ހަވީރު ވަގުތެވެ.

ދަނީންއާ ބައްދަލުކުރަން ވާސިޔާ އައީ ޖުމާނާ ދިން ޚަބަރެއްގެ ސަބަބުންނެވެ. ލިބުނު ހިތްދަތި ކަމުގައި ހުއްޓުން އަރާފައި ހުރި ދަނީނަށް ހޭވެރިކަންވީ ވާސިޔާ އައިސް ވާހަކަ ދައްކަން ފެށިތާ އެތައް އިރެއް ފަހުންނެވެ. ދަނީނަށް ހިތްވަރާއި ނަސޭހަތް ދެމުން ވާސިޔާ ދެއްކި ވާހަކަތައް ދަނީނަށް ގަބޫލު ކުރެވުނެވެ. ހިތްވަރު ލިބުނެވެ. މާޔޫސްވެ ކަރުއެލުވާލައިގެން އުޅެވެން ނެތްކަން ހަނދާން ވިއެވެ.

ނިމާދާއި ވާހަކަ ދައްކާނެ ފުރުސަތެއް ލިބޭތޯ ދަނީން އެތައް މަސައްކަތެއް ކުރިއެވެ. އެތައް ފަހަރަކު އެތައް ގޮތަކަށް ބެލިއެވެ. ނިމާދު އޭނާއަށް އެހެން ހެދީ ކީއްވެތޯ ބަލަން ދަނީން ބޭނުންވިއެވެ. ދަނީން ކިތަންމެ ބޭނުންވި ނަމަވެސް އޭނާ އަކަށް އެފުރުސަތެއް ނުލިބުނެވެ. ކާމިޔާބެއް ކުރިއެރުމެއް ވެސް ނުލިބުނެވެ.

ކައިވެންޏާއިއެކު ނިމާދު ފުރައިގެން ދިޔައެވެ. އަބަދުގެ އަބަދަށް ދިރިއުޅުން ހުޅުމާލެއަށް ބަދަލުކުރިއެވެ.

ކައިވެންޏާއިއެކު ނިމާދުގެ ދިރިއުޅުން ރަށުން ބޭރަށް ބަދަލުކުރުން ވެގެން ދިޔައީ ދަނީނަށް ލިބުނު ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމަކަށެވެ. ނިމާދު ފެނުމުން ހިތުގައި އުފެދޭ ޖަޒުބާތުތަކަށް އެކަމުގެ ސަބަބުން ކުޑަ ނަމަވެސް ލުޔެއް ލިބޭނެކަން އޭނާއަށް ޔަގީނެވެ.

ކިޔެވުމާއިގެން ކުރިޔަށް ދެވޭނެ އެއްވެސް މަގެއް ނުފެނުމުން ޝަމާއިލް އެ ޚިޔާލު ދޫކޮށްލިއެވެ.

ކިޔެވުމުގެ މަގު ބަންދުވި ނަމަވެސް ދިރިއުޅުމާއިގެން ކުރިޔަށް ދިއުމުގެ މަގު ޝަމާއިލަކަށް ބަންދެއް ނުވެއެވެ. މަސްވެރިކަމުން އެންމެބޮޑު މަންފާއެއް ހޯދަމުންދިޔަ ” ހާވިލާ ” ދޯނިން މަހަށް ދިއުމުގެ ފުރުސަތު އޭނާއަށް ލިބުނެވެ. ދިރިއުޅުމާއިގެން ކުރިޔަށް ދިއުމަށް އެންމެ ބޭނުންވި ގޮތް ނުވިޔަސް އޭނާގެ އަޒުމަކަށް ބަދަލެއް ނާދެއެވެ.

ހިތްވަރު ކުރަން ކިތަންމެ ބޭނުންވި ނަމަވެސް ދަނީނަކަށް އެކަން ކާމިޔާބެއް ނުވިއެވެ. ހިތާމައާއި ހިތްދަތިކަމުގައި ދިރިއުޅުން ބޮއްސުން ލިއެވެ. ކިޔެވުންމަތިން ފޫހިވިއެވެ. ކެއިން ބުއިމާއި ދުރުވެވި އެކަނި މާއެކަނި ކޮޓަރީގައި ހޭދަކުރާ ވަގުތު އިތުރުވަމުން ދިޔައެވެ. ޖުމާނާ އާއި ރާފިއު ދެމުންދިޔަ ހިތްވަރާއި ނަސޭހަތުން މާބޮޑު ކުރިއެރުމެއް ނުލިބުނެވެ. ގާތްރައްޓެހިންގެ ވާހަކަތައް އަޑުއަހާ ހިތެއް ނުވިއެވެ.

ބަދަލުވި ވިސްނުމާއިއެކު ޝަމާއިލް މަސައްކަތާއި ކުރިމަތިލިއެވެ. އޭނާގެ ހާލަތު އެންމެ ގާތުން ފެންނަމުންދިޔަ ކެޔޮޅު ބާރީގެ ފަރާތުން ޝަމާއިލް އެންމެ ބޭނުންވި އެހީތެރިކަމާއި އެއްބާރުލުން ލިބުނެވެ.

ނިމާދުގެ ރޭވުމަށް ނަމަވެސް، ޝަމާއިލާއި މެދު ކަންތައް ކުރެވުނުގޮތާއިމެދު ދަނީނަށް ވިސްނާލެވުނެވެ. ޝަމާއިލްގެ ތަޢުލީމީ ޙަޔާތުގައި ނިމުމުގެ ސިއްކަޖެހުނީ ދަނީންގެ ސަބަބުންނެވެ. ނުކުރާ ކުށެއްގެ ސަބަބުން ބޮޑު ލަދެއްގައި ބެދެން ވެސް ޖެހުނީ އެހެންވެއެވެ. ތަޢުލީމާއިގެން ކުރިޔަށް ދިއުމަށް ދެކެމުންއައި ހުވަފެންތައް ވިއްސިވިހާލިވީއެވެ. އައިސާ އާއި ކާސިންފުޅުގެ އުންމީދުތައް ފެނަށް ވީއެވެ. މަޢާފަށް އެދިގެން އައިސް އައިސާ ކުރި އާދޭސްތަކާއި، ސްކޫލު އޮފީހުގައި ޝަމާއިލް ރޮމުން ކުރި އާދޭސްތައް މިހާރު ވެސް ދަނީނަށް އިވޭ ކަހަލައެވެ.

މީހެއްގެ ދަށުވިޔަސް އަނެކާއަށް އެވަރުގެ ބޮޑު ގެއްލުމެއް ދޭން ހެޔޮނުވާނެކަން ދަނީނަށް ވިސްނުނީ މިހާރުއެވެ.

ޝަމާއިލާއި ބެހޭގޮތުން އޭނާ ދެއްކި ވާހަކަތަކުގެ ޙަޤީޤަތް ހާމަކޮށް ޝަމާއިލާއި އައިސާގެ ކިބައިން މަޢާފަށް އެދެން ދަނީން ބޭނުންވިއެވެ. ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ކިޔަސް އޭނާގެ ވާހަކަތައް ގަބޫލު ކުރިޔަސް ނުކުރިޔަސް ޙަޤީޤަތް ވާނީ ޙަޤީޤަތަށެވެ. އޭނާއާމެދު މީހުން ކޮންމެ ގޮތަކަށް ދެކުނަސް މައްސަލައެއް ނެތެވެ. މަޢާފަށް އެދެން ޖެހޭ މީހުން ކިބައިން މަޢާފަށް އެދުމުން މަޢާފް ކުރުމާއި ނުކުރުން އެއީ އެމީހުންގެ ކަމެކެވެ.

މަސައްކަތުގެ މައިދާނަށް ޝަމާއިލް ނުކުތުމާއިއެކު އެ ޢާއިލާގެ ދިރިއުޅުމުގެ ހާލަތު މަޑުމަޑުން ރަނގަޅުވާން ފެށިއެވެ. ގެ މަރާމާތުކުރުމާއި ދިރިއުޅުމުގެ މުހިންމު ބޭނުންތަކަށް ކުރަންޖެހޭ ޚަރަދުތައް ޝަމާއިލްގެ މަސައްކަތުން ހަމަޖެހޭގޮތް ވިއެވެ. ތަޢުލީމީ ހަޔާތުގައި ނާކާމިޔާބާއި ކުރިމަތިލާން ޖެހުނަސް މަސައްކަތުގެ މައިދާނުގައި އޭނާއަކީ ނާކާމިޔާބު މީހަކަށް ނުވިއެވެ. އޭނާގެ މަސައްކަތާއިމެދު އޮޑިވެރިންނާއި ކެޔޮޅު ހިތްހަމަ ޖެހެއެވެ. އެގޮތުގައި ދެމިހުރުމަށް އެކުގައި މަސައްކަތްކުރާ މީހުން ހިތްވަރާއި ނަސޭހަތް ދެމުން ދިޔައެވެ.

ތަރިރުހަނދުގެ ދައުރުވުމާއިއެކު ދުވަސްތަކާއި ރޭތައް މާޒީއާއެކުވަމުން ދިޔައެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.