” ފައިނާއަށް ޔަގީންތަ؟ … އޭގެ ފަހުން އަދުލީ ފެނުނު ހަނދާނެއްވޭ. ” ފައިނާ ދެއްކި ވާހަކަތައް ޔަގީންކުރަން ދަނީން ބޭނުންވިއެވެ. އެހެންނޫނީ އޭނާގެ ހިތަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ.

” ދަނީން ދައްކާ ވާހަކަ …. ހާމިއުއާ އަހަރެން ދިޔައިން އޭނާ ފުރުވަން. ލާންޗު ފުރައިގެން ދިޔަފަހުން އަހަރުމެން ގެއަށް އައީ. ” ފައިނާގެ ކިބައިން ފާޅުވީ ސީރިއަސްކަމެވެ. އޭނާ އެދައްކަނީ ތެދުވާހަކައެއްކަން ސާބިތުކޮށްދޭން އޭނާ މަސައްކަތްކުރިއެވެ.

ފައިނާގެ ވާހަކަތައް އެހެން ހުރިނަމަވެސް، ރޭގައި އޭނާއާ ބައްދަލުކުރީ އަދުލީ އެވެ. އެވައްތަރުގެ އެހެން މީހަކު އެރަށަކު ނުހުންނާނެއެވެ. އެކަން ދަނީނަށް ޔަގީނެވެ. އޭނާ އެއޮތީ ބޮޑު އޮޅުވާލުމެއް އޮޅުވާލާފައެވެ. ފައިނާމެނަށް ދަޅަ ދައްކާފައެވެ.

ދަނީން ބޭނުންވި ދުވަހު އޭނާ އާއި ނާއިދުގެ ކައިވެނި ކުރެވުނެވެ. ކުލަގަދަ ރަސްމިއްޔާތަކާއިއެކު ބޮޑު ޕާޓީއެއް ބޭއްވިއެވެ. ރަށުގެ ކުދިބޮޑު އެންމެން ކަހަލަ ގޮތަކަށް ބައިވެރިވިއެވެ. ކައިރި ރަށްރަށުން ވެސް ކޮންމެވެސް ވަރަކަށް މީހުން އައެވެ.

” ވާއު …. ހީވަނީ ހަމަ ޕަރީއެއްހެން. ” ދަނީނާއި ހަތަރުކަޅި ހަމަކޮށްލަމުން ނާއިދު ތައުރީފު ކުރިއެވެ. ލޯތްބާއި އޯގާތެރި ކަމާއިއެކު މޫނުގައި ފިރުމައިލިއެވެ. މަޑުމަޑުން އަތުގައި ހިފާލަމުން ކައިރިއަށް ދަމާލިއެވެ.

ދަނީން ހުރީ އިންތިޒާރުގައެވެ. ނާއިދުގެ ހުށަހެޅުން ލިބޭނީ ކޮން ވަގުތެއްގައިތޯ ބަލާލަބަލާލަ ހުރި ކަހަލައެވެ. ނާއިދު ބޭނުންވި ފަދައިން މަޑުމަޑުން ގޮސް އޭނާގެ ކޮނޑުގައި ބޯ އަޅާލިއެވެ. ދަނީންގެ ފުރަގަހުން އަތް ގުޅުވާލަމުން ނާއިދު ބައްދާލިއެވެ. ކަރުގައި ބޮސް ދިނެވެ. ފިރިމީހާގެ ކޮންމެ އެދުމަކަށް އުފަލާއިއެކު އިޖާބަ ދިނުމަކީ ދަނީންގެ އުފަލެވެ.

ދަނީންގެ ފަރާތުން ނާއިދު ބޭނުންވި އުފަލާއި ހިތްހަމަ ޖެހުން އަދި ލޯތްބާއި އަޅާލުން ލިބުނެވެ. ނާއިދުގެ ކޮންމެ އެދުމަކަށް ދަނީން އިޖާބަދިނީ އުފަލުންނެވެ. ނާއިދުގެ ފަރާތުން އޭނާއަށް ލިބެމުންދިޔަ އުފަލާއި ހިތްހަމަޖެހުމާއި އެއްވަރަށް އޭނާގެ ފަރާތުން ލޯތްބާއި ހިތްހަމަ ޖެހުން ދިނުމަށް ދަނީން މަސައްކަތް ކުރިއެވެ. ފިރިއަކަށްޓަކައި އަނތްބަކަށް ކޮށް ދެވޭނީ އެވަރެވެ. މީހަކަށް މީހަކު ދެކެ ލޯބި ވެވޭނީ އެވަރަށެވެ. ދެހިތް ވަނީ އުފަލުން ފުރިފައެވެ.

ދަނީންގެ ދިރިއުޅުން ނާއިދުގެ ޢާއިލާ ކައިރިއަށް ބަދަލުކުރީ ރައިހާނާގެ ވެސް ލަފައާއި އެކުގައެވެ.

ނާއިދުގެ މަންމަ އައިމިނައަކީ ރަނގަޅު މީހެކެވެ. މީހުނާއި ގުޅޭ އެކުވެރި ތެދުވެރިއެކެވެ. ވަކިފެންވަރެއް ވަކި ގިންތިއެއް އޭނާ އަކަށް ނޯއްނާނެއެވެ. ކޮންމެ މީހަކީ އޭނާގެ ރައްޓެއްސެކެވެ. ވާހަކަ ދެކެވޭނެ މީހެކެވެ.

ނާއިދުދެކެ އައިމިނަ ވާ ލޯބި ދަނީން ދެކެވެސް ވެއެވެ. ކޮންމެ ކަމެއްގައި ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން އައިމިނަގެ ފަރާތުން ދަނީނަށް ލިބެމުން ދިޔައެވެ. ރަނގަޅު ނަސޭހަތްދީ ރަނގަޅު މަގުދައްކައެވެ. ކަމެއް ގޯސްވެއްޖެނަމަ އޯގާތެރިކަމާއިއެކު ވިސްނައިދެއެވެ. ރަނގަޅު ކުރަންވީ ގޮތް ކިޔައިދެއެވެ. ދަރިއަކަށްޓަކައި މަޔަކު ކޮށްދޭންޖެހޭ ކޮންމެ ކަމެއް ދަނީނަށް އައިމިނަ ކޮށްދެމުންދިޔައީ ނާއިދަށް ބަލާ ފަދައިންނެވެ.

މައިންބަފައިން ނިޔާވި ހިސާބުން ފެށިގެން ދަނީންގެ ހުރިހާ ވެސް މީހަކީ އޭނާގެ މާމަ ރައިހާނާއެވެ. އޭނާއަކީ އުމުރުން ދުވަސްވެފައިވާ ބަލިކަށި މީހެކެވެ. އެކަނި މާއެކަނި ދިރިއުޅެމުންދިޔަ އެކަނިވެރިއެކެވެ. އައިމިނަގެ ފަރާތުން ލިބެމުންދިޔަ ލޯތްބާއި އަޅާލުމުގެ ސަބަބުން ދަނީން ހުރީ ވަރަށް އުފަލުންނެވެ. ލިބުނު ނިއުމަތާއިމެދު އޭނާ އުފާކުރިއެވެ. އައިމިނަ އާއި ނާއިދަށް އެތައް ފަހަރަކު ޝުކުރު އަދާކުރިއެވެ. ދުނިޔެ އުމުރު އެގޮތުގައި ތިބެދިނުމަށް އެދެއެވެ.

ވަޒީފާ އަދާކުރަމުންދިޔަ ނަމަވެސް ނާއިދުގެ ކިޔެވުން ކުރިޔަށް ދިޔައެވެ. ދޭތެރެ ދޭތެރެއިން އޭނާ މާލެ ދެއެވެ. ކޯހުގެ ބައެއް ފިލާވަޅުތަކުގައި ބައިވެރިވާށާއި ޓެސްޓްތައްފަދަ ކަންކަން އޮންނަނީ މާލޭގައެވެ. ބައެއް ފަހަރު ސީދީސީދީކޮށް ވެސް ކިޔަވައިދެއެވެ. ބައެއް ކުލާސް ތަކަކީ ޢަމަލީ މަސައްކަތްތަކުގައި ބައިވެރިވާންޖެހޭ ކުލާސްތަކެވެ.

އިރުއޮއްސިއްޖެއެވެ. ރަށުތެރެއަށް ވެރިވަމުންދިޔަ އަނދިރިކަމާއިއެކު ހަމަހިމޭންކަން ވެސް ވެރިވަމުންދިޔައެވެ. މަގުތަކާއި އާންމު މައިދާންތަކުން މީހުން މަދުވަމުން ދިޔައެވެ. ޖަމާއަތުގެ ނަމާދަށް އިސްކަންދިން ގިނަބަޔަކު ތިބީ މިސްކިތުގައެވެ. ނުވަތަ ގޭގައި ނަމާދު ކުރާށެވެ.

ދަނީން ގެއިން ނުކުތީ އައިމިނަ ނަމާދުކުރަން ހުއްޓައެވެ. އެކަމެއް އޭނާއަކަށް ނޭނގެއެވެ.

އިޝާނަމާދަށް ގޮވަން ކައިރިވީއިރު ވެސް ދަނީން ނާދެއެވެ. ފޯނަކަށް ނުގުޅެއެވެ. ދިޔަތަނެއް ނުބުނެއެވެ.

އިރުއޮއްސުނުގަޑީގައި ކަހަލަ ގޮތަކަށް ބޭރަށް ދިޔަ ދަނީން، ރޭގަނޑަށް ކާ ގަޑި ޖެހުނުއިރު ވެސް ގެއަކަށް ނާދެއެވެ. ކޮންމެ ރެއަކު ވެސް އައިމިނަ އާއި ދަނީން ކަނީ އެކުގައެވެ. އުފަން ދަރިއަކު ފަދައިން ދެކެމުންދާ ދަނީނާއި ނުލައި އެއްވެސް ކަމެއް ކުރާކަށް އޭނާ އަކަށް މިހާރު ފަސޭހައެއް ނޫނެވެ.

ދަނީން ބޭރަށް ދާނަމަ ދާނީ ރައިހާނާމެން ގެއަށެވެ. ރޭގަނޑަށް ކާނީ ދަނީން ގޮވައިގެން އައިސް ކަމަށް ނިންމައި އައިމިނަ ނުކުތެވެ. ރައިހާނާ ބުނިގޮތުން ދަނީން އެގެއަކަށް ނުދެއެވެ. މަގުމަތިން ފެނުނު ބައެއް މީހުން ގާތު އަހާލިއިރު އެއިން އެއްވެސް މީހަކާއި ދަނީން ދިމާވެފައެއް ނެތެވެ. ބައެއް ރައްޓެހިންނަށް ގުޅާލިއިރު އެއިން ގެއަކަށް ވެސް ނުދެއެވެ.

އައިމިނަ ކަންބޮޑުވިއެވެ. ހާސްވެ ނުތަނަވަސް ވިއެވެ. އައިމިނަ އާއިއެކު ރައިހާނާ ވެސް ދަނީން ހޯދުމުގެ މަސައްކަތުގައި ބައިވެރި ވިއެވެ. އޭނާގެ ދެލޮލުން ކަރުނަ ނުހިކެއެވެ. ނާއިދުގެ ފޯނު ވެސް އޮތީ ނިވާލާފައެވެ.

ދަނީން ގެއަށް އައިތޯ ބަލާލަން ގެއާއި ދިމާއަށް އައި އައިމިނަ އާއި ރައިހާނާ ވަލުދޮރޯށިން ގޯތިތެރެއަށް ވަނީ މަގު ކުރުކޮށްލާ ށެވެ. ގޭތެރެ ބަލާލާފައި އަވަހަށް ދާށެވެ.

ގޯތިތެރޭގައި ހައްދާފައިހުރި ދޮންކެޔޮ ގަސްތަކުތެރެއިން، މީހެއްގެ ހިލަމެއް ވީހެން ހީވުމާއިއެކު އައިމިނަގެ ސަމާލުކަން އެދިމާއަށް އެނބުރުނެވެ. ރައިހާނާއަށް އެކަން އަންގާލަމުން މަޑުމަޑުން އެދިމާއަށް ހިނގައިގަތެވެ.

ފޯނުން އަލިކުރަމުން ކެޔޮގަސްތަކާއި ދިމާއަށްދިޔަ އައިމިނަ އާއި ރައިހާނާއަށް ފެނުނު މަންޒަރު ގަބޫލުކުރަން ފަސޭހައެއް ނުވިއެވެ. ދަރިފުޅާއޭ ކިޔައި ގޮވާލަމުން ރައިހާނާ އެދިމާއަށް ދުއްވައިގަތެވެ. އެތަނުގައި ދަނީން ފިޔަވައި އެހެން މީހަކު ނެތެވެ. ހިލައިގެ ބުދެއް ފަދައިން ހުއްޓިޖެހިފައި ހުރި ދަނީންގެ ހޭވެރިކަމެއް ނެތެވެ. ބަޔަކު ވާހަކަ ދައްކާކަމެއް އެތަނުގައި އުޅޭކަމެއް އޭނާއަށް ނޭނގެއެވެ.

ދަނީންގެ އަތުގައި ރައިހާނާ ހިފުމާއިއެކު އޭނާ ދިޔައީ ސިއްސައިގެންނެވެ. ހާސްކަމާއި ނުތަނަވަސްކަމާއެކު އަވަސް އަވަހަށް ވަށައިގެން ހޯދާލިއެވެ. ފެނުނީ ހައިރާންކަމެވެ.

އާންމުކޮށް ވާލާއި ކާޅުފަދަ ތަކެތި ޖައްސާހަދާ އެގަސްތަކުތެރެއަކީ ތާހިރުތަނެއް ނޫނެވެ. ރޭގަނޑެއް ދުވާލެއްނެތި ވާތަކާއި ބުޅާތައް އެގަސްތަކުތެރޭގައި އުޅެއެވެ. ހައިރާންކަމާއި ނުތަވަސްކަމުން ރައިހާނާގެ ސިކުނޑިއަށް ބާރު ބޮޑުވިއެވެ. ދެލޮލުން އޮހޮރިގެން ކަރުނައަށް ހުއްޓުމެއް ނައެވެ.

ދަނީންގެ ގައިގާ މުޅިންހެން އޮތީ ނަޖިހެވެ. ދޮވާވަހުން ކައިރިވާން ނުކެރެއެވެ. އޭނާއަކަށް ވާނުވާއެއް ނޭނގެއެވެ.

” ދަރިފުޅާ! … ތިތާ ކީއްތިކުރަނީ؟ ހިނގާ އަވަހަށް އެތެރެއަށް. ” ދަނީންގެ ހާލަތު އައިމިނަ ދެނިގަތެވެ. އަވަސް އަވަހަށް އޭނާގެ އަތުގައި ހިފައިގެން ގޭތެރެއަށް ހިނގައިގަތެވެ. އެމީހުންގެ ފަހަތުން އައިމިނަ ވެސް ހިނގައިގަތެވެ.

ދަނީން އަދިވެސް ހަމައަކަށް ނޭޅެއެވެ. ހައިރާންކަމާއި ނުތަނަވަސްކަމާއެކު އައިމިނައަށް ބަލަހައްޓައިގެން ހުރުން ނޫން ކަމެއް ނުކުރެއެވެ. އައިމިނަ އާއި ރައިހާނާ ދައްކާ ވާހަކަ އޭނާއަށް އަޑުވެސް ނީވޭ ކަހަލައެވެ.

ދަނީންގެ އަތުގައި ހިފައިގެން ރައިހާނާ ގޮސް އޭނާގެ ކޮޓަރީ ފާހާނާއަށް ވެއްދިއެވެ. ސަވަރާއި ކައިރިކޮށްލަމުން ފެން ދޫކޮށްލި އެވެ. ދަނީންގެ ކިބައިން ހަރަކާތް ފެންނަންފެށީ މަޑުމަޑުންނެވެ. ހޭވެރިކަން ވާން ފެށީ މިހާރު ކަހަލައެވެ.

” މާމަ! …. ކީއް ތިކުރީ؟ ” ދަނީން ސިއްސައިގެންދިޔަ ކަހަލައެވެ. ރައިހާނާއާ ދިމާއަށް ބަލައިލީ ސުވާލުތަކުން ފުރިފައިވާ ފަދައަކުންނެވެ.

” ފެންވަރައި ތާހިރު ވެލައިގެން ކާން އާދޭ. މަންމައާ މާމަ މަޑުކޮށްލާނަން ސިޓިންގރޫމްގަ. އެންމެ އެކުގައި ކާން ދާނީ. ” ދަނީންގެ ސުވާލަށް ޖަވާބު ދިނީ އައިމިނަ އެވެ. އައިމިނަ އާއި ރައިހާނާ ގޮސް ކޮޓަރިން ނުކުތެވެ.

ކާން ދިޔައީ ތިން މީހުން އެކުގައެވެ. ކެއުން ކުރިޔަށް ދިޔައިރު ތިން މީހުންގެ މެދުގައި ކޮންމެވެސް ވަރަކަށް ވާހަކަ ދެކެވުނެވެ.

ކަމެއް ހިނގައިދިޔަކަމެއް ދަނީނަކަށް ނޭނގެއެވެ. ނުވަތަ އެނގޭ ކަމަކަށް ނުހެދިއެވެ. އެކަމާއި ގުޅިގެން ދެއްކި އެއްވެސް ވާހަކައަކަށް އޭނާގެ ސަމާލުކަމެއް ނުލިބުނެވެ. އެވާހަކަތައް އޭނާ ގަބޫލެއް ނުކުރިއެވެ.  

ނިދާން އޮތްއިރު އައިމިނައަށް ވިސްނެމުން ދިޔައީ މިރޭ ދިމާވި ކަންތަކާއި މެދުގައެވެ. ދަނީން ދެއްކި ވާހަކަތަކާއި ޢަމަލުތައް ދިމައެއް ނުވެއެވެ. އޭނާއަށް އެކަން ނޭނގެނީ ކަމެއް އޮޅުވާލީ ކަމެއް ޔަގީނެއް ނޫނެވެ. އެކަމުގެ ފަހަތުގައި ކޮންމެވެސް ކަންތައްގަނޑެއް އެބަ އޮތެވެ. ވާހަކައެއް ދެއްކުމުގެ ކުރިން ޔަގީންކުރަން ވާނެއެވެ.

މެންދަމުގެ ހަމަހިމޭންކަމާއިއެކު ވަގުތުތައް ފާއިތުވަމުން ދިޔައެވެ. މަގެއްގެ މަތިން މީހަކު ނުފެނެއެވެ. ގެއެއްގެ ތެރެއިން ބާރު އަޑެއް ނީވެއެވެ. ގަދަ އައްޔެއް ނުފެނެއެވެ. ހޭލާ އުޅޭ އެއްވެސް މީހަކު ނެތް ކަހަލައެވެ.

                                                            ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.