މިއީ ކުޑަކުދިންނަށް ވަރަށް ކަމުދާނެ ލުއިކާއަކަށް ވާނެ އެއްޗެކެވެ. ރޯދަވީއްލާ ވަގުތަށްވެސް ހަމަ ވަރަށް ބަރާބަރު ވާނެއެވެ. ތައްޔާރުކޮށްލަން ބޭނުންވަނީ އެންމެ 30 މިނެޓެވެ. މި ޗޮކްލެޓް ޗިޕްސް ކުކީސްގެ ބޭރު މަޑުވެފައި އެތެރޭގައި މުރަނަ ކަމެއް ހުންނާނެ އެވެ.


ބޭނުންވާނެ ތަކެތި

– 1 1/4 ޖޯޑު (165ގ) ގޮދަން ފުށް

– 1/2 ސައިސަމުސާ ބޭކިން ސޮޑާ

– 1/2 ސައިސަމުސާ ބޭކިން ޕައުޑަރ

– 3/4 ސައިސަމުސާ ލޮނު

– 1/2 ޖޯޑު (110ގ) އަންސޯލްޓެޑް ބަޓަރ، ވިރުވައި ހިހޫކޮށްފައި

– 1/2 ޖޯޑު (100ގ) ލައިޓް ބްރައުން ޝުގަރ

– 1/3 ޖޯޑު (75ގ) ދޯބުރާލި ހަކުރު

– 2 ސައިސަމުސާ ވެނީލާ އެސެންސް

– 1 ކުކުޅުބިސް

– 1 1/2 ޖޯޑު (240ގ) ޗޮކްލެޓް ޗިޕްސް


ތައްޔާރުކުރާނެ ގޮތް

1- 350 ފެރަންހައިޓް (176.6 ޑިގްރީ ސެލްސިއަސް) އަށް އަވަން ސެޓްކޮށް އަވަން ހޫނުކުރަން ޖައްސާށެވެ. ޓްރޭއެއްގެ ތެރޭގައި ބޭކިން ޝީޓް ބޭއްވުމަށްފަހު ނުވަތަ ފޮއިލް އަޅައި ފޮއިލްގައި މާޖެރިން ހޭކުމަށްފަހު އަވަނަށް ލާށެވެ.

2- މެދު ސައިޒުގެ ބޯތަށްޓެއްގެ ތެރެއަށް ގޮދަން ފުށް، ބޭކިން ސޮޑާ، ބޭކިން ޕައުޑަރ އަދި ލޮނު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލައި އެއް ފަރާތެއްގައި ބަހައްޓާށެވެ.

3- ބޮޑު ބޯތަށްޓެއްގެ ތެރެއަށް ވިރުވާ ހިހޫކޮށްފައި ހުރި ބަޓަރު ފޮދު، ބްރައުން ޝުގަރ އަދި ހަކުރު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ފިޔަވަޅު 2ގައި ބުނެފައިވާ ތަކެތިވެސް އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާށެވެ. ދެމިނެޓެއް ވާންދެން ރަނގަޅަށް އެއްކޮށްލަން ވާނެއެވެ. އެއްކޮށް ނިމޭ އިރު ހުންނަން ވާނީ ޕޭސްޓެއްގެ ގޮތަށެވެ.

4- ބިސް ތަޅާލައި ބިހުގެ ތެރެއަށް ވެނީލާ ފޮދު އެޅުމަށްފަހު ރަނގަޅަށް އެއްކޮށްލާއެވެ.

5- ގިރާލާފައި ހުރި ބިހާއި ވެނީލާގެ ތެރެއަށް ފިޔަވަޅު 3ގައި ބުނެފައިވާ ތަކެތި އެޅުމަށްފަހު ދޭފަތަކުން ރަނގަޅަށް އެއްކޮށްލުމަށްފަހު އޭގެ ތެރެއަށް ޗޮކްލެޓް ޗިޕްސްކޮޅު އަޅައި ރަނގަޅަށް އެއްކޮށްލާށެވެ. ނަމަވެސް މާ ބޮޑަށް އެއްކޮށްނުލުމަށް ސަމާލުކަން ދޭން ވާނެއެވެ.

6- ދެ އޯޒްގެ ކުކީ ސްކޫޕަކުން ނުވަތަ އަތުން ކުދި ގުޅަ ނެގުމަށްފަހު ޓްރޭގައި އަތުރާލުމަށްފަހު 12 – 15 މިނެޓް ވަންދެން ފިހާށެވެ.

7- އަވަން ތެރޭގައި ހުރި ކުކީ ތަކުގެ މައްޗަށް ޗޮކްލެޓް ޗިޕްސް އަޅާށެވެ.

8- ކުކީތައް ކާން ވާނީ 20 މިނެޓް ވާންދެން ހިހޫކުރަން ބެހެއްޓުމަށްފަހުގަ އެވެ.

ވީޑިއޯ

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.