މެންދަމުގެ ހަމަހިމޭންކަމާއިއެކު ވަގުތުތައް ފާއިތުވަމުން ދިޔައެވެ. މަގެއްގެ މަތިން މީހަކު ނުފެނެއެވެ. ގެއެއްގެ ތެރެއިން ބާރު އަޑެއް ނީވެއެވެ. ގަދަ އައްޔެއް ނުފެނެއެވެ. ހޭލާއުޅޭ އެއްވެސް މީހަކު ނެތް ކަހަލައެވެ.
ދުވަސްތައް މާޒީގެ ސަފްހާތަކާއި އެކުވަމުން ދިޔައެވެ. ދަނީންގެ ފަރާތުން ތަފާތު އެއްވެސް ކަމެއް ނުފެނެއެވެ. އެހާރާއި މިހާރާއި އެއްވެސް ފަރަގެއް ނެތެވެ.
” އަދިވެސް ހާދަ ދުވަހަކު މަޑުކުރަން ޖެހޭނެއޭ ދޯ؟ ހާދަ ފޮނި އުންމީދެކޭ މިއީ. ” ދަނީނާއި ނާއިދު ތިބީ ހޮސްޕިޓަލުގައެވެ. ޑޮކްޓަރަށް ދައްކައި ނިމުނުއިރު ދަނީން ހުރީ ކޮންމެވެސް ވަރަކަށް ވަރުބަލި ވެފައެވެ. ފައިން ވަރުދެރަވެ ހިނގާލަން އުނދަގޫވެފައެވެ.
” އާން …. އަދި ފަސްމަސް ދުވަސް އެބައޮތް. ކެތްތެރިވާން ވާނެ. ” ނާއިދަށް ބަލާލި ދަނީންގެ ކިބައިން ފެނުނީ އުފަލާއި ހިތްހަމަ ޖެހުމެވެ.
ދަނީންގެ ފަރާތުން ފެނުނު ކަންތައް ތަކުރާރުވާން ފެށިއެވެ. ދެ ރެއަކު ކެޔޮފީނިތެރެއިން ފެނުނުއިރު ޖެހިގެން ހުރި ފަޅުގައިން ވެސް އެއްރޭ ފެނިއްޖެއެވެ. ކޮންމެ ރެއަކު ވެސް މަޣުރިބު ނަމާދާއި އިޝާނަމާދާ ދެމެދުއެވެ. ކޮންމެ ފަހަރަކު ވެސް ފެންނަނީ ދަނީން އެކަންޏެވެ. ޝައްކު ކުރާނެ ޖާގައެއް ސުވާލު އުފައްދާނެ ތަނެއް ނުފެނެއެވެ. ހަދާނެގޮތަކާއިމެދު ވިސްނައި ފިކުރު ކުރަމުންދިޔަ އައިމިނަގެ ކިބައިން ފެންނަނީ ކަންބޮޑުވުމާއި ނުތަނަވަސްކަމެވެ.
އެކަމާއި ގުޅިގެން އައިމިނަ ދެއްކި އެއްވެސް ވާހަކައެއް ދަނީން ގަބޫލެއް ނުކުރިއެވެ. އޭނާގެ ފަރާތުން އެފަދަ ކަމެއް ފެނިދާނެ ކަމަކަށް އޭނާ ހިތެއް އެއްބަހެއް ނުވިއެވެ. ވިސްނާ ވިސްނާ ވެސް އެވާހަކަތައް ގަބޫލުކުރާނެގޮތެއް ދަނީނަކަށް ނުވިސްނުނެވެ.
އެހެން ފިރިހެނަކާއިމެދު ވިސްނާލަން ބަލާއިރު އެހެން ބެލެވޭކަށް ނެތެވެ. ފިރިހެނަކާއި ގުޅުމެއް އޮތްނަމަ އެހާލަތުގައި ދަނީން ނުހުންނާނެއެވެ. ޖަނަވާރުގެ ނަޖިހުން ފެންވެރިފައިހުރި މީހަކާއި ކައިރި ވާކަށް އެއްވެސް މީހަކު ބޭނުމެއް ނުވާނެއެވެ. އެހެން ގޮތެއް އޮތްނަމަ އައިމިނަ ވެސް އެގަޑީ ދަނީނާއި ކައިރިއެއް ނުވާނެއެވެ.
ދުވަހުގެ ހަވީރު ވަގުތެވެ. ދަނީނާއި ބައްދަލުކޮށްލަން ރައިހާނާ އައިއިރު އޭނާއަށް އޮތީ ނިދިފައެވެ. އައިމިނަ އާއި ވާހަކަ ދައްކާލަން ރައިހާނާ މަޑުކޮށްލިއެވެ. ފެންޑާތެރޭގައި ތިބީ އެ ދެމީހުން އެކަންޏެވެ.
” މިވާހަކަ ދައްކަން ދެރަ ވޭ. މިހެން ބުނާކަށް ބޭނުމެއް ވެސް ނުވޭ …. އެކަމު …. އަހަރެންނަށް ހަމަ ހީވަނީ އެއީ ޖިންނި ސައިތާނުންގެ ކަމެކޭ …. ދަނީނާއި އެފަދަ މަޙްލޫޤަކާއި ކޮންމެވެސް ގުޅުމެއް އެބައޮތޭ. ” އައިމިނަގެ ކިބައިން ފެނުނީ މާޔޫސްކަމާއި ހިތްދަތި ކަމެވެ. ދަނީންގެ ހާލާއިމެދު އޭނާ ކަންބޮޑުވެފައިވާ ވަރެވެ.
އައިމިނަގެ ވާހަކަތަކާއިމެދު ރައިހާނާ ކަންބޮޑުވިއެވެ. ހާސްކަމާއި ނުތަނަވަސްކަން އޭނާ ވަށާލިއެވެ. ކުއްލިއަކަށް ހަނދާނަށް އައީ ޖުމޭނާ އާއި ރާފިއުގެ މަރެވެ. އެކަމާއި ގުޅުންހުރި ކަންކަމެވެ. އެ އަނިޔާތަކާއި ޒަހަމްތަކެވެ. އެކަމާއި ގުޅުންހުރި އެއްވެސް މަޢުލޫމާތެއް ނުހޯދުނުކަމެވެ. އެ ދެ މަރާއި ގުޅިފައިވަނީ ރޫހާނީބާރަކާއި ކަމަށް އެތައް ބަޔަކު ބުނަމުންދިޔަ ބުނުމެވެ. އެކަމަށް ބާރު ލިބުނު ހެކިތަކެވެ.
ނާއިދު ގެއަށް އައިއިރު މަޣުރިބު ނަމާދަށް ގޮވައި ނިމިއްޖެއެވެ. ދަނީން ގެއަކު ނެތެވެ.
އިޝާނަމާދަށް ގޮވަން ކައިރިވީއިރު ވެސް ދަނީން ގެއަކަށް ނާދެއެވެ. ފޯނުއޮތީ ކޮޓަރީގައެވެ. އޭނާ ދިޔަތަނެއް އައިމިނަ އަކަށް ނޭނގެއެވެ. މަޣުރިބު ނަމާދުކުރަން އައިމިނަ ކޮޓަރިއަށް ވަތްއިރު ދަނީން ގޭގައި އުޅުނެވެ.
ދަނީން ބޭރަށް ދާނަމަ ދާނީ ރައިހާނާމެން ގެއަށްކަން ނާއިދަށް އެނގެއެވެ.
ބަދިގެ ފަރާތުން ގޯތިތެރެއަށް ނުކުތް ނާއިދުގެ މަޤްޟަދަކީ މަގުކުރުކޮށްލުމެވެ. އަވަހަށް ގޮސްފައި އަވަހަށް އައުމެވެ. އިޝާގެ ކުރިން ގެއަށް އަންނަން އޭނާ ބޭނުމެވެ.
މަގުބައްތީގެ އަލި ދޮންކެޔޮފީންޏާއި ހަމައަށް ކޮންމެވެސް ވަރަކަށް ފޯރާފައި ހުއްޓެވެ.
ދޮންކެޔޮ ގަސްތަކުގެ ތެރެއިން މީހެއްގެ ހިލަމެއް ވީހެން ހީވުމާއިއެކު ނާއިދު އެދިމާއަށް ބަލާލިއެވެ. ފެނުނު މަންޒަރު ގަބޫލު ކުރާކަށް ފަސޭހައެއް ނުވިއެވެ. ފޯނުން އަލިކުރަމުން އެދިމާއަށް ދިޔަ ނާއިދަށް ލިބުނީ ހައިރާން ކަމެވެ. ބުނާނެ އެއްޗެއް ކުރާނެ ހަރަކާތެއް ނުވިސްނުނެވެ. ހައިރާންކަމާއި ނުތަނަވަސްކަން މީހާ ވަށާލިއިރު ސުވާލުތަކުން ސިކުނޑިއަށް ބާރު ބޮޑުވިއެވެ.
ދަނީންގެ ފަރާތުން އެއްވެސް ހަރަކާތެއް ނުފެނެއެވެ. ނާއިދު އެތަނުގައި ހުރިކަމެއް ދަނީނަކަށް ނޭނގެއެވެ. އޭނާ ހުރިގޮތަށް ހުރީއެވެ. އެއްވެސް ހަރަކާތެއް ނެތެވެ.
” ދަނީން! މިތަނުގައި ކީއް ތިކުރަނީ ؟ ހިނގާ އެތެރެއަށް. ” ނާއިދު ވާހަކަ ދެއްކި ނަމަވެސް ދަނީން އަޅައެއް ނުލިއެވެ. އެ ވާހަކަތަކަށް ސަމާލުކަމެއް ނުދިނެވެ.
ދަނީން އެކަމާއި އަޅާ ނުލުމުން ނާއިދު އަނެއްކާ ވެސް ވާހަކަދެއްކިއެވެ. އެކަނި މާއެކަނި އެތަނުގައި ކީއްކުރަނީތޯ އެހިއެވެ. އެތަނަށް އައީ ކޮންއިރަކުތޯ އާއި ކާކާއި އެކުގައިތޯ އޮޅުންފިލުވަން މަސައްކަތްކުރިއެވެ. ދަނީން އަޅައެއް ނުލިއެވެ. ޖަވާބެއް ނުދިނެވެ. ނާއިދާއި ދިމާއަށް ބަލައިވެސް ނުލިއެވެ.
އޭނާގެ ވާހަކަތަކަށް ދަނީން ސަމާލުކަން ނުދިނުމުން ނާއިދު ހިތްހަމަ ނުޖެހުނެވެ. ކުއްލިއަކަށް ދަނީންގެ އަތުގައި ހިފައި ދަމައިގަތެވެ. ދަނީންގެ ގައިން ދުވި ވަހާއި އޭނާގެ ގައިގާ ހުރި ނަޖިސް ނާއިދުގެ ސަމާލުކަމަށް އައި ގޭތެރެއަށް ވަދެވުނު ފަހުންނެވެ. އޭރުވެސް ދަނީނަކަށް ހޭވެރިކަމެއް ނުވެއެވެ. ކަމެއް ވާހެން ވެސް އޭނާއަކަށް ހިޔެއް ނުވެއެވެ.
ކޮޓަރިން ނުކުތް އައިމިނައަށް އެމަންޒަރު ފެނުމާއިއެކު އަވަސް އަވަހަށް އައިސް ދަނީން ގެންދިޔައެވެ. ދަނީން ގޮވައިގެން އައިމިނަ ގޮސް ވަނީ ނާއިދުމެން ދެމަފިރިން އުޅޭ ކޮޓަރިއަށެވެ.
ހައިރާންކަމާއިއެކު އައިމިނައަށް ބަލަހައްޓައިގެން ހުރުން ފިޔަވައި އެހެން ކަމެއް ނާއިދަކަށް ނުކުރެވުނެވެ. ބުނާނެ އެއްޗެއް ހަދާނެ ގޮތެއް ވެސް ނޭނގުނެވެ.
ނާއިދު ކޮޓަރިއަށް ވަންނަން އައިއިރު އައިމިނަ ކޮޓަރިން ނުކުންނަނީ އެވެ. ނާއިދާއި ވާހަކަ ދައްކަން އައިމިނަ މަޑުކުރީ ދޮރު ކައިރީ ބޭރުގައެވެ. އޭނާގެ ކިބައިން ފެންނަމުން ދިޔައީ ކަންބޮޑުވުމާއި ނުތަނަވަސްކަމެވެ. ދަނީންގެ ހާލާއިމެދު އޭނާ ކަންބޮޑުވެފައިވާ މިންވަރެވެ. އެކަމުގެ ސަބަބުން ކުރިމަތިވެފައިވާ ހިތާމަ އާއި ހިތްދަތިކަމެވެ.
އައިމިނަ ދެއްކި ވާހަކަތައް އަޑުއަހަން ހުރި ނާއިދަށް ލިބުނީ ހައިރާންކަމެވެ. ދަނީންގެ ހާލަތާއިމެދު އިތުރަށް ވިސްނަން ޖެހުނެވެ. ސުވާލުތަކުން ސިކުނޑިއަށް ބާރުބޮޑުވިއެވެ. ކަންބޮޑުވެ ނުތަނަވަސްވާގޮތް ވިއެވެ.
އިވުނު ވާހަކަތަކުގެ ސަބަބުން ނާއިދުގެ ހުރިހާ ވިސްނުމެއް އެކަމަށް ހުސްވިއެވެ. އެހެން އެއްވެސް ކަމަކަށް ސަމާލުކަމެއް ނުދެވުނެވެ.
އޭނާ ނިދަން އަންނަންދެން ދަނީން ހޭލާ ހުންނާނެކަން ނާއިދަށް އެނގެއެވެ. ގެއަށް އައުން ލަސްކޮށްލީ ގަސްދުގައެވެ.
ނިދަން އޮށޯތީ އެކުގައެވެ. އެކަކު ވެސް އަނެކަކާއި އަނގައަކުން ނުބުނެއެވެ. ނާއިދުގެ ކިބައިން ފާޅުވަމުންދިޔަ ކަންބޮޑުވުމާއި ނުތަނަވަސްކަން ދަނީނަށް ފާހަގަވިއެވެ. ވާހަކަ ދައްކާތޯ މަޑުކޮށްލި ނަމަވެސް އެކަމެއް ނުވިއެވެ.
” ނާއިދު! …. ކިހިނެތްވެފަ ތިއޮތީ؟ ” ދަނީން ބަލައިލީ ނާއިދުގެ މޫނަށެވެ.
” ކަމެއް ނުވޭ. ” ނާއިދުގެ ޖަވާބު އަވަސްވެފައި ކުރެވެ. އިތުރު ވާހަކައެއް ނުދައްކައެވެ. އަނެއްކާ ވެސް ވެރިވީ ހަމަހިމޭންކަމެވެ.
އެ ހަމަހިމޭންކަން އޭނާގެ ހަޔާތާއި ގުޅިފައިވަނީ ކިހާވަރަކަށްކަން ދަނީނަކަށް ނުވިސްނުނެވެ. އެފަދަ ކަމަކާއި ވިސްނާލާނެ ފުރުސަތެއް ވެސް އޭނާ އަކަށް ނުލިބެއެވެ.
ތަރިރުހަނދުގެ ދައުރުވުމާއިއެކު ދުވަސްތަކާއި ރޭތައް މާޒީއާ އެކުވަމުން ދިޔައެވެ.
ދުނިޔެ ދަތުރު ކުރާނީ ތޮށަލިދުޅަ އަށެވެ. އަޑިގަނޑަކަށްފަހު އުސްގަނޑެއް އަންނާނެއެވެ. އުފަލަކަށްފަހު ހިތާމައެއް ކުރިމަތިވާނެ އެވެ. ބޭނުން ވިޔަސް ބޭނުން ނުވިޔަސް އެކަމެއް ބަދަލެއް ނުވާނެއެވެ.
ހީނުކުރާފަދަ ގޮތަކަށް ވެސް ކަމެއް ބަދަލުވެދާނެއެވެ. ބައެއް ކަންކަން ބަދަލުވަނީ މަޑުމަޑުންނެވެ. ކޮންމެ ކަމެއް ބަދަލުވާކަށް މާގިނަ ދުވަހެއް ނުވަތަ މާގިނަ ވަގުތެއް ބޭނުމެއް ނުވެއެވެ. ދަނީންގެ އުފާވެރި ހަޔާތަށް ހިތާމައިގެ ކަޅުވިލާގަނޑު ފަތުރާލީ މަޑުމަޑުންނެވެ. އެކަން ދަނީނަށް ވިސްނުނުއިރު ލަސްވީއެވެ.
ނުނިމޭ
ލިޔުންތެރިޔާގެ ފުރަމަލަ
- ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 17 ޖުލައި 2024ހާދިސާއޭނާ – ތިރީސްވަނަ ބައި (ފަހު ބައި)
- 20 ޖޫން 2024ބިރުވެރިއޭނާ – ނަވާވީސްވަނަ ބައި
- 3 ޖޫން 2024ބިރުވެރިއޭނާ – އަށާވީސްވަނަ ބައި
- 27 އޭޕްރިލް 2024ބިރުވެރިއޭނާ – ހަތާވީސްވަނަ ބައި