ދަނީނާއި ނާއިދުގެ މެދުގައި އުފެދުނު ލޯބީގެ ގުޅުމަކީ އެ ދެ ޒުވާނުން ފަދައިން ދެޢާއިލާއިން ވެސް އެދިއެދިތިބި ގުޅުމަކަށް ވިއެވެ. އެންމެންގެ ރުހުމާއި ލޯބި އެގުޅުމަށް ލިބުނެވެ. މަރުހަބާ ނުކިޔާ އެކަކު ވެސް ނެތެވެ.
ލޯބިވެރިންގެ ގޮތުގައި މާގިނަ ދުވަސް ހޭދަކުރާކަށް ދަނީން ބޭނުންމެއް ނޫނެވެ. މާޒީއިން ލިބުނު ހިތާމާ އާއި ހިތްދަތިކަން އޭނާގެ ހިތުން ފިލައި ނުދެއެވެ. އެފަދަ ދުވަހެއް އިތުރަށް ދެކޭކަށް އޭނާގެ ހިތަކަށް ކުޅަދާނައެއް ނޫނެވެ. ކައިވެންޏެއްކޮށް އުފާވެރި ހަޔާތެއް ފެށުމަކީ މިހާރު އޭނާ އެންމެ ބޭނުންވާ ކަންތަކެވެ.
ރޭގަނޑު ނުވައެއް ޖަހާކަން ހާއިރެވެ. ދަނީނާއި ނާއިދު ތިބީ އެމީހުންގެ ލޯބީގެ މަންޒިލް ކަމުގައިވި ދަނީންމެންގޭ ޖޯލިފަތީގަ އެވެ. ދެކެވެމުންދިޔަ ވާހަކައިގެ ތެރެއިން ކައިވެނީގެ ވާހަކަ ދަނީން ފެށިއެވެ.
” އަހަރެން ވެސް ތިކަމާ އެބަ ވިސްނަން. އެކަމު …. އަދި ދުވަސްކޮޅެއްވާނެ. ކައިވެނި ކުރުމުގެ ކުރިން ކުރަންހުރި ބައެއް ކަންކަން އަދިވެސް ނުނިމޭ. އެވަރަށް ތައްޔާރުވީމަ ކައިވެނި ކުރެވޭނީ. ” ދަނީންގެ ވާހަކައިގަ ބައިވެރިވަމުން ނާއިދު ހިނިތުންވެލިއެވެ.
” އަހަރެންނަށް ހެޔޮ މާބޮޑު ތައްޔާރުތަކެއް ނެތަސް. މިގޭގައި ވެސް އުޅެވޭނެ. ބައްޕަގެ ގެ ވެސް އެހުރީ ހުސްކޮށް. މިހާރު ވެސް އެތަން އެހުރީ ދިރިއުޅެވޭ ގޮތަށް. ނާއިދަށް ކެރެންޏާ އަހަރެންނަށް ކެރޭނެ އެތަނުގައި އުޅެން. އަހަރެން ނޫޅެން ކޮންމެހެން މީހުނަށް ކަން ދައްކާކަށް. ” ދަނީން ބޭނުންވަނީ އަވަހަށް ކައިވެނި ކުރާށެވެ.
” އަންނަ މަސް ނިންމާފަ ކައިވެނިކުރާނީ. އެގޮތް އޯކޭތަ؟ ” ގޮތް ނިންމުމުގެ ކުރިން ދަނީންގެ ހިޔާލު ނާއިދު ބޭނުންވިއެވެ.
ލިބުނު ކުރިއެރުމާއިމެދު ދަނީން ހުރީ ހިތްހަމަ ޖެހިފައެވެ. އެންމެ ބޭނުންވިގޮތް ނުވިޔަސް އެގޮތް ވާނެކަމުގެ ފެހި ސިގުނަލް ލިބުނެވެ. އުންމީދު އާވިއެވެ. ހަޔާތާއިމެދު ދެކެމުންދިޔަ ހުވަފެންތަކުގައި ކުލަޖެހުމުގެ ކޮޅުމަތި ފެނުނެވެ.
މަސައްކަތު ބައްދަލުވުމަށް ނާއިދު ފުރައިގެން ދިޔައީ ބުރާސްފަތި ދުވަހުއެވެ.
ދުވަހުގެ ހަވީރު ވަގުތެވެ. މާލެއިން އަންނަ ލާންޗު ލަފާތަނަށް ފައިނާ އާއި ދަނީން ދިޔައީ ފައިނާގެ ފިރިމީހާ ހާމިއު އަންނާތީ އެވެ. އެހެން ދުވަސްތައް ފަދައިން މިއަދު ވެސް އެވަގުތާއި ދިމާކޮށް ބަނދަރު ސަރަހައްދު ހަލަބޮލި ވިއެވެ. މާލެއިން އަންނަ މީހުނާއި އެ މީހުންގެ އެހީތެރިންގެ އިތުރުން ދަތުރެއް ލިބޭތޯ ގޮސްތިބި ވެހިކަލްތައް ގިނައެވެ. ލާންޗުން ފޮނުވި ކޮތަޅެއް ނުވަތަ ފޮށިގަނޑެއް ކަހަލަ އެއްޗެއް ބަލައި ގޮސްތިބި މީހުނާއި ކުޅިބަލާލަން ނުކުމެތިބި މީހުން ވެސް މަދެއް ނޫނެވެ.
ދެވަނަ ފަހަރަށް އަދުލީއާ ބައްދަލުވެދާނެ ކަމަކަށް ދަނީން ހިއެއް ނުކުރެއެވެ. އެގޮތަށް އޭނާ އުންމީދުކުރި ދުވަސްތަކާއި އިންތިޒާރުކުރި ދުވަސްތައް މާޒީއާ އެކުވެގެން ހިނގައްޖެއެވެ. އެޚިޔާލާއި ފިކުރު އޭނާ ދޫކޮށްލިތާ އެތައް ދުވަހެއް ވެއްޖެއެވެ.
ލާންޗުން ފޭބި އަދުލީ ފެނުމާއިއެކު ދަނީން ދިޔައީ ސިއްސައިގެންނެވެ. ހުދުކުލައިގެ އަތްދިގު ޓީޝާޓަކާއި ކަޅުކުލައިގެ ޖީންސެއް ލައިގެން ހުރިއިރު އޭނާގެ ރީތިކަން އިތުރެވެ. އަތްފައިން ހަރަކާތް ހުސްވެ މުޅިމީހާ ގަނޑުވި ކަހަލައެވެ. ކަޅިޖަހާލަން ވެސް ހަނދާން ނެތިފައި އެތައް އިރަކު ހުރެވުނެވެ.
އެއްގަމާއި ދިމާއަށް އަދުލީ ހިނގައިގަތީ ހާމިއުއާ އެކުގައެވެ. ދަނީނަށް ހޭވެރިކަންވީ ފައިނާ ގޮވާލުމުންނެވެ. އެމީހުންގެ ފަހަތުން ކަހަލަ ގޮތަކަށް ދަނީން ވެސް ހިނގައިގަތެވެ.
އަދުލީގެ ފަރާތުން އޭނާއަށް ސަމާލުކަން ލިބޭނެކަމަށް ދަނީން ހީކުރި ނަމަވެސް ކަންތައްވީ އެހެނެއް ނޫނެވެ. އޭނާ އަޅައެއް ނުލިއެވެ. އަނގައިން ނުބުނިތާންގައި ބަލައި ވެސް ނުލިއެވެ. ދުވަހަކު ބައްދަލުވި މީހެއް ހެން ވެސް ހިއެއް ނުވެއެވެ.
ދަނީންގެ ހިތަށް ވެރިވީ މާޔޫސްކަމެވެ. އަދުލީ ކަންތައްކުރި ގޮތުން ދެރަވިއެވެ. މިވަގުތަށް އެންމެ ރަނގަޅުވާނީ ގެއަށް ދިއުންކަން ވިސްނުނު ހިސާބުން ދަނީންގެ ވިސްނުން ބަދަލުވިއެވެ. ފައިނާގާތު ބުނެފަ ގެއާ ދިމާއަށް މިސްރާބު ބަދަލުކޮށްލިއެވެ.
ނުވައެއް ޖަހާކަން ހާއިރެވެ. މަގުތަކުން ފެންނަމުންދިޔައީ ހަމަހިމޭންކަމާއި ފަޅުކަމެވެ. ގެއިން ނުކުތް ދަނީންގެ މިސްރާބަކީ ފައިނާމެން ގެއެވެ.
ޚިޔާލުތަކާއި ފިކުރުތަކުން ދަނީންގެ ސިކުނޑިއަށް ވަނީ ބާރު ބޮޑުވެފައެވެ. އަދުލީ އެރަށަށް އެރީއްސުރެ އޭނާގެ ހިތް އެދެމުން ދިޔައީ އަދުލީއާ ބައްދަލުކުރާށެވެ. އެންމެ ކުޑަމިނުން ވާހަކަ ދައްކާލާށެވެ. އޭނާއާމެދު އަދުލީ އެފަދައިން ކަންތައްކުރީ ކީއްވެތޯ ބަލާށެވެ. އޭނާ އެހެން ކަންތައް ކުރިޔަސް ދަނީން މިހާރު ދެރަނުވާ ވާހަކަ ބުނާށެވެ. ނާއިދާއި އޭނާގެ ކައިވެނީގެ ވާހަކަ ވެސް ބުނެލާށެވެ.
ނާއިދާއި ކައިވެނިކުރަން އޭނާ ތައްޔާރުވަމުންދިޔަ ނަމަވެސް އަދުލީއާ ވާހަކަ ދައްކާލެވިދާނެއެވެ. އެއީ މައްސަލައެއް ނޫނެވެ.
ދަނީން ސިއްސައިގެން ދިޔައީ ކޮންމެވެސް މީހަކު އޭނާގެ އަތުގައި ހިފުމުންނެވެ. އަވަސް އަވަހަށް ފަހަތް ބަލާލެވުނެވެ. ފެނުނު މަންޒަރު ގަބޫލުކުރަން ފަސޭހައެއް ނުވިއެވެ. ދެވަނަ ފަހަރަށް ބަލައިލެވުނީ ސައްކު ބޮޑުވުމުނެވެ.
” ގެއަށް ހިނގާ ….. އަހަރެން މިދަނީ އެމަގުން. ” އަތުން ކޮށްލި އިޝާރާތާއިއެކު އަދުލީ އެދުނެވެ. އޭނާ އެބުނީ ކީކޭކަން ދަނީން ދެނެގަތެވެ. އިހުތިޔާރުން ބޭރުގައި ނަމަވެސް ދަނީނަށް އެކަމަށް އެއްބަސް ވެވުނެވެ. އާންއެކޭ ބުނީ ބޮލުގެ އިޝާރާތުންނެވެ.
އަދުލީ ހިނގައިގަތުމުން ދަނީން މިސްރާބު ބަދަލުކޮށްލިއެވެ. އެ ދެމީހުން ފިޔަވައި އެހެން އެއްވެސް މީހަކު އެހިސާބުގައި ނެތުމަކީ ދަނީނަށް ލިބުނު އެންމެބޮޑު ހިތްހަމަ ޖެހުމެވެ.
ދަނީން ގޮސް ގޯތިތެރެއަށް ވަތްއިރު އޭނާގެ އިންތިޒާރުގައި އަދުލީ ހުއްޓެވެ. ދަނީން ފެނުމާއިއެކު ހިނިތުންވެލަމުން އައިސް ބައްދާލިއެވެ. ހަތަރުކަޅި ހަމަކޮށްލިއެވެ. ލޯތްބާއި އޯގާތެރިކަމާއިއެކު ހަށިގަނޑުގައި ފިރުމައިލިއެވެ. ގާތްކޮށްލަމުން ތުންފަތުގައި ބޮސް ދިނެވެ.
ދަނީންގެ ހިއްސުތަކަށް އިތުރު ދިރުމެއް އައެވެ. ނާއިދުގެ މަތިން ހަނދާން ނެތުނެވެ. އަދުލީ ބޭނުންވި ފުރުސަތު ލިބުނެވެ.
ދެމީހުންގެ ފަރާތުން ވެސް ފެންނަމުން ދިޔައީ އުފަލާއި ހިތްހަމަޖެހުމެވެ. އަތުގައި ހިފާލައިގެން ގޮސް ގޭތެރެއަށް ވަތްއިރު އެ އުފަލާއި ހިތްހަމަޖެހުން އިތުރުވެފައިވާހެން ވެސް ހީވެއެވެ.
ކޮޓަރިއާއި ހަމައަށް ދެވުނީ ކިރިޔާއެވެ. ބޭނުންވި މިނިވަންކަމާއި އަމާންކަން ލިބުނު ހިސާބުން އަދުލީގެ ހަރަކާތްތައް އަވަސްވި އެވެ. އެކަމަށް އޭނާ ފެންބޮވައިގެންފައިވާވަރު ހާމަވިއެވެ. ލޯބިވެތި ގައިގޯޅި ފިރުމުންތަކާއި އޯގާތެރި ބީހުންތަކުގެ ސަބަބުން ދަނީންގެ ހިއްސުތައް ކޮންޓްރޯލުން ނައްޓާލި ކަހަލައެވެ. އަދުލީ ބޭނުންވި ފުރުސަތު ފަހިވަމުން ދިޔައެވެ.
ލަދުވެތިކަމުގެ ފަރުދާ ކެހެމުން ގައިގޯޅިކަން އިތުރުވަމުން ދިޔައެވެ. މަސްތެއްގައި ޖެހުނު ކަހަލައެވެ.
ވަގުތުތައް ފާއިތުވަމުން ދިޔަގޮތެއް ދެމީހުންކުރެ މީހަކަށް ނޭނގެއެވެ.
ދަނީން ކޮށްލި ހަރަކާތާއިއެކު އަދުލީ ދިޔައީ ސިއްސައިގެންނެވެ.
” ކީއް ތިކުރީ ؟ ” ދަނީންގެ ކިބައިން ފެނުނީ ހިތްހަމަ ނުޖެހުމެވެ.
” ލޯބީ …. ހަމަޖެހިބަލަ. އެއީ އެވަރުގެ ކަމެއް ނޫނޭ … ކައިވެނި ދުވަސް ވެސް ކައިރިވެއްޖެއެއްނު. ކައިވެނި ކުރީމަ ހުރިހާ ކަމެއް އޯކޭވާނެ …. ކޫލް ބޭބީ. ” އަދުލީ މަސައްކަތްކުރީ ދަނީނާއި ގާތް ވާށެވެ. އަޑާއި ހަރަކާތުން ފާޅުވަމުން ދިޔައީ އޭނާ ވެފައިވާ މަސްތުގެ އަސަރުތަކެވެ.
އަދުލީ ކަންތައް ކުރިގޮތުން ދަނީން ހިތްހަމަ ނުޖެހުނެވެ. ތަކުރާރުކޮށް އެތައް ފަހަރަކު އެވާހަކަ ދެއްކިއެވެ. އަދުލީގެ ސަމާލު ކަމެއް ނުލިބުނެވެ. ގެއާއި ހަމައަށް އާދެވުނުއިރު ވެސް ދަނީން ހުރީ އެޚިޔާލުގައެވެ.
ނިދާން އޮތްއިރު ވެސް ދަނީނަށް ވިސްނެމުން ދިޔައީ މިރޭ ދިމާވި ކަންތަކާއިމެދުގަ އެވެ. އޭނާ އާއި ނާއިދުގެ މެދުގައި އޮތް ތެދުވެރި ވަފާތެރި ސާފުތާހިރު ލޯތްބާއި މެދުގައެވެ. އެގުޅުމާއިމެދު ދެޢާއިލާއިން ރުހިފައިވާ ރުހުމާއިމެދުގައެވެ. ލިބެމުންދިޔަ ލޯތްބާއި އަޅާލުމާއި މެދުގައެވެ. ކައިވެންޏަށް ވަމުން ދިޔަ ތައްޔާރީތަކާއި މެދުގައެވެ.
ދަނީނާއި ފައިނާ ދިމާވީ މަދަރުސާ ކައިރިންނެވެ. ދަރިފުޅު ގޮވައިގެން ގެއާއި ދިމާއަށް ދިޔަ ފައިނާ އާއި ވާހަކަ ދައްކަމުން ދައްކަމުން އެގެއަށް ދަނީން ދިޔައެވެ. ހެދުން ބަދަލު ކުރަން އިޝާ ވަނުމުން ދަނީނާއި ފައިނާ މަޑުކުރީ ބޭރު ޖޯލިފަތީގައެވެ.
” ހާމިއުއާ އަދުލީ ފުރީތަ؟ … ނުފެންނާތީ އަހާލީ. ” އަދުލީ ކޮބައިތޯ ބަލާލަން ދަނީން ބޭނުންވިއެވެ.
” ރޭ އިރާކޮޅު އަދުލީ ފުރައިފި. އަށެއް ޖަހަންވެފަ ހުއްޓަ ދަތުރެއް ލިބުނީމަ ނައްޓާލީ. ހާމިއު ވީ އޭނަ ބައްޕަމެން ގެއަށް ގޮސް. ” ދަނީނަށް ބަލައިލަމުން ފައިނާ ވާހަކަ ދެއްކިއެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
- ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 17 ޖުލައި 2024ހާދިސާއޭނާ – ތިރީސްވަނަ ބައި (ފަހު ބައި)
- 20 ޖޫން 2024ބިރުވެރިއޭނާ – ނަވާވީސްވަނަ ބައި
- 3 ޖޫން 2024ބިރުވެރިއޭނާ – އަށާވީސްވަނަ ބައި
- 27 އޭޕްރިލް 2024ބިރުވެރިއޭނާ – ހަތާވީސްވަނަ ބައި