” ތިއެއްވެސް އެނގޭނީ ފަންޑިތަ ހަދާ މީހާކާއި ވާހަކަ ދެއްކީމައެއްނު. ތިހެން ދިމާވި އެއްވެސް ކަމެއް ޕޮލިހުންނަށް ހޯދުނުތަ؟ ނުހޯދުނެއްނު …. ކަލޭމެންގެ ނުހުންނާނެ ސިކުނޑިއެއް. އަޑުހަރުކޮށް ތަންތަނުގަ ހަޅޭލީމަ ކަލެމޭނަށް އެވީ. ” ހާމިޒަށް ރައްދުދިން ނަމަވެސް ހާޖީ ވާހަކަ ދެއްކީ މަޑުމަޑުންނެވެ.

ނާއިދުގެ މަރާއިއެކު ބައެއް މީހުންގެ ނުރުހުން ދަނީނަށް އަމާޒުވިއެވެ. ނާއިދު މަރާލީ ޖުމޭނާ އާއި ރާފިއު ވެސް މަރާލި މަޚުލޫޤެވެ. އެކަމުގެ އަޑީގައި ކޮންމެވެސް ބޮޑު ސިއްރެއް ވާނެއެވެ. އެކަން ދަނީނަށް އެނގޭނެއެވެ. ކޮންމެވެސް ކަމެއް އޭނާ އެބަ ސިއްރު ކުރެއެވެ. އެކަން ބަލައި ތަޙުޤީޤު ކުރަން ޖެހެއެވެ. އޭނާ އެގޮތަށް މިނިވަންކަމާއިއެކު އުޅެން ދޫކޮށްލައިގެން ނުވާނެއެވެ.

ނާއިދުގެ މަރުގެ ސަބަބުން ލިބުނު ހިތާމަ އާއި ހިތްދަތިކަމުން އަރައިގަންނަން ދަނީނަށް ފަސޭހައެއް ނުވިއެވެ. ކުރިން ވިސްނަން ޖެހެނީ އޭނާއާމެދު އެކަނި ނަމަވެސް މިއަދަކު އެހެން ވާކަށް ނެތެވެ. އޭނާއަކީ ދެމީހުނެވެ. އޭނާ އާއި ނާއިދުގެ ލޯބީގެ ނިޝާންވަނީ އޭނާއާއެކުގައެވެ. ފަރުވާކުޑަކޮށްލައިގެން ވާކަށް ނެތެވެ.

ދުވަސްތައް މާޒީއާއެކުވަމުން ދިޔައެވެ. ނާއިދުގެ މަރުގެ ސަބަބުން ރަށުތެރެއަށް ވެރިވެފައިވި ހިތާމައާއި ހިތްދަތިކަން މަޑުމަޑުން ފިލައި ދިޔައެވެ. އެވާހަކަ ދައްކާ މީހުން ދުވަހަކަށްވުރެ ދުވަހެއް މަދުވަމުން ދިޔައެވެ. އެކަން ހަނދާންހުރި މީހަކު ވެސް މަދެވެ. ޖުމޭނާ އާއި ރާފިއުގެ މަރުގެ ދުވަސްވަރުފަދައިން ނެވެ. އެނާމާންކަމާއި ބިރުވެރިކަން ރައްޔިތުންގެ ހިތުން ފިލައިދިޔައެވެ.

ދަނީން ދިރިއުޅެމުން ދިޔައީ ރައިހާނާއާއެކު އެ ގޭގައެވެ. އައިމިނަ ވެސް ގިނަ ވަގުތު ހޭދަކުރަނީ ދަނީން ކައިރީގައެވެ. ސިއްހީ ހާލަތު ހުރިގޮތުންނާއި ކުރިމަތިވި ހިތާމަވެރި ހާދިސާގެ ސަބަބުން ދަނީންގެ ހާލަތު އެހާ ރަނގަޅެއް ނޫނެވެ. ތެދުވެ އުޅުމަކީ އޭނާއަށް ފަސޭހަ ކަމެއް ނޫނެވެ. ވިސްނާ ފިކުރުކުރުން ގިނައެވެ.

ވިހަން ހޮސްޕިޓަލަށް ދާކަށް ވަގުތެއް ނުލިބުނެވެ. ބަނޑުގައި ރިއްސައިގަތީ ކުއްލި އަކަށެވެ. އެންބިއުލާންސް އޮތީ ހަލާކުވެފައެވެ. އެންމެ ފަސޭހައިން ގުޅުނީ ކުރީގެ ފޫޅުމައި ޒިޔާމާ އަށެވެ.

ދަނީންގެ ވިއްސުމުގެ ކަންތަކުގައި ޒިޔާމާއަށް އެހީތެރިވަމުން ދިޔައީ ފާއިމާ އެވެ. ފާއިމާއަކީ ނަރުސްކަމުގައި ހަރަކާތްތެރި ވަމުންދާތާ ގިނަ އަހަރުތަކެއް ވެފައިވާ ތަޖުރިބާކާރެކެވެ.

ގަދަވަޔާއިއެކު ވިދާގުގުރައި ވާރޭ ވެހިގަތީ ކުއްލިއަކަށެވެ. ތޫފާނެއް ލައިގަތް ކަހަލައެވެ. ގާތްގާތުގައި ދެފަހަރަށް ހޮނު އެޅިއެވެ. ގަސްތަކުގެ ގޮފިތަކާއި ރުއްތަކުގެ ފަންތަކަށް ހިފަހައްޓައެއް ނުލެވުނެވެ. ފުރާޅުގެ ޓިނުތައް ވިއްސައިގެން ދިޔައިރު ހިކިފަތްތަކެއް ބުރައިގެންދިޔަ ކަހަލައެވެ.

ދަނީންގެ ރުއިމުގެ އަޑު ބާރުވިއެވެ. ޒިޔާމާ އާއި ފާއިމާ އެމީހުންގެ މަސައްކަތް އަވަސްކޮށްލިއެވެ.

ވެހެމުންދިޔަ ބޯ ވާރޭގެ ފެންގަނޑު ގޭތެރެއަށް ފައިބައިގަތެވެ. ދިލަކަނި ބުރައިގެން ދިޔައެވެ. މުޅިގެއިން ކަރަންޓްދާން ހޭދަވީ ދެތިން ސިކުންތެވެ. ދަނީން ވިހެއި ކުއްޖާ ރޯލިއަޑު ބޭރުގައި ތިބި މީހުނަށް ވެސް އިވުނެވެ. ރައިހާނާ އާއި އައިމިނަގެ މޫނުމަތިން އުފާވެރިކަން ފާޅުވިއެވެ. ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ލިބުނެވެ.

ފޯނުން އަލިކުރަމުން ބޭރަށް ބޯ ދިއްކޮށްލި ފާއިމާ ދިން ހަބަރު އެކަކަށް ވެސް ގަބޫލެއް ނުކުރެވުނެވެ. އެހެން ނުވާނެއޭ ކިޔައި އައިމިނައަށް ހަޅޭލަވައި ގަނެވުނެވެ. ދޮގު ނަހަދާށޭ ކިޔައި ރައިހާނާ ރޮއިގަތެވެ.

ދަނީން ވިހެއިކަން ހަތަރު މީހުނަށް ވެސް ޔަގީނެވެ. ވިހެއީ އަންހެން ކުއްޖެއްކަމެއް ނުވަތަ ފިރިހެން ކުއްޖެއްކަމެއް އެކަކަށް ވެސް ޔަގީންނެއް ނޫނެވެ. ދަނީން ވިއްސުމުގައި ހަރަކާތްތެރިވި ޒިޔާމާ އާއި ފާއިމާއަށް ކުރެވުނީ އިހުސާސެވެ. ދިމާވި ހާލަތުގެ ސަބަބުން އެއްވެސް ކަމެއް ޔަގީނެއް ނޫނެވެ. އެނގޭ ކަމަކީ ދަނީން ވިހެއި ކުއްޖާ އެތަނުގައި ނެތްކަމެވެ. ނުވަތަ ނުފެންނަ ކަމެވެ.

ކުރަމުންދިޔަ ވިއްސާރައިގެ ސަބަބުން އެއްވެސް މީހަކަށް ބޭރަށް ނުކުންނާކަށް ނެކެރުނެވެ. ކޮންމެ މީހަކު ވެސް ބެލީ ތިމާ އާއި ތިމާގެ ޢާއިލާ ރައްކާތެރި ކުރެވޭތޯ އެވެ. ކުރަމުންދާ ވިއްސާރައިގެ ސަބަބުން ގެދޮރަށް ލިބޭ ގެއްލުން ކުޑަކުރެވޭތޯ އެވެ.

އައިމިނަ އާއި ރައިހާނާ ވެސް ކޮޓަރިއަށް ވަނެވެ. ފޯނުން އަލިކޮށް ކޮޓަރީގެ ހުރިހާތަނެއް ބެލިއެވެ. ޒިޔާމާ މަސައްކަތް ކުރަމުން ދިޔައީ ދަނީންގެ ފަރުވާގެ ކަންތައް ނިންމާށެވެ. ކޮޓަރިތެރެއަށް ވެސް ވާރޭފެން ފައިބަމުން ދިޔައެވެ.

އައިމިނަ ފޯނުކުރީ ރަށުކައުންސިލްގެ ރައީސް އައިދީން އަށެވެ. ވެގެންއުޅޭގޮތް ކިޔައިދިނުމާއިއެކު އޭނާގެ ސަމާލުކަން އެކަމަށް ހުއްޓުނެވެ. އެކަމާއި އުޅޭނެކަމަށާއި ވަރަށް އަވަހަށް ދާނެކަމަށް ބުންޏެވެ.

ޕޮލިހުންގެ ބޭކަލުންނާއިއެކު އައިދީން އައިއިރު ވެސް އައިމިނަމެން މަސައްކަތް ކުރަމުން ދިޔައީ ދަނީން ވިހެއި ދަރިފުޅު ފެނޭތޯ އެވެ. ވެހެމުންދިޔަ ވާރޭއިން ދަނީން ސަލާމަތް ކުރެވޭތޯއެވެ.

ޕޮލިހުންގެ އެހީތެރިކަމާއިއެކު ޕޮލިހުންގެ ވެހިކަލްގައި ދަނީން ހޮސްޕިޓަލަށް ގެންދިޔައެވެ.

ޒިޔާމާ އާއި ފާއިމާ ދައްކަމުންދިޔަ ވާހަކަތައް ބައެއް މީހުނަށް ގަބޫލެއް ނުކުރެވުނެވެ. ކައުންސިލްގެ ރައީސް ކުރި މަސައްކަތާއިއެކު އާންމުންގެ ތެރެއިން ބަޔަކު ވެސް އެމަސައްކަތުގައި ބައިވެރިވިއެވެ. ދަނީން ވިހެއި ކަމަށް ބުނާ ކުއްޖާ ހޯދުމުގެ މަސައްކަތުގައި އެއްބަޔަކު އުޅުނުއިރު އަނެއް ބަޔަކު އުޅުނީ އެގެ އާއި އެގޭގައިވާ މުހިންމު ތަކެތި ސަލާމަތް ކުރެވޭތޯ އެވެ.

މީގެ އިރުކޮޅެއް ކުރިން ދަނީން ވިހާފައިވާކަން ހޮސްޕިޓަލުން ޔަގީންކޮށް ދިނެވެ.

ޒިޔާމާ އާއި ފާއިމާ ވެސް ބުނަމުން ދިޔައީ އެހެންނެވެ. ދަނީން ވިހެއެވެ. ތުއްތުތުއްތު ކުއްޖާގެ ރޯލިއަޑު ވެސް އިވުނެވެ. އެހުރިހާކަމެއް ހިނގީ ކަރަންޓްދިޔަ ވަގުތުއެވެ. ދަނީން ވިއްސުނު ކަމުގެ އިހުސާސް ކިތަންމެ ރަނގަޅަކަށް ވެސް ކުރެވުނެވެ. އެތުއްތުތުއްތު ކުއްޖާ ޒިޔާމާ ނެގިއެވެ. ވަގުތާއި ހާލަތުގެ ގޮތުން އަލިކޮށްލާކަށް ފުރުސަތެއް ނުލިބުނެވެ. ކުއްޖާ އަތުގައި ނެތްކަން އެނގުނީ ފޯނު ދިއްލި ހިސާބުންނެވެ.

ކުރަމުންދިޔަ ވިއްސާރައަށް މަޑުޖެހުމެއް އައީ ފަތިސްވަގުތު ވާން ކައިރިވެފައި ވަނިކޮށެވެ. ރަށުތެރެއަށް ފެތުރުނު ހަބަރާއިއެކު މަސައްކަތުގައި ބައިވެރިވާ މީހުންގެ އަދަދު އިތުރުވަމުން ދިޔައެވެ.

ޒިޔާމާ އާއި ފާއިމާ ޕޮލިހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. އާންމުންގެ ނުރުހުމާއި ތުހުމަތު އެމީހުނަށް އަމާޒުވިއެވެ.

ދަނީން ވިހެއި ކުއްޖާ ނުފެންނަ ވާހަކަ ބުނުމުން ދަނީން ފެށީ ރޯށެވެ. އެވާހަކަތައް އޭނާއަކަށް ގަބޫލެއް ނުކުރެވުނެވެ. އެހިތާމަ ތަކާއި ހިތްދަތިކަން އޭނާ ވަށާލިއެވެ. މަންމަ އާއި ބައްޕަ މަރުވީއެވެ. ފިރިމީހާ މަރުވީއެވެ. ދަރިފުޅު ގެއްލުނީއެވެ. ހުރިހާ ހިތާމައަކާއި ހިތްދަތިކަމެއް އޭނާ އަށެވެ. ދަނީންގެ ޝަކުވާތައް ގިނަވިއެވެ. މޮޔަގޮވާ ހިސާބަށް ދިޔައެވެ.

ކުރިން ދެކެވުނު ވާހަކަތައް އަނެއްކާ ވެސް ފެންމަތިވިއެވެ. މިކަމުގެ އަޑީގައި ކޮންމެވެސް ބޮޑު ސިއްރެއް ވާނެއެވެ. އެކަން ދަނީނަށް އެނގޭނެއެވެ. އެކަމުގެ އަސްލު ގުޅެނީ ވެސް އޭނާ އާއެވެ. އޭނާ އެކަން ސިއްރުކުރަނީ އެވެ.

ވަގުތުގެ ދައުރުވުން ހެނދުނާއި މެންދުރު ފަސްދީ އިރުއޮއްސުމާއި ދިމާއަށް މިސްރާބު ޖެހިއެވެ. ރައްޔިތުންނާއި ޕޮލިހުން ކުރަމުންދިޔަ މަސައްކަތަށް ކާމިޔާބެއް ކުރިއެރުމެއް ނުލިބުނެވެ.

” މަށަށް ހީވާގޮތުން އެއީ ނާއިދުގެ ދަރިއެއް ނޫން. މާޒީއަށް ބަލާއިރު އެބަހުރި އެކަހަލަ އެތައްކަމެއް ހިނގާފަ. އޮޅުވާލައިގެން އަންހެންކުދިންގެ ބޭނުންކުރަނީ އިންސާނުން އެކަންޏެއް ނޫން. އެހެން ކަހަލަ ބައެއް މަޚުލޫޤުން ވެސް އެބަތިބޭ ފުރުސަތެއް ނުލިބިފަ. ކޮންމެވެސް ބޮޑު ގޯހެއް އެބައުޅޭ. ހީވާގޮތުން ދަނީން އެއުޅެނީ ޅައެއްޗެއް އަޅައިގެން. އޭގެ ދަރި އެ ގެންދިޔައީ. ނާއިދު ވެސް މަރާލާނީ އޭތި. ” އަލީހު ފާޅުކުރީ އޭނާގެ ޚިޔާލެވެ.

” މަށަށް ވެސް ހީވަނީ ތިހެން. ދޭތެރެއަކުން ކިއެއްނު. އެގޭ ފުޅަށް ބިއްދޮށުންނާއި އެގެ ކައިރީ އެހެރެ ފަޅުގޭތެރެއިން ދަނީން އެކަނި ހުއްޓާ ފެނުނު ވާހަކަ. އެވާހަކަ ދެއްކީމަ އޭނާ އަޅާނުލި ވާހަކަ. އޮޅުވާލަން މަސައްކަތްކުރި ވާހަކަ. އަނެއްކާ އެއީ ވެސް އިރުއޮއްސޭގަޑީ. ” އަލީހުގެ ވާހަކައިގަ ބައިވެރިވި ސާގިބު އިތުރުކޮށްލިއެވެ.

” ތިހެން ވިއްޔާ މިކަމަށް ކުޑަވެސް ހައްލެއް ހޯދޭނީ ތަކުރަކަށްނު. ކީއްވެބާ ކައުންސިލުން ވެސް މިކަމަށް ސަމާލުކަމެއް ނުދެނީ. ތަކުރުމެން ކަހަލަ މީހަކު ލައްވައި ނަމަވެސް މިކަމަށް ހައްލު ހޯދަން ވެއްޖެއެއްނު. ” ސާތިރު ވެސް ބައިވެރިވިއެވެ.

” އަދިވެސް ކަލޭމެންގެ ތިހުންނަނީ ބޯދާ ޒަމާނުގެ ކަޓު ވިސްނުންދޯ؟ އެއީ އެހެން ހުންނަ ކަންކަމެއް ނޫނޭ. ތިޔަ ބުނާ ތަކުރަށް ކަމެއް ނުކުރެވިގެންދޯ މި ހިސާބަށް މި ދިޔައީ. ” ސާތިރުމެންގެ ވާހަކަތައް ޖަޒީލަކަށް ކަމަކުނުދިޔައެވެ. އޭނާގެ ވިސްނުމާއި ޚިޔާލު މުޅިން ތަފާތެވެ.

ނުނިމޭ

 

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.