ޝަމާއިލާއި ސަމްރާގެ މެދުގައި އުފެދި ޢާލާވަމުންދިޔަ ލޯބީގެ ގުޅުމުގެ މަޢުލޫމާތު ދަނީނަކަށް ނުލިބެއެވެ. އެފަދަ ވާހަކައެއް އަޑުވެސް ނާހައެވެ.

ތަރިރުހަނދުގެ ދައުރުވުމާއިއެކު ދުވަސްތަކާއި ރޭތައް މާޒީއާއެކުވަމުން ދިޔައެވެ. ކައިވެންޏަށް ތައްޔާރުވަމުންދިޔަ ޝަމާއިލާއި ސަމްރާގެ ކިބައިން ފެންނަމުންދިޔައީ އުފަލާއި ހިތްހަމަޖެހުމެވެ.

ޝަމާއިލާއި ދަނީން ވާހަކަ ދައްކައި މަޝްވަރާކުރި ފަދައިން އެމީހުންގެ ލޯބީގެ ގުޅުން އޮތީ ސިއްރެއްގެ ގޮތުގައެވެ. ބައްދަލުވުންތައް ބާއްވަމުން ދިޔައީ ވެސް އެހެން މީހުންގެ ލޯތަކަށް ސިއްރުންނެވެ. އޮއްސޭއިރާއިއެކު ރަށުގެ ހޭޅިފަށުގައެވެ. ނުވަތަ ގަސްބޯ އެހެން ކޮންމެވެސް ތަނެއްގައެވެ.

ދަނީނާއި ސަމްރާގެ މެދުގައި އޮތް އެކުވެރިކަމުގެ ގާތްގުޅުން ކަނޑާލީ ދަނީން އަމިއްލައަށެވެ. އެކަމާއި ވާހަކަ ދައްކަން ސަމްރާ ބޭނުންވި ނަމަވެސް ދަނީން ބޭނުމެއް ނުވިއެވެ. އެހިސާބުން ސަމްރާ ވެސް އެކަން ހުއްޓާލީއެވެ.

އެމީހުންނާއިމެދު ބަޔަކަށް ޝައްކު ވެދާނެހެން ހީވި ހިސާބުން ޝަމާއިލް ގާތު ދަނީން އެވާހަކަ ދެއްކިއެވެ. ދަނީންގެ އެ ކަންބޮޑު ވުމާއިމެދު ޝަމާއިލް ވިސްނިއެވެ. އެހެން މީހަކަށް މިގުޅުމާއިބެހޭ އެއްވެސް މަޢުލޫމާތެއް އެނގޭން ބޭނުންނުވާ ޝަމާއިލްގެ، ހުށަހެޅުމަކަށްވީ އެހެން ތަނަކަށް ބައްދަލުވުން ބަދަލުކުރުމެވެ.

އަލަށް ލިބުނު ގޯތިތަކަކީ އާންމުން ދިރިއުޅެމުންދާ ސަރަހައްދާއި ތަންކޮޅެއް ދުރުން ދޫކޮށްފައިވާ ގޯތިތަކެވެ. އިމާރާތް ކުރުމުގެ މަސައްކަތް ކުރަމުންދިޔަ ނަމަވެސް އިރުއޮއްސުމަށްފަހު އެސަރަހައްދުން މީހަކު ފެނުމަކީ ނާދިރު ކަމެކެވެ. ވަރަށް މުހިންމު ކަމެއް ޖެހިގެން ނޫނީ އެގަޑީގައި އެއްވެސް މީހަކު އެސަރަހައްދަކަށް ނުދާނެއެވެ. އޮއްސޭއިރާއިއެކު ވެރިވާ އަނދިރިކަމާއި ހަމަހިމޭންކަން އިރުއެރުމާއި ހަމައަށް އޮންނާނީ އެގޮތުގައެވެ.

ޝަމާއިލްގެ ވިސްނުން ދަނީނަށް ވެސް ކަމުދިޔައެވެ. އެހެން މީހަކަށް ޝައްކު ވެސް ނުވާނެހެން އެދިމާއަށް މިސްރާބު ބަދަލު ކޮށްލިއެވެ. އެމީހުނަށް އެންމެ ރަނގަޅުވާނީ އެގޮތް ކަން ދަނީނަށް ވެސް ޔަގީނެވެ.

ނިމާދުގެ ފަރާތުން ދަނީނަށް ނުލިބުނު އެތައް އުފަލަކާއި އަރާމެއް ޝަމާއިލްގެ ފަރާތުން ދަނީނަށް ލިބެމުންދިޔައެވެ. ޙަޤީޤީ ލޯތްބަކީ ކޮބައިކަމާއި ލޯބީގެ އާރާއިބާރު ދަނީނަށް އިހުސާސްވާން ފެށީ މިހާރުއެވެ. ލިބެމުންދިޔަ އުފަލާއި ހިތްހަމަ ޖެހުމުގެ ސަބަބުން ޝަމާއިލާއި ދުރުގައި ހުންނަން ދަނީނަށް އުނދަގޫވާން ފެށިއެވެ. ޝަމާއިލާއިއެކު ހޭދަކުރެވޭ ވަގުތު މަދުވެ ސަކުވާ ކުރެވޭން ވެސް ފެށިއެވެ. އޭނާގެ ހިތް އެދެމުންދަނީ އަބަދު ވެސް ޝަމާއިލާއި އެންމެގާތުގައި ހުރުމަށެވެ.

ދަނީންގެ އުޅުމަށް އަންނަމުންދިޔަ ބަދަލާއިމެދު ވިސްނާލާކަށް ޖުމާނާ އާއި ރާފިއު އަކަށް ވަގުތެއް ނުވެއެވެ. ވިޔަފާރީގެ ކަންތަކާއިގެން ރާފިއު އުޅެމުންދިޔައިރު، ހޭބޯނާރައި ޖުމާނާ އުޅުނީ ޕާޓީގެ ކަންތަކާއިގެންނެވެ. މަގާމު ދިފާއުކުރުމާއި ބާރުވެރިކަން ހޯދުމާއިގެން ނެވެ. ދުނިޔެވީ ކަންތަކާއިގެން އުޅެފައި އެހެން ކަމެއް ކުރާކަށް އެމީހުނަކަށް ވަގުތެއް ނުވެއެވެ.

ޝަމާއިލްގެ ފަރާތުން ލިބެމުންދިޔަ ލޯތްބާއި އަޅާލުމުގެ ސަބަބުން ސަމްރާ ހުންނަނީ ވަރަށް ހިތްހަމަޖެހިފައެވެ. ކައިވެނީގެ ކުރިން ނިންމަން ބޭނުންވާ ބައެއް ކަންކަން ނިންމުމާއިގެން ޝަމާއިލް އުޅެމުންދިޔައެވެ. ޝަމާއިލަށް ބޭނުންވާ ހިތްވަރާއި އެހީތެރިކަން ދިނުމަކީ ސަމްރާގެ ހިތުގެ ހަމަޖެހުމެވެ. އެދެމެދުގައިވި ލޯބީގެ ވަރުގަދަ ކަމާއި ތެދުވެރިކަމެވެ.

ދަނީންގެ ހަށިގަނޑަށް ބަދަލުތަކެއް އަންނާން ފެށިއެވެ. ބޯ އެނބުރުމާއި މޭނުބައިކުރުން ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން ދިޔައެވެ. ތެދުވެ އުޅެން އުނދަގޫވާ ދުވަސް ގިނަވިއެވެ. ކާހިތް ކެނޑުނެވެ.

އިރުއޮއްސި ހަގަޑި ތިރީސްކަން ހާއިރެވެ. ދަނީނާއި ޝަމާއިލް ތިބީ އެމީހުންގެ ލޯބީގެ މަންޒިލް ކަމުގައިވި އިމާރާތުގައެވެ. އަލަށް އާބާދުވަމުންދާ ސަރަހައްދުގައި އިމާރާތް ކުރަމުންދާ އެގެއަކީ ރާނައި ހިޔާކޮށް ސިމެންތި ޖަހާފައިވާ ބޮޑު ގެއެކެވެ. ޒަމާނީ ފެންވަރަށް ކަންކަން ފުރިހަމަ ކުރަމުންދިޔަ އެގޭގެ ވަރަށްބޮޑުބައެއް ވަނީ ނިމިފައެވެ. ލޯބީގެ ވަގުތުތައް އެކުގައި ހޭދަކޮށްލާ އުފާކޮށްލަން އެކަށީގެންވާ އެތައް ތަނެއް އެގޭގައި ހުއްޓެވެ.

” ދެން ކިހިނެތް ހަދާނީ ؟ …. މަންމައަށް އެނގިއްޖެއްޔާ އަހަރެންގެ ދުވަސް ދުއްވާލާނެ. އަހަރެން މުޅިރަށަށް ފަޟީޙަތްވެ ބޭޒާރުވާނެ. މީހުންގެ މަލާމާތާއި ފުރައްސާރައާ ކުރިމަތިލާން ޖެހޭނެ …. ހިނގާ ކައިވެނި ކުރަން. ” ދަނީންގެ ކިބައިން ފާޅުވަމުން ދިޔައީ ހާސްކަމާއި ކަންބޮޑުވުމެވެ. މޫނުމަތިންނާއި ހަރަކާތްތަކުން ފެންނަމުން ދިޔައީ ހިތާމައާއި ކަންބޮޑުވުމުގެ ކުލަވަރެވެ.

” ތިހެން ބުނާއިރަށް ކިހިނެއް ކައިވެނި ކުރާނީ؟ …. އެއީ ވެސް ތިބުނާހާ ފަސޭހައިން ވާ ކަމެއް ނޫނޭ. ދަނީންގެ މައިން ބަފައިންގެ ރުހުން ހޯދަން ޖެހޭއިރު އެކަން ކުރާނީ ވެސް ކިހިނެއް؟ …. ދުވަހަކު ވެސް އެމީހުން މިކަމަށް އެއްބަހެއް ނުވާނެ. ދަނީންގެ ބައްޕަ ވަލީއެއް ނުދޭނެ. ދަނީންގެ ބައްޕަ ރާއްޖެ އަންނާނެ ދުވަހެއް އެނގެނީއެއް ނޫން. ބައްޕަ އައިމަ ވަލީގެ ކަންތައް ހަމަޖައްސައިގެން ނޫން ގޮތަކަށް ވާކަށް އޮތީއެއް ނޫން. ބައްޕަ އަންނަންދެން ކެތްތެރިކަމާއި ވިސްނުންތެރިކަމާއިއެކު ކުރިޔަށް ދިއުން އޮތީ …. އެހެން ގޮތެއް ފެނޭތޯ އަހަރެން ވެސް ބަލާލަން. ހެދުން އެޅުމާއި ބޭރަށް ނުކުތުމުގައި ވިސްނައިގެން އުޅޭތި. ދެން ހިނގާ ގެއަށް ދާން …. ބަލައިގެން ދާތި. ” ލޯތްބާއި އޯގާތެރި ކަމާއިއެކު ދަނީންގެ ގައިގާ ފިރުމަމުން ޝަމާއިލް ވާހަކަ ދައްކަމުން ދިޔައެވެ. ކަންތައް ދިމާވިގޮތަށް އޭނާ ވެފައިވާ ދެރައާއި އޭނާގެ ހިތަށް ކޮށްފައިވާ އަސަރު އަޑާއި ހަރަކާތުން ކިތަންމެ ރަނގަޅަކަށް ވެސް އެނގެއެވެ.

ގެއަށް ދިއުމަށް ނުކުތްއިރު ވެސް ދަނީންގެ ކިބައިން ފާޅުވަމުންދިޔަ ހާސްކަމާއި ކަންބޮޑުވުމަށް ލުޔެއް ނުލިބެއެވެ. ހިތާމައާ ހިތްދަތިކަމެއް ނިމުމެއް ނައެވެ.

ދަނީނަށް އަންނަމުންދިޔަ ބަދަލާއި އޭނާ އުޅެމުންދިޔަގޮތް ޖުމާނާއަށް ފާހަގަވީ ކުއްލި އަކަށެވެ. އެތައް އަހަރެއް ވާންދެން ނާސިންގ ދާއިރާގައި މަސައްކަތްކޮށްފައިވާ ޖުމާނާއަށް ދަނީންގެ ހާލަތު ދެނެގަންނާކަށް މާގިނަ ވަގުތެއް ބޭނުމެއް ނުވިއެވެ.

ނުވައެއް ޖަހާކަން ހާއިރެވެ. ރޭގަނޑަށް ކައި ބަދިގެތެރޭގެ މަސައްކަތްތައް ނިންމާލިއިރު ވެސް ދަނީން ނައުމުން އޭނާގެ ކޮޓަރިއަށް ޖުމާނާ ދިޔައެވެ. ހިތާމައާއި ހިތްދަތިކަމުގެ ތަސްވީރެއް ފަދައިން އިން ދަނީން ފެނުމުން ޖުމާނާގެ ހިތަކަށް ކެތެއް ނުވިއެވެ.

ދަނީންގެ ހާސްކަމާއި ކަންބޮޑުވުން އިތުރުވިއެވެ. ސުވާލުތަކުން މީހާ ހާސްކޮށްލިއެވެ.

” ދަރިފުޅާ! … މަންމައަށް އެނގޭ ދަރިފުޅުގެ ހާލަތު. އެސުވާލު މުހިންމެއް ވެސް ނޫން. ބޭނުންވަނީ ތިކަން ހިނގާދިޔަ ގޮތް ބަލަން. ” ޖުމާނާގެ ކިބައިން ފެނުނީ މަޑުމައިތިރިކަމާއި އޯގާތެރިކަމެވެ. ދަނީންގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. ތެދުވެރި ކަމާއިއެކު އެވާހަކަދައްކަން ހިތްވަރު ލިބުނެވެ. މިވަގުތަށް އެންމެރަނގަޅުވާނީ އެގޮތްކަން ވިސްނުނެވެ.

ޝަމާއިލާއި ދަނީންގެ މެދުގައި ލޯބީގެ ގުޅުމެއް އޮތް ވާހަކަ ބުނުމުން ޖުމާނާއަށް ލިބުނީ ހައިރާންކަމެވެ. އުފެދުނު ސުވާލުތައް އިތުރުވިއެވެ. ކަންބޮޑުވުން ވެސް އުފެދުނެވެ. ވާހަކަދައްކައި ނިމުނުއިރު ދަނީނަށް އިނީ ރޮވިފައެވެ. ހުއްޓުމެއްނެތި ދެލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ. އެކަމުން އޭނާ ސަލާމަތްކޮށްދިނުމަށް އެދި އާދޭސް ކުރިއެވެ.

ދަނީނާއި ޝަމާއިލްގެ މެދުގައި ޖެހުނު ބޮޑު މައްސަލަ ޖުމާނާ ހަނދާން އެބަހުއްޓެވެ. އެފަހަރު ދަނީންގެ ސަބަބުން ޝަމާއިލް ބަދުނާމުވިއެވެ. އެތައް ހިތާމައަކާއި ހިތްދަތިކަމަކާއި ކުރިމަތިލާން ޖެހުނެވެ. ތަޢުލީމުން މަހުރޫމްވާން ޖެހުނެވެ. އެޢާއިލާގެ އާދޭސްތަކަށް ދަނީނާއި ޖުމާނާ ދިނީ ބީރުކަންފަތެވެ. ދެއްކީ ބޮޑާކަމާއި ކިބުރުވެރިކަމެވެ.

މިކަން މިހެން ވެއްޖެނަމަ ދަނީން މުޅިރަށަށް ބޭޒާރުވެ ފަޟީޙަތް ވާނެއެވެ. އެތައް ބައެއްގެ މަލާމާތާއި ފުރައްސާރަ ކުރިމަތި ވުމުގެ އިތުރުން ބޮޑު އަދަބެއް ލިބޭނެއެވެ. ދުވަހަކު ހަނދާނުން ފިލައިގެން ނުދާވަރުގެ ބޮޑު ކަޅުލައްގަނޑެއް ހަޔާތުގައި ޖެހޭނެއެވެ. ފަސްބައި އެއްކޮށް ކިލަނބުވާނެއެވެ.

” މީގެ ފަހުން ދުވަހަކު ވެސް އޭނާއާ ބައްދަލު ނުކުރާތި … އޭނާ އެ އުޅެނީ ބަދަލުހިފަން. ބައްޕަގެ ރުހުން ލިބުނަސް އޭނަ ދަރިފުޅާއި ކައިވެންޏެއް ނުކުރާނެ …. އެއީ ދަރިފުޅާއި އެކަށީގެންވާ މީހެއް ވެސް ނޫން. ” ޖުމާނާ މަސައްކަތްކުރީ ދަނީނަށް ވިސްނައިދޭށެވެ.

ޖުމާނާގެ ވާހަކަތަކާއިމެދު ދަނީން ފުންކޮށް ވިސްނާލެވުނެވެ. އެދެމެދުގައިވާ ލޯބީގެ ގުޅުމުގެ އެއްވެސް މަޢުލޫމާތެއް އެހެން މީހަކަށް އެނގޭކަށް ޝަމާއިލް ބޭނުމެއް ނުވެއެވެ. އެންމެ ރައްކާތެރި ގޮތްކަމަށް ބުނެ ބައެއް ރައްޓެހިންނާއި ދުރުވެސް ކުރުވިއެވެ.

ދަރިންނަށް ރަނގަޅު މަގު ދައްކައި އެ ދަރިންނަކީ އިސްލާމްދީނުގެ ހަމަތަކާއި އުސޫލުތަކަށް ލޯބިކުރާ އަޚްލާޤު ރަނގަޅު ދަރިންތަކެއްގެ ގޮތުގައި ބޮޑު ކުރުމަކީ މައިންބަފައިންގެ ވާޖިބެކެވެ. އެދަރިންނަކީ އެތަނެއްގައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކާއި ކިޔަމަންވާ ރަނގަޅު ބަޔަކަށް ހަދަން ތިބީ ވެސް އެ މައިންބަފައިންނެވެ. ގޯސްމަގަކުން ދަރިއަކު ދާނަމަ އެކަން ރަނގަޅު ކުރަން ތިބީ ވެސް މައިންބަފައިން ނެވެ.

ޖުމޭނާއަށް މުހިންމުވީ ދުނިޔޭގެ ލަދާއި މަލާމާތުން ދަނީން ސަލާމަތް ކުރުމެވެ. އެކަމަށް އޮތް އެންމެ އަވަސް ހައްލު ހޯދުމެވެ. ފޯނާއި ކުޅެމުން ކުޅެމުން ކޮޓަރިން ނުކުތް ޖުމޭނާ އައީ ފަނަރަވަރަކަށް މިނިޓް ފަހުންނެވެ. މޫނުމަތިން ފެންނަމުން ދިޔައީ ކާމިޔާބުގެ ހިތްހަމަ ޖެހުމެވެ.

ހާސްވެ ކަންބޮޑުވެފައިއިން ދަނީންގެ އަތަށް ޖުމޭނާ ދިނީ ދެގުޅަ ބޭހެވެ. ބޭސް ކައިގެން ނިދާލުމަށް ބުނުން ފިޔަވައި އެހެން އެއްވެސް ވާހަކައެއް ނުދައްކައެވެ. ދަނީންގެ ކިބައިން ފާޅުވަމުންދިޔަ ހާސްކަމާއި ކަންބޮޑުވުމަށް އޭނާ ސަމާލުކަމެއް ނުދިނެވެ. ދިޔަގޮތަށް ގޮސް ކޮޓަރިން ނުކުންނަމުން ދޮރު ލައްޕައިލިއެވެ.

ހުކުރުދުވަހަށް އިރު ފެނުންތޮޅިލުމާއިއެކު ރަށުތެރެއަށް ހަލަބޮލިކަން ވެރިވެގަތެވެ. ކުޅިވަރު މައިދާންތަކާއި އަތިރިމައްޗަށް ޖަމާވަމުންދިޔަ ކުޑަކުދިންގެ އަދަދު ގިނަކަން އަންގައިދިނީ އެކަމަށް އެކުދިން ސަމާލުކަން ދީގެން ތިބި ވަރެވެ. އެކަމަށްޓަކައި ތައްޔާރުވެގެން ތިބި ވަރެވެ.

ޖުމޭނާ ބުނި ފަދައިން ޝަމާއިލާއި ބައްދަލު ނުކޮށް ދަނީން މަޑުކުރިއެވެ. ކެތްތެރިކަމާއި ހިތްވަރު ކުރިޔަށް ނެރުނެވެ. ޖުމޭނާ ދެއްކި ވާހަކަތަކުގައި އަސްލެއް ވެދާނެކަމުގައި ހިތް ބުންޏެވެ. އެކަމަކު …. އެވާހަކަތައް ގަބޫލުކުރާކަށް ފަސޭހައެއް ނުވިއެވެ. ޝަމާއިލާއި ބައްދަލުނުކޮށް ހުންނަން ކިތަންމެ ހިތްވަރެއް ކުރި ނަމަވެސް އެއީ ކެތްކުރަން އުނދަގޫ ކަމަކަށް ވިއެވެ. އެ އުފަލާއި ހިތްހަމަ ޖެހުމާއި ނުލައި އުޅެން ފަސޭހައެއް ނުވިއެވެ. އެލޯބިވެތި ބީހުންތަކާއި އޯގާތެރި ފިރުމުންތަކަށް ހިތް އެދެމުން ދިޔަވަރު އިތުރުވަމުން ދިޔައެވެ. ކެތްތެރިކަން ކޮޅުން ލިއެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.