ތަރިރުހަނދުގެ ދައުރުވުމާއިއެކު ދުވަސްތަކާއި ރޭތައް މާޒީއާއެކުވަމުން ދިޔައެވެ.

ކުރަމުންދިޔަ މަސައްކަތުން ރަނގަޅު އާމްދަނީއެއް ލިބުމުގެ އިތުރުން ޢާއިލާއާއެކު ވަގުތު ހޭދަކުރަން ލިބޭތީ ޝަމާއިލް ހުރީ ހިތްހަމަ ޖެހިފައެވެ.

ހަވީރު ހައެއް ޖަހާކަން ހާއިރެވެ. މަހުން ލަފައިގެން ގެއާއި ދިމާއަށް އައި ޝަމާޢިލްގެ އަތުގައި ދެތިން މަސް އޮތެވެ. މަގުމަތިން ފެންނަމުން ދިޔައީ ފަޅުކަމާއި ހަމަހިމޭން ކަމެވެ.

މާބޮޑު ޚިޔާލެއް ފިކުރެއްނެތި ހިނގަމުންދިޔަ ޝަމާއިލް ސިއްސައިގެން ދިޔައީ ކުއްލިއަކަށް، އޭނާގެ ކުރިމައްޗަށް މީހަކު އެރުމުންނެވެ. ލިބުނު ސިހުމާއިއެކު އަވަސް އަވަހަށް ޝަމާއިލަށް ބަލައިލެވުނީ އެއީ ކާކުތޯ އެވެ.

ދަނީން ފެނުމާއިއެކު ޝަމާއިލްގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ހިތްހަމަ ނުޖެހުމާއިއެކު ދަނީނަށް ބަލާލަމުން އޭނާގެ ގައިން ނެއްޓި ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ.

” އަހަރެންނަށް މަހެއް ވިއްކަބަލަ. ” ދަނީންގެ ބޭނުމަކީ ޝަމާއިލާއި ވާހަކަ ދެއްކުމެވެ.

ހިތްހަމަ ނުޖެހުނު ނަމަވެސް މީހަކު ކަމަކު ކިޔުމުން ބޮލާލާ ޖަހާފައި ދިއުމަކީ ޝަމާއިލް ކުރާނެ ކަމެއް ނޫނެވެ. ޝަމާއިލް މަޑުކުރުމުން ދަނީން އައިސް ވާހަކަ ދައްކަން ފެށިއެވެ.

” އަހަރެންނަށް އެނގޭ ޝަމާއިލް ހުންނާނީ އަހަރެން ދެކެ ވަރަށް ރުޅިއައިސްފައިކަން … އެކަން އެހެންވީ ވެސް އަހަރެންގެ ސަބަބުންކަން ގަބޫލު ވެސް ކުރަން. އެކަމާ ދެރަވެ ހިތާމަ ކުރަން. ޝަމާއިލްގެ ކިބައިން މަޢާފަށް އެދެން …. އަހަރެންނަށް މަޢާފްކުރޭ. އާދޭސް ކޮށްފައި ބުނަން ޝަމާއިލް އަހަރެންނަށް މަޢާފްކުރޭ. ” ދަނީންގެ ކިބައިން ފެންނަމުންދިޔައީ ހިތާމަ އާއި ހިތްދަތިކަމުގެ އަސަރުތަކެވެ.

” އަހަރެންނާއި އަހަރެންގެ މަންމަ …. ދަނީން އާއި ދަނީންގެ މުޅި ޢާއިލާގެ ކިބައިން މަޢާފަށް އެދުނިން. ރޮއި އާދޭސް ކުރިން. ކޮށްލެވުނު ކުޑަކުޑަކަމެއް ބޮޑު ކަމަކަށް ހަދައިގެން ދައްކާލި ވާހަކަތައް ހަނދާން އެބަހުރިތަ؟ އެ ދުވަހު ކަންތައް ކުރިގޮތް ހަނދާން އެބަހުރިތަ؟ އެ ދުވަހު އަހަރެންނާއި އަހަރެންގެ މައިންބަފައިން ރުއިރުއިމާއި ކުރި އާދޭހުގައި ކޮޅުފައިން ޖެހީމަ މިއަދު މިހެން މަހެއް ހިފައިގެން ހުންނަން މިޖެހުނީ. އެންމެ ކުޑަމިނުން ދަނީންގެ ބައްޕަ ދެއްކި ވާހަކަ އަޑުއަހަން ވެސް އެދުވަހު ދަނީން ބޭނުންނުވި. އެންމެ ބޭނުންވި ވަގުތު ތަޢުލީމުން މަހުރޫމު ވުމުން އަހަރެންނާއި އަހަރެންގެ ޢާއިލާއަށް ކުރާނެ އަސަރާއިމެދު ވިސްނާލީމުތަ؟ ….. ނުވިސްނޭނެ …. ދަނީނާއި ދަނީންގެ މަންމަގެ ނަޒަރުގައި ހުރިހާ ވެސް އެއްޗަކީ އިއްޒަތާއި ގަދަރާ ތަނަވަސްކަން. މަޝްހޫރުކަމާއި މަގުބޫލުކަން. ނިކަމެތިންނަކީ އެއްވެސް ބައެއްނޫން. އެކަމު …. މިއަދު ވެސް އެހުރި މަގާމުގައި އެހުރީ އަހަރެންގެ މަންމަ އާއި ބައްޕަގެ ވޯޓް ހިމަނައިގެންނޭ …. މިހާރު ދެން ….. ” އިސްދަށަށް ޖަހާލައިގެން ހުރެ މަޑުމަޑުން ވާހަކަ ދައްކަމުންދިޔަ ޝަމާއިލްގެ ދެލޮލުން ކަރުނަ ފާއްދާލިއެވެ. އެވާހަކަތައް ދައްކަން ޖެހުމުން އޭނާއަށް ކޮށްފައިވާ ފުން އަސަރު އޭނާގެ ކިބައިން ފާޅުވަމުން ދިޔައެވެ. މާޔޫސްކަމާއި ހިތްދަތިކަން އޭނާ ވަށާލާފައިވިއެވެ.

ޝަމާއިލް ދައްކަމުންދިޔަ ވާހަކަތައް އަޑުއަހާނެ ހިތްވަރެއް ދަނީނަކަށް ނުލިބުނެވެ. އެވާހަކަތައް ނުނިމެނީސް އޭނާއަށް ރޮވިއްޖެއެވެ. އަވަސް އަވަހަށް ގެއާއި ދިމާއަށް ދުއްވައިގަތީ އިތުރަށް މަޑުކުރާނެ ހިތްވަރު ނުލިބުމުންނެވެ.

ދަނީން ދެކެ ކިތަންމެ ލޯބިވި ނަމަވެސް އެދުވަސްތައް ޝަމާއިލްގެ ހަނދާނުން ދުވަހަކު ވެސް ފިލައިގެން ނުދާނެއެވެ. އެ ހިތާމައާއި ހިތްދަތިކަމަކީ އޭނާގެ މުޅިހަޔާތާއި ގުޅިފައިވާ ކަމެކެވެ. ދުރުވާން ބޭނުންވި ނަމަވެސް އެހަނދާންތަކާއި ދުރަކަށް އޭނާއަކަށް ނުވެސް ދެވޭނެއެވެ.

އެކަނި މާއެކަނި ކޮޓަރީގައި އޮތް ދަނީން ވިސްނަމުން ދިޔައީ ޝަމާއިލާއި މެދުގައެވެ. އޭނާ ދެއްކި ވާހަކަތަކާއިމެދުގަ އެވެ. ޙަޤީޤަތުން ފުރިގެންވީ އެވާހަކަތައް ހަނދާން ވުމުން ދަނީންގެ ދެލޮލުން ކަރުނަ ފާއްދާލިއެވެ. ކުރެވުނު ކުޑަކުޑަ ކުށަކަށް އެވަރުގެ ބޮޑު އަނިޔާއެއް ދޭކަށް ނުވާނެއެވެ. ޝަމާއިލް ކުރި ކަންތަކުން ދަނީނަށް ވީ ގެއްލުމެއް، ލިބުނު ހިތާމައެއް، ހިތްދަތިކަމެއް ނެތެވެ. މަޢާފް ނުކުރާންވީ ސަބަބެއް ވެސް ނެތެވެ.

ޝަމާއިލް އާއި އޭނާގެ މައިންބަފައިންގެ އާދޭސްތަކުގައި ދަނީން އާއި އޭނާގެ މަންމަ ކޮޅުފައިން ޖެހިއެވެ. އެވަރުން ނުވެގެން އެކަމުގައި ކުރިޔަށް ދެވެންހުރި ހުރިހާ މަގެއް ބަންދުކުރިއެވެ. އެދުވަހު އެހެން ނުހެދިނަމަ މިއަދު ވެސް ޝަމާއިލް ހުންނަނީ ކިޔަވާ ކުއްޖެއްގެ ގޮތުގައެވެ. ދަނީން ދެރަވާން ޖެހޭވަރުގެ ކަމެއް ދުވަހަކު ވެސް ޝަމާއިލްގެ ފަރާތުން ނުފެނެއެވެ. އެފަދަ ކަމެއް ނުކުރެއެވެ. ކިތަންމެ ވަރަކަށް އެއްޗެތި ކިޔައި މަލާމަތްކުރިޔަސް ރައްދެއް ވެސް ނުދެއެވެ.

ނިމާދުގެ ކައިވެނީގެ ސަބަބުން ދަނީނަށް ކުރިމަތިވި ހިތާމަ އާއި ހިތްދަތިކަމުން އަރައިގަންނަން ދުވަސްކޮޅެއް ނެގިއެވެ. އެ ގުޅުމުގައި ދިގުމުއްދަތެއް ހޭދަ ނުކުރެވުނުކަން އެއީ އޭނާގެ ނަސީބޭ ދަނީންގެ ހިތަށް އެރިއެވެ. އެހެން ނޫންނަމަ އޭނާއަށް މިވަރުގެ ހިތްވަރެއް ވެސް ނުލިބުނީހެވެ.

ދަނީންގެ މިޒާޖަށް މަޑުމަޑުން ބަދަލު އަންނަމުންދިޔައެވެ. އޭނާގެ ކިބައިން ފެންނަމުންދިޔަ ހިތާމަ އާއި ހިތްދަތިކަމުގެ މައްޗަށް އެހެން ކަމެއް ވެރިވެގަތެވެ. ކިޔެވުމަށް ދެމުން ދިޔަ ސަމާލުކަން އިތުރުކުރިއިރު، ކުރިއެކޭ އެއްގޮތަށް ރައްޓެހިންނާއިއެކު ބޭރަށް ގޮސް ވަގުތު ހޭދަކުރަން ފެށިއެވެ. މަދަރުސާގެ އެހެނިހެން ހަރަކާތްތަކުގައި ވެސް ބައިވެރިވާން ފެށިއެވެ.

ބަނދަރާއި ގުޅިފައިވާ ދޮންވެލި ތުނޑީގައި ކުޅެ އުފާކުރަމުންދިޔަ ކުޑަކުދިންގެ އަޑު މުޅި ސަރަހައްދަށް ފެތުރިފައި ވިއެވެ. އެކުދިންނަށް ލިބިފައިވާ އުފަލާއި ހިތްހަމަޖެހުން އެ ލޯބިލޯބި މޫނުތަކާއި ހަރަކާތްތަކުން ފާޅުވޭވޭ ހުއްޓެވެ.

ދަނީނާއި ސަމްރާ ތިބީ ބަނދަރު ސަރަހައްދުގައި ހަދާފައިވާ ޖޯލިފަތިތަކުން ޖޯލިފައްޗެއްގައެވެ.

ކުއްލިއަކަށް ދަނީން ކޮށްލި ހަރަކާތާއިއެކު ސަމްރާ ދިޔައީ ސިއްސައިގެންނެވެ. ދަނީންގެ ލޯ އަމާޒުވެފައިހުރި ދިމާއަށް ބަލައި ލެވުނީ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ.

” މޮޔަވީތަ؟ ” ސަމްރާއަށް ލިބުނީ ހައިރާންކަމެވެ. އުފެދުނީ ސުވާލުތަކެވެ. ދޯނިން ފައިބައިގެން އެއްގަމާއި ދިމާއަށް އައި ޝަމާއިލަށް ބަލަން އިނދެ ދަނީން ދައްކަމުންދިޔަ ވާހަކަތައް ސަމްރާއަކަށް ގަބޫލެއް ނުކުރެވުނެވެ.

” އާން …. ހަމަ ރަނގަޅަށް ވެސް އަހަރެން މޮޔަ ވެއްޖެ …. ޝަމާއިލާއި ހެދި އަހަރެން މޮޔަވެއްޖެ. އޭނާއާ ނުލައި އަހަރެންގެ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެ. ޝަމާއިލަކީ އަހަރެންދެކެ ޙަޤީޤީލޯބި ވި ހަމައެކަނި މީހާ …. އެހެން އެންމެން ވެސް ދެއްކީ ދަޅަ. ކެނޑީ ފޮނި. މިހާރު އަހަރެންނަށް ޔަގީން ވެއްޖެ. ” ހިތުގައި އަތްއަޅާލަމުން ސަމްރާއާ ދިމާއަށް ބަލައިލި ދަނީން ހާމަކުރީ އޭނާގެ ހިތުގެ ހާލެވެ. އޭނާއަށް ވިސްނޭގޮތާއި ގަބޫލުކުރާ ގޮތެވެ.

” ކާކު ތި ވާހަކަ ގަބޫލު ކުރާނީ؟ އެންމެ ކުޑަމިނުން ޝަމާއިލް ވެސް ތި ވާހަކަތައް ގަބޫލެއް ނުކުރާނެ. އޭނާއާމެދު ދަނީން ކަންތައް ކުރިގޮތް މިރަށު އެންމެނަށް އެނގޭ. ދަނީން ދެއްކި ވާހަކަތައް މިއަދު ހިނގި ކަމެއްހެން މީހުންގެ ހަނދާނުގައި ހުންނާނެ. ” ސަމްރާ ހާމަކުރީ އޭނާއަށް ގަބޫލުކުރެވޭގޮތެވެ.

” ކީއްވެ ގަބޫލު ނުކުރަންވީ؟ އަހަރެން މި ބުނީއެއްނު އަހަރެން އެންމެ ލޯބިވަނީ ޝަމާއިލް ދެކެއޭ. އެރޭ އަހަރެން ދެއްކީ ދޮގު ވާހަކަތަކެކޭ. އޭރު އެހެން ހެދުނީ ނިމާދުގެ ވާހަކަތަކަށް މާބޮޑަށް ހެއްލެވުނީމައޭ …. ދެނެއް އެހެނެއް ނުވާނެއޭ. އަހަރެންގެ ސަބަބުން ޝަމާއިލަށް ލިބުނު ގެއްލުން ފޫބައްދައިދޭން ކުރެވޭންހުރި ކޮންމެ ކަމެއް ކުރާނަމޭ. ” ސަމްރާއަށް ދަނީން ދޭން ބޭނުންވީ ޔަގީންކަމެވެ. ހޯދަން ބޭނުންވީ އޭނާގެ އިތުބާރެވެ.

ސަމްރާ އާއި ޝަމާއިލްގެ މެދުގައި ގާތް އެކުވެރިކަމެއް އޮންނަކަން ދަނީނަށް އެނގެއެވެ. ކުޑައިރު އުފެދުނު އެ އެކުވެރިކަން މިއަދު ވެސް އޮތީ އެގޮތުގައެވެ. އެގުޅުމަށް ބަދަލެއް ނާންނަކަން އެމީހުންގެ ހަރަކާތްތަކުން މިއަދު ވެސް ފެންނަން އޮތެވެ.

” ޕްލީސް ހެލްޕު މީ. ސަމްރާއަށް މިކަން ވާނެ. ” ދަނީން އާދޭސް ކުރިއެވެ.

” އަހަރެންނަށް ކުރެވޭނީ މަސައްކަތް …. ކާމިޔާބު ވުމާއި ނުވުން އެއީ އެހެންކަމެއް. ޝަމާއިލް ލައްވައި ގަދަކަމުން ކަމެއް ކުރެވޭވަރުގެ މީހެއް ނޫން އަހަރެންނަކީ. އޭނާ ނޯ ބުނެފިއްޔާ ދެވަނަ ފަހަރަށް އަހަރެން ފޮނުވަން ނޫޅޭތި. އަހަރެންނަށް ވީވަރެއް ކޮށްދޭނަން. އެގޮތް އޯކޭތަ؟ ” ސަމްރާ ހާމަކުރީ ޙަޤީޤަތެވެ.

” ވަރަށް ބޮޑަށް ޝުކުރިއްޔާ! ” ސަމްރާ އެހީތެރިވާނެ ވާހަކަ ބުނުމުން ދަނީނަށް ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުނެވެ.

ހުކުރުވިލޭރޭގެ ނުވައެއް ޖަހާކަން ހާއިރެވެ. ސަމްރާ އާއި ޝަމާއިލް ބައްދަލުވީ ޝަމާއިލްމެންގެ ގެ ކައިރިންނެވެ. މަގުމަތީގައި އެ ދެމީހުން ފިޔަވައި އެހެން އެއްވެސް މީހަކު ނެތެވެ. ލިބުނީ ސަމްރާ އެންމެ ބޭނުންވި ފަދަ ފުރުސަތެކެވެ.

” ޝަމާއިލް! ވަރަށްބޮޑު ވާހަކައެއް ބުނަން ވެފައި އެބައޮތް …. އެކަމު … އެކަމާއި ހިތްހަމަ ނުޖެހުނަސް އަހަރެންދެކެ ރުޅި އައިސްގެން ނުވާނެ. ” ވަށައިގެން ހޯދާލަމުން ސަމްރާ ވާހަކަ ދެއްކިއެވެ. އެވާހަކަތައް އެހެން އެއްވެސް މީހަކަށް އިވޭން އޭނާ ބޭނުންނުވާ ކަހަލައެވެ.

” އާދެ. ލައްބަ. ” ސަމްރާއަށް ބަލައިލަމުން ޝަމާއިލް ހިނިތުންވެލިއެވެ.
ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.