” އަދިވެސް ކަލޭމެންގެ ތިހުންނަނީ ބޯދާ ޒަމާނުގެ ކަޓު ވިސްނުންދޯ؟ އެއީ އެހެން ހުންނަ ކަންކަމެއް ނޫނޭ. ތިޔަ ބުނާ ތަކުރަށް ކަމެއް ނުކުރެވިގެންދޯ މި ހިސާބަށް މި ދިޔައީ. ” ސާތިރުމެންގެ ވާހަކަތައް ޖަޒީލަކަށް ކަމަކުނުދިޔައެވެ. އޭނާގެ ވިސްނުމާއި ޚިޔާލު މުޅިން ތަފާތެވެ.

” ތިހެން މޮޅު ވާހަކަ ދައްކަން ކިތަންމެ އިރަކު ވެސް ތިބެވިދާނެ. ކަމެއް ވާނީ ކުރަން އުޅުނީމަ …. ހިނގާ ކައުންސިލްގެ ރައީސްއާ ވާހަކަ ދައްކަން. ވާހަކަ ދެއްކީމަ އެއްނު ބުނާ އެއްޗެއް ވެސް އެނގޭނީ. ” އަލީހުގެ ބުނުން އެންމެނަށް ވެސް ކަމުދިޔައެވެ. އެގޮތަށް ޢަމަލުކުރަން ތާއިދު ނުކުރާ އެކަކު ވެސް ނެތެވެ.

ދަނީން ވިހެއި ކުއްޖާ ނުފެންނަ ވާހަކަ ދަނީން ގަބޫލުކުރީ އައިމިނަ އާއި ރައިހާނާ އެތައް ފަހަރަކު އެވާހަކަ ދެއްކި ފަހުންނެވެ. އެވާހަކަތައް ގަބޫލުކުރަން ބޭނުން ނުވިޔަސް އައިމިނަ އާއި ރައިހާނާ އޭނާއަށް ދޮގެއް ނުހަދާނެކަން ޔަގީނެވެ. އެވަރު ދޮގެއް ހަދައި އޭނާއަށް އެމީހުން އޮޅުވާލަން ޖެހޭ ސަބަބެއް ނޯއްނާނެއެވެ.

ދަނީން ހޮސްޕިޓަލުން ދޫކޮށްލީ ދެ ދުވަސް ފަހުންނެވެ. ދަރިފުޅު ގެއްލުމުގެ ހިތާމަ އާއި ހިތްދަތިކަން އޭނާގެ ކިބައިން ފިލައި ނުދިޔައެވެ. މައިންބަފައިން މަރުވެ އެކަނިވެރިވީ ދުވަހު ލިބުނު ފިރިމީހާ މަރުވެ ދަރިފުޅު ވެސް ގެއްލުނީއެވެ. ޒުވާން އުމުރުގެ ދުވަސްތައް ގުނަމުން ދިޔަ އަންހެން ކުއްޖަކަށް އެވަރުގެ ބޮޑު ހިތާމައަކާއި ހިތްދަތިކަމެއް ކުރިމަތިވުމަކީ ކެތްވާވަރުގެ ކަމަކަށް ނުވާނެކަން ގިނަބަޔަކު ދަނެއެވެ. އޭނާއަށް ހިތްވަރާއި ނަސޭހަތްދީ ކެތްތެރިވުމަށް ބުނަމުންދިޔަ މީހުން ގިނައެވެ.

ރަށަށް ކުރިމަތިވެފައިވާ ނާމާންކަމާއި ބިރުވެރިކަމުން ރަށް ސަލާމަތްކުރުމުގެ މަސައްކަތްފެށީ ޒުވާނުންގެ ތެރެއިން ބައެކެވެ. އެކަމުގައި އެހީތެރިކަމާއި އެއްބާރުލުން ހޯދުމަށް ތަކުރު ކައިރިއަށް ދިއުމުން އޭނާ ދެކޮޅު ހެދިއެވެ. އެކަހަލަ އެއްވެސް ކަމެއްގައި ބައިވެރި ނުވާނެ ކަމަށް ބުންޏެވެ. އޭނާއާ ދިމާއަށް މީހުން ކިޔާފައިވާ އެއްޗިއްސާއި ކޮށްފައިވާ އަނިޔާގެ ވާހަކަ ދެއްކިއެވެ. މިނާމާންކަމާއި ބިރުވެރިކަމުން ރަށް ސަލާމަތްކުރަން އޭނާ އަމިއްލައަށް ކުރި މަސައްކަތް ކިޔައިދިނެވެ. ރާފިއު ނިޔާވީ އެމަސައްކަތް ކުރަމުން ދަނިކޮށެވެ. އޭނާއަށް ވާނެނަމަ ކިތަންމެ ބޮޑު ގުރުބާނެއް ވެގެން ވެސް ރާފިއު ސަލާމަތް ކުރީހެވެ. އެވަރު ވެސް އޭނާއަށް ނުވިއެވެ.

ތަކުރަކީ ފަންޑިތައާއި ސިހުރު ހާހޫރަ ހަދާ މީހެކެވެ. އިސްތިރިވަރިތޮޅި ހަދައި މީހުންގެ ދިރިއުޅުން ހަލާކުކުރާ މީހެކެވެ. މީހަކަށް ހެވެއް އެދިގެން އޭނާ ކަމެއް ނުކުރާނެއެވެ. އެފަދަ ކަމެއްގައި އޭނާ ބައިވެރި ވެސް ނުވާނެއެވެ. ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ބުނަމުންދިޔަ ފަދައިން ތަކުރު އެކަމުގައި ބައިވެރިއެއް ނުވިއެވެ. އެއްބާރުލުން ދޭކަށް ވެސް އެއްބަހެއް ނުވިއެވެ.

ނާއިދުގެ މަރާއި ދަނީނަށް ލިބުނު ދަރިފުޅު ގެއްލުނު ހިސާބުން އައިމިނައަށް ބޮޑު ބަދަލެއް އައެވެ. ދުވަހަކު ވެސް ދަނީނާއި ދުރަށް ނުދާނެކަމަށް މީހުން ބުނަމުންދިޔަ އައިމިނަ ދަނީނާއި ދުރަށް ދިޔައެވެ. ނާއިދުގެ މަރާއި ދަރިފުޅު ގެއްލުމުގައި ދަނީންގެ ދައުރު ބޮޑުކަމަށް ބުނަން ފެށިއެވެ. ދަނީނަށް ލިބުނީ ނާއިދު ދަރިއެއް ނޫންކަމަށް ކިޔަން ފެށިއެވެ. މަޑުމަޑުން ދަނީނާއި ދުރަށްދިޔަ އައިމިނަ ވީ ދަނީންގެ ދެކެ އެންމެ ރުޅިއަންނަ އެކަކަށެވެ. ދަނީނާއި ދެކޮޅަށް އެންމެގިނަ ވާހަކަ ދައްކައި އޭނާ ބަދުނާމު ކުރަން އެންމެގިނަ މަސައްކަތްކުރާ އެކަކަށް ވެސް މެއެވެ.

ލިބުނު ހިތާމަތަކާއި ހިތްދަތިކަމުން އަރައިގަތުމަށް ދަނީން ކިތަންމެ ހިތްވަރެއްކުރި ނަމަވެސް ކާމިޔާބުވާގޮތެއް ނުވިއެވެ. އެ ހިތްވަރެއް ނުލިބުނެވެ. އާންމުންގެ ތެރެއިން ގިނަބަޔަކު އޭނާއާމެދު ހިތްހަމަ ނުޖެހެއެވެ. ގާތްކޮށް އުޅުނު ބައެއް ރައްޓެހިން ވެސް އޭނާއާ ދުރަށް ދިޔައެވެ. ޖިންނި އަވަލާފައިހުރި މީހެއްކަމަށް ބުނެއެވެ. މަންމަ އާއި ބައްޕައަށްފަހު ފިރިމީހާ ނިޔާވީ ވެސް އޭނާގެ ސުންޕާކަމުންނެވެ. އެހުރިހާކަމެއް ކުރީ އޭނާ ހިތާވެގެން އުޅޭ ޖިންނިއެވެ. އޭނާގެ ދަރިފުޅުގެ ބައްޕައެވެ. ކިތަންމެ ވަރަކަށް އޮޅުވާލައި މަކަރުހަދަން އުޅުނަސް އެކަން އެއޮތީ ފަޅާއަރާފަ އެވެ. ރީތި މޮޅެތި ވާހަކަތައް ދެއްކިޔަސް އެވާހަކަތައް ގަބޫލުކުރާނެ މީހަކު ނުހުންނާނެއެވެ.

” ދަރިފުޅާ! … އެންމެ ފަހަރަކު ނަމަވެސް މާމަ މިދައްކާ ވާހަކަ އަޑުއަހާބަލަ. މިކަން ވޭތޯ މަސައްކަތްކޮށްބަލަ. އެހެން މީހުނަށް ބަލައިގެން ދުނިޔެއަކު ނޫޅެވޭނެ. އެންމެންގެ ރުހުމެއް ނުލިބޭނެ. ތިކަމުން ދަރިފުޅު ސަލާމަތްކުރަން މާމައަށް ކުރެވުނު ކޮންމެ ކަމެއް ކޮށްދޭނަށް. މަރުވާންދެން ވެސް މާމަ ހުންނާނީ ދަރިފުޅާއިއެކު. ” ރައިހާނާގެ ކިބައިން ފެނުނީ ހިތާމަ އާއި ހިތްދަތިކަމެވެ. މާޔޫސްކަމާއި ނާއުންމީދުގެ ކުލަވަރެވެ.

މަރިޔަންދީއަކީ ސިހުރުވެރިއެކެވެ. ފަންޑިތަ އާއި އިސްތިރިވަރިތޮޅި ހެދުންފަދަ ކަންކަމަށް އޭނާ ނުހަނު ކުޅަދާނައެވެ. އެއިން ކޮންމެ ކަމެއް ކުރިޔަސް އޭނާއަކީ ކާމިޔާބު މީހެކެވެ. އެކަން އަމިއްލައަށް ތަޖުރިބާކުރި މީހުން މަދެއް ނޫނެވެ.

މަރިޔަންދީއަކީ ޝަމާއިލްގެ މާމައެވެ. މާމަދަރިންގެ ތެރެއިން މަރިޔަންދީ އެންމެ ލޯބިވާ މާމަދަރިއަކީ ޝަމާއިލްއެވެ. ޝަމާއިލްއާ މެދު ދަނީން ކަންތައްކުރިގޮތުން މަރިޔަންދީ ވަރަށް ހިތްހަމަ ނުޖެހުނެވެ. އޭނާއާ ދިމާއަށް ޖުމޭނާ އާއި ދަނީން އެއްޗެތި ކީ ދުވަހު އޭނާ ދެރަވެގެން ރުޔެވެ. ޝަމާއިލަށް މަޢާފްކޮށް މައްސަލަ އަނބުރައި ގެނައުމަށް އާދޭސްކުރިއެވެ.

ދުވަހަކު ކޮޅުން ވެސް މަރިޔަންދީގެ އެހީތެރިކަން އޭނާއަށް ލިބިދާނެ ކަމަކަށް ދަނީން ގަބޫލެއް ނުކުރެއެވެ. އޭނާއާމެދު ދަނީންމެން ކަންތައްކުރިގޮތް އޭނާ ހަނދާން އެބަހުއްޓެވެ.

ދުވަހުގެ ހަވީރު ވަގުތެވެ. ގޯތިތެރޭ ހުރި ޖޯލިފަތިން ޖޯއްޔެއްގައި އޮށޯވެލައިގެން ދަނީން އެކަނިމާއެކަނި އޮތެވެ. ގޯތިތެރެއަށް ވަންނަންހުރި ދޮރު ހުޅުވުނުއަޑަށް ދަނީން ބަލާލިއެވެ. ފެނުނުމަންޒަރު ގަބޫލުކުރަން އޭނާއަކަށް ފަސޭހައެއް ނުވިއެވެ.

ރައިހާނާގެ ފަހަތުން ކަހަލަގޮތަކަށް ގޯތިތެރެއަށް ވަނީ މަރިޔަންދީއެވެ. ޝަމާއިލާއި ސަމްރާ ވެސް އެމީހުންގެ ފަހަތުން ވަނެވެ. ކުއްކުރެވެނީ އިންސާނުންނަށެވެ. ކުށެއް ކުރެވިއްޖެނަމަ މަޢާފަށް އެދޭންޖެހޭ ފަރާތްތަކުގެ ކިބައިން މަޢާފަށް އެދުމަކީ އެންމެ ރިވެތި ގޮތެވެ. މަޢާފް ކުރުމާއި ނުކުރުން އެއީ އެހެން ކަމެކެވެ.

ގަތްލަދުންނާއި ވީދެރައިން ދަނީނަށް އިސްޖަހާލެވުނެވެ. އެހެން ކަމެއް ކުރާނެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ.

ދަނީންގެ އެއްފަރާތުގައި އިށީނީ ރައިހާނާ އެވެ. އަނެއް ފަރާތުގައި އިށީން މަރިޔަންދީއެވެ. ޝަމާއިލާއި ސަމްރާ މަޑުކޮށްލީ ތަންކޮޅެއް ދުރުގައެވެ.

ވާހަކަ ދައްކަން ފެށީ ރައިހާނާއެވެ. ރައިހާނާ އެދުނު ފަދައިން ދަނީނަށް އެހީތެރިވުމަށް ހުރި ވާހަކަ މަރިޔަންދީ ބުނުމުން ދަނީން ހިތްހަމަ ޖެހުނެވެ. ލެއްވި ރަހުމަތަށް ޝުކުރުކުރެވުނެވެ. އެތައް ފަހަރަކު މަރިޔަންދީއަށް ޝުކުއަދާކުރިއެވެ. މަޢާފަށް އެދުނެވެ.

މަރިޔަންދީ އެދެމުންދިޔަ ފަދައިން އޭނާގެ ހަޔާތުގެ ވާހަކަތައް މަރިޔަންދީއާ ހިއްސާ ކުރުމަށް ދަނީން އެއްބަސްވިއެވެ.

މަރިޔަންދީ އާއި ދަނީނަށް ފުރުސަތު ދެމުން ރައިހާނާ ދުރަށް ޖެހެލިއެވެ. ގުޅާލުމުން އަންނާނެކަމަށް ބުނެފައި ޝަމާއިލާއި ސަމްރާ ވެސް ބޭރަށް ނުކުތެވެ.

ދަނީން ފެށީ އޭނާ ބޭނުންވި ހިސާބުންނެވެ. އަދުލީ އާއި އޭނާ ދިމާވެ އެ ދެމެދުގައި އުފެދުނު ލޯބީގެ ގުޅުމާއި ހަމައިންނެވެ. އެހެން މީހުންގެ ލޯތަކަށް ސިއްރުން އެމީހުން ބޭއްވި ބައްދަލުވުންތަކާއި ހިސާބުން ވެސް މެއެވެ. ބައްދަލުވުންތައް ބޭއްވި ތަންތަނާއި ބައްދަލުވުމުގައި ހިނގާފައިވާ ކަންކަން ހާމަކުރަމުންނެވެ. މަރިޔަންދީ އެދުނުފަދައިން ހުރިހާކަމެއް އަކުރުން އަކުރަށް ކިޔައިދޭން އެއްބަސްވަމުންނެވެ. އެއްވެސް ކަމެއް ސިއްރު ނުކުރާނެކަމަށް ބުނަމުންނެވެ.

ވާހަކަ ދައްކަމުން ދިޔައީ ދަނީން އެވެ. އެވާހަކަތަކަށް ސަމާލުކަން ދީގެން އިން މަރިޔަންދީގެ ކިބައިން ފެންނަމުން ދިޔައީ ނުތަނަވަސްކަމާއި ކަންބޮޑުވުމެވެ. ހައިރާންކަމާއި ހާސްކަމެވެ. ސުވާލުތަކުން ފުރިފައިވާ ފަދައެވެ.

ދަނީނާއި ނާއިދުގެ މެދުގައި އުފެދުނު ލޯބީގެ ގުޅުމާއިއެކު ހުރިހާކަމެއް ބަދަލުވީ ކަމަށް ނިންމައިގެން ދަނީން ހުރި ނަމަވެސް އެހެނެއް ނުވިއެވެ. ދެވަނަ ފަހަރަށް އަދުލީ އައި ހިސާބުން އަނެއްކާ ވެސް އެހެން ސަފްހާއެއް ފެށުނެވެ. އިންފަހަނަ އަޅައިދިޔަ ދިއުން އެހެން ކަމަކަށް މަގުކޮށިއެވެ. އެރޭ އަދުލީ ފުރައިގެން ދިޔަކަމަށް ފައިނާ ބުނި ނަމަވެސް ދަނީނަށް އެވާހަކަތައް ގަބޫލެއް ނުކުރެވުނެވެ. އެރޭ އޭނާ އާއި އަދުލީ ބައްދަލުކުރިއެވެ. އެއީ އެހެން މީހެއް ނޫނެވެ.

ދަނީންގެ ކިބައިން ފެންނަމުން ދިޔައީ މާޔޫސްކަމާއި ހިތްދަތިކަމެވެ. ނާއުންމީދުގެ ކުލަވަރެވެ. ކަންބޮޑުވުމާއި ނުތަނަވަސްކަމެވެ. ދެލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ފޮހެލަމުން ދަނީން ވާހަކަތައް ނިންމާލިއެވެ.

ނުނިމޭ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.